Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފެންނަ ކޮންމެ ކަމެއް ސިކުނޑި ގަބޫލުކުރާ މައްސަލަ

ކަރަންޓު ގޮނޑީގައި މަރުގެ ހުކުމް ތަންފީޒު ކުރަން ހަމަޖައްސައިފައިވާ މީހެއްގެ ސިކުނޑި މަސައްކަތްކުރާ ގޮތުގެ ތަހުލީލެއް ހެދުމަށް ސައިންސްވެރިޔަކު ނިންމިއެވެ. އެ ކުށްވެރިޔާއަށް އެ ފުރުސަތު ދިނެވެ.

ޓެސްޓްގައި ކުށްވެރިޔާގެ އަތުކުރި ކުޑަކޮށް ކަފައިލިއެވެ. ތިއްކަކަށް ފަހު ތިއްކެއްގެ ލޭ ފައިބައިނެ ގޮތަށެވެ.

ސަލާމަތްވުމުގެ ފުރުސަތު ކުޑަކަމަށާއި މަރުވިޔަސް ތަދެއް ނުވާނެ ކަމަށާއި ވޭން ނާޅައިނެއިރު އެ ކަން އިހްސާސް ވެސް ނުކުރެވޭނެ ކަމަށް ސައިންސްވެރިޔާ ކުށްވެރިޔާގެ ގާތުގައި ބުންޏެވެ.

ކަރަންޓު ގޮނޑީގައި ކަރަންޓުގައި ޖެހިގެން މަރުވުމުގެ ބަދަލުގައި ކުށްވެރިޔާ އިހްތިޔާރުކުރީ ސައިންސްވެރިޔާގެ ތަހުލީލެވެ.

ހަރަކާތް ނުކުރެވޭ ގޮތަށް ކުށްވެރިޔާ ސްޓްރެޗަރަކަށް ލައިފައި ބަނެވެ. އަތުކުރީގައި ރަމްޒީ ވަރެއްގެ ތަންކޮޅެއް ކަފައިލައިފައި އަތުގެ ދަށުގައި އެލުމިނިއަމް ކޮންޓޭނަރެއް ބެހެއްޓިއެވެ.

ކަފައިލީ ހަމައެކަނި ހަމުގެ އެންމެ މަތީ ފަށަލައެވެ. ނަމަވެސް އެ ވަރުން ވެސް އޭނާއަށް ގަބޫލު ކުރެވުނީ އޭނާގެ އަތުކުރި ފަޅައިލި ކަމަށެވެ.

އެނދުތަންދޮށުގައި ބެހެއްޓީ ލޭ ހިކުނީމާ އަންނަ ރީނދޫކުލައިގެ ދިޔަ އެކުލެވޭ ފުޅިއެކެވެ. ކޮންޓޭނަރަށް، ދިޔައިގެ ތިއްކަކަށް ފަހު ތިއްކެއް އެޅޭނެ ގޮތަށް ކޮންޓްރޯލް ކުރެވޭ ގޮތަށް ވޭލްވެއް ފުޅީގައި ހުރީ ހަރުކޮށްފައެވެ.

ކޮންމެ ތިއްކެއް ވެއްޓޭ އަޑު ކުށްވެރިޔާއަށް އިވުނެވެ. އަދި އޭނާ ގަބޫލުކުރީ އެއީ އޭނާގެ ލޭ ކަމަށެވެ.

ކުށްވެރިޔާއަށް ނޭނގޭ ގޮތަށް، ވޭލްވުން ވެއްޓޭ ތިކިތައް ސައިންސްވެރިޔާ މަދުކުރަމުން ދިޔައެވެ. މިހެން ހެދުމުން ކުށްވެރިޔާއަށް ގަބޫލު ކުރެވުނީ އޭނާގެ ލޭ ހުސްވަމުންދަނީ ކަމަށެވެ.

މިނެޓުތައް ފާއިތުވި ވަރަކަށް ކުށްވެރިޔާގެ މޫނުމަތި މިލަން ފެށިއެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވިއެވެ. އަދި ނޭވައި ލުން ދަތިވާން ފެށިއެވެ.

ކުށްވެރިޔާގެ ހާސްކަން ކުންނަށް އެރުމުން ސައިންސްވެރިޔާ ވޭލްވް އެއްކޮށް ބަންދުކޮށްލިއެވެ. އެ ހިނދު، ކުށްވެރިޔާގެ ހިތް ހުއްޓި، މަރުވިއެވެ.

ސައިންސްވެރިޔާ ސާބިތުކޮށްދިނީ އިންސާނާގެ ސިކުނޑިއަކީ ފެންނަ މަންޒަރަށް ވަރުގަދައަށް ތަބާވެ، ގަބޫލުކުރާ ގުނަވަނެއްކަމެވެ. ރަނގަޅު ކަމެއް ވިޔަސް ނުވަތަ ނުބައި ކަމެއް ވިޔަސްމެއެވެ. އަހަރެމެންގެ މުޅި ނަފުސަށް އެ ކަމުން އަސަރުކުރާކަމެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ.

އަމިއްލަ ނަފުސަށް އޮޅުވައިލުމުގައި ސިކުނޑިއަކީ އެއްވެސް އިމެއް އޮތް އެއްޗެއް ނޫނެވެ. އެންމެ ނުރައްކަލީ، ކަމެއް ފަހުމް ނުވެ، އެ ކަމުގެ ހަގީގަތް ހޯދަން، އަމިއްލަ އުޒުރުތަކެއް އީޖާދުކުރުމެވެ. މިސާލަކަށް، ރޫހާނީ ކަމެއް ނެތް ހާދިސާތަކުގައި ވެސް ރޫހާނީ ކަމެއް ހުރިކަމަށް ގަބޫލު ކުރުމެވެ.

ހައްލު ނުކުރެވޭނެހެން ހީވާ މައްސަލަތައް ވަރަށް ގިނައިން އަހަރެމެންނަށް ހަޔާތުގައި ކުރިމަތިވެއެވެ. ހާލަތު ބަދަލު ކުރެވޭނެ ފުރުސަތު ކުޑަކަމަށް މީހަކު އަހަރެމެންގެ ގާތުގައި ބުނެފާނެއެވެ. އެކަމަކު އަހަރެމެން އިހްތިޔާރު ކުރަނީ، ހަމައެކަނި އަހަރެމެންނަށް ފަހުމްވާ އަދި އަހަރެމެންނަށް ވިސްނޭ ކަންތައް ގަބޫލު ކުރުމަށެވެ.

އެހެންކަމުން، ފޭލިވުމާމެދު ވިސްނާ މީހާ އެ ހުރީ ފޭލިވެފައެވެ. ކާމިޔާބާމެދު ވިސްނާ މީހާ އެ ހުރީ އޭނާ މިހާރު ހުރި ފިޔަވަޅަށްވުރެ ވެސް އެއް ފިޔަވަޅު ކުރީގައެވެ.

  • ތަރުޖަމާއެއް