އެއް ދުވަހަކު ގްރޯސަރީއެއް ކުރިމައްޗަށް އަހަރެންގެ ރަހްމަތްތެރިއަކު ބޭލީމެވެ. އޭނާ ދިޔައީ ބައެއް ތަކެތި ގަންނާށެވެ.
އަހަރެން މަޑުކޮށްގެން އިންދާ ފާހަގަވީ ގެދޮރު ނެތް މީހަކު އެ ފިހާރައިގެ ކުރިމަތީގައި ހުއްޓައެވެ.
ދެން އެ ތަނަށް ޒުވާނަކު އައެވެ. އޭނާގެ އުމުރުން ވާނީ ވިހީގެ މެދުތެރޭގެ އަހަރެއް ކަމަށް ފެނެއެވެ.
އެ ޒުވާނާ މަޑުކުރީ ގެދޮރު ނެތް މީހާއާ ތަންކޮޅެއް ކައިރީގައެވެ. ދޭތެރެއަކުން ގެދޮރު ނެތް މީހާއާ ދިމާއަށް ބަލައިލައެވެ. ނަމަވެސް އެހީ ނުވެ ހުރި ގޮތަށް ހުރީއެވެ.
ދެން އެ ތަނަށް އައީ ތަންކޮޅެއް އުމުރުން ދޮށީ މީހެކެވެ. ސާޅީހަކަށް އަހަރުގެ ވަރަށް އަޑުގަދަ، މީހުންގެ ސަމާލުކަން ހޯދާ ޒާތަކަށް އުޅުނު މީހެކެވެ.
އެ މީހާ، ގެދޮރު ނެތް މީހާގެ ގާތަށް ދިޔައެވެ. އަދި ބޮޑާވެލައިފައި، ވަޒީފާއެއް ހޯދަންވީ ނޫން ހެއްޔޭ، ގެދޮރު ނެތް މީހާއާ ދިމާއަށް ބުނެލިއެވެ.
އެ މީހާ، ގެދޮރު ނެތް މީހާއާ ވާހަކަ ދައްކަމުން ދިޔަ އިރު އަހަރެންނަށް ފެނުނު އެއްކަލަ ޒުވާނާ ވަރަށް ރިވެތި އަދި އަހަރެން ދުވަހަކު ވެސް ހީނުކުރާ ފަދަ ކަމެއް ކުރިއެވެ.
ޒުވާނާ މަޑުކޮށްގެން ހުރީ ގެދޮރު ނެތް މީހާގެ ސަމާލުކަން އެހެން ދިމާއަކަށް އެނބުރެން ދެނެވެ. އެއީ ގެދޮރު ނެތް މީހާގެ ފުޅިއަށް ފައިސާ ބޮނޑިއެއް ލާނެ ފުރުސަތަކަށް ބަލަބަލައެވެ.
ގެދޮރު ނެތް މީހާއާ ދިމާއަށް އެއްޗެތި ކިއި މީހާ އެންމެ ފަހުން އެ ތަނުން ދިޔައެވެ.
ގެދޮރު ނެތް މީހާ ދެން އޭނާގެ ފުޅީގައި ކުރިއަށްވުރެ ގިނަ ފައިސާ ހުރިކަން ފާހަގަ ކުރެވިގެން، އޭނާއާ ދިމާއަށް އެއްޗެތި ކިއި މީހާއަށް ގޮވައިލިއެވެ. އަދި އެ މީހާއަށް ޝުކުރު އަދާކުރިއެވެ.
ޒުވާނާ ދެން އެ ތަން ދޫކޮށްފައި ދިޔައީ އަމިއްލަ ނަފުސަށް ހިނިތުންވެފައި ހުރެއެވެ.
މި މަންޒަރު އަހަރެންނަށް ނުފެނުނު ނަމަ މިއީ އަހަރެންނަށް ގަބޫލު ކުރަން ވެސް ދަތި ކަމަކަށް ވީހެވެ.
ޒުވާނާ ގެދޮރު ނެތް މީހާއަށް ހަދިޔާއެއް ދިނީ އެއްވެސް އެއްޗެއް އަނބުރާ ހޯދުމުގެ ބޭނުމެއް އޮވެގެނެއް ނޫނެވެ. އަދި މީގެ އިތުރުން އޭނާ އެ ވަނީ އޭނާ ކުރި އަމަލުގެ ރީތި ނަން އެހެން މީހަކަށް ލިއްބައިދީފައެވެ. ރަނގަޅު ޝަހުސިއްޔަތު ހުންނަ މީހުންނަކީ މިއެވެ.
