މި މަހުގެ 10 ވަނަ ދުވަހަކީ، ދުނިޔޭގެ ޤައުމުތަކުގެ ވެރިން ތިމާވެށި ރައްކާތެރިކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެއްވެވަޑައިގަންނަވާނެ ދުވަހެކެވެ. ދިވެހިރާއްޖެ ވެސް މި ބަހުސްގައި ބައިވެރިވާނެކަން ކަށަވަރެވެ. އަދި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން މި ޤައުމު ނެތިދިޔުމުގެ ބިރު ދައްކައި، އެކަމާ ބެހޭގޮތުން ވާހަކަ ދެކެވޭނޭކަން ޔަގީނެވެ.
ނަމަވެސް، މި ރަށްތަކުގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގިރެމުންދާ ގޮނޑުދޮށާއި، އުފުލެމުންދާ ކަނޑުގެ ލޮނުގަނޑު އެކަންޏެއް ނޫނެވެ. މިއަދު ދިވެހިރާއްޖޭގެ ތިމާވެއްޓަށް އަދި މުސްތަގުބަލަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ، ދިވެހި ބަހާއި އެ ބަހުގައި އެކުލެވޭ ދިވެހިވަންތަކަން ދިވެހިންގެ ދިރިއުޅުމުން ފަނޑުވެ، ނެތިގެންދިޔުމުގެ ބިރެވެ.
ބަހެއް ނެތިގެން ދިޔުމަކީ، ނޭނގި ނަމަވެސް، މުޖުތަމަޢެއްގެ އަސާސްތައް ގުޑުވައިލާނެ ކަމެކެވެ. ބަހެއް ބަލިކަށިވެ ނެތިގެންދާން ފެށުމުން، އެ ވެއްޓެއްގެ މީހުންނާއި ވެއްޓާ ދެމެދު އޮންނަ ގުޅުމާއި، އެބައިމީހުންގެ އަމިއްލަ ވަންތަކަން، އަދި އެބައިމީހުން ނިސްބަތްވާ ކަންކަމާމެދު ދެކެމުން އައި ގޮތާއި ގެންގުޅުނު އަސާސްތައް ދަނީ ބަލިކަށިވަމުންނެވެ. މީގެ ސަބަބުން އަސަރުކުރަނީ ހަމައެކަނި އެ ބައެއްގެ ސަގާފަތަށް އެކަންޏެއް ނޫނެވެ. އެއީ އެބައެއްގެ ދިރިއުޅުމުގައި ކުރިމަގު ދައްކައިދޭނެ އުސޫލުތައް ބަލިކަށިވެފައިވާ ކަމުގެ ހެއްކެކެވެ. އުޅޭ ވެއްޓެއްގެ ސިއްރުތައް ނުވިސްނޭ މީހަކަށް ވެއްޓެއްގައި ދިރިއުޅެވޭނީ ކިހިނެތް ހެއްޔެވެ؟
ކޮންމެ ބަހެއް ވެސް އުފެދި ފުރިހަމަވެގެން އަންނަނީ އެތައް ޒަމާނެއްގެ ތެރޭގައި އެބައެއްގެ ތިމާވެއްޓާއި އާދަކާދަޔާ ގުޅިލާމެހިގެންނެވެ. އެ މޭރުމުން، ދިވެހި ބަހުގެ ގިނަ ލަފުޒުތައް އުފެދިފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށީގެ އެކި ކަންކަން ސިފަކުރުމާއި، އެ ވެއްޓާ ގުޅުން ހުރި ހަރަކާތްތަކަށް ބިނާވެގެންނެވެ. ދިވެހި ބަހުގެ ބަސްފޮތް ބަލައިލައިފި މީހަކަށް، މި ބަހުގެ ރިވެތި ބަސްކޮށާރުގައި ތިމާވެށީގެ އެކި ކަންކަމަށް ދެވިފައިވާ ތަފުސީލާއި އަހައްމިޔަތު ސާފުވެގެން ދާނެއެވެ. ބަސްފޮތުގައި ހިމެނިފައިވާ ގިނަ ބަސްތައް އެ ބަސްފޮތާ ހަމައަށް އައިސްފައިވަނީ އެތައް ޒަމާނަކު ދިވެހީންގެ ތެރޭގައި ބޭނުންކުރެވި، ދޫތަކަށް ހޭނިގެންކަން ޔަޤީނެވެ.

ކަނޑާއި ގޮނޑުދޮށް ސިފަކޮށްފައިވާ ގޮތަށް އެކަނި ބަލައިލި ނަމަވެސް، އޭގައި މި މުޖުތަމައުގައި އެ ތަންތަނަށް ދެވިފައިވާ އަހައްމިއްޔަތު މީހަކަށް ނޯޅޭނެއެވެ. މޫދާއި ފަޅާއި ވިލާއި ކަނޑާއި މާކަނޑު މިއިން ކޮންމެ ބަހެއް އިޝާރާތްކުރަނީ ކަނޑުގެ ތަފާތު ބައިތަކަށެވެ. އެ ތަންތަނުގެ ކުލައިން އެމީހުންނަށް އެތަންތަން ވަކިކުރެވެއެވެ. ފުންމިން ދެނެގަނެވެއެވެ. ކުޑަ ކުއްޖަކަށް ވެސް މިއިން ކޮންމެ ލަފުޒެއް ބޭނުންކުރިޔަސް، އެ ދައްކަނީ ކަނޑުގެ ކޮން ހިސާބެއްކަން އޮޅުންފިލާނެއެވެ. ކުރީގެ މަސްވެރިންނަށް އެމީހުންގެ ވެއްޓާ ބެހޭ ގޮތުން އެނގޭ ޢިލްމުގެ ސަބަބުން، އެމީހުންގެ ހަރަކާތްތައް ގެންގުޅެންވީ ގޮތް ސާފުކޮށް ދެނެގަނެއެވެ. ވަކި ގޮތަކަށް އޮއިވަރު އެނބުރެން ފެށީމާ އެ އޮއިވަރަށް ކިޔަނީ ކޯއްޗެއްތޯ، އެއީ މަސްއައިން އަންނާނެ އޮއިވަރެއްތޯ ދެނެގަނެއެވެ. އެމީހުން އޭރު ބޭނުންކޮށް އުޅުނު ބަސްތަކަކީ ބަސްކޮށާރުތައް ފުރައިލަން އުފެއްދި ބަސްތަކެއް ނޫނެވެ. މާސިންގާ ކަނޑަކަށް ދިރިއުޅުމުގެ ހުރިހައި ކަމެއް ބަރޯސާވެގެން އުޅެންޖެހޭ ބަޔަކަށް، އެ ބަސްތަކަކީ އެމީހުން ދިރިއުޅުމަށްޓަކާ ކުރަންޖެހުނު ދަތުރުތަކަށާއި، މޫސުމާ ގުޅިގެން އަޅަންޖެހުނު ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދިން މުއާމަލާތީ ވަސީލަތްތަކެކެވެ. ރައްކާވެ ތިބިއްޔާ ރޯއްޖެކޭ ބުނާ އުސޫލުންނެވެ.
ދެރައީ، މީގެ ތެރެއިން ގިނަ ބަސްތައް މިއަދު ވަނީ ނެތިގެން ގޮސްފައިވުމެވެ. ގިނަ މީހުންނަށް މިއަދު "އަސްދަނޑި"އަކީ ކޯއްޗެއް ކަމެއް ނޭނގެއެވެ. "އޮއިވާލި" އަކީ ސޯސަން މަގުގައި ހުންނަ ކުރެހުންޖެހި ސާމާނު ވިއްކާ ފިހާރައެކެވެ. "ކަނޑުއޮޅި"އޭ ބުނުމުން ގިނަ މީހުން ހަނދާނަށް އަންނާނީ ކޮންމެވެސް ނުވަދިހައިގެ ޑްރާމާއެކެވެ. އޭރު އާންމުކޮށް ބޭނުންކުރަމުން ގެންދިޔަ ބަސްތައް ގެއްލި ދިޔުމުން، އެ ބަސްތަކުގެ ފަހަތުގައިވާ މާނަ ވެސް ވަނީ ހިކިގެން ގޮސް ހަނަފަސްވެފައެވެ. ނަމަވެސް މިއިން ކޮންމެ ބަހަކީ ވާހަކައެކެވެ. ތިމާވެއްޓާއި މުޖުތަމައުއާ ދެމެދުގައި ހިނގައިފައިވާ ލޯބީގެ ގުޅުމުގެ ތަފްސީލު އެކުލެވިގެންވާ ޔައުމިއްޔާއެކެވެ.

ތިމާގެ މާދަރީ ބަސް ނެތިގެން ދިޔުމުގެ އެންމެ ހިތްދަތި ނަތީޖާއަކީ، އެބައެއްގެ ދުނިޔެއާ މެދު ދެކެމުންދާ ގޮތް ހަނިވެގެން ދިޔުމެވެ. ތިމާގެ ވެށީގެ ކަންކަން ދޭހަކޮށްދޭ ޢިލްމު ނޭނގޭ ނަމަ، އެކަމުގެ ސަބަބުން ތިމާގެ އަސާސީ ބިންގާ ބަލިވެގެންދެއެވެ. ފާއިތުވެގެން މިދިޔަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަސްފޮތުގެ ހުރިހާ ބަހެއް ދާރުލް އާސާރަށް ވައްދަންޖެހި، އެ ބަސްތައް ބޭނުންވާ ކަމަށް މިޒަމާނުގެ ކުދިންނަކަށް ގަބޫލެއް ނުކުރެވެއެވެ. މިހެންވުމުން، ނޭނގި ތިއްބާ އެތައް ގަރުނަކުން އެއްވެފައިވާ ތަރިކައިގެ ހަޒާނާ ބިމާ ހަމަވެ، ކުރިއަށް އޮތް ޖީލުތަކަށް ހިތަށް ނުގަނެވޭހާ ބޮޑު ގެއްލުންތައް ވާނެކަން ކަށަވަރެވެ. ސަބަބަކީ މި ބަސްތަކަކީ މި ވެށީގެ މަގުޗާޓެވެ. ދިވެހި ބަހާ މީހުން ދުރުވުމަކީ ދިވެހި ބަހާ ހަމައެކަނި ދުރުވުމެއް ނޫނެވެ. އެއީ ތިމާވެއްޓާ ވެސް ދުރުވުމެވެ.
ތިމާގެ ވެއްޓާއި ތިމާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދަނީ، އެ ވެއްޓާ ތިމާގެ ބަނޑުހައިހޫނުކަން ފިލުވުމާ ގުޅިފައިވާ މިންވަރަކަށެވެ. ފާއިތުވެ ދިޔަ ފަންސާހަކަށް އަހަރު ތެރޭގައި ދިވެހިން ކާންބޯން ކުރަމުން އައި މަސައްކަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން، މިއަދު ބޮޑުވަމުން އަންނަ ކުއްޖަކަށް ކަނޑާއި ފަޅާއި މަސްވެރިކަމުގައި ގެންގުޅޭ އުކުޅުތަކާއި އާދަކާދަތައް އެނގޭކަށް ނުޖެހެއެވެ. އަދި މިކަމަށް ކުދިން ދޯޅުވާން ހެދޭނެ މާ ބައިވަރު ޖާގަތަކެއް ވެސް ނެތެވެ.

ނަމަވެސް، އޭރު ވެއްޓަށް ބިނާވެގެން ކޮށް އުޅުނު މި ހަރަކާތްތަކުގައި މީހުން ޝާމިލުވެ އުޅުމުގެ ތެރޭގައި އެތައް ކަމެއް ދަސްވެއެވެ. ދެކެވޭ ވާހަކަތަކުންނާއި އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުންތަކުން، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އެކަކު އަނެކަކާ ދެމެދު އޮންނަ ގާތް ގުޅުން ދެނެގަނެ ވަކިކުރަން ދަސްވެއެވެ. މިކަންކަމުގެ ސަބަބުން ސިކުނޑީގައި އިޖުތިމާއީ ގުޅުންތައް ބެލެހެއްޓުމަށްޓަކައި އޮނިގަނޑުތަކެއް ހަދައި، މުޖުތަމަޢުގެ ގުޅުންތައް ދެމެހެއްޓުމަށްޓަކައި ސިޔާސަތުތަކެއް ހަދައެވެ. މި އިލްމަކީ މުޖުތަމަޢުގެ ކޮން ފަރުދަކަށް ވެސް ހަމަހަމައަށް ލިބިދޭ އިލްމެކެވެ؛ ބޮޑެއް ކުޑައެއް މުއްސަންޖެއް ފަގީރެއް އެއްކިބައިވެގެންނެއް ނުވެއެވެ.
މިއަދު ދިރިއުޅުމުގެ ރާގު ވަނީ ބަދަލުވެފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާތަކާއި، ރަށްފުށުން ސިޓީތަކަށް މީހުން ހިޖުރަކުރުމުގެ ސަބަބުން، މީހުން އެމީހުންގެ އުފަން ރަށްރަށާ ވަނީ ދުރުވެފައެވެ. މަސްވެރިކަމަކީ މިހާރު ވިޔަފާރީގެ ބޭނުމަށް ކުރެވޭ ކަމެކެވެ. އެކަމުގެ ސަބަބުން މީހުން ދޯޅުވާން ހުޅުވައިލެވޭ ޖާގަތަކެއް ނެތެވެ. މިއަދު މަސްވެރިކަން ނެތަސް މީހުން ތިބެނީ ކައިގެން ބޮއެގެންނެވެ. ރަށްރަށުން މާލެއަށް ތައުލީމާއި ވަޒީފާގެ ބޭނުމުގައި ހިޖުރަކުރި ޢާއިލާތަކުގެ ކުޑަކުދިން ބޮޑެތިވަނީ އެމީހުންގެ މައިންބަފައިންގެ އުފަންވެލީގައި ފައިތިލަ ނުޖެހިއެވެ. އެ މައިންބަފައިންގެ ކާބަފައިން އެކަކު އަނެކަކާ ލާމެހިގެން އެކަތިގަނޑެއް ގޮތުގައި މި ހިސާބަށް އައީ ކިހިނެއްކަމެއް ސިކުނޑިއަކަށް ނުވެސް ގެނެވެއެވެ. އެ މީހުން އޭރު ކުރި ހަރަކާތްތަކުގައި ކިޔައި އުޅުނު ރައިވަރާއި، މައްލަވަ ކުރަން ކިޔައި އުޅުނު ބަނދިތަކަކީ މިހާރު ސުކޫލުތަކުގައި މާދަރީ ބަހުގެ ދުވަހު އެކަނި އަޑުއިވޭ އެއްޗެކެވެ. އެހެންކަމުން، އެއިން ފުދުނު ބޭނުމެއް ނުވަތަ މީހުންނަށް ލިބުނު ފިލާވަޅެއް ނޭނގި، މިފަދަ ތަރިކައިގެ ހަނދާންތައް ދިރުވާ މީހުން ވެސް މަދުވެއްޖެއެވެ.

މިއަދުގެ ޖީލަށް ތިމާވެއްޓަކީ ހަމައެކަނި ރައްކާތެރިކުރަންޖެހޭ މާހައުލެކެވެ. އެ ތިމާވެށީގެ ސަބަބުން މުޖުތަމައުތައް ބައްޓަންވެފައިވަނީ ކިހިނެއްކަމެއް އެނގުމެއް ނުވެއެވެ. ސަބަބަކީ، ތިމާވެއްޓާއި މުޖުތަމަޢު އަބަދުވެސް ގުޅުވައިދިން ފާލަމަކީ ބަހެވެ. މި ގުޅުން ހީނަރުވާ ކަމަށް ވެއްޖެނަމަ، ތިމާގެ މުޖުތަމަޢުގެ ގުޅުންތައް ވެސް ހީނަރުވެގެންދާނެއެވެ. އަދި ތިމާގެ ނަފްސާއި ތިމާއާ ދޭތެރޭ އޮންނަ ގުޅުން ވެސް ބަލިކަށިވެގެންދާނެއެވެ. މިއަދުގެ ޒުވާން ޖީލުން މީހަކަށް ހޫނުވެގެން ގަހެއްގެ ހިޔަލުގައި މަޑުކޮށްލެވޭ އިރު، އެއީ ކޮން ގަހެއްކަމެއް ނުވަތަ އެ ގަހުގެ ނަމެއް ވެސް ނޭނގެއެވެ. އެމީހުންގެ ކާބަފައިން ބޭސްވެރިކަމަށް ބޭނުންކޮށް އުޅުނު ފަތްޕިލާވެއްޔެއް ވެސް ނުދަނެއެވެ. މިފަދަ ތަކެއްޗަށް ނަން ދެވިފައިވާ ގޮތް ނޭނގި، އޭގެ ބޭނުންތައް އެނގުން އެހާ މުހިންމެއް ނޫނޭ ބުނެ ފަރުޖެހޭކަށް ނެތެވެ. މި ވެށީގެ މުއްސަނދިކަން ސިކުނޑީގައި ބިންވަޅު ނެގިފައި ނެތްނަމަ، އެ ހަޒާނާއަށް އަހުލުވެރިވާނީ ކިހިނެއް ހެއްޔެވެ؟
މިއަދު ދިވެހީންގެ ބަސް ދިވެހީންނާ އަލްވަދާއު ކިޔަމުން ދިޔުމުގެ އަސްލުގައި ވަނީ، އެ ބަސްތައް ބޭނުންކުރާ ހާލަތްތައް މަދުވުން އެކަންޏެއް ނޫނެވެ. މީގެ އެންމެ ބޮޑު އިހުމާލެއް އޮތީ ދިވެހިންނަށް ލިބެން ފެށި ތައުލީމުގައެވެ. ގައުމީ މަންހަޖު މިހާރު ފަރުމާކޮށްފައިވަނީ، މޫސުމާއި، ބިމުގެ ޢިލްމާއި، ސައިންސުގެ ބައިނަލްއަގުވާމީ މުހިންމު ކަންކަމަށް އިސްކަންދީގެންނެވެ. ދަރިވަރުން ދިވެހިރާއްޖޭގެ ތިމާވެށި ފުންކޮށް ދިރާސާކުރުމުގެ ބަދަލުގައި، ހަތަރު މޫސުމާއި، ހުޅަނގުގެ ދިރާސާތައް، އަދި ދުނިޔެ ހޫނުވުމާ ބެހޭގޮތުން ދަސްކުރަމުންނެވެ. ރަށްތައް ވޮޑުމާއި ގިރުމާއި އޮއިވަރު ހިކިދިޔަ ބޮޑުވުމުގައި ހަނދުގެ ދައުރަކީ ކޮބައިކަމެއް ނޭނގެއެވެ. ނަކަތްތައް ފަދަ އާދައިގެ މޫސުމީ ނިޒާމުތައް ވަނީ ހަމައެކަނި ޗާޓެއްގެ ނަންތަކަކަށް ހަދައިފައެވެ؛ އެކަމަށް އަމަލީ ހޭލުންތެރިކަމެއް ގެނެސްދެވޭ ގޮތަކަށް ނޫނެވެ.

މިއަދުގެ ދަރިވަރުންނަށް ތިމާވެއްޓާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގެ މޮޅު މައުލޫމާތު ލިބިފައި ވީނަމަވެސް، އެމީހުންނަށް އެ މައުލޫމާތާއި ވެށި ގުޅުވައި، އަދި އެކަމާ ދިރިއުޅުން ގުޅުވައިލާކަށް ނޭނގެއެވެ. އެފަދަ ކަންކަން ބަލަނީ ދުރުގައި ހުރެގެން އެހެން ބަޔަކަށް ކަމެއް ދިމާވީމާ ބަލާ ގޮތަށެވެ. މިއަދު ދުނިޔެ ބުނީމާ ޕްލާސްޓިކު ނައްތައިލަން ގޮވާނެއެވެ. މިއަދު ދުނިޔެ ގޮވާތީ ގްރީންހައުސް ގޭސް މަދުކުރަން ގޮވާނެއެވެ. މިއަދު ދުނިޔެ ބުނީމާ މިޔަރު ނުހިފާށޭ ބުނާނެއެވެ. އެކަމަކު، އެމީހުންގެ ކިބައިގައި އެއް ޖީލުން އަނެއް ޖީލަށް ވެށީގެ ސިއްރުތައް ފޯރުކޮށްދެމުންދިޔަ ވާހަކަތަކާއި ބަސްތައް ނެތި، އެމީހުންގެ ތެރެއިން ބޯދާ މީހުންނާ ދޭތެރޭ ދެކެވޭ ގޮތް ބަދަލުވުމުގެ ސަބަބުން، އަސްލު ވެށީގެ ހިލްމާއި އިލްމު އެމީހުންނަކަށް ނުވިސްނެއެވެ. ފޯރުކޮށް ދެވިފައެއް ނެތެވެ. ދެވޭނޭ ގޮތެއް ވެސް ނެތެވެ.
އިހުޒަމާނުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅުނީ ތިމާވެއްޓާ އެކީގައެވެ. އެމީހުންނަކީ ތިމާވެށީގެ ބައެކެވެ. އެމީހުންނަކީ އެ ވެށީގެ އަހުލުވެރިންނެވެ؛ އެ ވެށީގެ ބަލަދުވެރިންނެވެ. އޭގެ ބަދަލުގައި އެ ވެށި އެމީހުންނަށް ފަސޭހަކަން ދެއެވެ؛ އެމީހުންނަށް ހިޔާވަހިކަން ދެއެވެ. ތިމާވެއްޓަކީ ކޮން އެއްޗެއްކަމާއި، އެއާއި ތިމާއާ ދެމެދުވާ ގުޅުން ނޭނގޭ މީހަކަށް އެ ތަން ހިމާޔަތް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެއީ ދެބަހުން ވާހަކަ ދައްކާ ދެމީހަކު ކައިވެނިކުރުން ފަދަ ކަމެކެވެ. ދެމީހުން ވެސް އުޅެންޖެހެނީ އެކުގައެވެ. އެކަކު އަނެކަކު ދައްކާ ވާހަކައެއް ނޭނގެއެވެ. ބޭނުންވަނީ ކޮން އެއްޗެއްކަމާއި ކޮށްދޭންވީ ކީއްކަމެއް ނޭނގެއެވެ. އެހެން ވެއްޖެޔާ ކިތަންމެ ތަންތަނަށް އަރައިގެން ވާހަކަ ދެއްކިޔަސް ހަގީގީ ގުޅުން ކެނޑިފައިވާ އެއްޗަކަށް ހިމާޔަތް ދެވޭނީ ކިހިނެތް ހެއްޔެވެ؟ އަދި އޭގެ ފަރާތުން ހިމާޔަތް ހޯދާނީވެސް ކިހިނެތް ހެއްޔެވެ؟
ނޯޓް: މި ލިޔުން ބިނާވެފައިވަނީ، ނާޝިއާ މުޙައްމަދު، މިޒްނާ މުޙައްމަދު، އަދި މުޙައްމަދު އިނާޒް "ޖާނަލް އޮފް އެޑިޔުކޭޝަން ފޯ މަލްޓިލިންގުއަލިޒަމް" ގައި 2025 ވަނަ އަހަރު ޝާއިއުކޮށްފައިވާ "ސަސްޓޭނިން އިންޑިޖީނަސް ލެންގުއެޖް އެންޑް ނޮލެޖު އިން އައިލެންޑް ކޮމިޔުނިޓީސް: ޗެލެންޖަސް އެންޑް ފެސިލިޓޭޓަރސް" ދިރާސާގައި އަލިއަޅުވައިލައިފައިވާ ކަންތައްތަކުގެ މައްޗަށެވެ.
