މާބަނޑު އަންހެނުންނަށް ހެނދުނުގެ ނާސްތާއަށް އެއްގަމު މަސްކޮޅެއް ގެނެސްދޭންވެގެން ޝިކާރަވެރިޔަކު ޖަންގައްޔަށް ދިޔައެވެ.
އޭނާއަށް ފެނުނީ ޅަ ރާމާމަކުނެއް އުރައިލައިގެން އިން އަންހެން ރާމާމަކުނެކެވެ. އެ ރާމާމަކުނު އިނީ އެ ސޮރުގެ ދަރިފުޅު މޭމަތީގައި ފިއްތައިލައިގެންނެވެ.
އިތުރު ވިސްނުމަކައި ނުލައި ޝިކާރަވެރިޔާ އެ ރާމާމަކުނާ ދިމާއަށް ބަޑިޖެހިއެވެ. އެއާއެކު އެ ސޮރުގެ ފުރާނަ ނެތް މަސްގަނޑު ބިންމައްޗަށް ވެއްޓުނެވެ.
ހިތްފަޅައިގެންދާވަރުގެ އަޑުގަދަ ރުއިމެއް ޅަ ރާމާމަކުނުގެ ފަރާތުން އިވިގެންދިޔައެވެ. މަރުވެފައިވާ މަންމަގެ މަސްގަނޑުގައި އެ ސޮރު އިނީ ގަދައަށް ބައްދައިލައިގެންނެވެ. ނަމަވެސް ޝިކާރަވެރިޔާ އެ ކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ.
މަރުވެފައިވާ މަންމަ ރާމާމަކުނުގެ މަސްގަނޑު، ޝިކާރަވެރިޔާގެ ކޮނޑުމައްޗަށް ވައްޓައިލައި، އަނބުރައި ދާން ހިނގައިގަތެވެ. ގޮތެއް ނެތިފައިވާ ޅަ ރާމާމަކުނު ދޫކޮށްލައިފައެވެ.
ގެއަށް ގޮސް، މޫނުމަތިން ފަހުރުވެރިކަން ފާޅުކޮށްލައިފައި، ޝިކާރަވެރިޔާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ.
"ލޯބިވެރިޔާއެވެ! އަހަރެންނަށް މިއަދު ހައިވާނެއް ހިފިއްޖެއެވެ. މި ރޭ އަހަރެމެން ޖާފަތެއް ބާއްވަމާ ހިނގާށެވެ!"
އޭނާގެ މާބަނޑު އަނބިމީހާ ފަނޑު ގޮތަކަށް ހީނލިއެވެ. އަދި ސުވާލުކުރިއެވެ: "ކޮން ހައިވާނެއް ހެއްޔެވެ؟"
މަޖާވެފައި ހުރި ރާގަކަށް ޝިކާރަވެރިޔާ ހީނގަތެވެ. އަދި ބުންޏެވެ: "ރާމާ މަކުނެކެވެ! މަންމައެކެވެ! އަހަރެން އެ ސޮރު މަރައިލިއިރު އެ ސޮރު އިނީ އެ ސޮރުގެ ޅަ ދަރިފުޅު ހިފައިގެންނެވެ. ނިކަމެތި އެ ޅަ ރާމާމަކުނު ހަޅޭއްލަވައިގަތެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އެ ސޮރަށް އެ ސޮރުގެ މައިމީހާ ދެން ދުވަހަކު ވެސް ނުފެންނާއެވެ. އިސާހިތަކު ތެލީގައި އަހަރެމެން އެ ސޮރުގެ މި މަންމަ ކައްކައިލައިނީއެވެ!"
މިހެން ބުނެފައި ޝިކާރަވެރިޔާ ހިނިގަނޑެއް ޖަހައިލިއެވެ.
އެކަމަކު… އުފާވެރިކަމުގެ ބަދަލުގައި އަނބިމީހާގެ މޫނުމަތިން ފެނުނީ ބަނަކަމެވެ. މަޑުމަޑުން އޭނާއަށް ބުނެވުނެވެ: "އަހަރެން އުފަލެއް ނުވެއެވެ. އަހަރެން ވަނީ ދެރައެވެ. ގެއްލުނީ އުއްމީދެވެ. ތިބާ ތިޔަ ހިފީ ހައިވާނެއް ނޫނެވެ."
އޮޅުން އަރައިފައި ހުރި ގޮތަކަށް ޝިކާރަވެރިޔާ، ދެ ބުމަ ގޮށްޖަހައިލައިފައި ބުންޏެވެ: "ތިޔަ ބުނި އެއްޗެއްގެ މާނައަކީ ކޮބައި ހެއްޔެވެ؟ މި އޮތީ ހައިވާނެއް ނޫން ހެއްޔެވެ؟"
އަނބިމީހާ ދެ ކޮޅަށް ބޯ ހޫރައިލިއެވެ. އޭނާގެ ލޮލުން ކަރުނަ ފޭބިއެވެ. އަދި ބުންޏެވެ: "ނޫނެކެވެ. ހައިވާނަކީ ތިބާއެވެ."
ޝިކާރަވެރިޔާގެ އަޑުގައި ހަރުކަށިކަން އުފެދުނެވެ. އަދި ބުންޏެވެ: "ބޭކާރު ވާހަކަ ނުދައްކާށެވެ. ހައިވާނަކީ ރާމާމަކުނެވެ. މަށެއް ނޫނެވެ!"
ތުންފަތް ތުރުތުރުލަމުން އަނބިމީހާ ޖަވާބުދިނެވެ: "އަހަރެން މި އިނީ ތިބާގެ ދަރިފުޅަށް ބަލިވެއެވެ. ހިނދުކޮޅަކަށް ވިސްނައިލަބަލާށެވެ. އަހަރެން ވިހެއީއެވެ. ދެން މީހަކު އައިސް އަހަރެމެންގެ ޅަ ދަރިފުޅުގެ ކުރިމަތީގައި އަހަރެން މަރައިލީއެވެ. އެއާ ވިދިގެން އަހަރެމެންގެ ދަރިފުޅު، ރުއިމާއި ގެއްލިފައިވާކަމުގެ އިހްސާސާއި މަޔަކު ނެތި، އެ ޅަ ރާމާމަކުނު ފަދައިން ބޮޑުވެއްޖެއްޔާ ވާނީ ކިހިނެތް ހެއްޔެވެ؟ ތިބާ މަރައިލީ ރައްކާތެރިކަމާއި އެއްޗެހި ފޯރުކޮށްދޭ ފަރާތެކެވެ. އަދި ކުށެއް ނެތް ޅަ މަހުލޫގެއް އެކަނިވެރިކަމުގެ ވޭން ތަހައްމަލުކުރަން އެ ފަކީރު ދޫކޮށްލީއެވެ. އަހަރެންގެ ގާތުގައި ބުނެބަލާށެވެ- ހަގީގީ ހައިވާނަކީ ތިބާ ނުވަތަ އެ ރާމާމަކުނު ހެއްޔެވެ؟"
މާބަނޑު އަންހެނުން މިހެން ބުނުމާއެކު ކޮޓަރިތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ. ޝިކާރަވެރިޔާގެ ހުނުން ހުއްޓުނެވެ. އަދި ހަގީގަތް ހާމަވެގެންދިޔައެވެ. އެއީ، ހަގީގީ ހައިވާނަކީ ޝިކާރަވެރިޔާކަމެވެ.
ފަރުވާލެއް އަޅައިލުމެއް ނެތި އެހެން މަހްލޫގެއް ޝިކާރަ ކުރުމަކީ ތިބާގެ އިންސާނިއްޔަތުކަމުގެ މާނައަކީ ކޮބައިކަން ހަނދާން ނައްތައިލުމެވެ.
އެހެން މީހުން އަޅާ ކަރުނަ އާއި ރޯ ރުއިމާއި އަދި އަހަރެމެން އެ މީހުންނަށް ކުރިމަތިކުރައި ވޭން، އެ ކަންތައްތަކާ އަހަރެމެންނަށް ވެސް ކުރިމަތިލާން ޖެހިއްޖެ ނަމަ، އެ މީހުން އަޅާ ވޭނާއި އަހަރެމެންގެ ވޭން ވެސް ވަކި ތަފާތެއް ނުވާނެއެވެ.
ހަގީގީ އިންސާނީވަންތަ ކަމަކީ އާރާއި ބާރެއް ނޫނެވެ. ނަމަވެސް އެއީ ހިތްހެޔޮކަމާއި ރަހްމަތްވަންތަކަމާއި ހަމްދަރުދީއެވެ.
އަހަރެމެންނާމެދު އެހެން މީހުން ކަންތައްތައް ކުރަން އަހަރެމެން އެދޭ ގޮތަށް، އެހެން މީހުންނާމެދު އަހަރެމެން ކަންތައްތައް ކުރަން ފޭލިވެއްޖެ ނަމަ، އަހަރެމެންގެ އިންސާނިއްޔަތުކަން ގެއްލި، ހަގީގީ ހައިވާނުންނަށް ވާނީ ޚުދު އަހަރެމެންނެވެ.
- ތަރުޖަމާއެއް
