Support Us

ޕުއްޓަލަމްގެ ފެންބޮޑުވެފައިވާ މަގަކުން ބަޔަކު ދަނީ

ލަންކާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުން 40 މަރު

ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެންދިއުމުގެ ކާރިސާގައި ޝްރީ ލަންކާގައި 40 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އިއްޔެގެ މި ކާރިސާގައި 21 މީހުން ގެއްލި 10 މީހުން ޒަހަމް ވެސް ވިއެވެ.

މަގުތައް ބަންދުވެ މުޅި ގައުމުގައި ރޭލު ދަތުރުފަތުރު ވެސް ވަނީ މެދުކަނޑައިލައިފައެވެ.

އެންމެ ގިނަ މީހުން މަރުވީ މެދުތެރޭ ފަރުބަދަމަތީ ސަރަހައްދުތައް ކަމަށްވާ ނުވަރަ އެލިޔާ އާއި ބަޑުއްލާގައި ކަމަށް ރަސްމީ އިދާރާތަކުން ބުންޏެވެ.

ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ބަޑުއްލާގެ ހަލިމަގަކުން ބަޔަކު ދަނީ

"އެ ދެ ސަރަހައްދުން އެކަނިވެސް 25 މީހުން މަރުވި،" އޮފިޝަލަކު ބުންޏެވެ.

އަމްޕާރާގައި ފެންގަނޑުގެ އޮއިގައި ޖެހުނު ކާރެއްގައި ތިބި ތިން ފަސިންޖަރުންވަނީ މަރުވެފައެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް އަސްކަރީ ހެލިކޮޕްޓަރުތަކާއި ބޯޓުތައް ވެސް ބޭނުންކުރިއެވެ.

"ކޯރުތަކާއި އޭގެ ފެން ރައްކާކުރާ ރިޒާވޮޔާތައްވަނީ ބަންޑުން ގޮސްފައި. ނަތީޖާއެއްގެ ގޮތުން މަގުތައްވަނީ ބަންދުވެފައި،" ކާރިސާތައް ބަލަހައްޓާ މަރުކަޒުން ބުންޏެވެ.

މި ހަފުތާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަރުވި މީހުންގެ އަދަދަކީ މި ދިޔަ އަހަރުގެ ޖޫންގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަރުވި މީހުންނަށްވުރެ އިތުރު އަދަދެކެވެ. މި ދިޔަ އަހަރުގެ ޖޫންގައި ބޯކޮށް ވާރޭ ވެހުމުގެ ކާރިސާތަކުގައި 26 މީހުން މަރުވިއެވެ.

ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިއުމުގެ ކާރިސާތަކުގައި މި ދިޔަ އަހަރުގެ ޑިސެމްބަރުގައިވަނީ 17 މީހުން މަރުވެފައެވެ.

މި ގަރުނުގައި ލަންކާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ފެންބޮޑުވުމުގެ ކާރިސާ ހިނގީ 2003 ގެ ޖޫންގައެވެ. އެ ފަހަރު 254 މީހުން މަރުވިއެވެ.

ދަނޑުވެރިކަމަށާއި ކަރަންޓު އުފައްދަން ލަންކާގައި ބަރޯސާވަނީ މޫސުމީ ވާރޭއަށެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުގެ ސަބަބުން ލަންކާގެ މޫސުމީ ވާރޭގައި ގައުމުގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަގުގައި ގިނަވާނެކަމަށް ސައިންސްވެރިން އިންޒާރުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *