މިއީ ޕިއްޒާ އާއި ޕާސްޓާ ފަދަ ކެއުމަށް ލޯބިކުރާ ފަރާތްތަކަށް ރަނގަޅު ހަބަރަކަށް ވާނެއެވެ.
އިޓަލީގެ ކެއްކުންތެރިކަމަކީ ދުނިޔޭގެ ތަރިކައެއްގެ ގޮތަށް، އދ.ގެ ދުނިޔޭގެ ތަރިކަ ރައްކާކުރާ ޖަމިއްޔާ، ޔުނެސްކޯއިން ރަސްމީ ގޮތުން އިއްޔެ ހަމަޖައްސައިފިއެވެ.
"މި ޝަރަފުން ދައްކައިދެނީ ކާބޯތަކެތި ތައްޔާރުކުރާ ގޮތަކީ ވެސް ސަގާފަތާއި އާދަކާދަ އާއި މަސައްކަތްތެރިކަމާއި އަދި މުއްސަނދިކަން ވެސް ދައްކައިދޭ ކަމެއްކަން،" އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ ވިދާޅުވިއެވެ.
ޔުނެސްކޯއިން މި ގޮތަށް ހަމަޖެއްސީ ކޮންމެ ކެއުމެއް ތައްޔާރު ކުރުމުގައި ވެސް އިޓަލީ މީހުން ދޭ ހާއްސަކަން ފާހަގަ ކުރުމަށެވެ.
"ކެއްކުމަކީ ލޯބި ދައްކައިދޭ ކަމެއް. އަހަރެމެންގެ ނަފުސާ ބެހޭ ކަންތައްތަކެއް އެހެން މީހުންނަށް އަންގައިދޭ ކަމެއް،" ޔުނެސްކޯއިން މި ޝަރަފު ދޭތޯ ކެމްޕޭން ކޮށްދިން ލަ ސެޕިއެންޒާ ޔުނިވާސިޓީގެ ގާނޫނާ ބެހޭ ޕްރޮފެސަރު ޕިއާ ލުއިގީ ޕެޓްރިލޯ ބުންޏެވެ.
އިޓަލީގައި ކެއްކުމުގައި ބޭނުންކުރާ އުސޫލުތައް ޔުނެސްކޯގެ ހިމާޔަތްކޮށްފައިވާ ތަރިކައެއް ގޮތަށް ހަމަޖެއްސުމުން މިއީ އިޓަލީގެ މުޖުތަމައުގެ ދިރިއުޅުމާއި ގައުމީ ސިފަ ނުވަތަ އައިޑެންޓިޓީއާ ވެސް އިޓަލީގެ ކެއްކުންތެރިކަން ގުޅިފައިވާކަން ހާމަކޮށްދޭ ކަމެކެވެ.



advertisment