Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ހިތްތިރިކުރުމުގެ އާދައިގެ ތެރެއިން- އެހެން މީހުންނަށް ބަރޯސާވާން ދަސްކުރުން

މިއަދުގެ މުޖުތަމައުގައި މީހުންގެ ކިބައިގައި އަށަގެންނެވުމަށް އެންމެ ބޮޑަށް ތާއީދުކުރެވޭ އެއް ސިފައަކީ އަމިއްލަ ވިސްނުމަށް ބަރޯސާވުމެވެ. ކޮންމެ ކަމެއްވެސް އެހެން މީހެއްގެ އެހީތެރިކަމަކާ ނުލައި ކުރެވޭނެކަން ސާބިތުކޮށްދިނުމަށް އެތައް ބަޔަކު ކޮންމެ ދުވަހަކު މަސައްކަތްކުރެއެވެ. ނަމަވެސް މި އާދައިގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ނޭނގޭ ކަމެއްގައި އެހެން މީހެއްގެ ލަފާ ހޯދަން ޖެހިލުންވަނީ އެހެން މީހުން ތިމާއާމެދު ދެކެފާނެ ގޮތާމެދު ވިސްނައިފައެވެ. ތިމާއަކީ ނުވިސްނޭ އޮއްޓަރެއްނެތް މީހެކޭ ވިސްނައިފާނެތީއެވެ.

މިކަމާމެދު ވިސްނާގޮތް ބަދަލުކޮށްގެން މެނުވީ މި މުޖުތަމައުގައި ހަގީގީ ކުރިއެރުން ލިބޭކަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަހަރެމެން އިންސާނުން ހައްދަވާފައިވަނީ އެކަކު އަނެކަކުގެ އެހީތެރިކަމާއެކު އުޅުމަށެވެ. ކޮންމެ މީހަކަށް ހުރިހާ ކަމެއް އެނގޭކަށް ނުޖެހެއެވެ. ކަމެއް ނޭނގިއްޖެނަމަ އެކަމުގައި އެހީތެރިކަމަށް ކައިރީގައި އުޅޭ މީހުންގެ ކިބައިން އެދުމަކީ އިޖްތިމާއީ ގުޅުން ވަރުގަދަވެގެންދާ ކަމެކެވެ. އެއީ މުޖުތަމައެއްގައި އިންސާނުން ދިރިއުޅެން ލެއްވެވި ސަބަބުތަކުތެރެއިން އެންމެ މުހިންމު އެއް ސަބަބަބެވެ. ތިމާގެ ސަޕޯޓުގައި އެހެން މީހުން ތިބިކަން އެނގުމަކީ ނުތަނަވަސްކަމާ ދުރުވެ، ކަންބޮޑުވުމަކާ ނުލައި މީހާއަށް އުޅެން މަގުފަހިވާ ކަމެކެވެ.

މިއަދު ކޮންމެ މީހަކުވެސް އެހެން މީހުންގެ ކުރިމަތީގައި ދައްކަނީ ހުރިހާ ކަމެއް އެނގިގެން އުޅޭ މޫނެކެވެ. އެހެން މީހެއްގެ ކައިރީގައި އެއްޗެއް އަހައި އޮޅުން ފިލުވައިލުމަކީ އަމިއްލަ ނަފުސުގެ ބޮޑު ވެއްޓުމެއް ކަމަށް ދެކި، ނޭނގޭ އެއްޗެހި އެނގޭކަމަށް ހަދައިގެން އުޅެން މީހުންވަނީ ދަސްކޮށްފައެވެ. މީހުންނަށް ބަރޯސާވުމަކީ އަމިއްލަ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމުގައި މީހުން ދެކެއެވެ. މި އާދައިގެ ސަބަބުން މީހުންގެ ތެރޭގައި "ސުޕަރ-ހީރޯ ސިންޑްރޯމް" އަށަގަނެއެވެ. ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އެކަނިއެވެ. އެންމެނަށް ތިމާއަށް ކަންކަން ވާކަން ދައްކައި ސާބިތުކޮށްދޭން ބޭނުންވެއެވެ.

މިއީ ނަފްސާނީ ދުޅަހެޔޮކަމަށް އެޅޭ ބޮޑު ހުރަހެކެވެ. އެއްވެސް މީހަކަށް ތިމާއަށް ކަމެއް ނޭނގޭކަން، ހަދަންވީ އެއްޗެއް ނޭނގޭކަން އަންގަން ނުކެރި ކިތައް މީހުން އެމީހުންގެ ޒިންމާތަކަށް ފަރުވާކުޑަކުރޭ ހެއްޔެވެ؟ ތިމާގެ އަމަލުތަކުން އަސަރުކުރާނޭ ނުވަތަ ޖަވާބުދާރީވާންޖެހޭ ބަޔަކު ތިބެއްޖެނަމަ، އެމީހުންނަށް ނުފެނި އުޅެ، އެމީހުންގެ ފޯނުކޯލު ނުނަގައި ކިތައް މީހުން އުޅޭ ހެއްޔެވެ؟ ސަބަބަކީ އެކަމަކީ ތިމާއަށް ކުރަން ނޭނގޭ، ނުވަތަ އެވަގުތު ކުރެވެން ނެތް ކަމެއްކަމުގައި ބުނަން ނުކެރިގެންނެވެ. ކަމަކަށް ނުކުޅެދުންތެރިވާކަން ހާމަކުރުމަކީ ތިމާމީހާގެ ނުކުޅެދުންތެރިކަމަށް އިއުތިރާފުވުން ކަމުގައި މީހުން ދެކެއެވެ. މި ސަބަބާ ހެދި ހަލާކުވެގެން ދަނީ ކިތައް ގުޅުން ހެއްޔެވެ؟ ކިތައް އާއިލާ ހެއްޔެވެ؟ ކިތަށް ރަށް ހެއްޔެވެ؟ ހަލާކުކޮށްލެވެނީ ކިތައް ހިތް ހެއްޔެވެ؟ މިކަމުގެ ސަބަބުން އިޔާދަނުވާ މިންވަރަށް ހަލާކުވެގެން ގޮސްފައިވަނީ މި މުޖުތަމައުއެވެ.

މިއަދު ގިނަ ބަޔަކު ދުނިޔެ ދޫކޮށް ދަނީ އެނޫން ގޮތެއް ނުހޯދައެވެ. ކަމެއް ކުރަން ނޭނގޭ ކަމަށް އިއުތިރާފުވުމަކީ ދަށް ކަމެއްކަމުގައި ދެކިގެންނެވެ. ގިނަ ދުވަހު ގުޅުމެއްގައި ދެމިނުހުރެވެނީ އަނެއް މީހާއަށް ތިމާގެ ނާގާބިލުކަން ފާޅުވާން ފެށީމައެވެ. އެކަން ދެކެނީ އަރައިނުގަނެވޭނެ ވެއްޓުމެއް ކަމުގައެވެ. ނަމަވެސް މިގޮތަށް މީހުން ދުރަށްލައި ކޮއްޕާކަށް ނުޖެހެއެވެ. އަހަރެމެންނަށް ބާރު އަޅުއްވާފައިވަނީ ތެދުވެރިކަމާއެކު މީހުންގެ ގާތުގައި ކަންކަން މަޝްވަރާކުރުމަށް ނޫން ހެއްޔެވެ؟ ތިމާގެ އެންމެ ގާތް މީހުންނަށް ތިމާއަށް ކަމެއްގައި ގާބިލުކަން ނެތްކަން އެނގި ކޮއްޕައި ދުރަށް ލާފާނެ ހެއްޔެވެ؟ ތިމާއަށް ކަމެއްގައި އެހީތެރިކަން ބޭނުންވާކަން އެނގިއްޖެނަމަ އެމީހުން ތިމާދެކެ ލޯބިވުން ހުއްޓައިލާނީ ހެއްޔެވެ؟ މިއީ އަމިއްލަ ނަފުސާކުރަން މުހިންމު ސުވާލުތަކެވެ.

މިގޮތަށް ލިޔަން ފަސޭހަވި ނަމަވެސް އެއީ ޢަމަލުކުރަން އުނދަގޫ ކަމެކެވެ. ސަބަބަކީ މުޖުތަމަޢު މިއަދު ކުރިޔަށް ދަނީ މި ވިސްނުމުގައެވެ. ކޮންމެ ފަރުދަކަށްވެސް ވީ އެންމެ އަވަހަކަށް އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް އުޅެން ދަސްވެ، އެހެން މީހުންނަށް ބަރޯސާވުން ހުއްޓައިލުމަށް ބާރުއަޅަމުންނެވެ. މިއީ ހުޅަނގުން މި މުޖުތަމަޢުތެރެއަށް ފޭދި މޫލައިފައިވާ ވިސްނުމެކެވެ. މިއީ މި މުޖުތަމަޢު މި ހުރިހާ ޤަރުނެއްގައި ހިނގިގޮތެއް ނޫނެވެ. އަހަރެމެންގެ ވިސްނުން މީގެ ކުރީގައި ބައްޓަންވެފައި އޮތީ "އެކުވެރިކަމަކީ ގަދަފަދަ ބާރެކޭ، ވަކިވެގަތުމަކީ ނިކަމެތިކަމެކޭ" މި ވިސްނުމުގެ މައްޗަށެވެ.

އަހަރެމެންނަށް މިއަދު މިކަން ހަނދާން ނެތިއްޖެއެވެ. ހަޔާތުގައި ގުޅުންތައް މިފަދަ ކަންކަމާހެދި ހީނަރުވަމުން ވަމުން އައިސް، މިއަދު މިތިބީ އެއްވެސް މީހަކަށް އިތުބާރުނުކުރާ ހިސާބަކަށް އާދެވިފައެވެ. ތިމާގެ ނިކަމެތިކަން ކިޔައިދިނުމުން ތިމާއަށް ފުރައްސާރަކޮށް ލަދުގަންނަވައިނުލާނެ މީހުން ތިބޭނެ ކަމަކަށް މީހުން ގަބޫލެއް ނުކުރެއެވެ. މީހުންނާއެކު ވަގުތު ހޭދަކޮށް ސަކަރާތްޖަހައި ކޮފީތަކަށް އަރައި އުޅުނަސް ތިމާގެ ކިބައިގައި ހުރި އުނިކަމެއް ހިއްސާކުރާނެ މީހެއް ނެތް މީހުން ގިނައެވެ. ވަކި ހިސާބަކުން މިހުރިހާ ނޭދެވޭ އިހުސާސްތަކުގައި މަތިޖަހައިގެން ފިއްތަން އުޅެގެން ހަށިގަނޑަށް ބަރުވެ، ބޮޑު އަގުދީފައި ތެރަޕީއަށް ގޮސް، ތެރަޕިސްޓުގެ ކައިރީގައިވެސް މި ވާހަކަތައް ދައްކަން ޖެހިލުންވަނީ ހަމަ މި ސަބަބާ ހެދިއެވެ. އަމިއްލަ ނަފުސު ދެރަކޮށްލާ ފަދަ އެއްޗެއް ދުލުން ބޭރުކުރަން ނުކެރިގެންނެވެ. މި ސަބަބަށްޓަކައި ކުށެއް ކުރެވުމުން އެކަމަށް އިއުތިރާފުވުމަށްވެސް ޖެހިލުންވެއެވެ. ސަބަބަކީ އެކަން ކުރެވުނީ އެކަމެއް ކުރަން އޮންނަ ރަނގަޅު ގޮތް ނޭނގޭތީ ކަމަށް އިއުތިރާފުވާން ޖެހޭތީއެވެ. އެހެން މީހުން ކުރިމަތީގައި ތިމާގެ އަގު ވެއްޓޭނެތީއެވެ.

ކޮންމެވެސް ރަހުމަތަކުން ހަޔާތުގައި ތިމާގެ ގާތް، އިތުބާރުހިފޭ، ތިމާގެ ސިއްރުތަކަށް ރައްކާތެރިކަން ދެވޭނެ އެންމެ މީހެއް ނަމަވެސް ހުރުމަކީ ނިއުމަތެކެވެ. އެމީހެއްގެ ކައިރީގައި އޮޅުވައިލުމެއް ނެތި ކަމެއް ނޭނގޭކަމުގެ ބިރު ހިއްސާކޮށް، ކަންކަން ނިންމުމުގައި މަޝްވަރާކޮށް، ކަންކަމުގައި ލަފަޔަށް އަހައި އުޅެން ކެރެންޏާ އެއީ ބޮޑު ނިއުމަތެކެވެ. އެކަމަކު ބަޔެއް މީހުން މިކަން ދެކެނީ އެހެން މީހުންނަށް ބަރޯސާވުންކަމުގައެވެ. ބަރޯސާވުމަކީ ގޯހެއް ހެއްޔެވެ؟ މިއީ ކޮން އިރަކު އަހަރުމެންގެ ތެރޭގައި އުފެދުނު ވިސްނުމެއްތޯ ތާރީހު ދަންނަ މީހުން ކައިރީގައި ސުވާލު ކޮށްލައިބަލާށެވެ. އެހެން މީހުންގެ ބޮލަށް ތިމާގެ ޒިންމާތައް ކަނޑައިލުމާއި ކަންކަމުގައި އެހީއަށް އެދުމާ ތަފާތެވެ. އެހީއަށް އެދެނީ އެކަމުގައި އެހެން މީހެއްގެ އަތެއް ބޭނުންވާ ހިނދުގައެވެ. އެ ފުރުސަތަކީ ކޮންމެ އިންސާނަކަށް ވެސް އޮންނަން ޖެހޭ ފުރުސަތެކެވެ. އަދި ކޮންމެ އިންސާނަކަށްވެސް އެ ފުރުސަތު އޮތްކަން އެނގެން ޖެހުން ވަރަށް މުހިންމެވެ. ކަންކަމުގެ ތަޖުރިބާ ލިބޭ ވަރަކަށް ތިމާއަށް އެކަންކަން ކުރަން ފަސޭހަވެގެން ދާނެއެވެ. މާދަމާ އެހެން މީހަކަށް ތިމާގެ ތަޖުރިބާގެ އަލީގައި މަގު ދައްކައިދެވިދާނެއެވެ.

ހިތްތިރިކަމަކީ ބަލިކަށިކަމެއް ނޫނެވެ. އަމިއްލަ ހުދޫދު ދެނެގަނެ، އެހީތެރިކަން ބޭނުންވާ ވަގުތު އެކަން ގަބޫލުކުރުމުގެ ހިތްވަރަކީ ހަގީގަތުގައި ބާރުގަދަކަމެކެވެ. އަހަރެމެން އެންމެން ވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެއެވެ. އެކަން ޤަބޫލުކޮށް، ބަރޯސާވުމުގެ ބާރު ދެނެގަތުމުން އަހަރެމެންގެ ގުޅުންތައް ބަދަހިވެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެއެވެ. ހިތްތިރިކަމާއެކު އެހެން މީހުންގެ ލަފަޔާއި އެހީތެރިކަން ހޯދުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ ހިކުމަތްތެރިންގެ އާދައެވެ.