Support Us

ޤައުމު އަޅުވެތިކުރުމުގެ ސިލްސިލާ ފެށީ މިއަދަކު ނޫނެވެ.

މީގެ ދެ ދުވަސްކުރިން، ޗުއްޓީއެއްގައި ހުރި ކަމަށް ބުނި ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ ދީދީ، އެމެރިކާއާއި އެކު ސޮއިކުރެއްވި، ދިފާޢީ ކަންކަމުގައި އެއްބާރުލުމާއިބެހޭ އެއްބަސްވުމަކީ ޤައުމާއި މެދު ވިސްނާ، ޤައުމުދެކެ ލޯބިވާ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ޙައިރާންކަމެއް ގެނެސްދިން ޚަބަރެކެވެ.


އަހުރެންނަށް އެއީ ޚަބަރަކަށް ނުވިއެވެ. އެހެނީ، 11 ސެޕްޓެމްބަރު 2020މ. ގައި އެ ސޮއިކުރެއްވި އެއްބަސްވުމަކީ، މިއަދު މި ޤައުމުގެ ވެރިކަމުގައި ތިބި މީހުން އިދިކޮޅުގައި ތިބެ، 2018މ. ވަނަ އަހަރު އެމެރިކާއާއި އެކު ވެފައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމަށް މަގުފަހިކުރުމަށްޓަކައި، 21 ފެބްރުއަރީ 2019މ. ގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ އެމެރިކާއަށް ދަތުރުކުރައްވައި، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ބައްދަލުކޮށް، ކަމާއިބެހޭ މަޝްވަރާތައް ބާއްވާފައެވެ.


މީގެ ފަސް މަސްފަހުން، އެމެރިކާގެ ޚާރިޖީ އަދި ދިފާޢީ ވަޒީރުން ވަނީ އިންޑިއާއަށް ދަތުރުކޮށް، ސަލާމަތީ ކަންކަމާއިބެހޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެނގިވަޑައިގަންނަވާނެ ފަދައި، ރާއްޖެ "އަޅުވެތިކުރުމުގެ" ރޭވުންތައް ރާވަމުން މިގެންދަނީ މިދެ ޤައުމު ޤުޅިގެންނެވެ. އިންޑިއާއަކީ މި ސަރަޙައްދުގައި އެމެރިކާގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭ ޕްރޮކްސީއެވެ.

އެހެންކަމުން، މިބައިމީހުން އިދިކޮޅުގައި ތިބެ އެމެރިކާއާއި އެކު ވެފައިވާ އެއްބަސްވުމަށް ބަލާލުން މުހިއްމުކަމުގައި ދެކެމެވެ. މިގޮތުން 2018މ. ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު، މިހާރު ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް އިންނެވި ޙުސްނުއްސުޢޫދަކީ، އޭރު އެމްޑީޕީ ނަގާކިޔާ ސިޔާސީ އެކްޓިވިސްޓެކެވެ. މި ދުވަހުގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ، އެބޭފުޅުންގެ ވެރިކަމެއްގައި، ރާއްޖޭގެ ދީފާޢީ ބާރުގައި ހިމެނޭ އެމްއެންޑީއެފް އެއްކޮށް އުވާލައި، ރާއްޖޭގައި ބާއްވާނީ ވަކިން އޮޕަރޭޓްކުރާ ކޯސްޓް ގާޑު ޔުނިޓަކާއި، ކަނޑުމަތީ ފުލުހުން (މެރީން ޕޮލިސް)ގެ އުނިޓެއް ކަމަށް ވިދާޅުވެފައެވެ. މިވާހަކައަށް އިޝާރާތްކޮށް ދުވަހު ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި، ޙުސްނު ސުޢޫދާ ޙަވާލާދީ ބުނެފައިވާ ގޮތުން، އެމްއެންޑީއެފް އުވާލުމުން ދައުލަތަށް ސަލާމަތްކުރޭ ފައިސާ ޚަރަދުކުރާނީ ރާއްޖޭގެ އަތޮޅުތަކުގައި ހޮސްޕިޓަލްތަކާއި މެޑިކަލް އިންސްޓިޓިއުޓްތައް ޤާއިމުކުރުމަށެވެ.

ސުޢޫދުގެ މިވާހަކަފުޅާއި ގުޅިގެން އެދުވަސްވަރު ސޯޝައަލް މީޑިއާގައި އެނބުރުނު އެއް ޑޮކިއުމަންޓަކީ، ރާއްޖެއަށާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުރި އެމެރިކާގެ ސަފީރު އަތުލް ކެޝަޕް، 01 މެއި 2018މ. ގައި، އެމެރިކާގެ ޚާރިޖިއްޔާއަށް ފުނިވިކަމަށް ބުނާ މެމޯއެކެވެ. މި މެމޯގައި ފާހަގަކޮށްފައިވާ ކަންކަން މި ހިސާބުން ނަކަލުކޮށްލާނަމެވެ.

"އަހަރުމެން ވަނީ މީގެ ކުރިން، 2018މ. ވަނައަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މުޙައްމަދު ނަޝީދާއި ކޮޅުނބުގައި ބައްދަލުކޮށްފައެވެ. މި ބައްދަލުކުރުމުގައި، އަހަރުމެން ވާނީ، އަންނަ ރިޔާސީ އިންތިޚާބަށް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަނުކުުރެއްމަށް ނަޝީދަށް ދަންނަވާފައެވެ. އެ ޕްރައިމަރީގައި ވާދަކުރުމަށް އަހުރެމެން ކަނޑައަޅާފައި ވާނީ ޢަބްދުﷲ ޝާހިދު (ޕެރެގްރާފް 4 ބައްލަވާ) އާއި އިބްރާހީމް މުޙައްމަދު ޞާލިޙް (ޕެރެގްރާފް 5 ބައްލަވާ) އެވެ.

ޢަބްދުﷲ ޝާހިދަކީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އެކު ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެހެންކަމުން، އަހަރެމެންގެ މަޞްލަޙަތައް ވިސްނާއިރު، ޝާހިދަކީ ރަނގަޅު ކެންޑިޑޭޓެއް ކަމަކަށް ނުދެކެމެވެ. އަދި އަހަރެމެންނަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ޝާހިދަކީ، ޕާޓީގެ ޢާއްމު މެމްބަރުން (Grassroot) ގެ ނަޡަރުގައި، ރިޔާސީ ކެންޑިޑޭޓަކަށްވުމުގެ ޤާނޫނީ ޙައިޘިއްޔަތު (Legitimacy) އޮތް ބޭފުޅެއް ނޫނެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި (ރައްޔިތުންގެ މަޖިލީހުގައި) 20 އަހަރުގެ ޓްރެކް ރެކޯޑެއް އޮތް ބޭފުޅެކެވެ. މީގެ އިތުރުން، ޞާލިޙަކީ އެމްޑީޕީގެ އިސް ބޭފުޅެއްގެ އިތުރުން، ޕާޓީ އުފެދުނީއްސުރެ، ޕާޓީގެ ތެރޭގައި އިޙްތިރާމް ލިބިގެންވާ ބޭފުޅެކެވެ. މިކަންކަމުން އެކަނިވެސް، ޞާލިޙަކީ ޕާޓީގެ ޢާއްމު މެމްބަރުންގެ ނަޡަރުގައި، ރިޔާސީ ކެންޑިޑޭޓަކަށްވުމުގެ ޤާނޫނީ ޙައިޘިއްޔަތު އޮތް ބޭފުޅެކެވެ. އެހެން ނަމަވެސް، އެބޭފުޅާގެ ޞިއްޙީ ޙާލަތަކީ އަހަރެމެނަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މި މަޢުލޫމާތަކީ ޕާޓީގެ އެތެރެކޮއިލުގެ ވަރަށް އިސް ބޭފުޅުންނަށް ނޫނީ އެނގޭ މަޢުލޫމާތެއް ނޫނެވެ.

މި އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި ނަޝީދާއި އެކު ބޭއްވުނު، އިސްވެ ދެންނެވި ބައްދަލުވުމުގައި، ނަޝީދު ވަނީ، އެބޭފުޅުންގެ ވެރިކަމެއްގައި، މިހާރުގެ ސަރުކާރުން ގެންގުޅޭ ޗައިނާ އާއި އެކުވެރި ސިޔާސަތާއި ފެޔަށްޖެހި، "އިންޑިއާއަށް އިސްކަން" ދިނުމުގެ ސިޔާސަތު ތަންފީޒުކުރައްވާނެ ކަމުގެ ޔަޤީންކަން އަހަރެމެނަށް ދެއްވާފައެވެ. (ޕެރެގްރާފް 3 ގައި).

މިދެންނެވި ބައްދަލުވުމުގައި ނަޝީދު ވަނީ، ރާއްޖޭގެ ދިފާޢީ ބާރު ކުޑަ (Retrenched) ކޮށްލައި، ރާއްޖެ ބެލެހެއްޓުމުގެ އެންމެހައި ކަންކަން، އެމެރިކާގެ މަޝްވަރާގެ މަތިން، އެމެރިކާގެ "އިންޑޯ-ޕެސިފިކް ކޮމާންޑް’ގެ "ކުޑައިގެ" ދަށަށް ގެންނާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. މިކަން މިގޮތަށް ހަމަޖެހިގެން ދިއުމުން، އިންޑިއާ ކަނޑުގެ ސަރަޙައްދުން ޗައިނާގެ މިލިޓަރީ ބާރަށް މަރުޙަބާ ނުކިޔާނެ ކަމުގެ ޔަޤީންކަން ލިބޭނެއެވެ.

(މިލިޔުން ކުރުކޮށްލުމުގެ ގޮތުުން، އަދި ޚާއްޞަކޮށް، ޙަވާލާދެވިފައިވާ (ޕެރެގްރާފް 5) ގަައި ހިމަނާފައިވާ މަޢުލޫމާތަކީ، ރައީސް ޞާލިޙްގެ ޒާތީ ޞިއްޙީ މަޢުލޫމާތުތައް ކަމަށްވާތީ މި ލިޔުމުގައި ނުހިމަނައި ދޫކޮށްލީއެވެ.)

ޤާނޫނުުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި، "ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަކަމެއް ކުރިމަތިވުން" ކަމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤުލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ ބޮޑެތި ގެއްލުންތަކެއް ކުރިމަތުވުމަށެވެ. މީގެ ތެރޭގައި ޓެރަރިސްޓް ޙަމަލާތަކާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢުދުވާނީ ޙަރަކާތްތައް ހިމެނެއެވެ. އެހެން ނަމަވެސް، ރައްޔިތުންނަށް ލިބިދޭ ޤާނޫނީ ޙައްޤުތައް ބޭނުންކޮށްގެން އެކިއެކި ކަންކަމަށް ތާއީދުކުރުމަށް ނުވަތަ އިންކާރުކުރުމަށް ޤާނޫނާއި ޚިލާފުނުވެ ހިންގާ ޞުލްޙަވެރި ޙަރަކާތްތަކެއް ނުހިމެނޭނެ ކަމަށް ވަރަށް ސާފު ޞަރީޙަކޮށް ބަޔާންކޮށްފައި އެބައޮތެވެ.

ހަމަ އެހެންމެ، މި ދެންނެވި މާއްދާގައި، "ސަރަޙައްދުގެ ރައްކާތެރިކަން" ކަމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިރާއްޖޭގެ ޚާއްޞައިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ އެންމެހައި މީހުންނާއި، ތަންތަނާއި ތަކެތީގެ ރައްކާތެރިކަމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެއްވެސް ބައެއް ދިވެހި ދައުލަތުގެ ބާރުގެ ދަށުން ނެއްޓިގެން ދިޔަ ނުދިނުމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުުއަސާސީގެ 13 ވަނަ ބާބުގެ 268 ވަނަ މާއްދާގައި، "ޤާނޫނުއަސާސީގެ ބާރު" މި ސުރުޚީގެ ދަށުގައި ލިޔެފައި ވަނީ، "ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ކަމަށާއި، ހަދާ ޤާނޫނެއްގައި، މި ޤާނޫނުއަސާސީން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކުރާންވާނެ ކަމަށާއި، މި ޤާނޫނުއަސާސީއާ ޚީލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިއަސް ވާނީ ބާޠިލު އެއްޗެއް ކަމަށާއި، އަދި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ބާރެއް ނުހިނގާނެ ކަމަށާއި، މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއް ކަމަށެވެ.

ހަމަ މި ޤާނޫނުއަސާސީގެ 237 ވަނަ މާއްދާގައި، "ސަލާމަތީ ޚީދުމަތްތަކުން ދިވެހިރާއްޖޭގެ އަަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ޤާނޫނުއަސާސީ އާއި ދިމިޤްރާޠީ މުއައްސަސާތައް ޙިމާޔަތްކޮށް، ޤާނޫނު ދަމަހައްޓައި، ތަންފީޒުކޮށް، އަމަންއަމާންކަން ދަމަހައްޓަން ލާޒިމުކޮށްފައި ވެއެވެ.

އިންޑިއާ ކަނޑަކީ، އެމެރިކާގެ އަދި އިންޑީއާގެ މަޞްލަޙަތަށްވުރެ ޗައިނާގެ މަޞްލަޙަތު ބޮޑު ސަރަޙައްދެކެވެ. އެހެނީ، ޗައިނާއަކީ މިއަދު، ދުނިޔޭގެ އިޤްތިޞާދީ ފެކްޓަރީއެވެ. އަދި ޗައިނާގެ މުދަލާއި ޗައިނާގެ ތެލުގެ ވިޔަފާރީގެ 80 އިންސައްތަ އުފުލަނީ އިންޑިއާ ކަނޑު ހުރަސްކޮށް ކަމަށްވާތީއެވެ. ޗައިނާއަކީ އެއްވެސް ޤައުމެއްގެ މިނިވަން ވިޔަފާރިއަށް ހުރަސް އަޅަމުންދާ ޤައުމެއް ނޫނެވެ. ޗައިނާގެ މެރިޓައިމް ސިލްކް ރޫޓަކީ ދުނިޔޭގެ އާބާދީގެ 60 އިންސައްތަ ގުޅާލަދޭ، 60 ޤައުމުން ބައިވެރިވެފައިވާ 4–8 ޓްރިލިއަން ޑޮލަރުގެ އަގުހުރި ބޮޑު، ބިޔަ ޕްރޮޖެކްޓެކެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާރކެޓްގައި 25–30 އިންސައްތަ ޙިއްޞާކުރާ ޤައުމެކެވެ. ރާއްޖެއަށް މިހާ ފައިދާ ލިބެމުން ދިޔަ ޤައުމެއްގެ އަތްދޫކޮށްލައި، އިންޑިއާ ކަހަލަ ޚުދުމުޚުތާރު އަނިޔާވެރި ޤައުމެއްގެ އަތުގައި، މި ޤައުމަށް ލޯތްބެއް، ކުލުނެއްގެ ޒައްރެއްގެ މިންވަރު އޮތް ބަޔަކު ހިފާނެހެއްޔެވެ؟

ދެން އޮތީ އެމެރިކާއެވެ. އެމެރިކާއަކީ ޚުދުމުޚުތާރު، އަނިޔާވެރި ޤައުމެކެވެ. ޢަދާވަތްތެރިން ގިނަ ޤައުމެކެވެ. އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު ނާޅާ ޤައުމެއް މިއަދު ދުނިޔޭގައި މަދެވެ. އެމެރިކާ ނުރުހޭ އެއްވެސް ޤައުމަކާއެކު، އެއްވެސް ޤައުމަކަށް ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގޭކަށް ނެތެވެ. އެމެރިކާ އަކީ ބައިނަލް އަޤްވާމީ މުޢާހަދާއަކަށްވެސް އިޙްތިރާމްކުރާ ޤައުމެއް ނޫނެވެ. އެމެރިކާ އަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (ICC) އަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޤައުމެކެވެ. ޑިއޭގޯ ގާސިއާއިން އެމެރިކާ ފައިބާ، އެ އެރަށް މޮރިިޝަސްއާއި ޙަވާލުކުރުމަށް 22 މެއި 2019މ. ގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓީސް (ICJ) އިން ކުރި ޙުކުމަށްވެސް ބޯލަނބާފައިނުވާ ޤައުމެކެވެ. އެމެރިކާއަކީ މިހާ ޚުދުމުޚުތާރު ޤައުމެކެވެ. މިފަދަ ގޮތެއް ފޮތެއްނެތް ޤައުމަކާއެކު، ގޮތްނޭނގޭ ޤައިރު ޤާނޫނީ އެއްބަސްވުންތަކެއް، މި ޤައުމުގައި މިއޮތް ސަރުކާރުން ހަދަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިކަންކަން، ޤައުމީ ސަލާމަތަށްޓަކައި، ޤައުމީ މަޞްލަޙަތަށްޓަކައި ހުއްޓުވަންޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
210
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. މިއީ ވަރަށް މޮޅު މުހީންމު ލިއުމެއް ހަމަކޮންެމެ ދިވެއްސަކަށް އެނގި ސާފުވާންޖެހޭ ކަންކަން.. ބުނެލަން އޮތީ އެއްވެސް ބައެއްގެ އަމިއްލަ ތަރިކަޔަކަށް މިޤައުމު ހަދާ ހިތު ހުރިހާ ނިންމުން ނިންމާ ހެދުމުގެ ހައްގެއް ހުއްދައެއް ވޯޓަކުންވެސް އަދި ޤާނޫނަކުންވެސް ސަރުކާރު ހިންގަން ތިބޭ ބަޔަކަށް ރައްޔިތުން ދީފައި ނުވާނެކަމުގެ ވާހަކައެވެ. އެފަދަ ނޭއްގާނީ ކަމެއް ވާނަމަ އެކަމެއް ކުރި ބަޔަކާއި ޤާނޫނު އަރާ ހަމަކުރަންވާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *