ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ޖަލުގައި ދިރި އެބަހުރި ކަމަށާއި ނަމަވެސް އޭނާ ވަނީ "ނަފުސާނީ އަނިޔާއަށް" ހުށަހަޅައިފައި ކަމަށް އާއިލާއިން ބުނެފިއެވެ.
އިމްރާން (ފޮޓޯ) ޖަލުގައި މަރުވެއްޖެ ކަމަށް އަޑު ފެތުރިފައިވަނިކޮށް، އިމްރާންއަށް ޒިޔާރަތް ކުރުން އެތައް ދުވަހަކަށް މަނާކޮށްފައި އިއްޔެ ވަނީ އޭނާގެ ކޮއްކަ އަޒްމާ ހާނޫމްއަށް، އިމްރާނާ ބައްދަލު ކުރުމަށް ޖަލަށް ވަނުމުގެ ހުއްދަ ދީފައެވެ.
"އިމްރާން ދިރިއެބަހުރި. އޭނާގެ ސިއްހަތު ވަރަށް ފުރިހަމަ. ނަމަވެސް އޭނާ ބުނީ އޭނާ ނަފުސާނީ އަނިޔާއަށް ހުށަހަޅައިފައިވާ ކަމަށް،" އަޒްމާ ބުންޏެވެ.
އިއްޔެ ރަވަލްޕިންޑިގައި ހުންނަ އަދިއަލާ ޖަލަށް އަޒްމާ ޒިޔާރަތް ކުރުމަށް ފަހު ނޫސްވެރިންގެ ގާތުގައި އަޒްމާ ބުނީ އިމްރާންއަށް ޖައްސައިފައިވާ ހާލަތުގެ ސަބަބުން އިމްރާން ހުރީ ނުރުހިފައި ކަމަށެވެ.
އަޒްމާ އިމްރާނަށް ޒިޔާރަތް ކުރުމަށް ދިނީ ގާތްގަނޑަކަށް ބައި ގަޑި އިރުގެ ވަގުތުކޮޅެކެވެ.
އިމްރާންގެ ޕާޓީ ކަމަށްވާ ތަހްރީކޭއިންސާފު (ޕީ.ޓީ.އައި)ގެ ސަޕޯޓަރުން ޖަލުގެ ބޭރުގައި އަޒްމާގެ ބަހެއް ލިބެންދެން މަޑުކޮށްގެން ތިއްބެވެ.
އިމްރާންގެ މައްޗަށް މިދިޔަ އަހަރުއްސުރެ މަތިމަތިން ޖަލު ހުކުމްތައް އިއްވައިފައިވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ ސިއްރުތައް ހާމަކުރުން ހިމެނެއެވެ.



advertisment