ނެމީބިއާގެ އޮމްޕަންޑްޖާގެ ކައުންސިލަށް ފަސް ވަނަ ފަހަރު އިންތިހާބުވުމުން، ދެވަނަ ބޮޑު ހަނގުރައިމައިގައި ހަ މިލިއަން ޔަހޫދީން މަރައިލި ޖަރުމަނުގެ ލީޑަރު އެޑޮލްފް ހިޓްލަރުގެ ނަން ކިޔާ ކައުންސިލަރަކު ނަން ބަދަލުކޮށްފިއެވެ.
އެޑޮލްފް ހިޓްލަރު އޫނޯނާ ބުނީ މި ދިޔަ މަހު 26 ގައި އަލުން ކައުސިލަށް އިންތިހާބުވުމުން ނަން ބަދަލުކުރީ މީހުން އޭނާގެ މަސައްކަތަށްވުރެ އޭނާގެ ނަމަށް ސަމާލުކަން ދޭތީ ކަމަށެވެ. އެ ގޮތުން މިހާރު "ހިޓްލަރު" މި ނަން އޭނާގެ ނަމުން ނަގައިފައިވާ ކަމަށާއި މިހާރު އޭނާއަށް ކިޔަނީ ހަމައެކަނި "އެޑޮލްފް އޫނޯނާ" ކަމަށް އެޑޮލްފް ބުންޏެވެ.
"އަހަރެންނަށް 'އެޑޮލްފް ހިޓްލަރު އޫނޯނާ' ބައްޕަ ކިއީ އެޑޮލްފް ހިޓްލަރަކީ ތާރީހީ ގޮތުން ކިހާ ވަރެއްގެ މީހެއްކަން ނޭނގި. އަހަރެންނަކީ ހިޓްލަރާ ގުޅުން ހުރި މީހެއް ނޫން. އަދި އަހަރެން ހިޓްލަރުގެ ނަޒަރިއްޔާތަށް ތާއީދެއް ވެސް ނުކުރަން،" އުމުރުން 59 އަހަރުގެ އެޑޮލްފް ބުންޏެވެ.
އެސް.ޑަބްލިޔު.އޭ.ޕީ.އޯ ޕާޓީއަށް ނިސްބަތްވާ އެޑޮލްފް ބުނީ އޭނާގެ ނަން ބަދަލުކުރަން ނިންމިތާ ހަގީގަތުގައި އެތައް ދުވަހެއްވެފައިވާ ކަމަށެވެ.

"އަހަރެން ބޭނުމެއް ނުވޭ އަހަރެން ކުރާ މަސައްކަތާ ހިޓްލަރު އުޅުނު ގޮތާ އެއްގޮތްކުރާކަށް. އަހަރެން ބޭނުމީ އަހަރެންނަށް ވޯޓު ދިން މީހުން އަހަރެންގެ ނަމަށް ނުބަލައި އަހަރެންގެ އަމިއްލަ ހިޔާލުތަކާ އެއްގޮތަށް އަހަރެން ކުރާ މަސައްކަތް ބަލައިގަތުން،" އެޑޮލްފް ބުންޏެވެ.



advertisment