Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 16

ޔޫނުސް އެނދުން ތެދުވީ ޝަރުމީލާ ނިދިކަން ޔަޤީންކޮށްފައެވެ. އޭނާ ފޯނު ނަގައި ގަޑިން ވީއިރެއް ބަލައިލިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައިސް އޮތުމުން އެއީ ކާކު ފޮނުވި މެސެޖެއްތޯ ބަލާލިއެވެ. އެއާއި އެކު ފެނުނީ ހާސްވެ ފޯނު ތިރިކޮށްލާފައި މޫނުގައި އަތް އެޅިތަނެވެ.

ރަނގަޅަށްވެސް ޔޫނުސް ނުތަނަވަސްކުރުވައިފިއެވެ. މިކިއަލް އެނބުރި އަންނާނީ ގަދަ ހިފުމަކަށްކަން އޭނާއަށް އެނގެއެވެ. މިކިއަލްގެ މެސެޖުން ޔޫނުސްއަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނުހެންނެވެ. މިގޭގެ ދޮރުމަތީ ހުރެ މިކިއަލް އެދެނީ ޔޫނުސްއަށް އެއްބަސްވާން އުދަނގޫ ކަމަކަށެވެ.

މިކިއަލްގެ އަތްދަށުން ސަލާމަތްވާން ކެރޭ ވަރަށްވުރެ ޔޫނުސް ހުރީ މާބޮޑަށްވެސް ފިނޑިވެފައެވެ. އޭނާ ބަނގުރޫޓްވެ ނިކަމެތިވާން ޖެހުނަސް މިކިއަލްއާ ދެކޮޅަށް ދައުވާއެއް އުފުލާނެ ހިތްވަރެއް ނެތެވެ. މިކިއަލްގެ އަތުގައި ހުރި ވީޑިޔޯ ތަކަކީ ޔޫނުސްގެ އަބުރާއި އިއްޒަތެވެ.

ޔޫނުސް ގޭގެ ދޮރުން ނިކުތީ އޭނާގެ ވިސާ ކާޑު ހިފައިގެންނެވެ. މިވަގުތު ފައިސާ ދެވެން ނެތަސް އެކައުންޓުގައި މިކިއަލްއަށް މަދުނުވާ ވަރަށް ފައިސާ ހުންނާނެއެވެ. ޔޫނުސް އައިސް ދިއްކުރި ކާޑާ ދިމާލަށް މިކިއަލް ބަލައިލިއެވެ. އަތުގައި އޮތް ސިނގިރޭޓްބުރި ނަގައި އޭގެން ދުންގަނޑެއް ދަމާލާފައި ވައިގެ ތެރެއަށް ދޫކޮށްލިއެވެ.

"ބުނީމެއްނު ފައިސާއިން ވެސް ކޮންމެ ކޮންމެ ނުކުރެވޭނެއޭ،" މިކިއަލްގެ އަޑުގައި ރުޅިވެރިކަންވިއެވެ. އޭނާގެ އަޒުމަށް ބަދަލެއް ނާންނާނެކަން އަންގަން އޭނާ ބޭނުންވިއެވެ. ފައިސާ ޖަހައިގެން މިކިއަލްގެ ސިކުނޑިއަކާ ނުކުޅެވޭނެކަން އޭނާގެ އަމަލުން އެނގެއެވެ.

"އަހަރެން ބޭނުމީ މާޔާ ކައިރިއަށް ވަންނަން،" މިކިއަލްގެ ދުލުން އަނެއްކާވެސް އޭނާ ބޭނުންވާ ކަންތައް އިއްވާލިއެވެ. ޔޫނުސް ނޫނެކޭ ބުނުމުގެ ކުރިން މިކިއަލް ފޯނަށް އިޝާރަތްކޮށްލިއެވެ. އޭގައި ޔޫނުސް އަނގަ ބަންދުކޮށްލެވޭނެ އެތައް އެއްޗެއް ހުރިކަން ހަނދާންކޮށްދިނެވެ.

** **

ފޯނު ބާއްވާފައި މާޔާ ބާލީހުގައި ބޯއަޅާލިއެވެ. ރާމީން އާއި ބައްދަލުވިފަހުން މިއަދު އޭނާގެ ތަބީއަތް ބަދަލުވެއްޖެއެވެ. އުފާވެރިކަން އިހްސާސްކުރެވެއެވެ. ރާމީން ދެއްކި ވާހަކަތަކާއި މެދު މާޔާ ފުންކޮން ވިސްނާލަން އޮތެވެ. ހަރުދަނާ ފިރިހެނެއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ރާމީންގެ ކިބައިން ފެނެއެވެ.

ރޭގަނޑުގެ ނިދި ނަގާލާފައި މި ހިމޭންވަގުތުގައި އޭނާއަށް ރާމީންގެ މަތިން ހަނދާންކުރެވެނީ ކީއްވެތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ.

"އައި ލަވް ހިމް،" އުއްޑުން އޮށޯންނަމުން މާޔާއަށް ބުނެވުނެވެ. ދެވަނަ ފަހަރަށް އެ ލަފްޒުތައް ތަކުރާރުކޮށްލެވުނުއިރު އޭނާގެ މޫނުމަތިން ފުން ހިނިތުންވުމެއް ވެއެވެ.

"އެކަމަކު އޭނަ ލޯބިވަނީ އެހެން މީހަކު ދެކެ." މާޔާގެ މޫޑް ބަދަލުވި ރާމީން ފުރަތަމަ ފެނުނު ވަގުތު އަތުގައި އޮތް ފިނިފެންމަލާއި އެއްޗެހި މަތިން ހަނދާންވެފައެވެ. ރާމީން ލޯބިވާ މީހަކު ހުރިކަން އެނގުނަސް އެއީ ކާކުކަން ހާމަކުރަން ރާމީން ބޭނުމެއް ނޫނެވެ.

މާޔާ ހިތުގައި ޖެހުނެވެ. ރާމީން ނުލިބިދާނެކަމުގެ ބިރު އެހިތުގައިވިއެވެ. ރާމީން އާއި މެދު އެހިތުގައި ޝުއޫރުތަކެއް އުފެދެމުން ދިޔަ އިހްސާސެއް ނުވިއެވެ. ގަޔާވާ ކަމެއް ނޭނގުނެވެ. ބައްދަލުވުން އުފާވިއެވެ. ގެއަށް އައީ ރާމީން ގެންގޮސްދޭނަމޭ ބުނެގެންނެވެ. އޭނާއަށް މިވީ ކިހިނެއް ހެއްޔެވެ؟ އެހެން ފިރިހެނަކާއި މެދު މިވަރުގެ އިހްސާސްތަކެއް ނުކުރެވުނެވެ.

ދޮރު ހުޅުވުނު އަޑަށް މާޔާ ދިޔައީ ސިއްސައިގެންނެވެ. ދޮރުމަތީގައި ހުރި މިކިއަލް ފެނިފައި މާޔާއަށް އެނދުން ތެދުވުނެވެ. މިކިއަލް އެތެރެއަށް ވަނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. ނިދުމުގެ ކުރިން މަންމަ ދޮރު ތަޅުލަން ހަނދާންނެތުނީބާއޭ ހިތަށް އެރިއެވެ.

"މިކިއަލް." މާޔާގެ އަރުތެރެ ބެދެން އުޅުނެވެ. އޭނާއަށް ނޭވާ ހިފަހައްޓާލެވުނީ އެތެރެއަށް ވަދެ ކޮޓަރީގެ ދޮރު މިކިއަލް ތަޅުލުމުންނެވެ.

"ކީއްވެ އަހަރެންގެ ނަންބަރު ބްލޮކުކޮށްލީ؟" މިކިއަލް ކުރިއަށް ފިޔަވަޅު ނަގަމުން އަހާލިއެވެ. މާޔާއަށް ބަލައިލެވުނީ އެނދުމަތީގައި އޮތް ފޯނަށެވެ. އޭނާ މިކިއަލްގެ ނަންބަރު ބްލޮކުކޮށެއްނުލައެވެ. އެކަމަކު ބޯޓަށް އަރަމުން މެސެޖުކުރި ފަހުންވެސް މިކިއަލްގެ އެއްވެސް މެސެޖެއް ކޯލެއް އައިސްފައި ނެތުމުން އޭނާވެސް ހައިރާންވިއެވެ.

"އަހަންނަކަށް ނޭނގެ މިކިއަލް ނަންބަރު ބްލޮކުވެފައި އިންކަމެއް؟ އަހަރެން ނުކުރަން އެކަހަލަ ކަމެއް." މާޔާ ފޯނު ނަގައި މިކިއަލްގެ ނަންބަރު ބަލާލިއިރު އިނީ ބްލޮކުވެފައެވެ. އެއީ ކޮންއިރަކު ވީކަމެއްކަން އޭނާ ހަނދާންކުރަން މަސައްކަތްކުރިއެވެ.

"މިހާރު ކޮންމެ އަތަކަށް ފަޔަކަށް ފިރިހެނުން އެބަތިބި ދޯ." މިކިއަލް އައިސް ހިފީ މާޔާގެ އަތުގައެވެ. މިކިއަލް އެބުނި ޖުމްލައިގެ މާނަ ނޭނގިފައި އެމޫނަށް ބަލައިލެވުނެވެ.

"މިކިއަލް، ދޭ މިތަނުން، މަންމަ ހޭލައިގެން އަތުވެދާނެ." މިކިއަލްގެ އަތް ދުރަށް ޖައްސާލާފައި މާޔާ ބުނެލިއެވެ. މިކިއަލް އުޅޭކަން މަންމައަށް އެނގިއްޖެނަމަ ޔަޤީނުންވެސް ރުޅި އަންނާނެއެވެ.

"މަންމަ ހޭލަފާނެތީއެއް ނޫނޭ ތިއުޅެނީ." މިކިއަލް ދެއަތުން މާޔާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ދެން ކަންފަތާއި ކައިރިވެފައި މިކިއަލް ބުނި ޖުމްލައިން މާޔާއަށް ހީވީ އޭނާގެ ބޮލަށް ހޫނުއެއްޗެއް އޮއްސާލިހެންނެވެ.

"ޔޫނުސް އަންނަ ގަޑި ޖެހޭތީ ތިއުޅެނީ." މިކިއަލްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާ އެސްފިޔަޖަހަންވެސް ހަނދާންނެތިފައި ހުއްޓާ ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވެއްޖެއެވެ. މިކިއަލް އޭނަ އާއި ދިމާލަށް ޔޫނުސް އާއި ގުޅުވައިގެން ވަރަށް ހުތުރު އިލްޒާމް ތަކެއް އެޅުވިއެވެ. އަދި މިކިއަލްގެ މަތިން ފޫހިވީ އެހެންވެކަމުގައި ބުންޏެވެ. މާޔާއަށް ބަހެއް ބުނުމުގެ ފުރުޞަތުވެސް ނުދީ މިކިއަލް ފަހަރަކު ކަމެއް އޭނާގެ ބޮލުގައި އަޅުވަމުން ދިޔައެވެ. އެގެއިން މިކިއަލް ނެރެ އެއްލާލުމުގެ ފަހަތުގައި މާޔާ ވާނެކަމުގައި ބުންޏެވެ. އަދި އޭނާއަށްވުރެ ޔޫނުސް ކަމުދިޔައީތޯ އަހާލިއެވެ.

"އަހަރެން މާޔާ ދޫކޮށެއްނުލަން. އަދި އަހަރެން ދޫކޮށްފައި މާޔާއަށް އެހެން މީހަކާއި އެކު ނުވެސް ދެވޭނެ، ބުނީމެއްނު އަހަރެން ބުނާ ކޮންމެ ގޮތެއްވެސް ހަދާނަމޭ، މިރޭ އަހަރެން ދާން ބޭނުންވަނީ މިތަނުން މާޔާ ގޮވައިގެން، އޭރު ބުނީމެއްނު ފިލައިގެން ދާން ހިނގާށޭ." މިކިއަލް ދެއަތް ގެނެސް މާޔާގެ މޫނުގެ ދެފަރާތުގައި ޖައްސާލިއެވެ. މަޑުމަޑުން މާޔާގެ ކޮލުގައި އިނގިލިތަކުން ފިރުމާލަން އުޅުނެވެ.

މިކިއަލްގެ މޭގައި އަޅާ މާޔާއަށް ކޮއްޕާލެވުނެވެ. އޭނާގެ ހިތް މިއަދު މިކިއަލް ފިރުމައިގެން ރުއްސޭނެ ގޮތެއް ނޯންނާނެއެވެ. މިކިއަލް އޭނާ ދެކެ ލޯބިނުވާކަން އޭނާއަށް ޔަޤީނެވެ. އޭނާގެ ފަރާތުން މިކިއަލް ބޭނުންވަނީ ކޮން ކަމެއްކަންވެސް އެނގެއެވެ.

"އެއީ އަހަރެން ނުވިސްނާ ދެއްކި ވާހަކައެއް، މިކިއަލް އަކީ ކާކުކަން އަހަންނަށް އޭރު ނޭނގުނު، މިކިއަލް، ތިއީ އަހަރެން އެންމެ ފުރަތަމަ ލޯބިވި މީހަކީ، އިތުބާރުކުރިން، އަހަރެންނަށް ޖެހުނު ހުރިހާ ހިތާމައެއް ހިއްސާކުރިން، އެކަމަކު މިކިއަލް ނެގީ އޭގެ ފައިދާ، މިރޭ އަހަރެން މިގެއިން ނިކުންނަން ޖެހުނަސް ނިކުންނާނީ ހިތާއި ދެކޮޅަށް، އޭގެން މިކިއަލްއަށް ކޮން އުފަލެއް ލިބޭނީ؟" މާޔާ އަހާލިއެވެ. ލޯބި އެއީ ގަދަކަމުން ހޯދާ އެއްޗެއް ނޫނެވެ.

މިކިއަލްގެ ފަރާތުން ރަހުމުކުޑަ ޖަވާބެއް ނޫނީ ނީވޭނެކަން މާޔާއަށް އެނގެއެވެ. އެކަމަކު މިކިއަލް މި ދަރަޖައަށް ވެއްޓިދާނެކަމުގައި މާޔާ އުއްމީދުކޮށްފައެއް ނުވެއެވެ.

"ތި ލޮލުން އަންނަ ކަރުނައަކީ އުފަލަކަށްވެއްޖެ." މާޔާގެ މޫނަށް ބަލާލަމުން މިކިއަލް ހީލިއެވެ. މާޔާގެ އަތުން ފޯނު އަތުލައި މިކިއަލްގެ ނަންބަރު އަންބުލޮކު ކޮށްލިއެވެ.

"މާދަމާ އަހަރެން ގުޅާނަން." މިކިއަލް ހިނގައިގަތެވެ. އޭނާ ނިކުތުމުން މާޔާ ގޮސް ދޮރު ތަޅުލައި ދޮރުފަތުގައި ބުރަކަށިޖައްސާލިއެވެ.

** **

ރާމީންއަށް ލޯ ހުޅުވައިލެވުނެވެ. އޭނާއަށް ފެނުނީ ހާސްވެފައި ތިބި ޑޮކްޓަރުންނާއި ނަރުހުންނެވެ. އޭނާއަށް ފަރުވާދޭން އެމީހުން މަސައްކަތްކުރިއެވެ. ރާމީން ލޯ ހުޅުވައިލިތަން ފެނިފައި އޭނާއަށް ޑޮކްޓަރަކު ގޮވާލިއެވެ. އޭގެ ޖަވާބުދޭނެ ހިތްވަރުވެސް ރާމީންގެ ދުލަކު ނެތެވެ. އޭނާއަށް ހިންދިރުވައިލަންވެސް ނުކެރުނެވެ. މުޅި އަނގަތެރޭ އަދިވެސް ވަނީ ލޭ ރަހަ ހިފާފައެވެ.

މުޅި ހށިގަނޑުގައި ވަނީ ރިހުން ހިފާފައެވެ. ނޭވާ ލެވެނީވެސް އުދަނގުލުންނެވެ. ކޮންމެ ނޭވަ އަކާއި އެކު މެޔާއި އަރުތެރޭގެ ރިހުން ގަދަވަނީއެވެ. ރާމީންގެ މޫނަށް ވާގޮތަށް ހުރި ލައިޓްތައް ޖައްސާލުމާއި އެކު އޭނާއަށް އިތުރަށް ލޯ ހުޅުވައިގެން އޮންނާކަށް ނުކެރުނެވެ. އަނެއްކާވެސް ލޯމެރުނީއެވެ.

އޭގެ އެތައް އިރެއް ފަހުން ރާމީންއަށް ލޯ ހުޅުވައިލެވުނީ އޭނާގެ ނަމުން މަންމަ ގޮވާ އަޑު އަހާފައެވެ. ލޯ ހުޅުވާލިއިރު އޭނާގެ ކުރިމަތީ ރަޝީދާ އިނީ ރޮވިފައެވެ. އޭނާ މިތަނަށް ގެނެވުނު ގޮތެއް އަދި މަންމައަށް ޚަބަރު ދިޔަގޮތެއް ނޭނގެއެވެ. ރާމީން ފެނިފައި ރަޝީދާއަށް އަނެއްކާވެސް ރޮވުނެވެ. އެނދުގައި މޫނު ޖައްސާލައި ގިސްލަމުން ދިޔައެވެ.

އިތުރު މީހަކު އައިސް ހުއްޓުނުހެން ހީވެ ރާމީން އެދިމާލަށް ކަޅި ހިންގާލިއެވެ. އޭނާ އޮތް އެނދުގެ އެއްކޮޅުގައި އައިސް ހުއްޓުނު މިކިއަލް ފެނިފައި ރާމީން ހިނިތުންވެލަން މަސައްކަތްކުރިއެވެ. މިކިއަލް އޭނާ ކުރެން ހާލު ރަނގަޅުތޯ އަހާލިއިރު ބީރައްޓެހި ގޮތެއް ހުއްޓެވެ. ރާމީން ބޯޖަހާލަން މަސައްކަތްކުރިއެވެ. އެކަމަކު އޭނާގެ ކަނދުރާއަށް ވީތަދާއި އެކު އަތްޖައްސާލެވުނުއިރު ކަނދުރާ ވަށައިގެންވަނީ ސަރވައިކަލް ކޮލާއެއް އަޅުވާފައެވެ.

ރަޝީދާއަށް އެނގުނީ މިކިއަލްގެ ފަރާތުންނެވެ. އޭނާ އެ ވަގުތު ރާމީންގެ ކައިރިއަށް އަންނަން ބޭނުންވިއެވެ. އެކަންތައް މިކިއަލް ހަމަޖައްސައިދިނެވެ. އޭނާއަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައދިނެވެ. ރަޝީދާއަށް އާދެވެގެންދެން ރާމީންގެ ހާލުބަލައި ހެދީ މިކިއަލްއެވެ. ފުލުހުންވެސް ދެފަހަރަކު ދުރުވެ ރާމީންގެ ގާތުން މައުލޫމާތު ސާފުކުރިއެވެ. ރާމީންއަށް އެއިން އެއްވެސް މީހަކު ކިޔައިދޭކަށް ނޭނގުނެވެ. އެއީ އޭނާއަށް ދުވަހަކުވެސް ފެނިފައިވާ ބައެއް ނޫނެވެ. އަދި މޫނު ނިވާކޮށްގެން ތިބުމުން ކިޔައިދޭކަށްވެސް ނޭނގުނެވެ.

** **

މިއަދު މާޒިންމެންގެ ގޭގައި ސައިހަދާފައި އޮތުމުން އެގެއަށް ދިއުމަށް މާޔާ ގާތުގައި ޝަރުމީލާ ބުންޏެވެ. އެދެމަފިރިން އެކަނި ގޮސްލަން މާޔާ އެދުނެވެ. އޭނާ ހުރީ ރޭގައި މިކިއަލް އައިސް ދިޔަފަހުން އަނެއްކާ ޔޫނުސްވެސް އައިސް ދިމާކުރުމުންނާއި އެކު ހަމަނިދި ނުލިބި ކަންނެތްވެފައެވެ. މާޔާ އެކަނި ބަހައްޓާފައި ދާން ޝަރުމީލާ އެއްބަހެއްނުވިއެވެ.

ސައިބޮއި ނިމިގެން އެގޭގައި އިރުކޮޅަކު މަޑުކޮށްލަން ޝީތު އެދުނެވެ. އޮފީސް ނިމިގެން މާޒިން އަދި ނާންނާތީ އެމީހުންނާއި ބައްދަލުކޮށްލަން މާޒީން ބޭނުންވާނެކަމުގައި ބުންޏެވެ. އެގޭތެރެއިން މާޔާއަށް ފެނުނީ ޝީތުގެ ޚިދުމަތުގައި ތިބި މީހުންނެވެ. އޭނާ އުޅެ ބޮޑުވި ފަދައިން ކައިވެންޏަށްފަހުގައިވެސް އެއްވެސް މަސައްކަތެއް ނުކޮށް އުޅެވޭނެ ގޮތް މާޒިންވަނީ ހަމަޖައްސައިދީފައެވެ.

ޔޫނުސް އޮފީހަށް ދާންޖެހިގެން ނިކުތުމުން ޝަރުމީލާ އާއި މާޔާއަށް ޓެރަސްގައި ޝީތު ހައްދަމުންދާ ގަސްތައް ދައްކާލިއެވެ. އެކިވަރުގެ ގަސްމުށިތަކުގައި ދުވަހަކުވެސް ނުފެންނަ ރީތި ގަސްތައް ހުއްޓެވެ. އެއީވެސް ޝީތުގެ އުފަލަށްޓަކައި މާޒިން ކޮށްދީފައިވާ ހޭދައެކެވެ.

ގަސްތަކުގެ ރީތިކަން ފެނި މާޔާއަށް އަނެއްކާވެސް ހިތްހަމަޖެހުންލިބުނެވެ. ނުތަނަވަސްކަން ފިލައި ދިޔައެވެ. އޭނާ ފޯނު ނަގައި ފޮޓޯ ނަގަމުން ދަނިކޮށް އިވުނީ ޝީތު ހަޅެއްލަވައިގެން އަޑެވެ. ފަސްއެނބުރި ބަލާލެވުމާއި އެކު މާޔާއަށްވެސް ލިބުނީ ސިހުމެކެވެ. ހޭހުސްވެ ޝަރުމީލާ ވެއްޓުނީ ކުއްލިއަކަށެވެ.

** **

އެމެޖެންސީ ރޫމްގެ ދޮރުމަތީ އެންމެން މަޑުކޮށްލައިގެން ތިއްބެވެ. މާޔާގެ އެންމެ ކައިރީ ޝީތު އިނެވެ. މާޔާ ކައިރީ ހިތްވަރުކުރަން ބުންޏެވެ. މަންމަ ހޮސްޕިޓަލަށް ގެންނަންދެންވެސް މާޔާއަށް ހުރެވުނީ ރޯށެވެ. އެންމެންނަށް ގުޅައި ޝީތު ޚަބަރުދެމުން ދިޔައެވެ. އެމްބިއުލަންސް ގެނެސް ޝަރުމީލާ ގެންދިއުމުގެ ހުރިހާ ކަމެއް ޝީތު ކުރިއެވެ.

ޝަރުމީލާ ހޭއަރައި ވޯޑަށް ބަދަލުކުރެވުނެވެ. އަނބުރައިގަތުން ފިޔަވައި އެއްވެސް ކަމެއް ޝަރުމީލާއަކަށް ނުވެއެވެ. އެކަމަކު ސުވާލު އުފެދުނީ ހުރިހާ ކަމެއް ރަނގަޅަށް ހުއްޓާ ކުއްލިއަކަށް އަނބުރައިގެން ސަބަބަކާއި މެދުގައެވެ. ގޭތެރޭގައި އުޅޭއިރު މަންމަ އުޅެނީ ބަލިވެތޯ ޝީތު އެހުމުން އޭގެ ޖަވާބު ދޭން މާޔާއަށް އުދަނގޫވިއެވެ. އޭނަ އާއި މަންމަގެ ގުޅުންވަނީ ހީނަރުވެފައެވެ. މާޔާ ގިނަވަގުތު ކޮޓަރީގައި ހޭދަކުރާތީ މަންމަ ބަލިވެ އުޅުނަސް އޭނާއަކަށް ނުވެސް އެނގެއެވެ.

ޔޫނުސް އައި ވަގުތު ނަރުހުން އައިސް ދިނީ ބޭސް ސިޓީއެކެވެ. ޝަރުމީލާ ދޫކޮށްލާ ވާހަކަވެސް ނަރުސްކުއްޖާ ބުންޏެވެ. ޔޫނުސް ކައިރީ މަޑުކޮށްލަން ބުނެފައި ޝީތު ބޭސްނަގަން ދާން ބޭނުންވާ ވާހކަ ބުންޏެވެ. ޝީތު ނިކުތީ މާޔާ ގޮވައިގެންނެވެ. ޝަރުމީލާ ބެލި ޑޮކްޓަރާއި ބެހޭގޮތުން އޮޅުންފިލުވައި ޑޮކްޓަރާއި ބައްދަލުކުރަން ބޭނުންވާ ކަމުގައި  ޝީތު، ކައުންޓަރުގައި ބުނުމުން އެކަން ހަމަޖައްސައިދިނެވެ.

ޑޮކްޓަރާއި ބައްދަލުކުރަން ޝީތު އާއި އެކު ވަދެފައި މާޔާއަށް އިނދެވުނީ އިސްޖަހައިގެންނެވެ. އޭނާގެ ފަރުވާކުޑަކަމާއި އަޅާލުން ކުޑަކަން އަމިއްލައަށް އިހްސާސްވިއެވެ. އޭނާއަށްވުރެ ބޮޑަށް މަންމަ އާއި މެދު ޝީތު ފިކުރުކުރާކަން އެނގުމުން އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

ޑޮކްޓަރު އޮޅުންފިލުވައިދެމުން ދިޔައީ ޝަރުމީލާ ކާ ބޭހެއްގެ ސަބަބުން އަނބުރައިގަތީ ކަމުގައެވެ. އަދި އެބޭހުގެ ސަބަބުން އެހެންވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ޑޮކްޓަރު ބުނެދިނެވެ. އެއީ ކޮންކަމަކާއި ގުޅިގެން ކަމުންދާ ބޭހެއްތޯ ޝީތު ސުވާލުކުރިއެވެ. ޝަރުމީލާއަށް ނުނިދޭތީ އަބަދުވެސް ނިދާ ބޭސްކަމުންދާ ކަމުގައި ޑޮކްޓަރު ބުނެދިނެވެ. އަދި އެފަދަ ބޭސްތަކަކީ އާއްމުކޮށް ގަވައިދުން ބޭނުންކުރަން ރަނގަޅު ބޭހެއް ނޫންކަމުގައިވެސް ބުންޏެވެ.

"އަހަންނަކަށް ހިއެއްނުވޭ މަންމަ ނިދާ ބޭސް ކައިފާނެހެންނެއް، މަންމަ ގަވައިދުން އެއްވެސް ބޭހެއް ކާތަނެއް އަހަރެން ނުދެކެން،" އެކޮޓަރިން ނުކުމެފައި މާޔާ ބުނެލިއެވެ. އެ އަޑު އަހާފައި ޝީތު އެބަ އަންނަމޭ ކިޔާފައި ގޮސް ޑޮކްޓަރުގެ ކޮޓަރިއަށް އަނެއްކާވެސް ވަނެވެ. ކުޑަ އިރުކޮޅެއް ފަހުން ޝީތު ނުކުންއިރު ހުރީ ކަމަކާއި މެދު ވަރަށް ބޮޑަށް ވިސްނާށެވެ. އޭނާ ލަސްވެގެން ޔޫނުސް ގުޅުމުން އެފޯނަށް ޖަވާބު ދީފައި ބޭސްފިހާރައަށް ދަމުން އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ.

ޝަރުމީލާ ގެއަށް ދޫކޮށްލުމުގެ ކުރިން ގެއަށް ގޮސް ޝަރުމީލާ ކަނީ ކޮންބޭހެއްތޯ ބަލަން ޝީތު ޚިޔާލު ދިނެވެ.  ޑޮކްޓަރަށް ނުދައްކާ އެހާ ގިނަ ބޭސް ހޯދާ ގޮތެއް ބަލަން މާޔާވެސް ބޭނުމެވެ. އެދެމީހުން އައިސް ޝަރުމީލާގެ ކޮޓަރިތެރެ ބަލަން ފެށިއެވެ. ޝަރުމީލާގެ އެއްޗެހި ހުންނަ ހުރިހާ ތަނެއް ބަލަމުން ގޮސް ޔޫނުސްގެ އަލަމާރިތެރެ ބަލަމުން ދަނިކޮށް ބޮޑު ކޮތަޅެއްގެ ބޭސް ފެނުނެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4431421
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *