Support Us

ވާހަކަ: ދަހިވެތި ނަޒަރު

އޮފީސް ނިންމާފައި އޭގެ ފަހުން ގިނަ ދުވަސްދުވަހުގެ ހަވީރު ގަޑި އެއީ އަހަރެންވެސް ނިމާލުވެސް ގޭމު ކުޅޭ ގަޑިއެވެ. އާދައިގެ މަތިން މިއަދުވެސް އަހަރެންނާއި ނިމާލް އިނީ، ނިމާލްގެ ކޮޓަރީގައި ގޭމް ކުޅެން ނަމަވެސް އަހަރެންގެ ސަމާލުކަން ހުރީ ފައުޒީބެއަށެވެ. ގޭތެރޭގެ ސިޓިންގ ރޫމްގަ ކުރެވެމުން ދިޔަ ބަހުޘްގައި ފައުޒީބެވެސް ދޭތެރެ ދޭތެރެއަކުން ބައިވެރިވެލައެވެ. އެކަމަކު ފައުޒީބެގެ އެހެން އެޖެންޑާއެއް ކުރިޔަށްދާކަން އެނގެނީ ހަމައެކަނި އަހަރެންނަށެވެ.

"މިހާރުވެސް ބަލާބަލަ. މަތިމަތިން ލޯނު އެހެރަދެނީ. ކުރީގަ ޗައިނާއިން ލޯނު ދިނީމަ އެވީ ދަންތުރައަކަށް. އެކަމަކު އިންޑިޔާއިން ލޯނުގެ މައްޗަށް ލޯނު ދިނަސް އެނުވޭ ދަންތުރައަކަށް،" ހަސަނު ބުނެލިއެވެ.

ނިމާލްގެ ބައްޕަ އިލްޔާސްއާއި ހަސަނަކީ ފިކުރުގެ ގޮތުން ޚިޔާލު ތަފާތު ދެމީހުނަސް އެއީ ގާތް ރަހުމަތްތެރިންނެވެ. ވަރަށް ގިނައިން ހަސަނު އިލްޔާސްމެންގެއަށް އައިސް އުޅެއެވެ. އަންނަ ކޮންމެ ފަހަރަކުވެސް ވައިފިލުވަން އަނގަތަޅާނެ މައުޟޫއެއް އެވެރިންގެ އޮވެއެވެ. މިދުވަސްވަރު މީ އިންޑިޔާއާ ބެހޭގޮތުން މާވަރުގަދަ ބަހުސްތަކެެއް ރާއްޖޭގަވެސް ކުރެވޭ ދުވަސްވަރެކެވެ. މިބަހުޘްގެ ފޯރި އިލްޔާސްމެންގޭގަ ކުރިޔަށް ދާލެއްވެސް ވަކި ކުޑައެއް ނޫނެވެ.

"ހަސަނުމެނަށް ނޯންނާނެ ރަނގަޅު އެއްގޮތްވެސް. އިންޑިޔާއަކުން ނޫޅެޔޭ މިވަރު ކުޑަތަނެއް ހިފާކަށް. އަޅުވެތިކުރާކަށްވެސް. ބަލަ ހަނދާންނެތީތަ ނޮވެމްބަރ ތިނެއްގަވެސް އެމީހުނޭ އެހީވާން އައީ،" ނިކަން ރަނގަޅަށް ދުފާލަމުން އިލްޔާސް ބުނެލިއެވެ. "ނޫންތަ އަޅެ ފައުޒީބެ؟"

"އާނ. އެހެންޏަ. މިސަރުކާރަށް އިންޑިޔާއިން އެހީވާތީ ހަސަނުމެނަށް ކަމުނުދަނީ،" ފައުޒީބެ އިލްޔާސްއާ ބައިވެރިވެލަން އެހެން ބުނެލިއެއް ކަމަކު ފައުޒީބެގެ ނަޒަރު ހުރީ އެހެން ދިމާއަކަށެވެ. އަހަރެންނަށް ރީތިކޮށް އެމަންޒަރު ފެނެއެވެ.

"ބަލަ ނޭނގެނީތަ އިންޑިޔާއިން ނޮވެމްބަރ ތިނެއްގަ އައި އިރު ދިވެހިން ކުރަންޖެހޭ ކަންކަން އޭރުވެސް ކޮށްފިޔޭ. އޭރު ތަމަޅައިންތައް ފިލައިން ނައްޓާލައިފި. އިންޑިޔާގެ މަދަދަށް އެދުނީ ބެކަޕަކަށް. އަދި ތި އިންޑިޔާ ސިފައިން އައިސް ރާއްޖޭ ނުދާން ބޮޑާ ހޭކީވެސް ކިހާވަރަކަށް އޭނ..؟ އެމީހުން ރާއްޖޭން ބޭރު ކުރަން ޖެހުނީވެސް ގަދަކަމުން. އެވެސް އަހަރެއްހާ ދުވަސް ފަހުން. ހަމަ ނުވިސްނެތީތަ؟.. އެދުމެއް ނެތި ވެދުމެއް ނުކުރާނެއޭ." ހަސަން ބުނެލިއެވެ.

އޭރުވެސް ފައުޒީބެގެ ނަޒަރު ހުރީ އެއް ދިމާއަކަށެވެ. ކުރިމަތީ ހުރި ކޮޓަރީގަ ތުއްތު ދެކުދިން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ހަޔާ އަށެވެ. ހަޔާއަކީ ހެދިބޮޑުވަމުން އަންނަ އެންމެ ބާރަ އަހަރުގެ އަންހެން ކުއްޖެކެވެ. އިސްކޮޅުން ދިގުވެފައި ހަމުގެ ކުލަ އައްޔެވެ. ފައުޒީބެގެ އެ ދަހިވެތި ވަހުޝީ ބެލުން ފާހަގަކުރެވެނީ ހަމައެކަނި އަހަރެންނަށެވެ. އެހެން މީހުނަށް ފާހަގަނުވާތީ އެކަމާ އަހަރެން ހައިރާންވެސް ވެއެވެ. ޝައްކުވާތީ މިވާހަކަ އެއްފަހަރު އިލްޔާސް ކައިރީވެސް ދައްކައިފީމެވެ. އަހަރެން ދެއްކި ވާހަކަ ޤަބޫލެއް ނުކުރެއެވެ. އިލްޔާސް ދެކޭގޮތުގައި ފައުޒީބެއަކީ ވަރަށް ޚުލްޤު ހެޔޮ މާތް މީހެކެވެ. އިލްޔާސްއަށް ފައުޒީބެ "މާތް" ވާ ސަބަބު އަހަރެންނަށް އެނގެއެވެ. އިލްޔާސްމެންގެ ގެ ހަދައިދިނީ ފައުޒީބެއެވެ. ފައުޒީބެއަކީ މާލޭގަ ބޮޑެތި ވިޔަފާރިތައް ކުރާ މީހެކެވެ. އިލްޔާސްއާ އުފެދުނު ގާތްކަމެއްގަ ދޭތެރެ ދޭތެރެއިން މިރަށަށްވެސް އައިސް ހަދައެވެ. އިލްޔާސްމެނަށް ލައްކަ ކަމެއްގަ އެހީތެރިވެދެއެވެ. އެހެންވެ ފައުޒީބެއާމެދު ނުގޮތަކަށް ވިސްނަންވެސް ބޭނުން ނުވަނީ ކަންނޭނގެއެވެ. އެކަމަކު އަހަރެން ދެއްކީ އިލްޔާސްމެންގެ ބޮޑުވަމުން އަންނަ އަންހެން ކުއްޖަކާ ގުޅޭވަހަކައެއް ވިއްޔާއެވެ.

އެހެން ދުވަހެކެވެ. އަހަރެން ގޭމްކުޅެން އެގެޔަށް ދިޔަ ދުވަހަކު ފައުޒީބެ އިނީ ހަޔާ އުނގަށް ލައިގެން ގޭމް ކުޅެން ވެގެނެވެ. އޭރު ނިމާލް ވީ ކޮންމެވެސް އެއްޗެއް ގަންނަން ޖެހިގެން ފިހާރައަކަށް ގޮހެވެ. އަހަރެން އެރީ ރަތަށެވެ. އެކަމަކުވެސް އެއްޗެކޭ ނުބުނަމެވެ. އަހަރެން ގޮސް ޖެހިގެން ހުރި ގޮނޑީގަ އިށީނީމެވެ. ފައުޒީބެ އެއިން ގޮތަށް ހަޔާ އުނގުގަ ބައިންދައިގެން އިނެވެ. އަހަރެން ހުންނަނީ ފާޑަކަށްކަން ފައުޒީބެއަށް އެނގެއެވެ. އަހަރެންނާ ދިމާއަށް ބަލާލާފަ ހިނިތުންވެލިއެވެ. އެހިނިތުންވުމުގަ އެކުލެވިފަވަނީ މަލާމާތެވެ. ބުނާ ކަހަލައެވެ. ކުރެވޭނީވެސް ވަކި ކޮންކަމެއް ހެއްޔެވެ! ކުރު ޓޮޕަކާއި ހަމަ އެހާކުރު ސޯޓެއް ލައިގެން އިން ހަޔާ އިނީ ގޭމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިފައެވެ. ފައުޒީބެ ބުނެލާ މަޖާ އެއްޗެހިން ހަޔާއަށް ވަރަށް ބާރަށް ހީނގަނެވެއެވެ. ހަޔާވެސް ފައުޒީބެއަށް ވަރު ހުރެއެވެ. ބުނި އެއްޗެއް ހޯދައިދޭތީއެވެ.

ގޭމް ކުޅެން އިންއިރު މޮޅުވާ ކޮންމެ ފަހަރަކު ހަޔާ ގޮވައިގަނެއެވެ. އެގޮތަށް މޮޅުވި ދެފަހަރަކު ހަޔާ ތެޅިގަނެފަ ގޮވައިގަތް ގަޑީގަ ފައުޒީބެގެ އުނަގަނޑަށް ގެނައި ލުއި ހަރަކާތެއް ހަމަ ރީތިކޮށް އަހަރެން ދުށީމެވެ. އަހަރެންގެ ރުޅިގަނޑު ދިޔައީ އިންތިހާއަށެވެ. ހަޔާއަކީ ހެދިބޮޑުވަމުން އަންނަ ކުއްޖެކެވެ. އަދި ވަރަށް މައުސޫމެވެ. "ފަހަތުގަ" ހިނގަމުންދާކަމެއްގެ އަންދާޒާއެއްވެސް އެ ޅަސިކުނޑިއަކަށް އަދި ނަގައެއް ނުގަނެވޭނެއެވެ. އެކަމަކު އެއީ ދުވަސްކޮޅަކަށެވެ. އިސާހިތަކު ހިއްސުތައް ހޭލަފާނެއެވެ. ހޭލަން ނުޖެހޭ އިރެއްގައެވެ. ކޮންމެ އިރަކުވެސް އެކަން ހިނގާފާނެއެވެ. ނިމާލަކީ އަހަރެމެންގެ އަވަށްޓެރިއެކެވެ. ރައްޓެއްސެކެވެ. އެގެޔަށް އަބަދު ކަހަލަ ގޮތަކަށް ދެވޭތީ، ދެކެވެނީ ވަރަށްވެސް ގާތްކޮށެވެ. އެހެންވެ އަހަރެން ނިމާލްްގެ އާއިލާއަށް ހެޔޮ އެދެމެވެ. ހިތުގެ އަޑިންނެވެ.

އަހަރެން ނުކުމެގެން އެދިޔަގޮތަށް ގޮސް ހޯދީ އިލްޔާސެވެ. އޭރު އިލްޔާސް އިނީ ބަދިގޭގަ ކާށެވެ. އަހަރެން އިލްޔާސަށް ގޮވާފަ ފައުޒީބެގެ އުނގަށް އަރުވައިގެން އިންތަން ދެއްކީމެވެ. އެތަން ބަލާލާފަ އިލްޔާސް ކަނޑާލީ ޗޮކެކެވެ.

"ދެން ތީ ތަންފުކެއް ބޮޑުވަރެއްނުނ ނިޝާމް! ހަޔާ އެއީ އަދި ކުޑަ ކުއްޖެކޭ. ފައުޒީބެވެސް ދެކެނީ ހަމަ ދަރިިއެއް ފަދައިން. އަހަރެެމެން އާއިލާ ދެކެ ފައުޒީބެ ނުލާހިކު ލޯބިވާނެ. ވަރުހުންނާނެ. އެއީ މާތްކަލާނގެ ލެއްވި ރަހުމަތެއް." އިލްޔާސް ކާން އިނދެގެން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ދިޔައީ ރުޅިވެސް ގަދަވަމުންނެވެ.

"އަހަރެންނަށް އެނގޭ ނިޝާމްމެނަށް ތިވާގޮތް.. ފައުޒީބެ އަހަރެމެންނަށް މާހެޔޮވީމަ އެކަމާ ހަސަދަވެރިވެވެނީހެން މަށަށް ހީވަނީ. ނިޝާމަށް ފައުޒީބެގެ އެއްވެސް ހެޔޮކަމެއް ނުފެނޭ. ހުސް ނުބައިކަންކަން ފެންނަނީ. މިރަށަށް މިފަހަކުން ވަރަށް ބޮޑަށް އުދަ އެރި ދުވަހުވެސް ފައުޒީބެ ނުނ މާލެއިން ބޮޑު ޓީމެއް ފޮނުވާ އެހީތެރިވީ. އެދުވަހު ފައުޒީބެ އެކަން ނުކުރިނަމަ މިރަށް އޮންނާނެ ހާލު ހިތަށް ގެނެސްބަލަ..! ސަރުކާރުގެ އެހީ ލިބުނީވެސް މާފަހުންނުނ.. އަހަރެމެންވެސް އަހަރެމެންގެ ދަރިޔަށް ބަލަމޭ. ފައުޒީބެގެ ތިކަހަލަ ނުބައި ނިޔަތެއް ނޯންނާނެކަން އެނގޭތީ އަޅާނުލަނީވެސް. އެއަށްވުރެ ބޮޑަށް އިތުބާރުވެސް ކުރަން." އިލްޔާސް އަމުނާލިއެވެ. މޫނުމަތިން ފެންނަން ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. އަހަރެން ހަމަ އަޖާއިބުވެ އަންތަރީސް ވިއެވެ. ރުހުމުގެ ލޮލަށް ކަންކަން ނުފެންނަވަރު ހިތަށް އަރާފައެވެ. ބޯމަތިވަމުން، ބަނަ ކުރަމުން އަންނަ ކަޅުވިލާގަނޑުގަ ހުރި ނާމާންކަމަށް ޣާފިލްވެފަ ހުރި މިންވަރު ފެނުނީމައެވެ.

"އަހަރެން ހަޔާ ދެކެނީ ހަމަ އަހަރެންގެވެސް ކޮއްކޮއެއް ގޮތަށް. އޭނައަށް ކަމެއްވާ ދުވަހަކުން އަހަރެން ހަމަގައިމުވެސް ވަރަށް ދެރަވާނެ. ފައުޒީބެއަކީ ކޮންމެ ގޮތެެއް ވިޔަސް ހިލޭ މީހެއް. އެހެން އުނގަށް ލައިގެން އުޅޭވަރަށްވުރެ ހަޔާ ބޮޑުވެއްޖެ މިހާރު. އަނެއްހެން ބެހޭކަމެެއް ނޫން މީކީ. އެކަމުވެސް… އަނެއްކާ ހަޔާ ލައްވާފަ ތިހުންނަނީވެސް ކޮންކަހަލަ ކުރު ހެދުންތަ؟ މީހެއްގެ ހިތް ގޯސްވާނީ ކޮންއިރަކު ކޮންވަގުތަކު ކަމެެއް ނޭނގޭނެ. ރައްކާވެ ތިބިއްޔާ ދަތުރު" އެހެން ބުނެފަ އަހަރެންވެސް ނުކުމެގެން ދިޔައީއެވެ. އެދުވަހަކު ގޭމެއްވެސް ނުކުޅެމެވެ.

އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ. ފައުޒީބެ މާލެ ދިއުމުގެ ކުރިން ނިމާލްމެންގޭ އެންމެން މޫދަށް ދާން ނިންމި ދުވަހެކެވެ. ނިމާލް ކިޔާވަރުން އަހަރެންވެސް އެންމެ ފަހުން ދާން އެއްބަސްވީއެވެ. ހަސަނާ ހަސަނުގެ އާއިލާވެސް މޫދަށް ދިޔައެވެ. މޫދުގަ ތިބިއިރުވެސް އެއްކަލަ ބަހުޘް ހަމަ ކުރިޔަށް ދިޔައެވެ.

"މިހާރު އެވައްޓާލީ އިންޑިޔާ ސިފައިން. އައްޑޫގެ ވަކި އޭރިޔާއެއް އެއޮތީ އިންޑިޔާ މީހުނަށް ދޭން ހާއްސަކޮށްފަ. ހީވޭ ކަމެެއްހެން." ހަސަނު ބުނެލިއެވެ.

"ހެހެހެ.. ހަސަނުމެން ތިބޭ ތިިހެން ކިޔަކިޔާ. އިންޑިޔާ ކޮން ދަހިވެއްޗެއް ވާނީ މިތަން ހިފަން. އެމީހުނެއް ނޫޅެޔޭ ބިންމަދުވެގެނެއް. އިންޑިޔާގެ ނިޔަތަކީ ހެޔޮ ނިޔަތެއް ހަމަ ކޮންމެ އެއްޗެއް ހަސަނުމެން ކިޔަސް" ހަސަނު ދައްކާ ވާހަކަތަކުން ބައެއްފަހަރަށް އިލްޔާސަށް މަޖާވެސް ވެއެވެ. އަހަރެން ދޭތެރެ ދޭތެރެއިން ފައުޒީބެ ގަންނަ ގަނޑެއްވެސް ބަލާލަމެވެ. ކުއްލިއަކަށް މަންޒަރެެއް ލޮލުގަ އަޅައިގަތެވެ. އައިސް ވޯޓަރ ކުޅެމުން ދިޔައިރު ފައުޒީބެ ނޫނިއްޔާ އެތާ ތިބީ ހަޔާވަރުގެ ކުދިންނާ އެއަށްވުރެ ކުޑަ ކުދިންނެވެ. ނިމާލްވެސް ކޮންމެވެސް ވަރަކަށް އެކުޅިވަރުގަ ބައިވެރިވެފަ ދެން ދިިޔައީ ފީނާށެވެ. އަހަރެންނަށް ހުރެވުނީ އިލްޔާސްމެންގެ ބަހުޘް ކުރެވޭ ދިމާގައެވެ.

އުނަގަނޑާ ހަމައަށް ލޮނުގަނޑު ހުރި އެހިސާބުގަ، އަހަރެންނަށް އެއްލުނު ކަޅިއަކުން ފެނުނީ ފައުޒީބެ ހަޔާ ފަހަތުން ދުއްވައިގެނެގެން ގޮސް އައިސް ކޮށްލަން ހަޔާ ގައިގަ އަތްލިތަނެވެ. ހަޤީޤަތުގަ އަތްލީކީ ނޫނެވެ. ހަޔާގެ މޭމަތީގަ ހިފީއެވެ. އެ އަވަސް މަންޒަރު އަހަރެންނަށް ނަގައިގަނެވުނީ ހުށިޔާރުކަމާއެކު ބަލަން ހުރުމުންނެވެ. އަހަރެން އިލްޔާސްމެން އޭރު ކޮބައިތޯ ބަލާލިއިރު ހަމަ އެއޮލަ ވާހަކައިގަ އެމީހުން ތިބިތަން ފެނުނެވެ. އަހަރެން ހަމަ ވަގުތުން އެވާހަކަ ނިމާލް ކައިރީ ބުނީމެވެ. އަހަރެން ރުޅިއައިސްފަ ހުރިވަރު ފެނުމުން ނިމާލް ތަންކޮޅެއް ސީރިއަސްކޮށް އެކަން ނެގިކަން އަހަރެންނަށް ދެނެގަނެވުނެވެ.

މޫދަށް އެރި ނިމުމުން އެންމެންވެސް ދިޔައީ އެބައެއްްގެ ގެއަށެވެ. އަހަރެންެވެސް ފެންވަރާލައިގެން ސައިބޮއެ ހަދާލައިގެން ދިޔައީ ނިމާލްމެން ގެއަށެވެ. މިއަދު ފައުޒީބެއާ ދެކޮޅަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބޭނޭކަމުގެ އުއްމީދެއްވެސް ކުރެވޭތީއެވެ.

އެގެޔަށް ގޮސް އިލްޔާސްމެންވެސް ތިއްބާ ހަޔާއާ ސުވާލު ކުރުމަށް އަހަރެން ނިމާލް ކައިރިން އެދުނީމެވެ. އޭރު ފައުޒީބެވެސް ދިޔައީ ފައުޒީބެ ހުންނަ ގެއަށެވެ. ނިމާލް ހަޔާއާ އެކަމާ ބެހޭގޮތުން ސުވާލު ކުރިއެވެ. ފައުޒީބެ އެއްވެސް ތާކު އަތްލިތޯ ސުވާލު އެހިއެވެ. ހަޔާބުނި ގޮތުގަ ހަޔާއަކަށް އެކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ. އެއީ ތެދަކަށްވެސް ވެދާނެއެވެ. ހަޔާ އުޅުނީ ސަކަރާތް ޖެހުމުގައެވެ. އެޅަ ސިކުނޑިއަށް އެކަހަލަ ޚިޔާލެއް ފައުޒީބެއާ ބެހޭގޮތުން އަންނާނީވެސް ކިހިނެެއް ހެއްޔެވެ؟

"މޭ މައްޗަށް ތިހިރީ ކިހިނެތްވެފަ؟" ނިމާލްގެ ލޮލުގަ ކުއްލިއަކަށް އަޅައިގަތީ ހަޔާ ލާފަ ހުރި ކަރުބޮޑު ޓޮޕްގެ މައްޗަށް ފެންނަން ހުރިބައިން ހަޔާގެ ހަންގަނޑުގަ ރަތްވެފަ ހުރި ތަންކޮޅެކެވެ.

"ކޮބާ..؟ އެބަހުރިތަ؟. އެބަ އަންނަން ބަލާލާފަ" ހަޔާ ދުވެފަ ވަނީ ކޮޓަރިއަށެވެ. އިރުކޮޅަކުން އައެވެ.

"އާނ ރައިޓް ސައިޑް މޭމަތި ދެތަނަކުން އެބަހުރި ރެޑްވެފަަ. އެއީ ހަޔާ އަތު ނުވާންވެގެން ބާރަަށް ދިޔައީމަ އަތްލާން ވެގެން އެންމެންވެސް އަންނަނީ ވަރަށް ބާރަށް. އެހެންވީމަ ކަންނޭނގެ،" ހަޔާ ހުރީ މަޖާވެފައެވެ. ނިމާލް ހަޔާ ފޮނުވާލީ ކޮޓަރިއަށެވެ. އަހަރެމެން އެންމެން ތިބީ ސިޓިންގ ރޫމުގައެވެ.

"ކޮބާ އަދިވެސް ޤަބޫލެއް ނުކުރެވޭ؟" އަހަރެން ބުނެލީމެވެ.

އިލްޔާސް ވަގުތުން ގުޅީ ފައުޒީބެއަށެވެ. ގުޅާފަ ފޯނު ލީ ސްޕީކަރަށެވެ. އިލްޔާސް ކުރަން އެއުޅެނީ ކީއްކަމެއް ސީދާ ސާފެއް ނުވެއެވެ.

"ފައުޒީބެ ވާހަަކައެއް އަހާލަން މިގުޅީ. ހަޔާ ގެޔަށް އައިއިރު އެބަހުރި މޭމަތި ރަތްވެފަ. ރަށު ތެރޭ ބައެއް މީހުން އެބަ ކިޔާ ފައުޒީބެ ހިފީއޭ. އެހެންވެ މިގުޅާލީ" އިލްޔާސް ބުންޏެވެ.

"ހެހެ ރަށުތެރޭ މީހުން ކިޔާފާނެ ދޯ ކޮންމެ އެއްޗެއްވެސް. ފައުޒީބެ އުޅުނީ އެވެރިން އުފާ ކޮށްދެވޭތޯ. ދެން ސަކަރާތް ޖެހުމުގަ ހުރެދާނެ އަތެއް ތަނެއްގަ ބާރަށް ހިފިފަވެސް. އެތާ ތިބި އެތައް ބަޔަކު. ކުޅިވަރު ކުޅުނީ އެންމެން ކުރިމަތީ. އަނެއްކާ ތިބުނާ ކަހަލަ ކަމެއް ވީނަމަ ސީދާ އެވާހަކަ އެކުއްޖަކު ދައްކާނެތާ. ރަށު މީހުންނެއް ނޫންތާ ދައްކާނީކީއެއް. ހެހެހެ.. ފައުޒީބެއަށް ހީވަނީ އިލްޔާސްމެންނާ ގާތްކޮށް އުޅޭތީ ރަށުގެ ބައެއް މީހުނަށް ކަމުނުދަނީހެން" ފައުޒީބެގެ ވާހަކަ އެހިސާބަށް ދިޔަތަނާ އިލްޔާސް ލޯ އަޅާލީ އަހަރެންނަށެވެ. އަހަރެންގެ ހިތަށް އެރިއެވެ. ކޮންފަދަ ނުބައި ނުލަފާ މަކަރު ބުއްދީގެ މީހެއް ހެއްޔެވެ.

"ހެހެހެ.. އެއްޗެކޭ ހީނުކުރައްޗޭ. ރަށުތެރޭގަ ދެކެވުނު ވާހަކައެއް ވީމަ އަހަރެން ބޭނުންވީ ސީދާ ފައުޒީބެ ކައިރީ އެވާހަކަ ބުނެލަން. ރަށުތެރޭގަ ދެކެވޭ މިޒާތުގެ ވާހަކައެއް ވީމަ ފައުޒީބެއަށްވެސް އެނގިފަތާ އޮންނަން ވާނީ. އެހެންވެ އިނގޭ. މިރޭ ވާނެ މިގެއިން ކާން" އިލްޔާސް ފޯނު ބޭއްވިއެވެ. ކުށްވެރިވީ އަހަރެންނެވެ. އެހިސާބުން ދެން އިތުރަށް އެވާހަކަ ނުދައްކަން އަހަރެންވެސް ނިންމީމެވެ. އަހަރެން އެގެއަށް ދެން މާގިނައިން އައިސް ނުހެދުމަށް ނިމާލް ލައްވާ އަހަރެންނަށް އެންގިއެވެ. އެހެންވެ އެގެއަށް ގޮސް ހެދުން ވަރަށް މަދުވިއެވެ. ފަހުން ފަހުން އައިސް ގިނައީވެސް ނުދެވޭ ދުވަސް ތަކެވެ.

އޭގެ ތިންމަސް ފަހެވެ. ފައުޒީބެ އެރަށަށް އަނެއްކާވެސް އައި ފަހަރެކެވެ. ފައުޒީބެ އައިކަން އެނގުނު ހިސާބުން އަހަރެން އެގެއަކަށް ނުދަމެވެ. ލިބުނީ އައިތާ ދެތިން ދުވަސްތެރޭ ފައުޒީބެ ފުރައިގެން ދިޔަ ޚަބަރެވެ. އެއީ ވުން ވަރަށް ނާދިރު ކަމެކެވެ. ސަބަބު ދެނެގަންނަން އަހަރެން ބޭނުންވިއެވެ. ނިމާލްއާ ބައްދަލުކޮށް ސުވާލު ކުރީމެވެ. ނިމާލު ދިނީ ފިނި ޖަވާބެކެވެ. ފައުޒީބެއާ ބައްޕާއާ ވިޔަފާރީގެ ކުޑަ މައްސަލައެއް ޖެހުނީ ކަމުގައެވެ. އަހަރެންނަކަށް އެވާހަކަ ޤާބޫލެއް ނުކުރެވުނެވެ. މައްސަލަ ޖެހުނު ވާހަކައެއް ނޫނެވެ. ޤަބޫލު ނުކުރެވުނީ ޖެހުނު މައްސަލައިގެ ބާވަތެވެ. ވިޔަފާރީގެ ކަމަކަށް ނުވާނެއެވެ. ޔަޤީނެވެ. އެއީ ހަޔާއާ ގުޅުންހުރި ކަމެކެވެ.

އަހަރެން ނިމާލްމެންގެއަށް ދިިޔައީމެވެ. ނިމާލްގެ މަންމަ ފިޒާނާއާވެސް ސުވާލު ކުރީމެވެ. ފިޒާނާވެސް ދިނީ ނިމާލް ދިން ޖަވާބެވެ. އެކަމަކު މޫނުމަތިން ބުނެދެނީ އެހެން ވާހަކައެކެވެ. އަހަރެންގެ ޝައްކު ދިޔައީ އިތުރު ވަމުންނެވެ.

ދަނޑިވަޅު ބަލާފަ ހަޔާއާ ދުރުދުރުން ސުވާލު ކުރީމެވެ. ފައުޒީބެއޭ ބުނާއިރަށް ހަޔާއަށް ރޮވެން އުޅުނެވެ. ދުވެފަ ވަނީ ކޮޓަރިއަށެވެ. އެހިސާބުން ކޮންމެވެސް ކަމެއް ހިނގައިފިކަން އަހަރެންނަށް ޔަޤީންވިއެވެ. އަހަރެންގެ ހީވެސް ޔަޤީނަށް ބަދަލުވިއެވެ.

އަދިއަދަށް ދާންދެންވެސް ފައުޒީ ހަޔާއަށް ކުރީ ކިހާވަރެެއްގެ ގޯނާއެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ހަމަ ގައިމުވެސް އިލްޔާސްމެން ރުޅި އަންނާނީ ފުދޭވަރެއްގެ ބޮޑުކަމެއް ހިނގީމައެވެ. އެކަން ސިއްރު ކުރަނީއެވެ. އެއާއިލާއިން އެވަނީ އެވާހަކަ ނުދައްކަން ނިންމާފައެވެ. އެކަމަކުވެސް ހަސަނަށް އެއްޗެއް އެނގިފަ އޮވެދާނެކަމަށް ހަސަނު ކައިރީ އެވާހަކަ ދައްކާލީމެވެ.

"ނިޝާމް. އަހަރެންނަކަށްވެސް އަސްލު ނޭނގޭ އެހާ ރަނގަޅަކަށް. އެނގެނީ ހަޔާއާ ގުޅުންހުރި ކަމެއްކަން. އަމިއްލަ ދަރިއަށް ދަހިވެތިކަމުގެ ކަޅި މީހަކު ކައިރީގަ ހުރެގެން އަޅަމުންދިޔައިރު އެވަރުވެސް އިލްޔާސަށް ރޭކާ ނުލީމަ އެއީ ދެން ވަރަށް ދެރަވަރުތާ ދޯ.. އަސްލު" ހަސަނުގެ މޫނުމަތިން އެކަމާ ދެރަވުމުގެ އަސަރުތައް ފެނުނުއިރު މަލާމާތުގެ އަސަރެއްވެސް ފެނުނެވެ. ބުނާ ކަހަލައެވެ. ކައިރީގަ ހުރި މީހެއްގެ ދަހިވެތި ނަޒަރު ނޭނގުނު މީހަކަށް އިންޑިޔާ ކަހަލަ ޤައުމެއްގެ ދަހިވެތި ނަޒަރު ވަކި ދެނެގަނެވޭނީ ކިހިނަކުން ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
23
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ވަރަށް ފުރިހަމަ! އިންޑިޔާ މައްސަލައާއި ވާހަކައިގެ އަސްލު މައްސަލައާއި ގުޅުވާފަ އޮތް ގޮތް ވަރަށް ކަމިމުދޭ 🙂

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *