ލޯބީގެ ގިނަ ދުވަސްވީ ގުޅުމެއް ނިމިގެންދާތާ އެތައް ދުވަހެއް ވަންދެން އެ ކެކުޅުން ދެމިގެން ދެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ނުނިދި، ބޭގަރާރުކަމުގެ މަތީގައި ރޭތައް ވޭތުކުރުމަށް ފަހު އަލުން އަނބުރާ ދިރިއުޅުމުގެ މައިދާނުގައި ސާބިތުކަން ލިބި، އާ ހަޔާތަކަށް ކުރިމަތިލެވޭ ހިސާބަށް ދެވެއެވެ. ބައެއް ދުވަސްދުވަހު ހޭލާއިރުގައި އެ މީހާއަކީ އެއް ޒަމާނެއްގައި ތިމާގެ ހަޔާތުގެ ބޮޑު ބައެއްކަން ހަނދާނުގައި ނުވެސް ހުރެއެވެ. އުފަލުގައި ކޮފީއެއް ހަދައިލައިގެން ދުވަސް ފަށައި، ތިމާގެ ދިރިއުޅުމުގެ ކަންކަމުގައި ޝާމިލުވެ އުޅެން ފަށަނީ ކާމިޔާބީގެ ފޮނިކަން އިހުސާސްކުރަމުންނެވެ.
ނަމަވެސް އެހާ ރަނގަޅަށް ދާ ދުވަހަކަށް ކުއްލިއަކަށް ހިތްދަތިކަން ގެނުވާ ކަހަލަ ކަމެއް ދިމާވެދާނެއެވެ. ހިނގައިފައި ދަނިކޮށް، ކުރީގެ ބައިވެރިޔާއާ އެކުގައި އުޅުނުއިރު ރީތިވެގެން ޖެހި ލަވައެއް ކެފޭއަކުން އަޑު އިވިދާނެއެވެ. އަލަށް ދިމާވާ މީހެއްގެ ހީލާގޮތް އެމީހާގެ ހިނިތުންވުމާ ވައްތަރުވެދާނެއެވެ. ދެމީހުން ވަކިވިކަން ނޭނގޭ މީހަކާ ދިމާވާ ހިނދު، ވަކިވެގެން ގޮސްފައިވާ ބައިވެރިޔާގެ ހާލު އަހުވާލު އަހައިލަފާނެއެވެ. އެހިސާބުން އެ ދުވަހު ހެދުނު އިހުސާސްކުރެވުނު ފޮނި ކާމިޔާބީ ހިތި ހަބަރަކަށްވެ، އަރުތެރޭގައި އެ ރަހަ ހަރުލާ ގޮތްވުމަކީ އެކަށީގެންވާ ކަމެކެވެ. އެތައް މަހެއް ތަހައްމަލުކުރަން ޖެހުނު ވޭން އަލުން އަނބުރާ ބޮޑު ރާޅެއްގެ ސިފައިގައި މުޅި މީހާގެ ނަފުސު ގިރާލައެވެ.
ދޫވެގެން ދާތާ އެތަކެއް އަހަރެއް ވަންދެންވެސް ލޯތްބަށް ބަދަލު ނައިސް ދެމިއޮންނަ ކަމަކީ އަޖައިބުކުރުވާ ކަންކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ބައެއް މީހުން އެ ވޭނުގައި ނުކުޅެދިފައި އެތައް އަހަރެއް ވޭތުކުރެއެވެ. "އެމީހުން އަހަރެން ދޫކޮށްލީ ކީއްވެގެންހެއްޔޭ؟ އެމީހުން އަހަރެންނަށް ބޭވަފާތެރިވީ ކީއްވެހެއްޔޭ؟ އެމީހުން އަހަރެންނަށް އޮޅުވައިލީ ކީއްވެހެއްޔޭ؟" ސުވާލުކުރުމުގައި މަސްތަކާއި އަހަރުތައް ހޭދަކުރަނީ އެމީހުންނަށް ކުރަމުންއައި އުންމީދުތަކުގެ އުސްކަމާއި ވެއްޓު ވަޅުގަނޑުގެ ފުންކަމުންނެވެ. އެމީހުން އެ ގުޅުމަށް ދިން އަހައްމިއްޔަތު އަނެކާގެ ފަރާތުން ނުލިބުމުންނެވެ. ދޫކޮށްފައި ނުދާނޭކަމާއި ދުވަހަކު އެ ގުޅުން ނިމިގެން ނުދާނޭ ކަމަށް ކަށަވަރު މުޖައްރިބުކޮށްގެން ތިބި ވަރުންނެވެ.
ތިމާ ދޫކޮށްފައިދިޔަ މީހުންނާ ދޭތެރޭ ހިތްބުރަކޮށް ވާހަކަދައްކައި ޝަކުވާކޮށް ހެދިޔަސް، އެކަނިވާ ވަގުތުތަކުގައި އެމީހުން އަދިވެސް ތިމާގެ މަތިން ހަނދާންވޭތޯ، އެމީހުންނަށް ކުރެވުނު ކަންތަކާ ދެރަވޭތޯ އަހާނޭކަން ޔަގީނެވެ. އޭގައި ގޯހެއް ނެތެވެ. ކުރާ ޝަކުވާކުރަނީވެސް ހިތަށް އެ ވޭނަށް ކެތްނުކުރެވޭތީއެވެ. ވަކިވުމަށް ފަހުގައިވެސް އެތަކެއް ދުވަހެއް ވަންދެން ހިތް އެދޭނީ އެކަން އަނބުރާ ރުޖޫއަވުމަށެވެ. އަދިވެސް އެމީހާގެ ހިލަމެއް ވާހެން ހީވެއްޖެނަމަ ހިތް ތެޅޭނޭކަން ޔަގީނެވެ. އެމީހާގެ އަޑުހެން ހީވެއްޖެނަމަ ފަހަތް ބަލައިލާނޭކަން ޔަގީނެވެ.
ބައެއް ފަހަރު ފުނޑުފުނޑުވެފައިވާ ހިތުގައި އަޅާ ވޭނަކީ ނިމުމެއް ނެތް އިހުސާސެކޭ ހީވާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ހަލާކުވެފައިވާ ހިތެއް ފަސޭހަކުރާކަށް ނަގާނޭ ސީދާ މަގެއް ނޯވެއެވެ. އެ މަރުހަލާގެ ތެރޭގައި މާޒީގެ ކޮންމެ ސަފުހާއެއްގައި އެތައް ފަހަރަކު ހިނގާނެއެވެ. އޭރު ދެއްކި ވާހަކަތަކުގައި، އެ ދުވަހު ނަގައި ނުގަނެވުނު އެތައް މާނައެއް ވާކަން އެނގޭނެއެވެ. ވަގުތާއި ތަނާއި ހާލަތު ތަން ނުދޭތީ ހަނދާނަށް ގެންނަން ނުކެރިފައި ހުރި އެތައް ކަމެއް އުތުރިގެން އަރާނެއެވެ. އެއްބައި ދުވަސްދުވަހު އޭނާއަކީ ބޭވަފާތެރިޔެކޭ ހިތަށް އަރާނެއެވެ. އަނެއްބައި ދުވަސްދުވަހު އޭނާއަކީ މާތް ދޭވަތާއެކޭވެސް ހިތަށް އަރާނެއެވެ.
ބައެއް ދުވަސްދުވަހު އެމީހުންނާ އަލުން ބައްދަލުވެލުމަށް ހިތް އެދޭނެއެވެ. ނަމަވެސް އަނެއްބައި ދުވަސްދުވަހު ދެން ދުވަހަކުވެސް އޭނާގެ ސޫރަ ފެންނަން ބޭނުމެއް ނޫނޭވެސް ހިތަށް އަރާނެއެވެ. ބައެއް ދުވަސްދުވަހު "ދުވަހަކު އޭނާއާ ދިމާނުވިނަމައޭ" ހިތަށް އެރުވިޔަސް، އަނެއްބައި ދުވަސްދުވަހު ހިތް އެދޭނީ އޭނާގެ އުނގުގައި ބޯއަޅައިލައިގެން ލޮލުން ހޯސްލައިފައި ކަރުނަ އޮހޮރުވާށެވެ. ނަމަވެސް ހަގީގަތަކީ އެ ބާބު ވަނީ ނިމިފައެވެ. އޭނާ ވަނީ ދުރަށް ގޮސްފައެވެ. މި ވާހަކައަށް ނިމުމެއް ގެނައުމަށް ކުރެވެން އޮތީ ކިހިނެތްހެއްޔެވެ؟
މި ހުރިހާ ކަމަކީ ނިމުމުގެ ބައެކެވެ. މިގޮތަށް އޭނާއާމެދު ވިސްނި ބޭގަރާާރުވާވުމަކީ އާ ބާބު ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކުގެ ބައެކެވެ. މި ބައި ކަނޑައަތު ނުކުރާނަމަ، މާޒީގައި ވީ ކަންކަމުން އެޅި ވޭންތައް ނުކުމެ ކުދިގޯނާކުރަން ފަށާނީ ދެން ފަށާ ގުޅުމެއްގެ ތެރޭގައެވެ. މިއަދު އަނެކާއަށް ތިމާކުރި އިތުބާރު ގެއްލުވާލުމުން އަޅާ ވޭނުގެ ބޮޑުމިން ތިމާއަށް ތަހައްމަލުކުރާ ކޮންމެ ދުވަހަކީ ތިމާގެ ގައިގައި މިފަދަ ކަންކަމަށް ކުރިމަތިލުމުގެ ގާބިލުކަން އިތުރުވާ ދުވަހެކެވެ. ތިމާގެ ހިތުގައި އޭނާއާމެދު ލޯތްބާއި ނަފުރަތު މި ދެކަން އެއްފަހަރާ އުފުލަން ދަސްވާ ދުވަހަކީ ތިމާގެ ހިތުގައި ހުރިހާ ހަގީގަތެއް އޭގެ ޒާތުގައި ތަހައްމަލުކުރުމުގެ ގާބިލުކަން ހާސިލުވާ ދުވަހެވެ.
ހަލާކުވެފައިވާ ހިތަކުން އަރައިގަނެވެނީ ހަނދާނުން ފިލުވައިލައިގެނެއް ނޫނެވެ. އެ ހަނދާންތަކުގައި ހިފައިގެން ކުރިއަށް ދާން ދަސްކޮށްގެންނެވެ. އެމީހުން އަލުން ހަޔާތަށް ގެންނަން ބޭނުންވިޔަސް، ނުގެންނާނަން ކަމަށް ނިންމިދާނެއެވެ. އަދި ގެންނަން ބޭނުންނުވިޔަސް ގެންނަން ބޭނުންވާ ދުވަސްތައްވެސް އަންނާނޭކަން ގަބޫލުކުރެވިދާނެއެވެ. އެހެން މީހަކާ އެކުގައި އުޅޭއިރުގައިވެސް ތިމާގެ ހިތަށް އެމީހުންގެ ހަނދާން އައިސްފާނެއެވެ. މިއީ ހިތަށް އަރާ ފައިބާ ހިޔާލުތަކެވެ. މިއަށް މާނައެއް ދޭކަށް ނުޖެހެއެވެ.
މިހާރު ހިތަށް ޝިފާއެއް ހޯދުމުގެ މަގުގައި ކޮންމެ ހިސާބެއްގައި އުޅުނަސް ހަނދާންކުރަންވީ މި ވޭން ތަހައްމަލުނުކޮށް މީގެން ނުކުމެވެން ނެތްކަމެވެ. މިއަދު ރިހޭ ހިތުގައި އަޅާ ވޭން ގަދަވިޔަސް އެ ވޭން އެއްދުވަހުން އަނެއް ދުވަހަށް ދާނީ މަޑުވަމުންނެވެ. އެމީހުން އެނބުރި އައިސްފިއްޔާ ހަދާނެ ގޮތެއް އެނގޭކަށް މިއަދަކު ނުޖެހެއެވެ. ދިމާވެއްޖެއްޔާ ދައްކާނޭ ވާހަކަ ވިސްނައި ނިންމާކަށް މިއަދަކު ނުޖެހެއެވެ. އެމީހާގެ ހަނދާންވާ ކޮންމެ ފަހަރަކު އެ ހިޔާލުތަކަށް ސިކުނޑީގައި ކުޑަ ޖާގައެއް ހަދައިލާށެވެ. އޭތި އެނބުރުނަ ދޭށެވެ. އެ ހިޔާލު ދާހިނދު އަމިއްލަ ނަފުސަށް އަލުން އަނބުރާ އާދެވޭނެއެވެ. އިތުރު ގާބިލުކަމަކައިގެންނެވެ.
