Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 15

"އޭނަގެ ހުންނަނީ އަލްޒައިމާ ކިޔާ ބައްޔެއް، އޭނައަށް ނޭނގޭނެ ދެފަހަރަކު އެއްވެސް މީހަކު ވަކިކުރާކަށް، އަނެއްކާ މިހާރު ހުރީ އެއްވެސް މީހަކާއި ބައްދަލުކުރެވޭނެ ފަދަ ތަނެއްގައެއްވެސް ނޫން. ގުރައިދޫގައި ހުންނަތާ ހަތް އަހަރުވަނީ." ރާމީން ކިޔައިދޭ ތަފްސީލްތައް އެހުމަށްފަހު މާޔާއަށް ކެތެއް ނުވިއެވެ. ހުއްޓާލާށޭ ބުނެވުނެވެ.

މާޔާގެ ހިތަށް ކެތްނުވެ ރިހުމުގެ ސިފައިގައި ކަރުނަތައް ފޭބިތައް ރާމީންއަށް ފެނުނެވެ. އެ މޫނަށް ބަލަން އިންއިރު މާޔާއަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯ ރާމީންގެ ހިތަށް އެރިއެވެ. މާޔާ ރޮއި މަންޒަރުބަލަން އޭނާގެ ހިތަށް ކެތެއްނުވިއެވެ. ދެއަތް މުށްކަވާލާފައި ތިރިކޮށްލެވުނީ އަމިއްލަ ނަފްސު ކުށްވެރިކުރާ ހާލުގައެވެ. މާޔާގެ ނާޒުކުކަން ފެނިފައި އެހުރިހާ ހަޤީޤަތއް ކިޔައިނުދެވުނުނަމައޭ ހިތަށް އެރިއެވެ. ބައެއް ފަހަރު ހިތް ރުއްސުމަށް ދޮގު ހެދުމަކީވެސް އޮންނަ ކަމެކެވެ.

** **

މާޔާ ލަސްވެގެން ޝަރުމީލާ ކަންބޮޑުވެފައި ހުއްޓާ ފެނުނީ ރާމީން އާއި އެކު އެގެއަށް ވަންތަނެވެ. ރާމީން އެތެރެއަށް ނުވަދެ ދާން އެނބުރުމުން ދަނީތޯ ޝަރުމީލާ އެއްސެވެ. ރާމީން އާއެނކޭ ބުނެފައި މިވަގުތު އޮފީހަށް ދާންޖެހޭކަމުގައި ބުނެލިއެވެ. މާޔާ އެތެރެއަށް ވަނުމުން ޝަރުމީލާ އެއްވެސް ސުވާލެއް ނުކުރެއެވެ. ދިޔައީ ކޮންތަނަކަށްތޯ ނާހައެވެ. ރާމީން އާއި އެކު ހުރިތަން ފެނުމުން އޭނާގެ ހިތަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ. އެއީ ޝަރުމީލާ އިތުބާރުކުރާ ޒުވާނެކެވެ. އަޚްލާޤާއި އުޅުމުގައި ޝަރުމީލާ ގޮތްކިޔާނެ އެއްވެސް ކަމެއް ނެތެވެ. ތެދުވެރިކަމުގެ ގޮތުންވެސް ނަމޫނާ ޒުވާނެކެވެ.

ދަންވަރުގެ ވަގުތެވެ. އޭނާ އޮތީ ހަމަހިމޭންކަމާއި އެކު އަމިއްލަ ދުނިޔެއެއްގައެވެ. އުފާވެރިކަމުގެ ކޮޅެއް ފެންނަން ނެތް އަނދިރިގަނޑެއްގެ ތެރޭގައެވެ. ދިރިއުޅުންމަތިން ފޫހިވެ އޭނާގެ ސިކުނޑި އެހެން ދިމާލަކަށް މިސްރާބުޖަހަން ފަށައިފިއެވެ. އެގެއިން ފިލައިގެންވެސް އޭނާއަށް ދާނެ ތަނެއް ނެތެވެ. އެއްވެސް ދިމާލަކުން ރައްކާތެރިކަމެއް ނެތެވެ.

މިކިއަލްގެ ކޯލެއް ލިބުނީ ދަންވެފައި ހުއްޓައެވެ. މިކިއަލް އަމުރުކުރީ އޭނަގެ ކޮޓަރިއަށް އައުމަށެވެ. އޭނާ ދެކޮޅު ހަދައިފިނަމަ ކަންތައް ވެގެންދާނީ ކިހިނެއްކަން މިކިއަލް އޮތީ ކިޔައިދީފައެވެ. އެހެންވެ އިންކާރުކުރުމަކާއި ނުލައި މާޔާ ތެދުވީ ދާށެވެ. ކޮޓަރިން ނިކުންވަގުތަކީ ޔޫނުސް ގެއަށް އައިސް ވަން ވަގުތެވެ. މާޔާ ކުރެ ދަނީ ކޮންތަނަކަށްތޯ ޔޫނުސް އެއްސެވެ.

"ހަމަ މިހާރު މާޔާ ގޮސް ވަދޭ ކޮޓަރިއަށް، އެހެން ނޫނީ އަހަރެން މިގޮވަނީ މާޔާގެ މަންމައަށް" ޔޫނުސް ބޭނުންވީ ޝަރުމީލާ ހަތިޔާރަކަށް ހަދާށެވެ. މިދަންވަރު މާޔާ ގޮސް ވަންނާނީ ކޮންތާކަށްކަން ޔޫނުސްއަށް އެނގެއެވެ. މިކިއަލްގެ ތަންމަތީ މާޔާ ޖަހާ ސަކަރާތްވެސް ޔޫނުސްއަށް އެނގެއެވެ. މާޔާ ބިރުގަންނާނެހިތާއި ޔޫނުސް ހުއްޓާ މާޔާ ދިން ރައްދުން ހީވީ އޭނާގެ މޫނުމަތީ ޖެހިހެންނެވެ.

"ކޮންމެ ރެއަކު އަހަރެންގެ ކޮޓަރިއަށް ވަންނަ ވާހަކަވެސް ބުނަންވާނެ" މާޔާގެ އަޑުގައިވެސް އެއްވެސް ބާރެއް ނެތެވެ. އޭނާ ވާހަކަ ދެއްކީ ޔޫނުސްގެ މޫނަށް ނުބަލާ ހުރެފައެވެ. ޔޫނުސް އަނގަބަންދުވެފައި އިރުކޮޅަކު ހުރެވުނެވެ. މާޔާ ހިނގައިގަތީ ޔޫނުސްގެ ކޮނޑުގައި ޖެހިގެންފައެވެ. އޭނާ ނިކުންދޮރާއި ދިމާލަށް ބަލަހައްޓައިގެން ޔޫނުސް ހުއްޓެވެ. ދެން ދެލޯ އަޅައިލީ މާޔާ ގޮސް މިކިއަލް އުޅޭ ބައިގައި ޓަކިޖަހާލިތަން ފެނިފައެވެ.

ވަގުތުން ފޯނު ނަގައި މިކިއަލްއަށް ޔޫނުސް ގުޅިއެވެ. މާޔާ އަކީ އޭނާގެ މިލްކެކޭ ހީވެއެވެ. މިކިއަލް އާއި ގުޅުން ކެނޑި މާޔާ އެކަނިވާން ޔޫނުސް ބޭނުމެވެ.

"ހަލޯ" މިކިއަލްގެ އަޑަށް ޔޫނުސް ހިންދިރުވާލިއެވެ. އޭނާ ވާހަކަ ދައްކަން ފެށީ އަޑަށް ހަރުކަށިކަން ގެންނަމުންނެވެ.

"އަހަރެން މިގުޅަނީ ޕޮލިހަށް، ދަންވަރު ކަލޭ ތި ސަކަރާތްޖަހަން މިގެއަކު ނުހުރެވޭނެ." ޔޫނުސްއަށް ކިޔަމަންވާނެ ކަމުގައި ހީވިއަސް މިކިއަލް އެ އިންޒާރުތަކުން ގުޑުވައެއް ނުލެވުނެވެ. މާޔާ އާއި ދުރަށް ޖެހިލަމުން މިކިއަލް ފޯނު ހިފައިގެން ނިކުތީ ބެލްކަންޏަށެވެ. އޭނަ އާއި ދިމާލަށް ބަސްތައް އައިވަރަށްވުރެ ހޫނުކޮށް ޔޫނުސް ސިއްސައިގެންދާވަރުގެ ރައްދެއް މިކިއަލް ދިނެވެ. ޔޫނުސް ދެފައި ތުރުތުރުއަޅައިގަތީ މިކިއަލްއަށް އޭނާ ކުރާ ހުރިހާ ކަމެއް އެނގިފައި އޮތުމާއި އެކު ވީޑިޔޯތައް ހުރި ވާހަކަ އަޑު އަހާފައެވެ. ޕޮލިހަށް ގުޅައިގެން ފަޟީހަތްވާނީ ހަމައެކަނި މިކިއަލް ނޫންކަން އެނގުމުން ޔޫނުސް ކަންބޮޑުވިއެވެ. ވަރަށް އޮމާންކޮށް ދާނެ ކަމަށް ޔޫނުސްއަށް ހީވިއަސް މިކިއަލް އޭނާ ބްލެކުމެއިލްކުރަން ފެށިއެވެ.

މިކިއަލް ފޯނު ނިންމާފައި ވަންއިރު މާޔާ އޮތީ އެނދުގައި އުންޑުން އޮށޯވެލައިގެންނެވެ. އޭނާއަށް ވަށައިގެންވާ އެއްވެސް ކަމެއް ރެއަކާއިލީހެން ހިއެއް ނުވެއެވެ. މިކިއަލް އައިސް އޭނާ އާއި ކައިރިވަމުން ދިޔައިރު މާޔާ އޮތީ ހަރަކާތެއް ނެތް ބުދެއް ފަދައިންނެވެ. ބައިވެރިވުމެއް އަދި އިންކާރުކުރުމެއްވެސް ނެތެވެ.

** **

ޖެހިގެން އައި ދުވަހު މާޔާ ހޭލީ ވަރަށް ލަސްވިފަހުންނެވެ. އޭނާ ބަނޑުހައިވެގެން ނިކުންއިރު ޝަރުމީލާ އުޅުނީ ޝީތު އައިސްގެން ސައިހަދައިދޭށެވެ. ކައިވެންޏަށްފަހު މާޒިންގެ ގެއަށް ބަދަލުވެގެން އުޅެނީ ނަމަކަށެވެ. ހުރިހާ އިރަކު ކެއުން އޮންނަނީ އެގޭގައެވެ. ޝީތު އުޅެނީ ފުރުމުގެ ކުރިން ބާޒާރުކުރަން ދާށެވެ. މާޔާ ބައިވެރިވޭތޯ ޝީތު މިއަދުވެސް ވާހަކަ ދެއްކިއެވެ.

ދުވަސްކޮޅަކަށް މިކިއަލްގެ ކިބައިންނާއި ޔޫނުސްގެ ކިބައިން ސަލާމަތްވުމަކީ މާޔާ ބޭނުންވާ ގޮތެވެ. އޭނާ އެއްބަސްވީ އެހެންވެގެންނެވެ. ޔޫނުސް ބޭރުގައި އުޅެފައި އައިސް ކޮޓަރިއަށް ވަންތަން ފެނުނެވެ.  ޝީތު ހުރިތަން ފެނުނު ކަމަށްވެސް ނުހަދާ އޭނާ ވަދެގެން ދިޔައިރު މޫނުމަތިން ހިތްހަމަނުޖެހުން ފެންނަން ހުއްޓެވެ. ޝީތު އާއި އެކު މާޔާގެ ގާތުގައި ސައިބޯން އިށީންނަން ބުނެފައި ޝަރުމީލާ ދިޔައީ ޔޫނުސްއަށް ގޮވާށެވެ. އޭގެ މާގިނައިރުތަކެއް ނުވެ ޝަރުމީލާ އައީ އެކަންޏެވެ.

"އަހަރެން މާކުރިންވެސް ޔޫނުސްގެ ގާތުގައި ބުނިން މިކިއަލް ނެރެން، އޭނާގެ ގޮތް ޔޫނުސްއަށް ނޭނގުނު، މިހާރު އޭގެ ހިތި އެ ފެންނަނީ." ޝަރުމީލާގެ މޫނަށް ޝީތު އާއި މާޔާއަށް ބަލައިލެވުނެވެ. މިކިއަލް އާއި ޔޫނުސްގެ ދެމެދުގައި އަރާރުމެއް ހިނގައިދިޔައީތޯ ޝީތު އަހާލިއެވެ.

"އޭނަ ކުލި ނުދައްކާތާ ދެމަސްވެއްޖެ، ކުލި ދައްކަން ބުނެގެން އެބުނީ ކޯޓަށް ގޮސްގެން ނޫނީ ފައިސާ ނުދައްކާނަމޭ." ޝަރުމީލާ ކިޔައިދެމުން ދިޔައީ އޭނާއަށް ޔޫނުސް ކިޔައިދޭ ގޮތެވެ. ކަމުގެ ހަޤީޤަތް ޝަރުމީލާއަށް ފޮރުވިފައިވާވަރު މާޔާއަށް އެނގެއެވެ. ރޭގައި މިކިއަލް ދެއްކި ވާހަކަ އޭނާއަށް އިވުނެވެ. އެއްވެސް އުއްމީދެއް ނެތް މީހެއްފަދައިން މާޔާ އޮތީ އޭނާއަށް ދޫ ދޭނެ އެއްވެސް މީހަކު ނެތީމައެވެ.  އޭނާއަށް ވަދެވިފައިވަނީ ކަނިނުވާނެ އަލިފާންގަނޑެއްގެ ތެރެއަށެވެ.  އެންމެ ފަހުން އަނދައި ހުސްވާނީ އޭނާއެވެ.

** **

ފުރަން އުޅޭ ވާހަކަ މިކިއަލްގެ ކައިރީ މާޔާ ބުނީ ޗެކިންވެ ނިމި ބޯޑިންއަށް ވަދެފައެވެ. އޭގެކުރިން ބުނެފިނަމަ މިކިއަލް ހުއްޓުވާނެކަމުގެ ބިރު އޮތެވެ. އޭނާކުރި މެސެޖަށް މިކިއަލްގެ ފަރާތުން މާ ބޮޑު އަޅާލުމެއް ނައެވެ. ބޯޓަށް އަރަންވަންދެން އިރުކޮޅުކޮޅާ ފޯނަށް ބެލުނީ އިންޒާރެއް ލިބިދާނެއޭ ހިތް ބުނާތީއެވެ. އެކަމަކު މިކިއަލް އަށް މެސެޖު ފެނުނުހެންވެސް ހިއެއް ނުވެއެވެ.

ފޯނުގެ ސްކްރީން ދިއްލުނީ މެސެޖެއް އައި އަޑާއި އެކުގައެވެ. އޭނާގެ ހިތް ތެޅިގަތެވެ. ބިރުން ހުރެ މެސެޖުގައިވާ އިބާރާތްކިޔާލިއިރު އޭގައި އޮތީ އިންޒާރެއް ނޫނެވެ.

"ކަމް ބެކް ސޫން"

މެސެޖު ފޮނުވި ފަރާތުގެ ނަމަށް މާޔާއަށް ބަލައިލެވުނެވެ. އެއީ މިކިއަލްއެއް ނޫނެވެ. ރާމީން ކުރި މެސެޖެކެވެ. އޭނާ ފުރާ ވާހަކަ ރާމީންގެ ގާތުގައި ބުނެވުނުތޯ ހިތަށް އެރިއެވެ. ދެވަނަ މެސެޖެއް އައީވެސް އެހެން އިންދައެވެ.

"ވިލް މިސް ޔޫ"

ލުއި ހިނިތުންވުމެއް މާޔާގެ ތުންފަތުގައި ދުވެލިއެވެ. ރާމީންގެ މެސެޖުގައިވާ މާނައެއް މާޔާއަކަށް ނޭނގެއެވެ. އެކަމަކު އޭނާގެ މަތިން ހަނދާންކުރާ ހެޔޮއެދޭ މީހަކު ހުރިކަން އެނގުމުން ނޭނގޭ އުފާވެރިކަމެއް ލިބިއްޖެއެވެ. ނުތަނަވަސްކަމުން ކުޑަ ބްރޭކެއް ލިބުނު ފަދައެވެ.

"ނުބައި މީހަކަށް ބާ؟"  މާޔާ ލިޔެފައި ފޮނުވާލިއެވެ. އެއީ އޮޅުމެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

" އައި ލަވް…" ރާމީންގެ އިނގިލިތައް ދެން ކުރިއަކަށް ނުދިޔައެވެ. މާޔާގެ މެސެޖާއި އެކު އޭނާ ހުއްޓުނީއެވެ. މެސެޖުގައި ލިޔެވުނު ދެ ލަފްޒު ފޮހެލާފައި ފޯނު އެނދުމައްޗަށް އެއްލައިލެވުނެވެ. އަނެއްކާވސް އޭނާ ކުރި ހިތްވަރު ވެއްޔަށްވެ ނިމުނީއެވެ.

އިތުރު މެސެޖެއް ނައުމުން މާޔާއަށް ހީވީ އެހެންނެވެ. އެއީ ރާމީން އޮޅިގެން ފޮނުވި މެސެޖެއްކަމެވެ. ގަޑި ޖެހުމުން ފޯނު ނިއްވާލާފައި ދަތުރު ފެށިއިރު އޭނާގެ ހިތް ވަނީ ހާސްކަމުން ދުރުވެފައެވެ. ގުދުރަތީ ރީތިކަމާއި މެދު ވިސްނާލެވުނެވެ. އެކަންކަމުން އޭނާގެ ހިތް ހަމަ ޖައްސާލެވުނެވެ.

** **

ހަފްތާއަކަށްފަހު އެނބުރި އާދެވުނުއިރު އެގޭގައި މިކިއަލް ނެތްކަމުގެ ޚަބަރު ލިބުމުންވީ ބޮޑު ހިތްހަމަޖެހުމަކަށެވެ. މިކިއަލްގެ އުދަނގޫ ފިލައިގެން ދިޔައީއޭ ހިތަށް އެރިއެވެ. އޭނާއަށް އެންމެ ފަހަރަކުވެސް މިކިއަލް ގުޅާފައިވެސް ނެތީއެވެ. މިކިއަލްއަށް ވީގޮތެއް ބަލަން މާޔާ ބޭނުމެއް ނޫނެވެ.

އޭނާގެ ކުރިމަތީ ދެން އޮތީ އެންމެ ނުރައްކަލެކެވެ. ޔޫނުސްއެވެ. ޔޫނުސްގެ ފަރާތުންވެސް އެއްވެސް ގޯނާއެއް ނުލިބި ދެހަފްތާއެއްހާ ދުވަސް ދިޔައެވެ. ކިޔެވުމުގެ ތެރެއަށް މަޑުމަޑުން ވަދެވުނެވެ. ކުރިއަރައި ދާންފެށިއެވެ.

އެއް ދުވަހަކު ކޮލެޖުން ނިމިގެން ނިކުމެވުނީ ރާމީންގެ ކުރިމައްޗަށެވެ. ރާމީން ނިކުތީ ގިފްޓް ވިއްކާ ފިހާރައަކުން އެއްޗެއް ގަނެގެންނެވެ. މާޔާ ފެނުމުން ރާމީން އަތުގައި އޮތް ކޮތަޅު ފޮރުވަން އުޅުނެވެ.

"މަށަށް ފެނިއްޖެ." މާޔާ ބުނެލިއެވެ. އެކޮތަޅު ތެރޭގައި އޮތް ޓެޑީ ބެއާ އާއި ރަތް ފިނިފެންމާ މާޔާއަށް ފެނުނެވެ. ރާމީން އިސްޖަހައިލީ ހިނިއައިސް ހުރެއެވެ.

"ކަމުދާނެތަ؟" ރާމީން ކޮތަޅު ދިއްކޮށްލިއެވެ. އެއީ މާޔާއަށް ދޭ އެއްޗެއްކަން އޭނާގެ ހިތަކަށް ނާރައެވެ.

"ކުޑަކުދިންނަށް ކަމުދާނެ." މާޔާ ބަލަން ހުރެފައި ޖަވާބު ދިނެވެ. ރާމީންއަށް ވަގުތުން ކޮތަޅު ދުރުކޮށްލެވުނެވެ. މާޔާއަށް ކަމުނުދިޔަކަން އެނގުމުން އޭނާ މާޔޫސްވިއެވެ.

"ދެން ނޭނގޭނެ ކަމުދާ އެއްޗެއް." ރާމީންއަށް ބުނެވުނެވެ. މާޔާ ހޭންފެށިއެވެ. ރާމީންގެ ކޮނޑުގައި ޖަހާލިއެވެ.

"ވާން އުޅޭ ފަހަރީގެ ފޮޓޯއެއް ދައްކަބަލަ، އޭރުން ދޯ އެނގޭނީ ކަމުދާ އެއްޗެއް ބުނެދެންވެސް." މާޔާ ބުނެލީ ސަމާސާ ރާގަކަށެވެ. ރާމީންގެ ހިތުގައި އޮތް އޮއިވަރެއް މާޔާއަކަށް ނޭނގެއެވެ. ވިސްނިފައިވެސް ނެތެވެ.

"ދެން އެހެން ފަހަރަކުން." ރާމީން ހިނގައިގަންނަމުން ވިސްނަމުން ދިޔައީ ދެން ގަންނާނެ އެއްޗަކާއި މެދުއެވެ. އޭނާގެ ފަހަތުން މާޔާ ހިނގަމުން ދިޔައެވެ. މާޔާ ކައިރީ އައިސްކްރީމް ބޯން ދާނަންތޯ ރާމީން އަހައިލީ ތަންކޮޅަކަށް ހިނގައިގެންފައެވެ. މާޔާ ބޯޖަހާލުމުން ރާމީން އިޝާރަތްކުރީ ޕާރކިންގައި އިން ރާމީންގެ ސައިކަލަށެވެ.

** **

ސްކޫޕް ތެރޭގައި މީހުން ގިނަ ގަޑިއެކެވެ. އެކަމަކު ފަސޭހަ ދިމާލަކުން މޭޒެއް ހުސްވެފައި ހުއްޓާ ފެނުނެވެ. މާޔާ ކައިރީ އިށީންނަން ބުނެފައި ރާމީން އައީ ދެތަށި އައިސްކްރީމް ހިފައިގެންނެވެ.

"އަހަރެން ގޮވައިގެން އައީމަ އަނެއްކާ ގާރލްފްރެންޑް ރުޅިއެއް ނާންނާނެތަ؟" ކުރިމަތީގައި ހުރި އައިސްކްރީމް ތަށިން ސަމުސަލެއް ނަގައި އަނގައަށް ލާން އުޅެނިކޮށް މާޔާ ކުރި ސުވާލު އަހާފައި ރާމީންގެ ހަރަކާތްހުއްޓުނެވެ.

"އަދި މިއުޅެނީ ޕްރޮޕޯސް ނުކޮށް." ރާމީން ބުނެލިއެވެ. މާޔާ ހިނިގަނޑެއް ޖަހާލާފައި ސަމާސާއަކަށް ހަދާފައި ބުނެލީ ރާމީން ހިތުގައި ޖެހުނު ޖުމްލައެކެވެ.

"ތިއައީ ލޯބީގައި ނާކާމިޔާބު ވާނެ މީހެއް، އަހަންނަށް ޔަޤީން." ރާމީންގެ އުއްމީދުތައް ފަނޑުވެގެން ދިޔައެވެ. ސަމާސާއަކަށް ހަދާފައި ނަމަވެސް އޭނާއަށް ހިތްވަރު އެލޭ އެއްޗެއް ނުބުނާނަމައޭ ރާމީންގެ ހިތަށް އެރިއެވެ. އެއީ ބަދު ދުއާއަކަށްވެއްޖެނަމަ ރާމީން ދިރުއުޅުމުގެމަތިން ފޫހިވެދާނެއެވެ.

"އަހަރެން މިއީ އެހާ ގޯސްމީހަކީތަ؟" ރާމީން އަހާލިއެވެ. ހަމަ އެސުވާލު އޭނާ އަމިއްލަ ޟަމީރާއިވެސް ކޮށްލެވުނެވެ. އޭނާގެ ކިބައިގައި އަންހެންކުއްޖަކު ގަޔާނުވާނެ ކޮން ސިފައެއް ހުރީބާއޭ ހިތަށް އެރިއެވެ.

"ގޯހީކީ ނޫން. ރާމީންގެ ކިބައިގައި ނެތް ގޯހޭ ބުނާނެ އެއްވެސް ސިފައެއް، އަސްލު ތިއީ ސަތޭކައިގެ މީހެއް." މާޔާ ބޮޑުވައި އިނގިލިންވެސް ރާމީން އަކީ ރަނގަޅުމީހެކޭ ބުނެލިއެވެ. އޭނާ ބުނަން އުޅޭ ޖުމްލަ މާ ދުރުދުރުން ގެންދާތީ ރާމީންއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"ކަމެއް ކާމިޔާބުވާނީ އެކަމެއް އެ އޮންނަ ރޫޓުން ދިޔާމަ،" މާޔާ ހުއްޓުވާފައި ރާމީން ބަލައިލީ ވަށައިގެންތިބި މީހުންނަށެވެ. އެއިން އެއްވެސް މީހެއްގެ ސަމާލުކަން އެމީހުންނަށް ނެތްކަން ނަޞީބެވެ.

"ތިޔަ ބުނާ ރޫޓަކީ ކޮބައިކަމެއް ނޭނގުނު." ރާމީން އަށް ބުނެވުނެވެ. މާޔާ ދޭނެ ޖަވާބަކަށް ކެއްތެރިކަން ކުޑަވެފައިވަނިކޮށް މާޔާ ދިނީ އޭނާއަށް ކުރަން ކެރޭވަރުގެ ޚިޔާލެއް ނޫނެވެ.

"ރައްޓެހިވާން އެހުމުގެ ބަދަލުގައި އަހަންވީ ކައިވެންޏަށް." މާޔާ ބުނެލިއެވެ. ރާމީން ވިސްނާލަން އިނދެފައި މާޔާކުރެ އަހައިލީ ސުވާލެކެވެ.

"މިސާލަކަށް މީހަކު އައިސް މާޔާ ކައިރީ ކައިވެންޏަށް އަހައިފިއްޔާ އާއެނކޭ ބުނަން ކެރޭނެއޭތަ ތިޔަ ބުނީ.؟" މާޔާ ދެލޯ ބޮޑުކޮށްލާފައި މޫނަށް ހެދިގޮތުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އެނގެއެވެ. ރާމީން ވިސްނައިދިނީ ދެމީހަކު ދަސްވާން ވަގުތު ބޭނުންވާނެ ވާހަކައެވެ.

ދެމީހުންގެ ޚިޔާލު ކުޑަކޮށް ތަފާތެވެ. އެކަމަކު ރާމީން ދައްކާ ހަރުދަނާ ވާހަކަތައް މާޔާއަށް ކަމުދިޔައެވެ. ރައްޓެހިވެގެން އުޅެމުން ކުރެވޭ ވިޔާނުދާ ކަންތައް ގިނަވާތީ އާއި އެކަން ތަޖުރިބާކުރެވި އެއީ މާޔާއަށް ހެދުނު އެންމެ ބޮޑު ގޯސްކަން އިހްސާސްވާތީ މާޔާގެ ޚިޔާލު ހުރީ ރަނގަޅުމީހަކާއި ދިމާވާއިރަށް ކައިވެންޏަށް ދިއުމެވެ.

ވާހަކައިގައި ތިބެފައި ގެއަށް ދާން ނިކުމެވުނުއިރު އިރުއޮއްސެނީއެވެ. މާޔާ ގެއާއި  ހަމަޔަށް ރާމީން ގެންގޮސް ދިނެވެ. މާޔާ ލާފައި ގެއަށް އަންނަނކޮށް އޭނަ އާއި ބަޔަކު ދިމާކޮށްލިއެވެ. އެއީ ރާމީން ދަންނަ ބައެއް ނޫނެވެ. އަދި ބަޔަކު އަރާރުންވާންޖެހޭނެ އެއްވެސް ކަމެއް ކުރެވިފައިނުވާނެކަމުގެ ޔަޤީންކަން ރާމީންއަށް އޮތެވެ. އެމީހުންގެ ކިބައިން ރާމީންއަށް ސަލާމަތެއް ނުވެވުނެވެ. އޭނާގެ ހޭވެރިކަން ފިލައި ދާވަރަށް އެމީހުން ތަޅާ އަނިޔާކުރިއެވެ. މަގުމަތީގައި ތިބި މީހުންތިބީ ކައިރިވާން ނުކެރި މަންޒަރުބަލާށެވެ.

ރާމީން ވެއްޓިފައި އޮތް ތަނުގައި ލޭގެ ކޯރެއް ދެމިފައި އޮތެވެ. އޭނާ ނޭވާލާ ކޮންމެ ފަހަރަކު ނޭފަތުން ބޮކިޖަހާފައި ނިކުންނަނީ ލެޔެވެ. ނޭވާ ހިނގާ ކޮންމެ ފަހަރަކު އޭނާގެ މެޔަށް ހީވަނީ ތޫނު ހަންޖަރެއް ހަރާލާހެންނެވެ. އަރާ ރިހުމާއި އެކު ނޭވާ ހަށިން ވަކިވެދާ ނަމައޭ ހިތަށް އަރައެވެ.

** **

ޔޫނުސް އެނދުން ތެދުވީ ޝަރުމީލާ ނިދިކަން ޔަޤީންކޮށްފައެވެ. އޭނާ ފޯނު ނަގައި ގަޑިން ވީއިރެއް ބަލައިލިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައިސް އޮތުމުން އެއީ ކާކު ފޮނުވި މެސެޖެއްތޯ ބަލާލިއެވެ. އެއާއި އެކު ފެނުނީ ހާސްވެ ފޯނު ތިރިކޮށްލާފައި މޫނުގައި އަތް އެޅިތަނެވެ. (ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
7607
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *