Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަޔާތުގެ "ބަރުދަން" ލުއިކުރެވިދާނެ ގޮތްތަކަކީ މިއީ

ދިރިއުޅުމައިގެން ކުރިއަށް ދިއުމަކީ "ބުރަ" ކަމެއް ކަހަލަ އިހްސާސެއް ކުރެވޭ ހެއްޔެވެ؟

ޖޯން ޕާކިސްއަކީ އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީން އިގުތިސާދާއި ވިޔަފާރީގެ ދާއިރާއިން ދަސްވެނިވެފައިވާ މީހެކެވެ. އޭނާގެ ފޮތް "ދަ ޕަވާ އޮފް ލެޓިން ގޯ" ނުވަތަ ތިބާ ކުރިއަށް ދިޔަ ނުދީ ހިފަހައްޓާ ކަންތައްތައް ދޫކޮށްލުމުން ތިބާގެ ނަފުސަށް އެ ލިބޭ ބާރާ ބެހޭ އިރުޝާދުތަކުން ކިޔައިދެނީ ނަފުސާނީ އަދި ޖަޒުބާތީ "ބަރުދަން" ދޫކޮށްލެވުމުން ދިރިއުޅުމަށް ލުއިކަމެއް އިހްސާސް ކުރެވި، ތިބާގެ ސިކުނޑިއަށް ހަމަޖެހުން އަންނަ ކަމެވެ.

މި ބަލައިލަނީ ޖޯންގެ ފޮތުގައި ފާހަގަކޮށްފައިވާ މުހިންމު ފަސް ނުކުތާއަށެވެ. އެއީ:

  1. ހުރިހާ ކަމެއް ވެސް ފެށެނީ ތިބާއަށް ކަންތައްތަކެއް ރޭކާލައި ހިސާބުންނެވެ. ތިބާއަށް ފާހަގަ ނުކުރެވޭ ކަމެއް، މިސާލަކަށް، ނަފުސާނީ ނުވަތަ ޖަޒުބާތީ ގޮތުން ސިކުނޑިއަށް އުނދަގޫ ކުރާ ކަމެއް، އެއީ ތިބާއަށް ނޭނގި، ނުވަތަ އިހްސާސް ނުކުރެވި އޮތް ކަމެއް ކަމަށް ވަންޏާ، އެ ކަމުން ދުރުވާކަށް ނޭނގޭނެއެވެ. އެހެންކަމުން ފުރަތަމަ ފިޔަވަޅަކީ ތިބާގެ ސިކުނޑިއަށް އުނދަގޫކުރާ ކަންތައްތަކަކީ ކޮބައިކަމާމެދު ވިސްނައިލުމެވެ.
  2. ހުރިހާ ކަމެއްގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ. އެހެންކަމުން އެ ކަންތައްތައް ތިބާގެ ކޮންޓްރޯލްގެ ދަށަށް ގެންނަންޏާ ތިބާއަށް ނުތަނަވަސްކަމާއި ސްޓްރެސް ލިބޭނެއެވެ. ދިރިއުޅުން ގުދުރަތީ ގޮތުން ހަމައަކަށް އެޅޭނީ ކޮންމެ ކަމެއްގެ ނަތީޖާއަށް ނުފޫޒު ނުފޯރުވަން މަސައްކަތް ކުރުމުންނެވެ.
  3. ކުރިމަގަށް ކަންތައްތައް ރޭވުމާއި މަގުސަދުތަކެއް ގެންގުޅެ، ހަޔާތުގެ އަމާޒުތަކެއް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. ނަމަވެސް އޭގެ މާނައަކީ ކުރިމަގާމެދު އަބަދު ވިސްނުމެއް ނޫނެވެ. ހާއްސަކޮށް ނުބައިކޮށް ކަމެއް ހިނގާފާނެ ކަމާމެދުއެވެ. ހަގީގަތަށް ވިސްނައިލައިފި ނަމަ، އަސްލު ވަގުތަކީ "ޕްރެޒެންޓް މުމެންޓް" ނުވަތަ "މި ހިނގަމުންދާ ހިނދުކޮޅެ"ވެ. މާޒީއަކީ ވެނިމިދިޔަ ވަގުތެވެ. އެ ކަމެއް ބަދަލު ނުކުރެވޭނެއެވެ. އެހެންކަމުން އެ ކަމާ ފިކުރު ކުރުމުގެ ބޭނުމެއް ނެތެވެ. މާޒީގައި ކުރިމަތިވެފައިވާ ހިތިކަން ކުރިމަގުގައި ހަމައަކަށް އަޅުވަން ރާވައި މަސައްކަތް ކުރުމަކީ ހަގީގީ ހައްލެވެ. މިހެންވެ، ތިބާގެ ސިކުނޑިއަށް ހަމަޖެހުން ލިބޭނީ އަދި އެ ހަމަޖެހުން އިތުރުވަމުންދާނީ މާޒީގައި ހިފަހައްޓައިގެން އުޅޭ އުޅުން ދޫކޮށްލައި، ކުރިމަގާމެދު ބިރުނުގަނެ، އަބަދުވެސް މި ވަގުތު ކުރެވެން އޮތީ ކޮން ކަމަކާމެދުކަން ވިސްނައި، އެ ގޮތުގެ މަތިން އަމަލު ކުރުމުންނެވެ.
  4. ހަޔާތުގައި ބުރައަކަށްވެފައިވާ ކަންތައްތަކާއި މާޒީގެ ހިތި ތަޖުރިބާތައް އެއްފަރާތްކޮށް، އެ ކަންތައްތައް ސިކުނޑިން "ދޫކޮށްލުމަކީ"، ނުވަތަ ފޮތުގެ ނަމުގައި އެ ބުނާ "ލެޓިން ގޯ"އަކީ ތިބާގެ ނަފުސާނީ ނިކަމެތި ކަމެއް ނޫނެވެ. ހަގީގަތުގައި ނަފުސާނީ ބާރުގަދަކަމަކީ ވީ ކަމެއް ވެއްޖެކަން ގަބޫލުކޮށް، އެ ކަމުން ފިލާވަޅާއި އިބްރަތް ހާސިލުކޮށް، ކުރިމަގު އުޖާލާ ކުރުމަށް މަސައްކަތްކުރުމެވެ.
  5. މިނިވަންކަން ފެށެނީ ކަންތައްތަކުގައި ހިފައިގަނެގެން ނޫޅެ، ކުޑަ ދުރުކަމެއް ބަހައްޓައިގެން ކަންތައްތަކައިގެން ކުރިއަށް ދިއުމުންނެވެ. ތިބާގެ ނަފުސާމެދު ތިބާ ދެކޭ ގޮތް ނުވަތަ "އައިޑެންޓިޓީ"އެއީ ކުރިން ނުރަނގަޅު ސިފަ ޖެހިފައިވާ އެއްޗެއް ނަމަ އެ ކަން ދޫކޮށްލާށެވެ. ހިތުގައި ގެންގުޅޭ ބިރުތަކާއި ބޭނުންވާ ނަމަވެސް ނުލިބިދާނެ ނަތީޖާތައް ލިބޭނެ ކަމަށް ހީކޮށްގެން ނުވަތަ އުއްމީދުކޮށްގެން ހުންނަ ހުރުން ދޫކޮށްލުމުން ޖަޒުބާތުތަކަށް ލުއިކަމެއް ލިބޭނެއެވެ.

ޖޯންގެ ފޮތުގައި ކިޔައިދެނީ ހަޔާތުގެ ނުރަނގަޅު ކަންތައް ދޫކޮށްލާނެ ގޮތެވެ. ސީދާސާދާ ބަހުރުވައިންނެވެ. މަޑުމައިތިރި ގޮތަކަށް، ހަގީގީ ނަތީޖާ ނެރެވޭނެ ގޮތަށް، އަދި ކޮންމެ ކަމަކާމެދު ވަކި ގޮތަކަށް ނުދެކި ވެސް އެ ކަމާ ދުރުވެވިދާނެ މަގެވެ. ކުރު ގޮތަކަށް ބުނާ ނަމަ ޖޯންގެ ފޮތުން ކިޔައިދެނީ ހަޔާތް ހަމައަކަށް އެޅޭނީ ދިރިއުޅުމަކީ ފަސޭހަ ކަމަކަށް ހެދީމާ ކަމެވެ.

  • ތަރުޖަމާއެއް