ވިހިވަނަ ގަރުނުގައި ފޯނު އީޖާދުވުމާއެކު، ދުނިޔޭގެ މުއާސަލާތީ ދާއިރާއަށް އައީ ހައިރާންކުރުވަނިވި ކުރިއެރުމެކެވެ. ފާއިތުވި 30 އަހަރުގެ ތެރޭގައި މޯބައިލް ފޯނު ތައާރަފުވެ، ކޮންމެ މީހެއްގެ އަތުގައިވެސް ދުނިޔޭގެ ކޮންމެ ކަންކޮޅަކާ ގުޅައި މުއާސަލާތުކުރެވޭ އާލާތެއް އޮންނަން ފެށިއެވެ. އެހެންނަމަވެސް މިއަދު މި ބޭނުންތެރި އާލާތް އީޖާދުކުރެވުނު އަސްލު މަގުސަދު ހާސިލުވުމުގެ ބަދަލުގައި، އޭގެ ސަބަބުން އިންސާނުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވަމުންދާ މަންޒަރު ފެންނަމުންދެއެވެ.
ވޭތުވެދިޔަ 20 އަހަރު ތެރޭގައި ވަނީ އެތައް ބަޔަކާ ބައްދަލުވެ، ތަފާތު ވާހަކަތައް އަޑުއިވިފައިވެއެވެ. ގިނަ ގުޅުންތައް ފެށި، އެ ގުޅުންތައް ނިމިގެންދިޔަ މަންޒަރުވެސް ފެނިފައިވެއެވެ. ގިނަ ފަހަރަށް މި ފެށޭ ގުޅުންތައް ރެނދުލާން ދިމާވަނީ ފޯނާ ގުޅުންހުރި ކޮންމެވެސް ކަމަކާ ހެދި ކަމުގައި އެމީހުން ބުނެއެވެ.
އަހަރެންގެ ރައްޓެހި އެޑަމް ގަބޫލުކުރާ ގޮތުގައި އޭނާގެ އަނބިމީހާ އޭނާއަށް ސިއްރުން ކަންކަން ކުރެއެވެ. އެޑަމްއާއެކު ހުންނައިރު އޭނާގެ އަނބިމީހާގެ ފޯނު އޮންނަނީ ނިއްވާލާފައެވެ. އެގޮތަށް ކަންތައް ނުކުރުމަށް އެދުމުންވެސް އޭނާގެ އަނބިމީހާ އެކަން ބަދަލެއް ނުކުރެއެވެ. އެޑަމްގެ ރައްޓެހިން އެކަމާ އަޅައިނުލުމަށް ނަސޭހަތްތެރިވިޔަސް، އެކަމުގެ ސަބަބުން އެޑަމްއަށް ވަނީ ނުތަނަވަސްކަން އިހުސާސްވެފައެވެ. އެޑަމްގެ ކަންބޮޑުވުމަކީ އޭނާގެ ރައްޓެހިންގެ ތެރެއިން ބައެއް މީހުން ވަގު ގުޅުންތައް ބާއްވާއިރު، އެމީހުން ގެއަށް ދާއިރު ފޯނު ފޯކަސް މޯޑަށް ނުވަތަ ސައިލެންޓަށްލައި ނިއްވާލަނީ އަނބިމީހާއާއެކު އިންނަ ވަގުތު އެހެން އަންހެނަކު ގުޅައިފާނެތީކަމަށް ވުމެވެ.
އެޑަމްގެ އަނބިމީހާ ފިރާޝާއާ ދިމާވިއިރު، އޭނާ ބުނީ އެޑަމް އޭނާއާމެދު ޝައްކުކޮށް ފޯނުގެ ޕާސްވޯޑުތައް ދިނުމަށް ތަކުރާރުކޮށް އުނދަގޫކުރާ ވާހަކައެވެ. އަދި ގޭތެރޭގައި މަސައްކަތެއްގައި އުޅެނިކޮށް ފޯނު ނުނެގިއްޖެނަމަ، އެތައް ބައިވަރު މެސެޖެއް ފޮނުވައި ސްކްރީން ފުރައިލާކަމަށް ބުންޏެވެ. އޭނާއާމެދު އެޑަމް އެހާ ބޮޑަށް ޝައްކުކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، މިހާރު އޭނާ ވިސްނަނީ އެޑަމްއާ ދުރުވާން ކަމަށް ފިރާޝާ ހާމަކުރިއެވެ.
އަޅުގަނޑު ދަންނަ ސޫޒަން އޭނާގެ ލޯބިވެރިޔާއާ ރުޅިވީ އޭނާގެ ނަން ފޯނުގައި "ލޯބީ" ކިޔައިފައި ސޭވްކޮށްފައި ނެތުމުންނެވެ. ސޫޒަންގެ ރައްޓެހިން ޤަބޫލުކުރާ ގޮތުގައި ލޯބީގެ ގުޅުމެއްގައި ފޯނުގައި ނަން ސޭވްކުރަންޖެހޭނީ އެހެން މީހަކަށް ފޯނެއް އަންނަތަން ފެނުނަސް އެ ގުޅަނީ ލޯބިވެރިޔާކަން އެނގޭނެ ގޮތަށެވެ. އެގޮތަށް ނަން ސޭވްނުކުރާނީ އެކަން ފޮރުވަންޖެހޭ އެހެން ސަބަބުތަކެއް ހުރެގެންކަމަށް އެމީހުން ދެކެއެވެ.
ސޫޒަންގެ ރައްޓެހި ރުޔާ ކިޔައިދިނީ އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާ އޭނާއަށް ގުޅުމުން ފޯނު ނަގައި "ޔެސް ބޮސް" ކިޔާ ވާހަކައެވެ. ފުރަތަމަ ރުޔާ ހީކުރީ އެއީ ހަމައެކަނި މަޖަލަކަށް ބުނާ އެއްޗެއް ކަމަށެވެ. ނަމަވެސް ފަހުން އޭނާއަށް އެނގުނީ އެއީ އެ މީހާ ގޭގެ މީހުންނަށް ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން ނޭނގުމަށް ބުނާ ބަހެއްކަމާއި، އަދި އެ މީހާ ވަނީ އެހެން މީހަކާ ކައިވެނިކުރުމަށް ހަމަޖެހިފައިކަމެވެ.
ލޯބީގެ ގުޅުމެއްގައި ފޯނު ބޭނުންކުރުމުގައި ހިފިފަހައްޓަންޖެހޭ ވަކި އަދަބުތަކެއް ވާކަން ފޮތްތަކުގައި ލިޔެފައި ނެތްނަމަވެސް، ގިނަ މީހުންނަށް އެކަން އެނގެއެވެ. ގިނަ ރައްޓެހިން ފާހަގަކުރާ އެއް މައްސަލައަކީ އެމީހުންގެ ލޯބިވެރިޔާ ފޯނު ބާއްވާއިރު "އައި ލަވް ޔޫ" ނުވަތަ "ލޯބިވެއޭ" ނުބުނާތީއެވެ. މިފަދަ ބަސްތައް ނުބުނާނަމަ، އެއީ ލޯބި ނުވާތީ ކަމަށް ދެކި ގިނަ މައްސަލަތައް ޖެހޭކަން ފާހަގަކުރެވެއެވެ.
ބައެއް މީހުން ފާހަގަކުރާ ގޮތުގައި އެމީހުންގެ ލޯބިވެރިން އެމީހުންނާއެކު އިނދެފައި ބައެއް ފޯނުކޯލުތަކަށް ޖަވާބުދިނުމަށް ދުރަށް ޖެހުމުން އެމީހުންނަށް އުނދަގޫވެއެވެ. އެމީހުންގެ ކުރިމަތީގައި ބައެއް ފޯނުކޯލުތަކަށް ޖަވާބުދީފައި، އަނެއްބައި ކޯލުތަކަށް ޖަވާބުދިނުމަށް ދުރަށް ދާންޖެހޭ ސަބަބެއް އެމީހުންނަށް ނުވިސްނެއެވެ.
އަހަރެންގެ ރައްޓެހި އަކުރަމް ކުރިމަތިވާ މައްސަލައަކީ އޭނާގެ ލޯބިވެރިޔާއަށް މެސެޖެއް ފޮނުވުމަށްފަހު އެތައް ގަޑިއިރެއް ވަންދެން ޖަވާބު ނުލިބުމެވެ. އޭނާ ޖެހެނީ ގުޅައި ފޯނު ޗެކްކޮށްލުމަށް އެދޭށެވެ. ނަމަވެސް އަކުރަމްއާއެކު ވަގުތު ހޭދަކުރާއިރު، އޭނާގެ ލޯބިވެރިޔާ އެހެން މީހުންގެ މެސެޖުތަކަށް ވަގުތުން ޖަވާބުދޭތަން ފެނެއެވެ. ފަހަކަށްއައިސް އޭނާގެ ލޯބިވެރިޔާގެ ފޯނު ގިނައިރު ނިވިފައި އޮންނަކަން ފާހަގަކުރެވި، ސަބަބު އެހުމުން ބުނަނީ ބެޓަރީ ހުސްވާތީ ކަމަށެވެ. މިކަންކަމުގެ ސަބަބުން އަކުރަމްއަށް ވަނީ ބޮޑު މާޔޫސްކަމެއް އިހުސާސްކުރެވިފައެވެ.
އަކުރަމްގެ ލޯބިވެރިޔާ އަނީ އަހަރެން ކައިރީގައި ބުނީ އަކުރަމް އަމަލުކުރަނީ ކުޑަކުއްޖެއްހެން ކަމަށެވެ. އެ ދެމީހުންގެ ދެމެދުގައި މައްސަލައެއް ޖެހުމުން ފޭސްބުކުގައި އެ ވާހަކަ ސްޓޭޓަސްއެއްގެ ގޮތުގައި ޝާއިޢުކޮށް، ދެމީހުންގެ ގުޅުން ހާމަވާގޮތަށް ވާހަކަދައްކާތީ އުނދަގޫވާކަމަށް ބުންޏެވެ. އަނީއަށް އަކުރަމްގެ ކިބައިން ތާއަބަދު ލޯބިވެގެން އުޅެން ބޭނުންވާ ސިފަ ފެންނާތީ އެކަމާ ހިތްހަމަނުޖެހޭކަމަށާއި، އޭނާއަށް މިފަހަކަށްއައިސް އަކުރަމްއާ ހެދި ނޭވާލާން އުނދަގޫވާ ވާހަކަ ބުންޏެވެ.
އަނީ ވަގުތުން ވަގުތަށް އަކުރަމްގެ މެސެޖުތަކަށް ޖަވާބު ނުދެނީ ޒުވާބަކަށް ދާންޖެހިދާނެތީ ކަމަށް ބުންޏެވެ. އަދި ފަހަކަށްއައިސް ފޯނު ނިއްވާލަނީވެސް އަކުރަމްއާ ވާހަކަދައްކައިގެން މޫޑު ހަލާކުވެދާނެތީ ކަމަށް ބުންޏެވެ. އެންމެ ފަހުން އަކުރަމް މައްސަލަ ޖެއްސީ އަނީގެ އިމަޖެންސީ ކޮންޓެކްޓަކަށް އޭނާގެ ނަން ނުޖަހައިގެން ކަމަށެވެ. އަނީގެ އިމަޖެންސީ ކޮންޓެކްޓަކަށް ޖަހާފައިވަނީ އޭނާގެ ބައްޕަގެ ނަންކަމުގައި އަހަރެންނަށް އޮޅުން ފިލުވައި ދިނެވެ.
މި ހުރިހާ މުއާމަލާތްތަކެއްގެ މައިގަނޑު މައްސަލަ ދިމާވަނީ ފޯނުގެ ކޮންމެވެސް ކަމަކާ ހެދިޔޭ ބުނެގެން ފަރުޖެހޭކަށް ނެތެވެ. ޒަމާނާއެކު ފޯނަށް އާ ބަދަލުތައް އައިކަމުގައިވިޔަސް، އެ ފޯނު ބޭނުންކުރަނީ އަދިވެސް އިންސާނުންނެވެ. ބަލި ހިތްތަކުގެ ވެރިންނެވެ. ތާއަބަދު ކަންކަމުގައި ޝައްކު އުފެދޭ އިންސާނުންނެވެ. ސިކުންތުން ސިކުންތަށް ޓިކްޓޮކާއި އިންސްޓަގްރާމުން އެކި މީހުން ގުޅުންތައް ބަދަހިކުރުމާބެހޭގޮތުން ދޭ ނަސޭހަތްތައް ބަދަލުވަމުންދިޔަ ނަމަވެސް، އިންސާނުންގެ އަސާސީ ސިފަތަކަށް ވޭތުވެދިޔަ ގަރުނުތަކުގައި މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ގުޅުންތައް ދެމެހެއްޓުމާބެހޭގޮތުން ވީޑިއޯތަކުން މީހުން އިރުޝާދުދީގެން ސިކުނޑިން ގަބޫލުކުރެވުނު ކަމުގައިވިޔަސް، ކަންކަން ނިންމުމުގައި ބުރަވެވޭނީ ހިތަށްކުރާ އަސަރުގެ މައްޗަށް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ރުއްސައިގެން ގެންގުޅެން ދަސްކުރަންވީ ހިތެވެ. ފޯނެއް ނޫނެވެ.
