މި ލިޔުމުގައި މި ލިޔެލަނީ މާލޭގައި ދިރިއުޅޭ އަންހެނެއް ކަމަށްވާ ޒުބޭދާގެ ވާހަކައެވެ. ޒުބޭދާއަށް މިއަހަރު 58 އަހަރު ފުރިއްޖެއެވެ. އޭނާގެ ދަރިން ބޮޑެތިވެ މާމަދަރިން ލިބިއްޖެއެވެ. މި ފަހަކަށް އައިސް އޭނާ ކުރަން ފަށައިފައިވާ ކަމަކުން އޭނާގެ ފިރިމީހާއަށާއި ދަރިންނަށް ވަނީ އުނދަގޫވެފައެވެ.
މިދިޔަ އަހަރުގެ ވަކި ހިސާބަކުން ޒުބޭދާ ކޮންމެ ދުވަހަކު ގަވާއިދުން ޖަނާޒާ ޕޭޖް ބަލައިގެން މީހުންގެ ޖަނާޒާތަކަށް ދާން ފަށައިފިއެވެ. އޭނާގެ މި އާދައިގެ ސަބަބުން އޭނާގެ ގާތް މީހުންނަށް އުނދަގޫވަނީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ. މަރަކީ މީހުން ބިރުގަންނަ ކަމެކެވެ. ވާހަކަ ދައްކަން ބޭނުންނުވާ މައުލޫއެކެވެ. ވެގެން ވާނަމަ އެއްވެސް މީހަކު މަރުގެ ވާހަކަ ދައްކާނޭހެނެއް އޭނާއަކަށް ހިޔެއްނުވެއެވެ.
ޒުބޭދާއާ މިކަން ކުރަން ފެށީ ކީއްވެގެންތޯ ސުވާލުކުރުމުން، ޖަވާބުގައި އޭނާ ބުނީ ކޮންމެ ޖަނާޒާއެއްގައި އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ވިސްނައިލަން ފުރުސަތު ލިބޭތީ ކަމުގައެވެ.
މި ފަހަކަށް އައިސް އޭނާއަށް ދުނިޔޭގައި ހޭދަކުރާ ވަގުތާ ބެހޭގޮތުން ތަފާތުކޮށް ވިސްނެން ފަށައިފިއެވެ. މީހުން އާންމު ގޮތެއްގައި ވިސްނަނީ އަހަރުމެން ހިނގަނީ މުސްތަގުބަލާ ދިމާލަށް ބަލައިގެން ކުރިޔަށް ކަމުގައި ވިޔަސް، ޒުބޭދާއަށް މިހާރު ގަބޫލުކުރެވެނީ އަހަރުމެން އެންމެން މުސްތަގުބަލާ ދިމާލަށް ހިނގަނީ މާޒީއަށް ބަލަމުން ކަމުގައެވެ. އޭނާ ކިތަންމެ އެދުނަސް މުސްތަގުބަލުގައި ވާން ހުރި ކަންކަމެއް އޭނާއަކަށް ނުފެންނާނެއެވެ. ބައެއް ފަހަރަށް މުސްތަގުބަލުގައި ވާނޭ ކަންކަމުގެ ކުޑަ ތަންކޮޅެއް ފެނިލައިފައި ގެއްލިދާނެއެވެ. ނަމަވެސް އޭނާއަށް ކޮންމެ ވަގުތެއްގައިވެސް މާޒީ ދިގުވަމުން ފުޅާވަމުންދާތަން ފެނެއެވެ.
މިއަދު އޭނާއަށް މާޒީގެ އެކި ބައިބަޔަށް ވިސްނައިލަން ފުރުސަތު ލިބެނީ މީހުންގެ ޖަނާޒާގައި ބައިވެރިވާ ހިނދުގައެވެ. މައްޔިތާގެ މޫނު ދެކުމަށް އަންނަ މީހުންގެ މޫނުމަތި ފެނިފައި، ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެމީހެއް ދިޔުމުން ހިތާމަކުރާ މީހުން ތިބިކަން އޭނާއަށް އެނގެއެވެ. އެއީ ކޮންމެވެސް ގޮތަކުން އެމީހުންގެ ހަޔާތުގައި ބައެއް އެމީހާއަށް އަދާކުރެވިފައިވީމާ ކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ.
އެ ހިނދު އޭނާއަށް އަމިއްލައަށް އޭނާގެ ހަޔާތުގައި އުޅޭ މީހުންނާ ދޭތެރޭ ވިސްނައިލެވެއެވެ. އޭނާ ދިޔުމުން ދެރަވާނީ ކޮންބަޔެއްތޯ، އަދި އެމީހުން އޭނާގެ މަތިން ހަނދާންކުރާނީ އޭނާއަށް ކުރެވިފައި ނުވަތަ ކޮށްދެވިފައިވާ ކޮންކަމަކުންތޯ ހިތަށް އަރައެވެ. މީސްމީހުންގެ ޖަނާޒާގައި ބައިވެރިވާން ފެށިފަހުން އޭނާ މަގުތައްމަތީގައި ހިނގާއިރުގައިވެސް ކޮންމެ މީހަކާ ދިމާލަށް ބަލާގޮތް ތަފާތުވާން ފަށައިފިއެވެ. ކޮންމެ މީހަކީވެސް މި ދުނިޔެ ދޫކޮށް އަލްވަދާއު ކިޔާނޭ ފުރާނައެއްގެ ގޮތުގައި ފެންނަން ފަށައިފިއެވެ. ކުރީގައި އޭނާއަކީ މީހުންނާ އެހާ ގާތްކަން ބާއްވާހިތްވާ މީހެއް ނޫން ނަމަވެސް، މިފަހަކަށް އައިސް ކޮންމެ މީހަކަށްވެސް އޭނާ ކަންތައް ކޮށްދެވޭތޯ ބަލަނީ ހެޔޮކޮށެވެ. އެއީ އޭނާގެ ހަޔާތުގެ އެންމެ ފަހު ހިނދުކޮޅަށް ވެދާނެއެވެ. ނުވަތަ އެމީހާގެ ހަޔާތުގެ އެންމެ ފަހު ހިނދުކޮޅަށް ވެދާނެއެވެ.
ޖަނާޒާތަކަށް ދާން ފެށިފަހުން މީހުންނާ ދޭތެރޭ ހިތްބުރަކުރުމުގެ އާދަ މުޅިން ކެނޑިގެން ހިނގައްޖެއެވެ. މަރުވެފައިވާ މައްޔިތުންގެ ކައިރިއަށް ޒިޔާރަތްކުރާ ގަޑީގައި އެއިން ކޮންމެ މީހަކީވެސް އެތެރޭގައި މަޢުސޫމިއްޔަތު ބިންވަޅު ނެގިފައިވާ މީހުންގެ ގޮތުގައި ފެންނަން ފަށައިފިއެވެ. ދުނިޔޭގައި އުޅޭއިރުގައި ކޮންމެ މީހަކަށްވެސް ކުރިމަތިވާނޭ އިމްތިހާނުތަކާ މެދު ވިސްނެން ފަށައިފިއެވެ. މި ދުނިޔޭގައި ހިތްދަތިކަމާއި ވޭން ތަހައްމަލު ނުކޮށް ނިމިދަނީ ކޮންބަޔެއް ބާއޭ ވިސްނެން ފަށައިފިއެވެ. ދުނިޔޭގައި އުޅޭ ހުރިހައި ދުވަހަކު ކޮންމެ މީހަކުވެސް ބަލަނީ ކޮންމެވެސް އެއްބަޔެއްގެ ރުހުން ލިބޭގޮތަށް އުޅެވޭތޯއެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް ދުނިޔެއަށް އައުމަށްފަހު ނިމިދަންދެން އެންމެންވެސް ހިތުގެ އަޑިން އެދެނީ އެންމެ އެއްޗަކަށެވެ. ލޯތްބެވެ. ކުލުނެވެ. އަޅައިލުމެވެ. އެ ނުލިބިއްޖެނަމަ އެ ހުސްތަން ފޫބައްދަން އެހެން ކަންކަމުން މީހާގެ ދިރިއުޅުން ފުރައިލާކަން ޒުބޭދާއަށް މިއަދު އެނގެއެވެ.
އޭނާގެ ޢުމުރުން ދުވަސްވާ ވަރަކަށް ބަލިތަކާ ދަނީ ދޯޅުވަމުންނެވެ. ކޮންމެ ފަހަރަކު ޑޮކްޓަރަށް ގޮސް ޓެސްޓެއް ހައްދާއިރު ދެކަމެއް ތިންކަމެއް އޮންނަނީ ހަމައިން ކައްސައިލައިފައެވެ. ނަމަވެސް ހަށިގަނޑުގެ މިކަހަލަ ކަންކަމަކުން މަރު އައިސްޖެހޭނީ ކޮން އިރަކުންކަމެއް ނޭނގޭނޭކަން ޒުބޭދާއަށް އެނގެއެވެ. އޭނާ ވަނީ އޭނާއަށްވުރެން އުމުރުން މާ ހަގު މީހުންގެ ޖަނާޒާގައިވެސް ބައިވެރިވެފައެވެ. އިހަކަށްދުވަހު އޭނާގެ އެންމެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އާބިދާ މި ދުނިޔެ ދޫކޮށްފިއެވެ. އޭނާ ޒުބޭދާއާ އެންމެ ފަހުން ދިމާވި ދުވަހު އޭނާގެ ސިއްހަތުގެ އެއްވެސް ކަމެއް ގޯސްނުވާ ވާހަކަ ދައްކައި ހަމްދު އެޅިއެވެ. ނަމަވެސް އަޖަލު ހަމަވުމުން ކޮންމެ މީހަކުވެސް ދާނީއެވެ. ދުޅަހެޔޮ ސިއްހަތެއް ލިބިފައިވިޔަސް ނުވިޔަސްއެވެ.
މިއަދު އޭނާ ކޮންމެ ދުވަހެއް ފަށާއިރުވެސް އެ ދުވަހަކީ އޭނާއަށް ސްޓްރޯކެއް ޖެހިގެން ނުވަތަ ހާޓްއެޓޭކެއް ޖެހިގެން މަރުވެދާނޭ ދުވަހެއް ކަމުގައި ވިސްނައެވެ. އެކްސިޑެންޓެއް ވެސް ވެދާނެއެވެ. ތަނަކުން ވެއްޓިވެސް ދާނެއެވެ. އޭނާގެ ވިސްނުން އެހެން މީހުންނާ ހިއްސާނުކުރަނީ އޭގެ ސަބަބުން އެމީހުންނަށް އުނދަގޫވާނެތީއެވެ. ނަމަވެސް މި ވިސްނުން ގެންގުޅެން ފެށިފަހުން އޭނާގެ ހިތަށް ލިބެނީ ހިތްހަމަޖެހުމެވެ. އޭނާގެ އަމަލުތައް މިއަދު ބައްޓަންކުރަނީ ދުނިޔޭގައި ދިރިއުޅޭ ކޮންމެ ދުވަހަކީވެސް ގިނަ ހެޔޮކަންތަކެއް ކުރާ ދުވަހެއްގެ ގޮތުގައެވެ. އޭނާ ދުވާލަކު އެއްފަހަރު ގަވާއިދުން އޭނާގެ މުސްކުޅި މަންމައާއި ބައްޕަ ކައިރިޔަށް ޒިޔާރަތްކޮށް އެމީހުންނަށް ކޮށްދޭންޖެހޭ ހިދުމަތްތައް ކޮށްދެއެވެ. އޭނާގެ މާމަދަރިންނަށް ވާހަކަ ކިޔައިދީ މީރު ކާއެއްޗެހި ކައްކައިދިނުމަށް އިސްކަންދެއެވެ. އާންމުގޮތެއްގައި ދާ މާރުކޭޓުގައި ތިބޭ ބަންގްލަދޭޝް ކުދިންނާ ސަމާސާކޮށްލައި އެމީހުން ހެއްވައިލައި ހަދައެވެ. ފިރިމީހާ ގެއަށް އަންނަ ގަޑީގައި އޭނާއަށް ހަމަޖެހުން ލިބޭނޭ ގޮތްތައް ހޯދައި އެގޮތްގޮތަށް ކަންކަން ބައްޓަންކުރައެވެ. އޭނާ މިއަދު އެހެން މީހުން އޭނާއަށް ކޮށްދެނީ ކޮންކަމެއްތޯއެއް ނުބަލައެވެ. އޭނާއަށް އެހެން މީހުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަން ފަށައިފިއެވެ.
އޭނާ ދަންނަ މީހުން، އޭނާ ކަހަލަ ކިޔަވައިގެން ހުރި މީހެއް މިގޮތަށް ކަންތައްކުރާތީ ކަންބޮޑުވުން ފާޅުކުރިޔަސް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާއަށް ލިބިފައިވާ އިލްމެއް ބޭނުންކޮށްގެން ދުނިޔެއަށް ދޫކޮށްފައިދާ ތަރިކައަކީ ކޮންމެހެން މޮޅު ފޮތަކަށް ވާކަށް ނުޖެހެއެވެ. މޮޅު ކުންފުންޏެއް ހަދާކަށް ނުޖެހެއެވެ. އޭނާއަށް ވަރަށް ގިނަ މީހުންގެ ޖަނާޒާގައި ބައިވެރިވެވިއްޖެއެވެ. އޭނާ ދޫކޮށްދާން ބޭނުންވާ ތަރިކައަކީ މީހުންގެ ހިތުގައި އޭނާގެ އޯގާތެރިކަމުގެ ސަބަބުން ލެވޭ ހަނދުމައެވެ. އެވަރުން އޭނާއަށް ފުދޭނެއެވެ.
އޭނާ ކަށްވަޅު ސިފަކުރަނީ އުފަލުން ފުންމައިލަން އޮތް ވަޅުގަނޑެއްގެ ސިފައިގައެވެ. އެއީ ކޮންއިރަކުން އޭނާ ވެއްޓޭނޭ ވަޅެއްކަމެއް ނޭނގެއެވެ. އޭނާއަށް ފެންނަނީ ފާއިތުވެދާތަނެވެ. ކުރިޔަށް އޮތް ތަނެއް ނުފެނެއެވެ. ނަމަވެސް އޭނާ މިއަދު އެ ވަޅުގަނޑަށް ވެއްޓުނަސް އޭނާގެ ޝަކުވާއެއް ނެތެވެ. އެހެން މީހުން ފަދައިން މިއަދު އޭނާ މަރު ދެކެ ބިރެއް ނުގަނެއެވެ. އޭނާ އިނީ ތައްޔާރުވެގެންނެވެ. މަރަކީ އެންމެން ހަމަހަމަކޮށްލާ އެއްޗެވެ. އެއްވެސް މީހަކަށް މަރަކަށް ނުފިލޭނެއެވެ.

One Response
ބޭނުންތެރި ވާހަކަކޮޅެއް.
ސުރުޚީއަށް ކުޑަ ބަދަލެއް ގެނައުން ރަނގަޅުކަމަށް ދެކެން. ބުނަން ބޭނުންވާ ވާހަކަ ސާފުކޮށްދިނުމުގެ ގޮތުން. 'ޒުބޭދާ ގެންގުޅޭ މަރާ ބެހޭ ވިސްނުން' މީގެ ބަދަލުގައި 'މަރާ ބެހޭ ގޮތުން ޒުބޭދާ ގެންގުޅޭ ވިސްނުން’، ނޫނީ މަރާ ބެހޭ ގޮތުން ޒުބޭދާގެ ވިސްނުން’، މިހެން އޮތުމުން ބުނަން ބޭނުންވާ އެތި ސާފުކޮށް ބުނެވޭނެހެން ހީވަނީ. މިހާރު ލިޔެފައި އޮތް ގޮތުން ދޭހަ ވަނީ ޒުބޭދާ މަރެއް ގެންގުޅޭ ހެން. ވިސްނުމެއް ގެންގުޅޭ ހެނެއް ނޫން!