ފްރާންސްގެ ވެރިރަށް ޕެރިސްގެ ތިން ގަބުރުސްތާނެއްގައި ހުރި މަޝްހޫރު މީހުންގެ މަހާނަތައް ކައިރީގައި، އެ މީހެއްގެ އަމިއްލަ މަހާނަ ބެހެއްޓުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ؛ އެ މަޝްހޫރު މީހާގެ މަހާނައިގެ އާބާތުރަ ފިލުވައިދޭ ނަމައެވެ.
މި މަޝްރޫއު ފެށުމުގެ ގޮތުން ފްރާންސް ސަރުކާރުން މިހާރު ވަނީ 30 ޖާގައެއްގައި ވަޅުލެވުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. އެއީ ލޮޓަރީއެއް ހިންގައިގެންނެވެ.
"ފުރުސަތު ހުޅުވައިލިތާ އެއް ދުވަސް ތެރޭގައި 1،000 އެޕްލިކޭޝަން ފޯމަށް އޮންލައިންކޮށް މީހުން ކްލިކްކޮށްފައިވޭ،" އޮފިޝަލަކު ބުންޏެވެ.
މި މަޝްރޫއުގައި ބައިވެރިވާ މީހުންނަށް ޖެހެނީ އިހުމާލުވެފައިވާ މަހާނަތައް ސާފުކޮށް، އަލުން ރީތި ކުރާށެވެ.
"ޝަރުތުތަކަށް އަމަލު ނުކޮށްފި ނަމަ، ރިފަންޑެއް ނުލިބޭނެ،" ސިޓީ ކައުންސިލުން ބުންޏެވެ.
މި މަޝްރޫއުގެ ބޭނުމަކީ ތަރިކައިގެ ގޮތުގައި ބެލެވޭ މަހާނަތައް އަލުން ރީތިކުރުމެވެ. އަދި ޕެރިސްގެ މެދުތެރޭގައިވާ ސަހަރާތަކުގައި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމެވެ. މީގެ އިތުރުން ސަގާފީ ތާރީހުގައި ބައިވެރިވުމުގެ ފުރުސަތު މީހުންނަށް ދިނުމަކީ ވެސް މި މަޝްރޫއުގެ އަމާޒެކެވެ.



advertisment