ޕާކިސްތާންގައި ސިފައިން ގޮތަށް ހަރަކާތްތެރިވާ ފުލުހުންގެ މަރުކަޒަކަށް އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި ތިން އޮފިސަރުން މަރުވެއްޖެވެ.
ޕާކިސްތާންގެ ތޯލިބާނުން މިހާރު ޒިންމާ ނަގައިފައިވާ އިއްޔެގެ މި ހަމަލާގައި ޕެޝާވަރު ސިޓީގައި އެއް ޓެރަރިސްޓަކު ބޮން ގޮއްވައިލައިގެން އަމިއްލައަށް މަރުވިއިރު އޭނާއާ ބައިވެރިވި އިތުރު ދެ ޓެރަރިސްޓުންގެ ގަޔަށް ބަޑިޖަހައި ވަނީ މަރައިލައިފައެވެ.
އިތުރު 11 އޮފިސަރުން ޒަހަމްވި ހާދިސާއާ ބެހޭ ގޮތުން ޕެޝާވަރުގެ ފުލުހުންގެ ވެރިޔާ މިއާން ސައީދު އަހްމަދު ބުނީ މަރުވި ތިން އޮފިސަރުން ތިބީ މަރުކަޒުގެ ދޮރު ކައިރީގައި ފޯރިމަރަން ކަމަށެވެ.
"ހެނދުނު އޮންނަ ޑްރިލްއާ ދިމާކޮށް ހަމަލާ ދިނީ. ނަމަވެސް ކުއްލި ހާލަތުގައި އަހަރެމެންގެ އަސްކަރީ ފުލުހުން ހަރަކާތްތެރިވުމުން މިއަށްވުރެ ބޮޑު ހާދިސާއަކަށް މި ކަން ނުވެދިޔައީ،" މިއާން ބުންޏެވެ.
ޖަމާއަތުލްއަހްރާރުގެ ނަމުން ނަން ކިޔާ ޕާކިސްތާންގެ ތޯލިބާން ގްރޫޕުން ދިން ހަމަލާ މި އައީ ސަރަހައްދުގައި މި ފަދަ ޓެރަރިސްޓް ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.



advertisment