Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ހިތްތިރިކުރުމުގެ އާދައިގެ ތެރެއިން- ތިމާ އެހެން މީހުންނާ ތަފާތު ނޫންކަން ގަބޫލުކުރުން

މި ފަހަކަށް އައިސް ހިތުގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ ހިތްތިރިކަމަކީ ކޮބައި ހެއްޔެވެ؟ ހަޔާތުގެ ވަރަށް ގިނަ ދުވަސް ހޭދަވީ ވަރަށް "ހިތްތިރި" މީހެއްގެ ގޮތުގައި އެހެން މީހުންނަށް ދެއްކުމުގައެވެ. ނަމަވެސް މި ފަހަކަށް އައިސް މިއީ އަހަރެންގެ ގައިގައި އަށަގަންނަވަން ޖެހޭ ސިފައެއް ކަން ވަނީ ދެނެގަނެވިފައެވެ.

ހިތްތިރިކަމަކީ އެންމެ ކަމެއް ނޫނެވެ. ބައެއް ފަހަރު ހީވެސް ނުކުރާ ކަންކަމުން ތިމާގެ ހިތްތިރިކަން ނެތްކަން ދޭހަވެގެން ދެއެވެ. މީގެ ތެރެއިން އެއްކަމަކީ ތިމާއަކީ އެހެން މީހުންނާ ތަފާތު މީހެއް ކަމުގައި ވިސްނުނެވެ. ފަހަރެއްގައި މިހެން ބުނުމުން މިއީ ގޯސްކަމެއް ބާއޭ ހިތަށް އަރައިފާނެވެ. އަހަރުމެންގެ މުޖުތަމައުގައި މީހެއްގެ ގގައި ހާއްސަ ހުނަރެއް ހުރެއްޖެނަމަ އެކަމެއް ފާހަގަ ނުކުރޭ ހެއްޔެވެ؟ އެހެން ވެއްޖެޔާ އެހެން މީހުންނާ ތަފާތުކަން ގަބޫލުކުރުމަކީ ގޯހެއް ހެއްޔެވެ؟ އެއީ އަމިއްލަވަންތަކަމަށް ޖާގަ ލިބޭ ކަމެއް ނޫންހެއްޔެވެ؟

ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ވަކި ޚާއްޞަ ސިފަތަކެއް ހުންނާނެއެވެ. ގިނަ ފަހަރަށް މި ތަފާތުތަކަކީ މުޖުތަމައުއިން ބަލައިގަންނަ ކަންކަމެވެ. ނަމަވެސް ތަފާތުކަން ގަބޫލުކުރުމުގައި މައްސަލަ ދިމާވަނީ ތިމާގެ ނަފުސުގައިވާ އުނިކަންކަމުގެ ސަބަބުން ތިމާއަށާއި، އެހެން މީހުންނަށް އަދި މުޖުތަމައުއަށް ވެސް ގެއްލުން ލިބޭ ހިސާބަށް ކަންކަން ދާން ފެށީމައެވެ.

މިސާލެކެވެ. ދާދި ފަހުން އަހަރެން ކޮއްކޮއެއް ގޮތަށް ދެކޭ ކުއްޖަކު ލައިސަންސް ނަގައިގެން ސައިކަލު ދުއްވަން ފަށައިފިއެވެ. އޭނާގެ އަށާރަވަނަ އުފަން ދުވަހުގެ މުނާސަބަތުގައި އޭނާގެ އާއިލާގެ ފަރާތުން މޮޅު ސައިކަލެއް ގަނެދީފިއެވެ. އިހަކަށް ދުވަހު ތަނަކަށް ދާން ވެގެން ނުކުމެ މަގުމަތީގައި ހުއްޓައި އެކުއްޖާ އަރާ ހަމަކޮށްފިއެވެ. އަދި އަހަރެން ދާން ބޭނުންވާ ތަނަށް ގެންގޮސްދީފާނަމޭ ބުނުމުން އަހަރެން ސައިކަލަށް އެރީމެވެ.

އޭނާ ދުއްވިލެ ބާރުކަމުން އަހަރެން އިނީ މޭގަނޑު އަތަށް އައިސްފައެވެ. މަގުމަތީގެ އެއްވެސް ގަވާއިދަކަށް ބެލުމެއް ނެތެވެ. އެ ހިނދުކޮޅު އޭނާގެ ދުއްވުމުގެ މޮޅުކަން ދައްކައިލެވުމުން އޭނާ އިނީ ވަރަށް އުފާވެފައެވެ. ދާންވީ މަންޒިލާ ހަމައަށް އާދެވުނު އިރު އަހަރެންގެ ފައިކޮޅުގައި ވާތްގެއް ނެތެވެ. އޭނާ ކައިރީގައި އެގޮތަށް ދުއްވުމުން ލިބިދާނޭ ގެއްލުމުގެ ވާހަކަ ބުނުމުން އެގޮތަށް ކަންކަން ދިމާވަނީ "ދުއްވަން ނޭނގޭ" މީހުންނަށް ކަމަށާއި އޭނާގެ އެކަމަށް ކުޅަދާނަ ވާހަކަ ދެއްކިއެވެ. އޭނާ އެހެން މީހުންނަށް ވުރެން "ތަފާތު" އެވެ. އެހެން ވީމައި އެހެން މީހުންގެ މައްޗަށް ހިނގައި ގާނޫނެއް އޭނާގެ މައްޗަކަށް ނުހިނގާނޭތާއެވެ. މި ވިސްނުމުގައި ދުއްވި ކިތައް މީހުން ދުނިޔެ ދޫކޮށްފިހެއްޔެވެ؟ އަދި އެމީހުންގެ ދުއްވުމުގެ ސަބަބުން ކިތައް ފުރާނައަށް ގެއްލުން ވެއްޖެ ހެއްޔެވެ؟

އެހެން މިސާލެކެވެ. މި ފަހުން ރަހުމަތްތެރިޔަކު ޑޮކްޓަރަށް ދެއްކުމުން އޭނާގެ ކޮލެސްޓްރޯލުހުރީ މަތީގައި ކަމުގައި ބުންޏެވެ. އަދި ކެޔުމަށް ބަލައިގެން އުޅުމަށާއި ބޭސްކެޔުމަށް ނަސޭހަތްތެރިވިއެވެ. ނަމަވެސް މި ރަހުމަތްތެރިޔާ "ބޭހަށް ތަބާވެގެން" އުޅޭކަށް ބޭނުމެއް ނުވިޔެވެ. ޔޫޓިއުބުން މޮޅު ވީޑިއޯ ބަލައިފިއެވެ. ވަކި ގަވާއިދަކުން ކާ އެއްޗެހި ކެޔުމުން ކޮލެސްޓްރޯލު ކޮންޓްރޯލު ވާނޭ ކަމަށް މީހަކު ބުނުމުން ކެޔުމުގެ ކުރިން ތަރުކާރީ ކައިފައި ހުސް ކްރިމްޖެހި ފޮނި އެއްޗެއްސާއި ތެޔޮގިނަ އެއްޗެހި ކައިހަދަން ފެށީއެވެ. އަދި ދީފައިވާ ބޭސްކެޔުން ހުއްޓައިލީއެވެ. މި ފަހުން އުނދަގޫތައް ބޮޑުވެގެން އަނެއްކާ ޓެސްޓު ހެއްދި އިރުގައި ކޮލެސްޓްރޯލު ހުރީ ބިރުވެރިވަރަކަށް މަތީގައެވެ. މިއީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ތިމާ ބޭނުންވާ ގޮތް ނޫންގޮތެއް ބުނެދޭ މީހާއަށް ވުރެން ތިމާ އެދޭ ގޮތަކަށް ކަންކަން ވާނޭ ގޮތް ބުނެދޭ މީހުންގެ ބަސް ގަބޫލުކުރަނީ އެވެ. ކޮލެސްޓްރޯލު ބޭހުން ކޮންޓްރޯލުކުރަން ޖެހެނީ ވަކި ބަޔެކެވެ. އަހަރެން "ތަފާތު" އެވެ. އެހެންވެ އެ ހުރިހައި ދަތި ތަހައްމަލު ނުކޮށް އަހަރެންނަށް އެކަން ވާނޭ ގަބޫލުކުރަނީއެވެ. މިފަދަ ވިސްނުމުގެ ސަބަބުން ސިއްހީ މާހިރުންގެ ލަފާ ނާހައި، ކިތައް މީހުންގެ ސިއްހަތު ގޯހުންގޯހަށް ގޮސްފައިވޭ ހެއްޔެވެ؟

މި ހުރިހާ މައްސަލައެއްގެވެސް މައިގަނޑު ސަބަބަކީ އެކައްޗެކެވެ. ކަންކަން ގަވާއިދުން ނުކުރީމައި އެހެން މީހުންނަށް ކަންކަން ވާގޮތުން ތިމާ އިސްތިސްނާ ވާކަމަށް ގަބޫލުކުރުމެވެ. ކޮލެސްޓްރޯލް މައްޗަށް ދިޔުމުން ބޭސްކާން ޖެހޭނީ އެހެން މީހުންނެވެ. މަގުމަތީގައި މަޑުން ދުއްވަން ޖެހޭނީ އެހެން މީހުންނެވެ. ތަޖުރިބާކާރުންގެ މަޝްވަރާ ހޯދުމުގެ ބަދަލުގައި ޓިކްޓޮކް ވީޑިއޯއެއް ބަލައިލައިގެން ތިމާއަށް ކަންކަން ހައްލުކުރެވޭނޭ ނޫން ހެއްޔެވެ؟ ގަވާއިދުތަކާއި އުސޫލުތަކަށް ތިމާ ފުރިހަމައަށް ތަބާނުވިޔަސް "އޯކޭ" ވާނެއެވެ. މި ނުބައި ވިސްނުމުގެ ފަހަތުގައިވަނީ އަހަރުމެންގެ ބޮޑާވެފައިވާ ނަފުސެވެ. އުނދަގުލާ ދުރަށް ގޮސް، އަމިއްލަ އެދުންތައް ފުއްދުމަށް ބާރުއަޅާ ބަލިކަށި ނަފުސެވެ.

މިއީ ބޮޑާވުން ކަމުގައި ބެލިދާނޭ ހެއްޔެވެ؟ ގަބޫލުކުރަން ދައްޗަސް މިއީ ބޮޑާވުމެވެ. މިއީ ބޮޑާކަންކަން ނޭގި ނަފުސުގެ އަވައިގައި ޖެހިގެން މިފަދަ ގޮތްގޮތަށް އަމަލުކުރާ އެތައް ބަޔަކު މިއަދުގެ މުޖުތަމައުގައި ދިރިއުޅެމުންދެއެވެ. އަހަރުމެންގެ ނަފުސު އަބަދުމެ ވިސްނައިދެނީ ކުޑަކޮށް މަގުން އެއްފަރާތްވިޔަސް މާބޮޑު ގެއްލުމެއް ނުވާނެކަމަށެވެ. ނަމަވެސް ނަފުސަށް ވިސްނާލަން އުނދަގޫވަނީ މި ދުނިޔެ ހިނގަމުންދަނީ އެތައް ގާނޫނެއްގެ މައްޗަށްކަމެވެ.

އަހަރުމެން ދިރިއުޅޭ މުޖުތަމައުގައި ވަކި ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލައިފައިވެއެވެ. އަހަރުމެންގެ ހަށިގަނޑު ތަބާވާންޖެހޭ ހައްދުތަކަކާއި ހުދޫދުތަކެއް ވެއެވެ. އަހަރުމެންގެ މައްޗަށް ހިނގާ އެތައް ގުދުރަތީ އަދި އިލާހީ ގާނޫނުތަކެއް ވެއެވެ. މި ހައްދުތައް މުގުރައިލައިގެން އުޅެން ފައިނަގައިފި މީހަކަށް އޭގެ ނަތީޖާ އުފުލަންޖެހޭނޭ ކަމަކީ ކަށަވަރުކަމެކެވެ. މިއަދު ނޫންނަމަވެސް މާދަމާ އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެއެވެ. މިފ ގާނޫނުތަކަކީ އިންސާނުން އެންމެން ހަމަހަމަކޮށް އެއްވަރުކޮށްލައި ހަމަތަކެވެ.

ނަމަވެސް މިއަދުގެ ދުނިޔޭގައި ގިނަ މީހުންނަށް ފެންނަނީ އެހެން މީހުން ހަމަތައް މުގުރާލައިގެން ދިރިއުޅޭތަނެވެ. އެހެންކަމުން ގަބޫލުކުރަން ބޭނުންވަނީ އެއީ ތިމާއަށްވެސް ކުރެވިދާނެ ކަމެއްކަމަށެވެ. މީރު ކާނާ ބޭނުންވާ ވަގުތެއްގައި ކައިބޮއެ އުޅުމަށް ޝައުގުވެރިނުވާނީ ކާކުހެއްޔެވެ؟ ނިދި ދޫކޮށްލައިގެން ފަތިސް ނަމާދަށް ތެދުވާން ކޮންމެހެން ޖެހޭބާވައޭ ހިތަށް އަރާނެއެވެ. ކުޑަ ދޮގެއް ހަދައިލުމުން ޖަލަކަށް ދާކަށް ނުޖެހެއޭ ވިސްނައި ދޮގު ހަދެމުގައި ދެމިހުންނަން އެދޭ މީހުން ބައިވަރެވެ. އެހެންވީމާ، ކުޑަ ދޮގެއް ހެދުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ ޑޮކްޓަރުންނަކީ ހުރިހާ ކަމެއް އެނގޭ ބައެއް ނޫނެވެ. އެހެންވީމާ، ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި ޓެސްޓުތައް ހެދުމުގެ މުހިންމުކަމަކީ ކޮބައި ހެއްޔެވެ؟

މި ހައްދުތައް ފަހަނައަޅައި ގޮސް އޭގެން ހިތި ތަޖުރިބާ ލިބިފައިވާ މީހުންނަށް މިއިން ކޮންމެ ކަމެއްގެ ފަހަތުގައި އޮތް ވޭން އެނގޭނެއެވެ. ނުރަނގަޅު ގޮތްގޮތުން މުދާ ހޯދި މީހުންނަށް އެ މުދަލުން ލިބުނު އެއްވެސް ހަގީގީ ފައިދާއެއް ނެތްކަން ބަޔާންކޮށްދެވޭނެއެވެ. އެހެން މީހުންގެ ހިތް ހަލާކުކޮށްގެން ކުރިއަށްދިޔަ މީހުންނަށް އެމީހުންގެ ހިތަށް ތަސައްލީ ނުލިބި އުޅެންޖެހުނު ވޭންދެނިވި ހާލަތު ކިޔައިދެވޭނެއެވެ. ހަކުރުބަލި ގޯސްވުމުގެ ސަބަބުން ގުނަވަނެއް ބުރިކޮށްލަން ޖެހުނު މީހުންނަށް ގަވާއިދުން ޓެސްޓުކުރުމާއި ބޭސްކެއުމުގެ މުހިންމުކަން ހާމަކޮށްދެވޭނެއެވެ. މަގުމަތީ ހާދިސާއެއްގައި ޖެހި ދުޅަހެޔޮކަން ގެއްލުނު މީހުންނަށް ގަވާއިދާ އެއްގޮތަށް ސައިކަލު ދުއްވުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ކިޔައިދެވޭނެއެވެ.

މި ހުރިހާ ކަމެއްގެ ހައްލަކީ ތިމާ ތަބާވާން ޖެހޭ ގާނޫނުތަކެއް ވާކަމާ ފަހަނައަޅައިގެން ނުދާންޖެހޭ ހައްދުތަކެއް ވާކަން ގަބޫލުކުރުމެވެ. އެހެން މީހުންނަށް ކަންވާގޮތަށް ތިމާއަށް ކަމެއް ނުވާނޭ ނުކިޔައި ބޮޑާކަން ދޫކޮށްލުމެވެ. ހިތްތިރި ކުރުމެވެ. ތިމާއަކީ ކިތަންމެ ވިސްނުން ތޫނު މީހެއް ކަމުގައިވިޔަސް، ތިމާގެ މައްޗަށް ބާރުހިނގާ ގާނޫނުތަކަށް ގޮންޖަހައިގެން ދުރަށް ދެވޭނެކަމަށް ހީކުރުމަކީ އެތައް ގެއްލުމެއް އޭގެ ސަބަބުން ކުރިމަތިކުރުވާނޭ ކަމެކެވެ. މި ދުނިޔެއަކީ ޖަންނަތެއް ނޫނެވެ. މިއީ އިމްތިހާނުތަކުން ފުރިގެންވާ ވަގުތީ މަންޒިލެކެވެ. އެންމެ ބޮޑު އިމްތިހާނަކީ އަހަރުމެންގެ ނަފުސުގެ އެދުންތަކުގެ މައްޗަށް ބުއްދިއާއި ވިސްނުން ގަދަކުރުމެވެ. ބަލިކަށި ނަފުސު އަބަދުވެސް އެދެނީ އެންމެ ފަސޭހަ މަގުން ހިނގުމަށެވެ. ސަބަބަކީ ސީދާމަގުގައި ހުރުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އެ މަގުގައި ހުރެގެން މެނުވީ ހަގީގީ ކުރިއެރުން ލިބެން ނެތްކަން ވިސްނޭ މީހާއަށް ހިތްތިރިކޮށް އެކަން ގަބޫލުކުރުމުގެ ތައުފީގު ދެއްވާނެކަން ޔަގީނެވެ.