ޑްރޯން ބޭނުންކޮށް އެމެރިކާގެ ޖަލުތަކަށް ތަކެތި ވެއްދުމުގެ މައްސަލަ ބޮޑުވެއްޖެއެވެ.
އެންމެ ފަހުން މި ގޮތަށް ސްމަގްލް ކުރަން އުޅުނީ ނަސޯރާއިން މި މަހު 25 ގައި ފާހަގަކުރާ ކްރިސްމަސް މުނާސަބަތަށް ކާބޯތަކެއްޗާއި މަސްތުވާތަކެއްޗެވެ. އެ ގޮތުން ސައުތު ކެރޮލައިނާ ސްޓޭޓްގެ ލީ ކަރެކްޝަނަލް އިންސްޓިޓިއުޝަންއަށް ސްޓޭކާއި ކަކުނި ފަޔާއި ސިނގިރެޓާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެރުއާނާ ވައްދަން އުޅެފައިވެއެވެ.
"ޖަލުގެ ހުސް ބިމަށް މި ތަކެތި ވައްޓައިލައިފައި ވަނިކޮށް، ސެކިއުރިޓީ ގާޑަކު ވަނީ އެ ތަކެއްޗާއި އެ ތަކެތި އުފުލި ޑްރޯން އާދީއްތަ ދުވަހު އަތުލައިގަންފައި،" ސައުތު ކެރޮލައިނާގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ އޮފިޝަލަކު ބުންޏެވެ.
އޭނާ ބުނީ މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށެވެ.
ޑްރޯން ބޭނުންކުރުމުގެ ކުރިން އެމެރިކާގެ ޖަލުތަކަށް ވަގަށް ތަކެތި އެތެރެކެރީ ފާރު މަތިން ސާޅަނގަ ބޭނުންކޮށްގެން ޖަލުގެ ހުސްބިމަށް އެއްޗެހި އުކައިގެންނެވެ. އެ ގޮތުން މޮބައިލް ފޯނާއި ޑްރަގާއި ޖަލަށް ވެއްދުން މަނާކޮށްފައިވާ އެހެނިހެން ތަކެތި ޕެކެޖްކޮށްފައި އެ ޕެކެޖްތައް ސާޅަނގައިން ފޮނުވައިލައެވެ. މިހެންވެ ޖަލުތަކުގެ އުސް ފާރުތައް މަތީގައިވަނީ ފެންސް ޖަހައި އަދި ހުސް ބިމަށް އެއްޗެހި ނުވެއްޓޭނެ ގޮތް ހަދަން ދާ ޖަހައިފައެވެ.
ނަމަވެސް ޑްރޯން ބޭނުންކުރަން ފެށުމުން ސެކިއުރިޓީ ގާޑުން މިހާރު ޖެހެނީ އަބަދު ފޯރިއަށް ތިބޭށެވެ. ސައުތު ކެރޮލައިނާގައި ޖަލެއްގެ ކައިރީގައި ޑްރޯނެއް އުދުއްސިއަސް މިހާރު 30 ދުވަހާ ގާތް ކުރާ ދުވަހެއްގެ އަދަދަށް ޖަލަށް ލައެވެ. އަދި ފާރުމަތިން ޖަލަށް އެއްޗެއް ވައްދައިފި ނަމަ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އާދެއެވެ.



advertisment