Support Us

މަރު ނުވަކާން އެނގުމުން އަންހެންމީހާ ވަނީ ހޮސްޕިޓަލަށް ފޮނުވައިލައިފައި

އަންދައިލަން އުޅެނިކޮށް ސަންދޯކުގައި އޮތް "ގަބުރު" ހަރަކާތްކޮށްފި!

ތައިލެންޑްގައި މަރުވި ކަމަށް ހީކޮށް ގެނައި "ގަބުރެއް" ސަންދޯކުގައި އޮވެ ހަރަކާތް ކުރުމުން އޭނާ އަންދައިލުމުން އެންމެ ފަހު ވަގުތު ސަލާމަތްވެއްޖެއެވެ.

އުމުރުން 65 އަހަރުގެ އަންހެންމީހާ ބުދު ދީނުގެ ފައްޅިއަށް އޭނާގެ ބޭބެ މި ދިޔަ އާދީއްތަ ދުވަހު ގެންދިޔައީ އެ އަންހެންމީހާ ނޭވާ ނުލާތާ ދެ ދުވަސް ވުމުންނެވެ. އެއީ ގާތްގަނޑަކަށް ދެ އަހަރު ބަލިވެއުޅުމަށްފަހު ސިއްހަތު ވަރަށް ބޮޑަށް ގޯސްވުމަށްފަހުއެވެ.

އަންހެންމީހާ ސަންދޯކަށް ލައިގެން ފުރަތަމަ ގެންދިޔައީ ވެރިރަށް ބެންކޮކްގެ ހޮސްޕިޓަލަކަށެވެ. އެއީ އޭނާ މަރުވުމުން އޭނާގެ ގުނަވަންތައް ހަދިޔާކުރަން ހަމަޖެއްސި ހޮސްޕިޓަލެވެ. ނަމަވެސް އަންހެންމީހާ މަރުވިކަމުގެ ރަސްމީ ސެޓްފިކެޓް ބޭބެ ހޯދައިފައި ނެތުމުން އަންހެންމީހާގެ ގުނަވަންތައް ނަގަން ހޮސްޕިޓަލުން ދެކޮޅުހެދިއެވެ.

އަންހެންމީހާގެ "ގަބުރު" އަންދައިލަން ގެންދިޔަ ފައްޅިއަކީ މަރުވާ މީހުންގެ ހަށިގަނޑު އަންދައިލުމުގެ ހިދުމަތް ހިލޭ ދޭ ފައްޅިއެކެވެ.

އަންހެންމީހާ ކިރިޔާ ސަލާމަތްވީ އަންދައިލަން ތައްޔާރުކޮށްފައި، އަންހެންމީހާގެ މަރުގެ ސެޓްފިކެޓް ހޯދާނެ ގޮތް އޭނާގެ ބޭބެއަށް ފައްޅީގެ މެނޭޖަރު ޕައިރަޓް ސޫޑްތޫޕް ކިޔައިދެނިކޮށް، ސަންދޯއް ތެރެއިން ޓަކި ޖަހާ އަޑު އިވުމުންނެވެ.

"އަހަރެންނަށް ހައިރާންކަމެއް ލިބިގެން މުވައްޒަފުންނަށް އެންގީ ސަންދޯއް ހުޅުވަން. ދެން އެ 'ގަބުރު' ހަރަކާތްކުރާ މަންޒަރު ފެނުމުން އެންމެންނަށް ލިބުނީ ސިހުމެއް،" ވެރިރަށް ބެންކޮކްގެ ބޭރު ސަރަހައްދެއްގައި ހުންނަ ފައްޅީގެ މެނޭޖަރު ޕައިރަޓް ބުންޏެވެ.

އަންހެންމީހާގެ ބޮލާއި އަތް ހަރަކާތްކުރާ ކަމަށް އޭނާ ބުންޏެވެ.

"ސަންދޯއް ހުޅުވައި ބަލައިލުމުން އަންހެންމީހާ ކުޑަކޮށް ލޯ ހުޅުވައިލި ތަން ދުށިން،" ފައްޅީގެ މުވައްޒަފަކު ބުންޏެވެ.

އަންހެންމީހާ ދެން ވަނީ ވަގުތުން ހޮސްޕިޓަލަކަށް ފޮނުވައިލައިފައެވެ.

ސިއްހީ ހުރިހާ ފަރުވާއެއްގެ ހަރަދު ބަލަހައްޓަން ނިންމީ ފައްޅީގެ އިސް ހާމުދުރުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *