ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ހާލިދާ ޒިޔާގެ ހާލު ސީރިއަސްވެ، އައި.ސީ.ޔޫގައި ފަރުވާ ދޭން ފަށައިފި ކަމަށް އޭނާގެ ޕާޓީން ބުނެފިއެވެ.
"(ވެރިރަށް ދާކާގައި ހުންނަ) އެވާކެއާ ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދެމުން ދަނީ ފުއްޕާމޭގެ އިންފެކްޝަނަކަށް،" ޕާޓީގެ އޮފިޝަލަކު އިއްޔެ ބުންޏެވެ.
އުމުރުން 80 އަހަރުގެ ހާލިދާގެ އަމިއްލަ ޑޮކްޓަރު އޭ.ޒީ.އެމް ޒާހިދު ހުސައިން ބުނީ ހާލިދާގެ ހާލަތަށް ވޭތުވެ ދިޔަ ތިން ދުވަހު ބަދަލެއް ނާންނަ ކަމަށެވެ.
"އޭނާއަށް ދެމުންދާ ފަރުވާގެ ރަނގަޅު އަސަރު ކުރުމަށް އެދި ދުއާ ކުރުން އެދެން،" ޒާހިދު ބުންޏެވެ.

ހާލިދާގެ ހިތާއި ގުރުދާގެ މައްސަލަ ވެސް ހުރެއެވެ.
ހޮސްޕިޓަލް ދޮށަށް އޭނާއަށް ތާއީދު ކުރާ މީހުން ވަނީ އެއްވެފައެވެ. އަދި އެ މީހުން ވަނީ ހާލިދާއަށް ދުއާ ކޮށްދިނުމަށް އާއްމުންނަށް ގޮވައިލައިފައެވެ.
ހާލިދާގެ ދޮށީ ފިރިހެން ދަރިފުޅު ތޯރިގު ރަހްމާން ބުނީ "މަންމައަށް ދުއާ ކޮށްދޭތީ އަދި މަންމައަށް އޮތް ލޯބި ފާޅުކުރާތީ ހިތުގެ އަޑިން ޝުކުރު އަދާކުރާ" ކަމަށެވެ.
"މަންމައަށް އަވަސް ޝިފާއަކަށް އެދި ދުއާ ކުރުން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް އެދެން،" ތޯރިގު ބުންޏެވެ.
ކޮރަޕްޝަންގެ ދައުވާ ސާބިތުވުމުން ޖަލަށް ލި ހާލިދާގެ ކުށެއް ނެތް ކަމަށް ކޯޓުން ނިންމައި އޭނާ ދޫކޮށްލީ މި ދިޔަ އަހަރުއެވެ.



advertisment