އިސްރާއީލާއި ޔޫކްރެއިން މައްސަލައިގައި އެމެރިކާ އާއި ރަޝިޔާއިން ކުރާ ޕްރެޝަރަށް ނުވެއްޓޭނެ ކަމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ)އިން މިއަދު ބުނެފިއެވެ.
އެމެރިކާއިން ވަނީ އައި.ސީ.ސީގެ ނުވަ މުވައްޒަފުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެއީ އިސްރާއީލާއި އެމެރިކާގެ އޮފިޝަލުން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށްތަކެއް އައި.ސީ.ސީން ތަހުގީގު ކުރަމުންދާތީއެވެ. އެ ނުވަ މުވައްޒަފުންގެ ތެރޭގައި ފަނޑިޔާރުންނާއި އިސް ވަކީލު ހިމެނެއެވެ.
ރަޝިޔާއިން ވަނީ އައި.ސީ.ސީގެ މުވައްޒަފުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ. އެއީ ޔޫކްރެއިންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން ހައްޔަރު ކުރުމަށް އައި.ސީ.ސީން ނެރުނު އަމުރަކާ ގުޅިގެންނެވެ.
"އަހަރެމެން ދުވަހަކު ވެސް އެއްވެސް ކަހަލަ ޕްރެޝަރެއް ގަބޫލެއް ނުކުރާނަން،" އައި.ސީ.ސީގެ އަހަރީ ބައްދަލުވުމުގައި އެ ތަނުގެ ވެރިޔާ އަދި ފަނޑިޔާރެއް ކަމަށްވާ ޓޯމޯކޯ އާކާނޭ (ފޮޓޯ) ޖެހިލުން ކުޑަ ގޮތަކަށް ބުނެލިއެވެ.
އައި.ސީ.ސީގެ މިނިވަން މުސްތަގިއްލުކަމުގެ މުހިންމުކަމަށް އިޝާރާތް ކުރަމުން ޓޯމޯކޯ ބުނީ އެ ކޯޓާ ދެކޮޅަށް ފިޔަވަޅު އެޅުމުން ދުނިޔޭގެ ފެންވަރުގައި ހިންގަން ޖެހޭ ތަހުގީގުތައް އިތުރުވަމުން ދާއިރު އެ ތަހުގީގުތަކަށް ހުރަސްއެޅެމުންދާ ކަމަށެވެ.



advertisment