Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މާބޮޑަށް ވިސްނުމުން ނުކުޅެދުންތެރިއަކަށްވުމުގެ ނުރައްކާ

ދެކުނު އެފްރިކާއަށް ވިޔަފާރިވެރިޔަކު ކުރި ދަތުރެއްގައި މާސިންގާ ބޮޑު އަލިމަހެއް ގަނެވުނެވެ. އޭގެ ސައިޒު ކުކުޅު ބިހެއްގެ ގޮބޮޅިއެއް ވަރުވެއެވެ.

ނަމަވެސް ދެން އޭނާގެ އުފާވެރިކަމަށް ފިނި ފެން އެޅުނު ކަހަލައެވެ. ސަބަބަކީ އޭނާއަށް ފެނުނީ އެ އަލިމަހުގެ މެދުތެރެއިން ލައިފައި ރެނދެއް އިން ތަނެވެ.

މައްސަލަ ހައްލު ކުރުމަށްޓައި އޭނާ ދިޔައީ ޖަވާހިރު މަސައްކަތް ކުރާ މީހެއްގެ ގާތުން ނަސޭހަތެއް ނުވަތަ އިރުޝާދެއް ލިބޭތޯއެވެ.

ޖަވާހިރު މަސައްކަތް ކުރާ މީހާ އެ އަލިމަސް ރަނގަޅަށް ދިރާސާ ކުރިއެވެ. އަދި ވިޔަފާރިވެރިޔާއަށް ބުންޏެވެ: "މި އަލިމަސް ފަޅައިލައިގެން، ވަރަށް ފުރިހަމަ ދެ އަލިމަހަށް ހަދައިލެވޭނެއެވެ. އެއް އަލިމަހެއްގެ ގޮތުގައި އޮތް އިރު ވިއްކައިލެވޭނެ އަގަށްވުރެ، ވަކި ދެ އަލިމަހުގެ ގޮތުގައި އެ އިން ކޮންމެ އަލިމަހެއް މާ އަގުބޮޑުކޮށް ވިއްކައިލެވޭނެއެވެ. ނަމަވެސް ނުބައި ގޮތަކަށް އަލިމަހުގައި އެއްޗަކުން ޖަހައިގެން ފުނޑުފުނޑު ވެއްޖެ ނަމަ އޭތި ބަދަލުވާހުށީ އަގުހެޔޮ ކުނޑިތަކަކަށެވެ. އެހެންވީމާ އެ ބިރުވެރި ކަންތަކެއް މަ ނުކުރާނަމެވެ."

އެހެން ގައުމުތަކުގައި ވެސް ޖަވާހިރު މަސައްކަތް ކުރާ މީހުން ވިޔަފާރިވެރިޔާއަށް ދިނީ ހަމަ އެ ޖަވާބެވެ.

ދެން، ޔޫރަޕް ބައްރުގެ ގައުމެއް ކަމަށްވާ ނެދަލެންޑްސްގެ ވެރިރަށް އެމްސްޓަޑަމްގައި އުޅޭ މުސްކުޅި އަދި ކުޅަދާނަ، ޖަވާހިރު މަސައްކަތް ކުރާ މީހެއްގެ ވާހަކަ، ވިޔަފާރިވެރިޔާގެ ގާތުގައި މީހަކު ބުންޏެވެ.

"އެ މުސްކުޅި މީހާގެ އޮންނަނީ 'ރަން އަތެއް’،" ވިޔަފާރިވެރިޔާގެ ގާތުގައި އެ މީހާ ބުނެލިއެވެ.

ހަމަ އެ ދުވަހުގެ ފްލައިޓުން ވިޔަފާރިވެރިޔާ އެމްސްޓަޑަމްއަށް ދިޔައެވެ.

މުސްކުޅި ހުނަރުވެރިޔާ، އޭނާގެ ބޮޑުވާ ބިއްލޫރިން، ވިޔަފާރިވެރިޔާގެ އެ ބޮޑު އަލިމަސް ދިރާސާ ކުރަން ފެށިއެވެ. ނަމަވެސް އެ އަލިމަސް ފަޅައިލުމުގައި ހުރި ނުރައްކާތައް ކިޔައިދޭން ފަށާއިރަށް، އެ ވާހަކަ މެދުކަނޑައިލައިފައި، ވިޔަފާރިވެރިޔާ ބުނީ އެއީ ވިޔަފާރިވެރިޔާއަށް އެތައް ފަހަރަކު މިހާރު އަޑުއިވިފައިވާ "ތަގުރީރެ"އް ކަމަށެވެ.

މިހެންވެ، މުސްކުޅި މީހާ، އެ އަލިމަސް ފަޅައިލަދޭން އެއްބަސްވިއެވެ. އަދި އަގު ކިޔެވެ.

އެ ކިއި އަގަށް ވިޔަފާރިވެރިޔާ އެއްބަސްވުމާއެކު، މުސްކުޅި މީހާއާ ތަންކޮޅެއް ދުރުގައި، އެ މީހުންނަށް ފުރަގަސްދީގެން، ޖަވާހިރުގެ މަސައްކަތް ދަސްކުރަން އިން ދަރިވަރަކަށް މުސްކުޅި މީހާ ގޮވައިލިއެވެ. އެ ކުއްޖާ އިނީ ކޮންމެވެސް އެހެން މަސައްކަތެއް ކުރާށެވެ.

ދަރިވަރު އައިސް އެ ބޮޑު އަލިމަސް، އަމިއްލަ އަތު ތެރެއަށް ލައި، މަރުތޭލަ ހިއްލައިލައިފައި، އެއް ފަހަރު ޖެހިއެވެ. ސާފުކޮށް، އަދި ސީދާކޮށެވެ.

އެ ބޮޑު އަލިމަސް ފަޅައިގެން ދިޔައީ ފުރިހަމަކޮންނެވެ. ދެ އަލިމަހަށް ވެގެންދިޔައެވެ.

މުސްކުޅި މީހާ އާއި ވިޔަފާރިވެރިޔާއާ ވެސް ދިމާއަށް ބަލައިވެސް ނުލައި އެ ކުއްޖާ، އެ ދެ އަލިމަސް، މުސްކުޅި މީހާއާ ހަވާލުކުރިއެވެ.

ހައިރާންވެ އަންތަރީޒުވެފައި ހުރެ ވިޔަފާރިވެރިޔާ މުސްކުޅި މީހާގެ ގާތުގައި ސުވާލުކުރިއެވެ: "އެ ކުއްޖާ ތިބާއަށް މަސައްކަތް ކޮށްދޭތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟"

މުސްކުޅި މީހާ ޖަވާބު ދިނެވެ: "ތިން ދުވަހެވެ. މި ބޮޑު އަލިމަހުގެ އަސްލު އަގު އެ ކުއްޖާއަކަށް ނޭނގޭނެއެވެ. އޭނާގެ އަތް ތުރުތުރުނުލީ އެހެންވެއެވެ."

އިބްރަތް: ތިބާގެ ހިތުގައި އުފެދޭ ބިރުވެރިކަން ބޮޑުވިޔަ ނުދީ، ބިރުގަންނަ ކޮންމެ ކަމެއް ދެކެ މާބޮޑަށް ވިސްނައި ނުވަތަ އެ ކަމާ "އޯވާ-ތިންކް" ނުކުރާ ނަމަ، ނުކުރެވޭނެ ކަންތައްތައް ވެސް ކުރެވޭނެއެވެ. ބައެއް ފަހަރަށް، އެންމެ ބޮޑެތި ހުރަސްތައް ހުންނާނީ ތިބާގެ ސިކުނޑީގައެވެ.