އުމުރާގެ އަޅުކަމުގައި އުޅުނު މީހުން ގޮވައިގެން މަދީނާ ކައިރީގައި ދަތުރުކުރަމުންދިޔަ ބަހެއް ޑީސަލް ޓޭންކަރެއްގައި ޖެހިފައި ގޮވުމުން އިންޑިއާގެ 45 މީހުން މަރުވެއްޖެއެވެ. ސަލާމަތްވީ އެންމެ މީހެއް ކަމަށްވާއިރު އެއް އާއިލާގެ ހަތް މީހުން ވެސް އެ ބަހުގައި ތިއްބެވެ.
ގިނައިން ތެލަންގާނާގެ ސްޓޭޓްގެ ވެރިރަށް ހައިދަރުއާބާދު ސިޓީއަށް ނިސްބަތްވާ މީހުން މަރުވި އިއްޔެގެ މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ އޭނާއަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި އޭނާގެ ހިޔާލުތައް މި ވަގުތު ހުރީ އެ މީހުންގެ އާއިލާތަކާއެކު ކަމަށެވެ.
"ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދެން،" މޯދީ ވިދާޅުވިއެވެ.
ސަލާމަތްވި ހަމައެކަނި މީހާއަކީ މުހައްމަދު އަބްދުލް ޝުއައިބު ކިޔާ ފަސިންޖަރެކެވެ. އޭނާ ޒަހަމްވެފައިވާ ކަމަށް ހައިދަރުއާބާދުގެ ފުލުހުންގެ ކޮމިޝަނަރު ވީ.ސީ. ސައްޖަނަރު ބުންޏެވެ.
"މުހައްމަދު މިހާރު އޮތީ ސައޫދީ ހޮސްޕިޓަލެއްގެ އައި.ސީ.ޔޫގައި،" ސައްޖަރު ބުންޏެވެ.
ތެލަންގާނާ ސަރުކާރުން މިހާރު ނިންމައިފައި ވަނީ، ގާނޫނީ ގޮތުން މަޖުބޫރު ނޫނަސް، މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ފަސް ލައްކަ ރުޕީސް (86،000ރ.) ދިނުމަށެވެ. މީގެ އިތުރުން ސައުދީއަށް ޑެލިގޭޝަނެއް ފޮނުވަން ވެސް ހަމަޖައްސައިފައިވެއެވެ.
ހައިދަރުއާބާދުގެ އިތުރުން ސައުދީގެ ޖިއްދާގައި މިހާރު ވަނީ ކޮންޓްރޯލް ކޮޓަރިތަކެއް ގާއިމުކޮށްފައެވެ. އެއީ މަރުވި މީހުންގެ އާއިލާތަކަށް އެންމެ ފަހުގެ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.



advertisment