Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަދުގެ އިންސާނުން އުޅެންޖެހިފައިވާ ޖަންގަލި

ވަލުން ނުކުމެ، ގަސްގަހާގެހި ކޮށައި، ވިނަ ނޮޅައި، އަހަރެމެން އިންސާނުން މިއަދު މި އުޅެނީ ކޮންކްރީޓުން ހަދައިފައިވާ ޖަންގައްޔެއްގައެވެ. ސުވާލަކީ، ސިންގާ އާއި މިނިކާވަގުތަކުން އަހަރެމެން ސަލާމަތްވި ނަމަވެސް، ހަގީގަތުގައި އެންމެ ނުރައްކާތެރި "މަހުލޫގުން"ގެ ކިބައިން އަހަރެމެންނަށް ސަލާމަތްވެވިއްޖެ ހެއްޔެވެ؟

އާއެނކެވެ. މި ދައްކަނީ ޚުދު އަހަރެމެން އިންސާނުންގެ ވާހަކައެވެ. އެންމެ ވިސްނުންތޫނު ދިރޭތަކެއްޗެވެ. އަދި މިހެންވެ، އެއްކޮޅުން ލޯބި ދިނުމުގައި ހައްދުފަހަނަޅައި ދިއުމުގެ ގާބިލުކަން ހުންނަ އިރު، އަނެއްކޮޅުން މީހުންނަށް ލަނޑުދިނުމުގައި ވެސް ނުތަކާ ވަރަށް މޮޅެވެ.

ތިރީގައި މިވާ އަށް ނުކުތާއަށް ބަލައިލަމާ ހެއްޔެވެ؟ މިއީ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހަގީގީ ދިރިއުޅުމުގައި ކޮންމެވެސް ސިފައެއްގައި ކުރިމަތިލާން ޖެހިފައިވާ ޒާތްޒާތުގެ މީހުންނެވެ:

  1. އެ މީހަކާ ނުލައި ތިބާއަށް ނޫޅެވޭނެހެން ހީވާ މީހާ ވެސް ތިބާއާ ނުލައި އުޅެފާނެއެވެ. މިސާލަކަށް، ތިބާއާ ވަކިވާން ޖެހުނަސް، ތިބާ ނިޔާވިޔަސް، ވަގުތު ދާ ވަރަކަށް އެ މީހާ ތިބާއާ ނުލައި އުޅެން ހޭނި، އޭނާ އޭނާގެ ދިރިއުޅުމައިގެން ކުރިއަށްދާނެއެވެ. ތިބާ އޭނާއަށްޓަކައި ހޭދަކުރި ހަކަތަ އާއި ވަގުތާއި އަދި ވަސީލަތްތަކުގެ އަގެއް އަބަދަކު ދެމިއެއް ނޯންނާނެއެވެ.
  2. ދެ ބާވަތެއްގެ މީހުން އުޅެއެވެ. ފެން ތިއްކަރެއް ތިބާ ދިއްކޮށްލިޔަސް އެ ކަމަށް ޝުކުރުވެރިވާ މީހުންނާއި މުޅި ކަނޑު ދިން ނަމަވެސް ތިބާއާމެދު މާބޮޑު އަޅައިލުމެއް ނުބަހައްޓާނެ މީހުންނެވެ.
  3. ގާނޫނެއް ނުވަތަ ގަވައިދެއް ހެދުމުގެ ކުރިން މީހުން އޮންނާނީ އެ ސުންނާފަތިކޮށްލާނެ ނުވަތަ ބަނޑިކޮށްލާނެ ގޮތް ރާވައިފައެވެ.
  4. އަނެކާގެ އަސްލު ގޮތެއް ތިބާއަކަށް ދުވަހަކުވެސް ނޭނގޭނެއެވެ.
  5. ތިބާއާމެދު ދެ ގޮތެއް ނުވާ ގުޅުމެއް ބެހެއްޓި މީހަކު ވެސް ތިބާއަށްވުރެ ރަނގަޅު މީހަކާ އޭނާއާ ދިމާވުމުން އޭނާ ބަދަލުވާނެއެވެ.
  6. ތިބާއާމެދު މީހަކު ބަހައްޓާ ވަފާތެރިކަމަކީ ތިބާގެ ބާރެއް އޮންނާނެ ކަމެއް ނޫނެވެ. މީހަކަށް ކިތައްމެ ކަމެއް ކޮށްދިނަސް އެ މީހާ ހަމަ އެ ގޮތަށް ތިބާއާމެދު ކަންތައް ކުރާނެ ކަމަށް ހީނުކުރާށެވެ.
  7. ތިބާގެ އަދުގެ ކާމިޔާބީތަކާމެދު ނުރުހޭ މީހުން އުޅޭނެއެވެ. އެ ފަދަ މީހުން ތިބާ "ދަށްކޮށްލަން" އަބަދުވެސް ނަގާނެ މައްސަލަތަކަކީ ތިބާގެ މާޒީގައި ޖެހިފައި ހުރި ލައްތަކެވެ.
  8. ތިބާ ލޯބީގެ ގޮތުން ގުޅޭ މީހުންނާމެދު ހުށިޔާރުވާށެވެ. ބައެއް މީހުންނަކީ ތިބާއަށް އެންމެ ބޮޑަށް ހެޔޮ އެދޭ މީހުން ކަމަށް ނުވެދާނެއެވެ. މިހެންވެ، ތިބާގެ ހުރިހާ ސިއްރުތަކާއި ނިކަމެތިކަން ފަދަ ކަންކަން ހިއްސާކޮށްފި ނަމަ އެ ފަދަ މީހަކު ތިބާގެ ބަލިފައިގައި ހިފައި ވައްޓައިލައި ދުވަސް ވެސް އަތުވެދާނެއެވެ.

މި ލިސްޓަށް ބަލައިލައިފި ނަމަ އިންސާނީ ހަޟާރަތަކީ ވަރަށް ނާއުއްމީދުން ފުރިގެންވާ ބައެއްގެ މުޖުތަމައެއްކަން އެނގޭނެއެވެ. ނަމަވެސް މި "ކޮންކްރީޓް ޖަންގަލީ"ގައި އަހަރެމެން އެންމެނަށްމެހެން އުޅެން ޖެހިފައިވާއިރު މި ފަދަ މީހުންނާމެދު ހުށިޔާރުވެގެން އުޅޭ ނަމަ، އަހަރެމެން އިންސާނުން އެއް ޒަމާނެއްގައި ހަގީގީ ޖަންގަލިތަކުގައި ކުރިމަތިލާން ޖެހުނު ސިންގާތަކާއި މިނިކާވަގުތަކުން ރެކެން ކުރި މަސައްކަތްތަކަށްވުރެ އަދުގެ ކޮންކްރީޓް ޖަންގަލީގެ ދިރިއުޅުން މާ ބޮލަށް ފަސޭހަވާނެކަން މިއީ ކަށަވަރު ކަމެކެވެ.