ހިތްތިރިކަމުގެ ހަގީގީ މާނަ ދެނެގަންނަން މަސައްކަތްކުރާ މީހުންނަށް އެންމެ ފުރަތަމަ އެ ސިފައަކީ އަމިއްލަ ނަފްސުގެ އަގު ދަށްކޮށްލުން ކަމުގައި ހީވެދާނެއެވެ. ނަމަވެސް މިއީ ހަގީގީ ހިތްތިރިކަމާ ވަރަށް ދުރު ވިސްނުމެކެވެ. ހިތްތިރިކަމުގެ އަސްލު މާނައަކީ ފުޅާ ދާއިރާއެއްގައި ދޭހަވާ މާނައެކެވެ. ހިތްތިރިކަމުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ދެއްކުންތެރިކަމުން އެއްކިބާވެ، އިހުލާސްތެރިކަމާއެކު ކަންކަމުގައި ބައިވެރިވުމުގެ އުސޫލު ތިމާގެ ކިބައިގައި އަށަގެންނެވުމެވެ. ކުރާ ކަމެއްގެ ސަބަބުން އެއްވެސް އަމިއްލަ ފައިދާއެއް ނުވަތަ ތައުރީފަކަށް އެދި ހާސިލުކުރުމުގެ ބޭނުމެއް ނެތި ކަންކަމުގައި ބައިވެރިވުމުގެ ގާބިލުކަން ލިބިގަތުމެވެ.
މި ސިފަ ހަރުލައިފިނަމަ، އިންސާނާއަށް އޭނާގެ ޒިންމާތަކާއި މައްސޫލިއްޔަތު ގަބޫލުކޮށް، ދެއްކުންތެރިކަމެއް ނެތި އެކަމުން އެދެވޭ ނަތީޖާ ހާސިލުކުރެވޭނެއެވެ. ދެއްކުންތެރިކަމެއް ނެތް އިންސާނާއަށް، އޭނާއާ ހަވާލުވެފައިވާ ޒިންމާއެއް އަދާކުރުމަށް އެހެން ފަރާތެއްގެ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ، އެހީއަށް އެދެން ކެރޭނެއެވެ. އެއީ އެހެން ފަރާތްތަކުން އެކަމާ ގުޅޭގޮތުން ވިސްނާނެ ގޮތަކާމެދު، އޭނާގެ ނަފްސަށް ލަދުވެތިކަމެއް އައިސްފާނޭ ކަމަށް އޭނާ ނުދެކޭތީއެވެ. އަދި، އޭނާ ކުރާ ކަމަކަށް ފާޑުކިޔުން އަމާޒުވެއްޖެނަމަ، އެކަން ޒާތީ ކަމަކަށް ނަހަދައި ގަބޫލުކުރަންވެސް އެނގޭނެއެވެ. އެހެނީ، ހިތްތިރި އިންސާނުންނަށް އެމީހުން ކުރާކަންކަން ފެންނާނީ ހިދުމަތެއްގެ ގޮތުގައެވެ. އޭނާ ރުހުން އެދޭނީ ހަމައެކަނި އެންމެ ފަރާތެއްގެއެވެ. އެއީ އޭނާ ހެއްދެވި މާތް އިލާހުގެއެވެ.
ހިތްތިރިކަމުގެ ހެޔޮވިސްނުން އަހަރުމެންނަށް ގިނަ ފަހަރު ލިބެނީ ހަޔާތުގެ މަރުހަލާ ދެބައިވާ ހިސާބުންނެވެ. އެ ހިސާބަށް މީހާއަށް ދެވޭއިރު، ހަޔާތުގެ ގިނަ ކަންކަން އޮންނަނީ ބޮއްސުންލައިފައެވެ. އެހެން މީހުންގެ ކުރިމަތީގައި ވަކި ސޫރައެއް ދައްކަން މަސައްކަތްކޮށް ވަރުބަލިވެ، ދިރިއުޅުމުގައި ބަދަލެއް ގެންނަން ޖެހިއްޖެކަން އެނގެނީ ގިނަ ކަންކަން އަތުން ދޫވެގެން ދާ ހިސާބުންނެވެ. މުޖުތަމައު ދެކޭ ގޮތުގައި އަގުހުރި އިންސާނެއްގެ ސިފަ ތިމާގެ ކިބައިގައި އަށަގަންނުވަން ކުރެވޭ މަސައްކަތުން އެހެން މީހުންގެ ރުހުން ލިބުނު ނަމަވެސް، އެ ރުހުމަކީ އެ ސިފަތައް ނެތިއްޖެ ހާލަތެއްގައި ނުލިބޭނެ އެއްޗެއްކަން އެނގުމުން ނަފްސު ބަލިކަށިވެ، ފިކުރުގެ މާލަމުގައި ސިކުނޑި ހަރުލައެވެ. ތިމާއަކީ ހަގީގަތުގައި ކާކުކަން އޮޅި، ތިމާގެ އަގު، ކުރާ ކަންތައްތަކުންނާއި މީހުން އެކަންތައް ބަލައިގަންނަ ގޮތުން މިނައި ހަދަން ފެށުމުން، ހަޔާތުގެ މެދާ ހަމައަށް ދާއިރުގައި، ބޭރުން މާތް ޝަހުސިއްޔަތެއްގެ ސިފައިގައި ހުރި ނަމަވެސް، މީހާގެ އެތެރެ ހޮއެވެ ހުސްވެއެވެ.
އެ ހުސްކަން ފިލުވުމަށްޓަކައި، ދެއްކުންތެރި އިންސާނާ އިތުރަށް އެހެން މީހުންގެ ތައުރީފަށް އެދި މަސައްކަތްކުރަން ފަށައެވެ. އޭނާ ނުބުންޏަސް އޭނާގެ ހުރިހާ ކަމެއް ރާވައިގެން ކުރެވެނީ އެހެން މީހުންގެ ރުހުމާއި ލޯބި ހޯދަންކަން ވަށައިގެންވާ މީހުންނަށް އެނގެއެވެ. މި ހާލަތުގައި ނަފްސުގައި އުފެދިފައިވާ ހުސްކަން ފިލުވުމަށް ކުރެވޭ އަމަލުތަކުން ނުކުންނަ ނަތީޖާ ހިއްޗެވެ.
މި ހާލަތުގައި ކުރެވޭ ނުކުރެވޭ ކަންކަން ނޭނގި، ހެޔޮ ބުއްދީގެ ބޭނުން ކުރުމުގެ ތަޢުފީގު ނެތި، މީހާ މޫނުވަތަށް ވެއްޓޭ ފަދަ ކަމެއް ކުރެވޭ ހިސާބަށް ބައެއް މީހުން ދެއެވެ. ސަބަބަކީ އެފަދަ މީހެއް އިސްކަންދޭނީ އެ ކުރަން ޖެހޭ ކަމެއް ކޮށް ނިންމުމުގެ ބަދަލުގައި، އެކަން ފެންނަ މީހާއަށް އޭގެ ސަބަބުން އޭނާ ފެންނަ ގޮތް ބަދަލުކުރުމަށެވެ. އެހެން މީހުން ކޮށްދޭން ބުނާ ކަންކަންވެސް ކުރެވޭތޯ މަސައްކަތްކުރަނީ އާދަޔާ ހިލާފު ނަތީޖާތައް ނުކުންނާނޭ ގޮތަށެވެ. މީހަކު ކޮށްދޭން ބުނާ ކުޑަ ކަމެއްވެސް ކޮށްދޭން މަސައްކަތްކުރާއިރު އެމީހާ ހާސްވާނެއެވެ. އޭނާ ކުރާ ކަމަކަށް މީހުންގެ އެއްބާރުލުން ނުލިބޭހެން ހީވެއްޖެނަމަ، އޭގެ ސަބަބުން ރުޅިގަދަވާނެއެވެ. ސަބަބަކީ ހަވާލުވެފައިވާ ކަމެއް ނުވެއްޖެނަމަ ނުވަތަ ނާކާމިޔާބު ވެއްޖެނަމަ ކުރިމަތިލާން ޖެހޭ ލަދުވެތިކަން ވިސްނިފައެވެ. އޭނާ ތާއަބަދު ދެކޭ ހުވަފެނަކީ މީހުންގެ ކުރިމަތީގައި ޝަރަފުން ފުރިގެންވާ މީހެއްގެ ގޮތުގައި އޭނާގެ ދަރަޖަ އުފުލުމެވެ.
ނަމަވެސް، ހަޔާތުގެ ވަކި ހިސާބަކުން މި ގޮތަށް ކުރެވޭ އެއްވެސް އަމަލަކުން ހެޔޮ ނަތީޖާއެއް ނުނުކުންނަކަން ވިސްނެން ފަށައެވެ. ކުރާ އެއްވެސް ކަމަކުން ތިމާ ބޭނުންވާ އެދުން ހާސިލުނުވާތާނގައި، އެކަމުގެ ސަބަބުން މީހާ ވަރުބަލިކޮށްލައި މާޔޫސްކޮށްލައެވެ.
މިވިސްނުމެއް އަންނަ ހިނދުގައި، ކުޑަ ހިނދުކޮޅަކަށް މަޑުޖައްސާލައިފައި، ތިމާ ކުރާ ކަމަކުން ތިމާއަކީ މޮޅު މީހެއްތޯ ނުވަތަ ދެރަ މީހެއްތޯ ނުވަތަ ޝަރަފު ހައްގުވެގެންވާ މީހެއްތޯ ނޫންތޯ ބެލުމުގެ ބަދަލުގައި، ކުރަން ހަވާލުކުރި ކަމަށް ސަމާލުކަން ދޭން ދަސްވުމަކީ ހިތްތިރިކަން އަށަގަންނަން ފެށުމުގެ ފުރަތަމަ ނިޝާނެކެވެ. އެހިސާބުން، މީހުން ތިމާ ކުރާ އަމަލު ގަބޫލުކުރާނޭ ގޮތް ބަލައި، އެކަމާ ވިސްނަން ހަދައިގެން ކަންކުރާ އިރުގައި، ތިމާއަށް އިތުރު ހާސްކަން ކުރިމަތިވެ، އެކަން ރަނގަޅު ގޮތުގައި ނުކުރެވޭ ހިސާބަށް ގޮސްފައިވާކަން ވިސްނޭނެއެވެ. އަދި މީހަކު ކޮށްދޭށޭ ބުނާ އާދައިގެ ކަމެއްވެސް ބޮޑު ކަމަކަށް ހަދާލައިގެން، އެއަށް ވުރެން މޮޅަށް ފޮނިތޮށި، ކާފޫރުތޮޅި އަޅައިގެން ކުރުމުން، ތިމާ އެކަމަށް ދިން އަހައްމިއްޔަތު އަނެކާ ނުވިސްނި، އެކަމުގެ ސަބަބުން ތިމާގެ ހިތުގައި ހިތްހަމަ ނުޖެހުން ލެވި، އަނެއް މީހާއާ މެދުގައި ބަރުކަން ލެވިފައިވާކަންވެސް ވިސްނޭނެއެވެ.
ދެއްކުންތެރިކަމެއް ނެތި ހިތްތިރިކަމާއެކު މިފަދަ ކަންކަމުގައި ބައިވެރިވުމުން، ދުނިޔޭގައި ތިމާއަށް އުޅެން ފަސޭހަވެއެވެ. އެހެން މީހުންނަށް ތިމާއަކީ އިތުބާރާއެކު ކަންކަން ކުރާ މީހެއްކަން ފާހަގަވެގެން ދެއެވެ. އެމީހުންނަށް އަހަރުމެންގެ ކައިރިން ކަންކަން އެދުމަށް ފަސޭހަވެގެން ދެއެވެ. އެހެން މީހުންގެ ކުރިމަތީގައި ކުރަން ނޭނގޭ ކަމެއް އޮވެއްޖެނަމަ، އެކަން ބުނަން ފަސޭހަވެއެވެ. ދެއްކުންތެރިކަން ދޫކޮށްލައިފައި، ތިމާއަށް ކުރެވޭ ކަމެއް ކޮށްދިނުމުގައި ސާބިތުވެ ހުންނަން ދަސްވެއެވެ. ގިނަ މީހުން ބޭނުންވަނީ މޮޅުގޮތްގޮތަށް ކަންކަން ކުރާކަން ދައްކާނޭ މީހުންނެއް ނޫނެވެ؛ ނަމަވެސް ކުރާ ކަމެއް ކުރުމުގައި ދެމިތިބޭނެ އިހުލާސްތެރިކަން އިސްކުރާ މީހުންނެވެ.
މި ސިފައިގެ ސަބަބުން މީހާގެ ހިތަށް މަޑުމޮޅިކަން ގެނެސްދެއެވެ. ގޭގައި ކައްކާއިރުގައި އެހެން މީހުންނަށް ކާއެއްޗެއް ހަދައި، އެ ހެދި އެތި އެންމެން މީރޭ ނުބުނިނަމަވެސް، އެމީހުންގެ ބަނޑުފުރައިލަން ކާން ހެދުނީތީވެ އުފާކުރަން ދަސްވެއެވެ. މަސައްކަތުގައި މީހަކަށް ޚިޔާލެއް ދޭ އިރުގައި، އެމީހާ އެ ޚިޔާލު ޤަބޫލުނުކުރަސް، އެ ޚިޔާލު ދޭން ފުރުޞަތު ލިބުނީތީ އުފާކުރަން ދަސްވެއެވެ. މީހަކާ އެކު ދެބަސްވުމަކަށް އައިސްފިނަމަ، އެކަމުގައި ތިމާއަށް ވިސްނޭ ގޮތަކީ އެންމެ މޮޅުގޮތް ކަމުގައި ސާބިތުކޮށްދިނުމުގެ ޖޯޝު ހިތުން ގޮސް، އަނެއް މީހާގެ ވިސްނުން ދެނެގަންނަން މަސައްކަތްކުރުމުގެ ހިތްވަރު ލިބެއެވެ. މި ހުރިހާ ކަމެއް ފަހިވެގެން ދަނީ، ތިމާއަށް ހިތްތިރިކަމުގެ އަގު ވިސްނި، އެހެން މީހުންގެ ކުރިމަތީގައި ތިމާގެ އަގު ސާބިތުކޮށްދިނުމުގެ ވިސްނުމާ ދުރަށް ދާ ހިސާބުންނެވެ.
ހިތްތިރިކަން އިސްކުރަން ދަސްވުމުން، އެކަމުގެ އެންމެ ބޮޑު އަސަރެއް ފެންނަން ފަށަނީ ތިމާގެ ވަށައިގެންވާ މާހައުލާއި ތިމާއާ ދޭތެރޭގައި ބަދަހިވާ ގުޅުންތަކަށެވެ. ދެއްކުންތެރިކަން ހުއްޓައިލުމުން، އެހެން މީހުންނަށް އަހަރުމެންގެ ކައިރީގައި އުޅުމަށް ފަސޭހަވެގެން ދެއެވެ. އެމީހުންގެ ރުހުން ނުވަތަ ނުރުހުމަށް އަހަރުމެންގެ ނަފުސުގެ އަގު ބިނާވެގެން ނުވާކަން އެނގުމުން، އަހަރުމެންނާ އެކުގައި އުޅުމުގެ ރައްކާތެރިކަން އިހުސާސްކުރެވެން ފަށައެވެ. އެހެން ނޫންނަމަ، އަހަރުމެން ނުބުންޔަސް، އެމީހުންނަށް އަހަރުމެން ކޮށްދޭ ކޮންމެ ކަމެއްގެ ފަހަތުގައި އަހަރުމެން ބޭނުންވާ ތައުރީފާއި އަތްތިލަބަޑީގެ އަޑު ވާކަން އެނގި، ހަގީގީ އިހުސާސްތައް ހާމަކުރަން ޖެހިލުންވާނެއެވެ. އަދި އަހަރުމެން ކައިރީގައި ހަގީގަތަށް ކަންކަން ކިޔައިދޭން ދަތިވާނެއެވެ. އަހަރުމެންގެ ދިރިއުޅުމުގައި ހިތްތިރިކަމުގެ ސިފަތައް އަށަގަންނުވަން ފެށުމުން، އެހެން މީހުންނަށް އަހަރުމެންގެ އަމަލުތަކުގެ ފަހަތުގައި ވަނީ ހިދުމަތްކޮށްދިނުމުގެ ނިޔަތްކަން ވިސްނި، އެކަން ގަބޫލުކުރަން ފަށައެވެ.
