ތޑިސެމްބަރު ތިނެއް ވީ ބުދަ ދުވަހަކީ މަސްތުވާ ތަކެއްޗާ ދެކޮޅު ހަނގުރާމައިގައި ދިވެހި ދައުލަތުން މުހިއްމު ނިންމުމެއް ނިންމި ދުވަހެކެވެ. ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ރައްޔިތުންގެ މަޖުލީހުން ނިންމައި، މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނެސް، މަޖުލީހުގައި އެވަގުތު ހާޒިރުވެ ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އެބިލް ފާސް ކުރިއެވެ. މަސްތުވާ ތަކެތީގެ ވިޔަފާރިކުރި ކަމަށް، މި ބިލުގެ ދަށުން ބެލެނީ 350 ގްރާމަށް ވުރެން އިތުރަށް ކެނަބިސް، ނުވަތަ 250 ގްރާމަށް ވުރެ ގިނައިން ޑައިމޯފިން، ނުވަތަ އެބިލުގެ ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާތަކެތީގެ ވައްތަރުތަކުން 100 ގްރާމަށް ވުރެ ގިނައިން ދިވެހި ރާއްޖެ އަށް އެތެރެކުރިކަން ސާބިތުވުމެވެ. އެފަދައިން ސާބިތުވާ މީހުންގެ މައްޗަށް އިއްވޭ މަރުގެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތައް، މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންޖެހޭ ގޮތަށް ބިލުގައި ކަނޑައަޅައިފައިވެއެވެ. އިއްވޭ މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ، ބިލުގައިވާ ގޮތުން ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުން ބަލައި، އެންމެ ފަހުން، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން އެ ހުކުމް ދެމެހެއްޓުމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެންމެ ފަނޑިޔާރެއްގެ ރައުޔު ތަފާތުވިޔަސް މަރުގެ ހުކުމް ތަންފީޒު ނުކުރެވޭނެއެވެ. އަފަދަ ހާލަތެއްގައި އެ ހުކުމް ބަދަލު ވާނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ.
މިއީ މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ގިނަ އެހެން ޤައުމުތަކުގައި ވެސް ކަންކުރާ ގޮތެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވެނީ ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުން އެ ހުކުމަށް އެއްބަސްވުމުންނެވެ. ބުދަ ދުވަހުގެ ތާރީހީ ނިންމުމާ އެކު ދިވެހި ސަރުކާރުން ގިރުވާނު ކޮޅަށް ޖަހާލައިގެން ތިބުމަކުން މި ނިންމުމުގެ އަސްލު ފައިދާއާ ހަމައަކަށް ނުދެވޭނެއެވެ. ބޭނުންވާ ނަތީޖާ އަކީ މުޅި ރާއްޖެއިން ޑްރަގްގެ ވަބާ ފޮހެލުން ކަމުގައި ވަނީ ނަމަ ޤާނޫނަށް ގެނެވުނު ބަދަލާ އެކު މަރުގެ ހުކުމް ތަންފީޒުކުރާތަން ވެސް ރައްޔިތުންނަށް ދައްކަން ޖެހެއެވެ.
މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މި ޤާނޫނުން އޮތް ނުރައްކާ ފެންނަން ޖެހެއެވެ. ވައްކަން ކުރާ މީހުންގެ އަތް ބުރިކުރަންށާއި، މީހުން މަރާ މީހުން މަރަންށާއި، ޒިނޭ ކުރާ މީހުންގެ ގައިގައި، އާއްމު ތަނެއްގައި، ހައްދު ޖަހަން ނުވަތަ ރަޖަމް ކުރަން އިސްލާމީ ޝަރީއަތުގައި އޮންނަނީ ވެސް އެފަދަ ބޮޑެތި ކުށް ކުރުމަށް މީހުން ޖެހިލުން ކުރުވައި، އެފަދަ ކުށްތައް މުޖުތަމައުން ނައްތާލުމުގެ ބޭނުމުގައެވެ.
މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ ހުކުމް އިއްވަން ދިވެހި ރާއްޖޭގެ ޤާނޫނަށް މިމަހުގެ ތިން ވަނަ ދުވަހު ގެނެވުނު ތާރީހީ އިސްލާހާ އެކު ދިވެހި ސަރުކާރުން ދެން ކުރަން ޖެހޭ މުހިއްމު އެއްކަމަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން މަރަން ހުކުމް ކުރާ މީހުންގެ ހުކުމްތައް އަވަސްކަމާ އެކު މަތީ ކޯޓުތަކުގެ މަރުހަލާއިން މުރާޖާކޮށް، ސްޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓާ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކުރެވޭނެ ގޮތް ހެދުމެވެ. މަރަން ހުކުމް ކުރިއަސް އެ ހުކުމް ތަންފީޒު ކުރާނެ ތަނަކާއި، ތަންފީޒު ކުރާނެ ގޮތެއް، ކޯޓުތަކާއި، ފުލުހުންނާއި، ކަރެކްޝަންސް ގުޅިގެން އަދި ހަމައެއް ނުޖައްސައެވެ. ތަންފީޒު ކުރާނެ ގޮތެއް ހަމަނުޖައްސައި މިކަން ދިގުލައިގެން ގޮސްފިނަމަ ޤާނޫނަށް މިގެނައި އިސްލާހުގެ ހެޔޮ ބަދަލު މުޖުތަމައުން ނުފެންނާނެއެވެ.
މަސްތުވާ ތަކެތީގެ ވިޔަފާރިކޮށް، އެކަން ސާބިތުވާ މީހަކަށް ޤާނޫނީ ހުރިހާ މަރުހަލާ އަކުން ދިފާއުވާން ފުރުސަތު ދީ، ސުޕްރީމް ކޯޓުން އެހުކުމް ދަމަހައްޓާ ފުރަތަމަ މީހަކަށް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާ ދުވަހަކީ މި ޤައުމުން މަސްތުވާތަކެތިގެ ވަބާ ނައްތާލުމުގައި އެންމެ މުހިއްމު ފިޔަވަޅު އަޅާނެ ދުވަހެވެ. ރައްޔިތުން ތިބީ އެދުވަސް ދެކެން ކެތް މަދުވަފައެވެ. އެ ތާރީހީ ނިންމުން މި ސަރުކާރުގެ މިދައުރު ތެރޭ ނިންމައި، ތަންފީޒު ކޮށްފިނަމަ އެކަން ވެގެން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެވަނަ ދައުރެއް ލިބުމަށް އެޅޭނެ މުހިއްމު ފިޔަވަޅަކަށެވެ.
މަރުގެ ހުކުމް ތަނފީޒު ކުރެވޭ ގޮތަށް ބުދަ ދުވަހު ފާސްކޮށް، ހޮނިހިރު ދުވަހު ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި ބިލުގައިވާ މުހިއްމު އަނެއް ބަދަލަކީ، އުމުރަށް ޖަލަށް ލުމަކީ 25 އަހަރަށް ޖަލަށް ލުން ކަމުގައި ކުރިން އޮތްއޮތުން، އެއީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް، އަދި މާފުވެސް ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށްލުން ކަމުގައި ކަނޑައެޅުމެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރަށް ޖަލަށްލުމަކީ 25 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް ޤާނޫނަށް ގެނެވުނު އިސްލާހާ އެކު ޑްރަގުގެ ވިޔަފާރި ސާބިތުވެގެން އުމުރަށް ޖަލަށްލާ މީހާގެ އަދަބު އެއީ އެއްވެސް ގޮތަކަށް މާފު ކޮށްދެވިގެން ނުވަތަ ލުއިކޮށްދެވިގެންވާނެ ކުށެއް ނޫނެވެ. މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސިންގަޕޫރުގައި މިހާރު ވެސް މަރުގެ އަދަބު ދެ އެވެ. ރާއްޖޭގައި އެ އަދަބު ތަންފީޒުކޮށްފި ނަމަ ރާއްޖެ ވާނީ ދެކުނު އޭޝިއާގައި، ސްރީލަންކާ އަށް ފަހު، ޑްރަގް މައްސަލަތަކުގައި މަރަން ހުކުމް ކުރާ ދެވަނަ ގައުމަށެވެ. ނަމަވެސް ޑްރަގް އެތެރެކުރުމުގެ ކުށަށް މަރުގެ އަދަބު ކަނޑައަޅާފައިވީ ނަމަވެސް ލަންކާގައި މަރުގެ އަދަބު ތަންފީޒުކުރުން އޮންނަނީ ނުރަސްމީ ގޮތެއްގައި ހުއްޓާލައިފަ އެވެ. އެހެންކަމުން ރާއްޖޭގައި މި ހުކުމް ތަންފީޒު ކޮށްފިނަމަ ރާއްޖެ ވެގެން ދާނީ ދެކުނު އޭޝިއާގައި ޑްރަގް ވިޔަފާރިއަށް މަރުގެ ހުކުމް ތަންފީޒު ކުރާ ފުރަތަމަ ޤައުމަށެވެ.
ފުލުހުންގެ ހިދުމަތް "ރީސެޓް" ކުރަން ނުވަތަ އިސްލާހު ކުރަން ޑިސެމްބަރި ދެވަނަ ދުވަހު ފަށައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ފަހު، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ނަތީޖާ ފެންނަން ފަށާނެ ކަމަށާއި ކަންބޮޑުވުންތައް ވަރަށް ކައިރިން ދެނެގަނެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ލަސްވެގެން ޑިސެމްބަރު 25 ހާތާގައި ދެތިން ހަފްތާ ހަމަވެ، ފުލުހުންގެ ހިދުމަތުން މި ހެޔޮ ބަދަލުތައް ފެންނަން ޖެހޭނެއެވެ. އެ ހިސާބުން ފުލުހުންގެ މުއައްސަސާ ރީސެޓް ވެ، ރައީސް ޑރ. މުއިއްޒު އެންމެ އިސްކަމެއް ދެއްވައިގެން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވި ތިން މައްސަލަ އަށް ހައްލު ހޯދައިދިނުމުގައި ފުލުހުންގެ ފަރާތުން ތަފާތު ފެންނަން ޖެހޭނެއެވެ. ރައްޔިތުންގެ އުއްމީދަކީ އެއީ އެވެ. ރައްޔިތުން ތިބީ މިނިސްޓަރު ވިދާޅުވި ބަހަށް އިތުބާރު ކޮށްގެންނެވެ.
ރައީސް މުއިއްޒު ވިދާޅުވި ތިން މައްސަލައަކީ މަސްތުވާ ތަކެތީގެ މައްސަލަ އާއި، ގޭންގްތަކުގެ މައްސަލަ އާއި ބިދޭސީންގެ މައްސަލައެވެ. ދިވެހި ރާއްޖޭގައި މިހާރު މިތިން މައްސަލަ އޮތީ ގުޅިލާމެހިފައެވެ. އާޓިފިޝަލް ބީޗު ކައިރިން، ޑައިންމޯ ހިމެނޭ ސަރަހައްދުގެ ގޯޅީތަކުގައި ހިންގާ ގެސްޓް ހައުސް، ރެސްޓޯރެންޓް، ކެފޭ، މަނީ އެކްސްޗޭންޖްކުރާ ތަންތަން ހިމެނޭ ސަރަހައްދުގައި ރޭގަނޑު ހިނގާލުމުން ބެންކޮކްގެ ރެޑް ލައިޓް އޭރިޔާ އެއްހެން ވެސް ހީވެއެވެ. ކަންކަން މަތީގައި ކަސްބީ އަންހެނުންހެން ހަށިވިއްކަން ތިބޭ ބިދޭސީ އަންހެނުން ފެނެއެވެ. ޗައިނާ ބަހުންނާއި އިނގިރޭސި ބަހުން ނަންބޯޑު ޖަހައިފައިވާ މަނީ އެކްސްޗޭންޖް ކުރާ ގިނަ ތަންތަން ދިވެހީންގެ ނަމުގައި އެ ސަރަހައްދުގައި ހިންގަނީ ބިދޭސީންނެވެ. ޑްރަގު ވިއްކާ މީހުން އެކި ކަންކަން މަތީގައި ހަރަކާތްތެރިވެއެވެ. މިހުރިހާ ކަމެއް ހިންގަނީ ދިވެހި ގޭންގް ތަކުގެ އިތުރުން ބަނގާޅީ މަހުޖަނުން ހިންގާ ގޭންގްތައް ގުޅިގެންނެވެ. ހަށި ވިއްކުމާއި، ޑްރަގް ވިއްކުމާއި، ހިއުމަން ޓްރެފިކިން ފަދަ ހުރިހާ ވަގު ވިޔަފާރިތަކެއްގައި ބިދޭސީންގެ ބައިވެރިވުން ރާއްޖޭގައި މިހާރު ވަރަށް ފުޅަލެވެ.
ފުލުހުންގެ މުއައްސަސާ ރީސެޓް ކުރައްވައިގެން، ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓަރު އިހްސާން މި ތިން މައްސަލަ ވަރަށް ހޯލިސްޓިކް ގޮތެއްގައި ހައްލު ކުރެއްވުމަކީ މިޤައުމުގެ ކުރިމަގަށް މިވަގުތު އެންމެ މުހިއްމު ކަމެވެ. ނަމަކަށް ނޫނެވެ. ބުނެލާ ސްލޯގަންއަކުން ނޫނެވެ. އަމަލުންނެވެ. ޤާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، ގޭންގްތައް ރީހެބިލިޓޭޓްކޮށް، ޑްރަގްގެ ވިޔަފާރި ހުއްޓުވައި، ރާއްޖޭގެ މަގުތައް ދުންފަތުން ތާހިރުކޮށް، ދިވެހީންގެ ޤައުމު ދިވެހީންނަށް އަނބުރާ ހޯއްދަވާ ދެއްވާށެވެ.
މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތްކުރާ ކަމުގެ އިހުސާސް މިއަދު ކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިމަހު ކުރީކޮޅު ވިދާޅުވިއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޑްރަގްގެ ބޮޑެއް ބަންދުން ދޫކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޚަބަރާ ގުޅުވައިގެންނެވެ. މީގެން ދޭހަކޮށްދެނީ ފުލުހުންގެ މުއައްސަސާ ރީސެޓް ކުރި ގޮތަށް ޖުޑިޝިއަރީ ވެސް ރީސެޓް ކުރަން ޖެހިފައިވާ ކަމަވެ. އަދި އިކޮނިމޮކް މިނިސްޓްރީ އާއި، ކަސްޓަމްސް އާއި، ވިޔަފާރި ބަނދަރުތަކާއި، ވައިގެ ބަނދަރުތައް ވެސް ރީސެޓް ކުރަން ޖެހެއެވެ. ކަނޑު ބަނދަރުތަކާއި ވައިގެ ބަނދަރުތަކަކީ ޤައުމުގެ ދޮރާށިތަކެވެ. ކަސްޓަމްސް އަކީ ދޮރުވާނުންނެވެ. ޖުޑިޝަރީ އާއި ފުލުހުންނަކީ ސެކިއުރިޓީންނެވެ. މިހުރިހާ މުއައްސަސާ ރީސެޓްކޮށް، މަރުގެ ހުކްމް ތަންފީޒުކޮށް، މި ޤައުމުގައި މަތިހަށި ނަގައިގެން ޤާނޫނު މުގުރަމުންދާ ދިވެހީންނާއި ބިދޭސީންގެ ކިބައިން މިޤައުމު ސަލާމަތްކޮށް ދެއްވާށެވެ. މި ސަރުކާރަށް އެކަން ކުރެވޭނެއެވެ.
