ސެމިނާއެއްގައި އަންހެނަކު އަތް އުފުލައިލައިފައި ލެކްޗަރު ދެމުންދިޔަ ލިޔުންތެރިޔާއަށް ސުވާލެއް ހުށަހެޅިއެވެ: "އަހަރެން މި އުޅެނީ 'ރައިޓް ޕާސަން' (’ރަނގަޅު މީހާ')އާއެކު ކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟"
ލިޔުންތެރިޔާ އެ އަންހެންމީހާއަށް ބަލައިލިއެވެ. އަދި އެ އަންހެންމީހާއާ ޖެހިގެން އިށީނދެގެން އިން، އިސްކޮޅުން ދިގު ފިރިހެންމީހާއާ ދިމާއަށް ބަލައިލިއެވެ. އަދި މަޑުމައިތިރި ކަމާއެކު ސުވާލުކޮށްލިއެވެ: "ތިޔަ އިނީ ތިބާގެ ބައިވެރިޔާ ހެއްޔެވެ؟"
އެއްބަސްވެލުމުގެ ގޮތުން އަންހެންމީހާ ބޯޖަހައިލިއެވެ. ނަމަވެސް އޭނާގެ ލޮލުން ފެންނަމުން ދިޔައީ ޝައްކުގެ ނަޒަރެކެވެ.
ލިޔުންތެރިޔާ ހިނިތުންވެލިއެވެ. އަދި ބުނެލިއެވެ: "ތިޔަހެން ވީއިރު ތިބާގެ މުޅި ހަޔާތަށް ދެމިގެންދާނެ އެއްޗެއް އަހަރެން ބުނެލައިނަމެވެ."
ލިޔުންތެރިޔާގެ ވާހަކަ ކުރިއަށް ގެންދިޔައީ މި ގޮތަށެވެ:
ކޮންމެ ގުޅުމެއް ވެސް އެނބުރޭނީ ބުރަކަށެވެ. ފުރަތަމަކޮޅު ހުރިހާ ކަމެއް ވެސް އިހްސާސް ކުރެވޭނީ ޖާދުލެއް ކަހަލަ ކަމެއް ލައިގަނެގެން އުޅޭހެންނެވެ. މަސައްކަތެއް ނުކޮށް ވެސް އޮންނާނީ ލޯބިވެވިފައެވެ. އޭނާގެ ފޯން ކޯލްތަކަށް އިންތިޒާރު ކުރެވޭނެއެވެ. ތިބާގެ ގައިގައި އޭނާ ބީހިލުމަށް ތިބާއަށް އެދެވޭނެއެވެ. އަދި އޭނާގެ ކުދިކުދި އަމަލުތައް ހުންނަ ގޮތުން ވެސް ތިބާގެ މޫނުމައްޗަށް ހިނިތުންވުން އަންނާނެއެވެ.
މީހެއް ދެކެ ލޯބިވުމަކީ ތިބާގެ އަމިއްލަ ނަފުސަށްވުރެ ބޮޑު ކަމެއްގެ މަތީގައި ތިބާ އުތުރިއަރައިހެން އިހްސާސް ކުރެވުމެވެ. އެއީ ތިބާގެ ރޭވުންތެރިކަމަކުން ވާ ގޮތެއް ނޫނެވެ. އެއީ ހަމަ ތިބާއަށް ކުރެވޭ އިހުސާސްއެކެވެ.
ނަމަވެސް ވަގުތު ހިނގާ ވަރަކަށް ކޮންމެވެސް ކަހަލަ ބަދަލެއް އާދެއެވެ. ކުރިން އިހްސާސް ކުރެވުނު މަޖާގަނޑު މައިތިރިވެ، ފަނޑުވެގެންދެއެވެ. ކުރާ ކޯލްތައް ކުރުވެއެވެ. އެއް އިރެއްގައި ތިބާ ހިނި އައި ކުދިކުދި އަމަލުތައް މިހާރު ތިބާގެ ސިކުނޑިއަށް އުނދަގޫ ކުރަން ފަށައެވެ. އަނެކާއާ ދެމެދު އޮތް ގާތް ގުޅުން އެއީ "ބަރު"ކަމެއް ލިބޭ އެއްޗެއް ގޮތަށް އިހްސާސްތައް ބަދަލުވެއެވެ. އަމިއްލަ ނަފުސާ މަޑުމަޑުން ސުވާލު ކުރެވެން ފަށައެވެ: "އަހަރެންނަށް މި އުޅެވެނީ ރަނގަޅު މީހާއާއެކު ހެއްޔެވެ؟"
ކޮންމެ ހިތެއް އިމްތިހާންކުރެވޭނެ ހިނދުކޮޅަކީ މިއެވެ. ސަބަބަކީ، ހަގީގަތުގައި، ލޯތްބަކީ ޖަޒުބާތެއްގެ ތެރެއަށް "ވެއްޓުމެއް" ނޫނެވެ. އެއީ އެ ކަމުގެ ތެރޭގައި "ކޮޅަށްހުރެވުމެ"ވެ. އެކަކު އަނެކަކާ ޖެހިގެން، ގާތުގައެވެ. އެކަކު އަނެކަކާމެދު ކުރެވޭ އިހްސާސްތައް ބަދަލުވި ނަމަވެސް މެއެވެ.
މީހަކާ ދެމެދު ބާއްވާ ގުޅުމެއް ދާއިމީ ގޮތެއްގައި ދެމިގެންދަނީ "ޕަރފެކްޓް" ނުވަތަ އެންމެ ފުރިހަމަ މީހާ ހޯދައިގެނެއް ނޫނެވެ. އެއީ ތިބާއަށް ހޯދުނު މީހާ ދެކެ ލޯބިވާން ދަސްކުރުމެވެ.
ގިނަ ފަހަރަށް ލޯބި ހޯދަން މީހުން އުޅެނީ ބޭރު ތެރެއިން ލިބޭ އެއްޗަކުންނެވެ. މިސާލަކަށް، ކާރެއް ގަނެގެންނެވެ. ބައެއް މީހުން ހިތްހަމަޖެހުން ހޯދަނީ އާ މީހެއްގެ ފަރާތުންނެވެ. މިސާލަކަށް، އާ ލޯބިވެރިއެއް ހޯދައިގެންނެވެ. އަދި އެހެން ބައެއް މީހުން މަސްއޫލުވަނީ މަސައްކަތާއި ހޮބީ ފަދަ މުނިފޫހިފިލުވުމާއި އަދި ސިކުނޑި އަނބުރައިލައި ޒާތުގެ "ޑިސްޓްރެކްޝަން"ތަކާ ދިމާއަށެވެ. މިސާލަކަށް ޓީވީ ބެލުމެވެ.
އެކަމަކު، ހަގީގަތަކީ، ތިޔަ ކުރި ސުވާލުގެ ޖަވާބު އޮތީ ތަނެއްގެ ބޭރަކު ނޫންކަމެވެ. ޖަވާބު ތިޔަ އިނީ ތިބާގެ ސީދާ ކުރިމަތީގައެވެ. ޖަވާބު ތިޔަ ހުރީ، ލޯބިވާނެ ކަމަށް، އެއް އިރެއްގައި ތިބާ ވައުދުވި، މީހާގައެވެ.
ތެދެކެވެ. އަލުން އެހެން މީހެއް ދެކެ ވެސް ތިބާ ލޯބިވެދާނެއެވެ. އަދި ކުޑަ ދުވަސްކޮޅަކު އެ ކަން މަޖާ ވެސް ވެދާނެއެވެ. ނަމަވެސް ދުވަސްތަކެއް ފަހުން، ހަމަ ތިޔަ ގޮތަށް ތިބާ ވަހުތާނެއްހެން އެނބުރެން ފަށާނެއެވެ. ކުރީގައި އަމަލުތައް ހުރި ގޮތްތަކާ އެއްގޮތަށް ތިބާގެ އަމަލުތައް އަލުން ތަކުރާރުވާނެއެވެ. ނަމަވެސް އެއީ ލޯބީގެ އަސްލު ހަގީގީ ފުންކަމާއި ބޮޑުކަމުގެ ސިފަ ދަސްނުކުރެވިއްޖެއްޔާއެވެ.
ހަގީގީ ލޯތްބަކީ ނޭނގޭ ފަދަ ސިއްރެއް ނުވަތަ "މިސްޓްރީ"އެއް ނޫނެވެ. އެއީ "ޗޮއިސް" ނުވަތަ އިހްތިޔާރު ކުރުމެކެވެ. އެއީ ހިތްވަރަކާއި ބާރެއް ނުވަތަ "އެފަޓް"އެއް ލުމެވެ. ދަތިއުނދަގޫ ހާލުގައި ވެސް އަނެކާއަށް އަޅައިލުމުގައި ދެމިހުރުމަށް ނިންމުމެވެ. އެއީ ތިބާގެ ބައިވެރިޔާ އަބަދުވެސް އިހްތިޔާރު ކުރުމުގައި ދެމިހުރުމެވެ. އޭނާ ދޫކޮށްލައިފައި ދިއުމަކީ، ހިތާއި ސިކުނޑިއަށް މާ ފަސޭހަ ކަމެކޭ އިހްސާސް ކުރެވޭ ދުވަސްތަކުގައި ވެސް، އޭނާ ދޫނުކޮށްލުމަށް ނިންމުމެވެ.
އަބަދުވެސް މި ކަން ހަނދާނުގައި ބަހައްޓާށެވެ: ތިބާގެ ހަޔާތަށް އަންނަ މީހުން ނިންމަވާނީ މާތް ކަލާނގެއެވެ. ނަމަވެސް އޭގެ ތެރެއިން ތިބާގެ ގާތުގައި ބައިތިއްބާނެ މީހުން ތިބާ ކަނޑައެޅުމާއި އޭގެ ތެރެއިން ދޫކޮށްލައިނެ މީހުން ތިބާ ކަނޑައެޅުމާއި އަދި އޭގެ ތެރެއިން ދުވަހަކު ވެސް ދޫނުކޮށްލައިނެ މީހަކު ތިބާ ކަނޑައެޅުމަކީ ތިބާއަށް ނިންމުމުގެ ބާރު ލިބިފައިވާ ކަމެކެވެ.
- ޒައުއީ ހޮޖްސަން ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެއް
