Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: މާޒީވެ ދިޔަހާތަނުން- އަހަންނަށް މާލޭގައި ކުރެވުނު ތަޖުރިބާ

އަހަރެންނަކީ ސ. މަރަދޫއަށް އުފަން އަންހެނެކެވެ. އަހަރެންގެ ހަޔާތުގެ ވަރަށް މަދު އަހަރުތަކެއް ފިޔަވައި ހުރިހާ ދުވަހެއް ހޭދަކުރީ ރަށުގައެވެ. މިއަދު އަހަރެންގެ އުމުރުން މި ގުނަނީ ފަންސާހުގެ އަހަރުތަކެވެ. އަހަރެންގެ ދެ އަންހެން ދަރިންނާއި ދެ ފިރިހެން ދަރިން ތިބެއެވެ.

އަހަރެންގެ ހަޔާތުގައި އެންމެ ހަނދާނުން ފިލުވައިނުލެވޭނެ ދުވަސްތައް ހޭދަވީ މާލޭގައެވެ. އުމުރުން 12 އަހަރުގައި މަންމަމެން އަހަރެން މާލެއަށް ފޮނުވިއެވެ. އަހަރެންގެ އެއްބަނޑު ދައްތަ ކައިރިއަށެވެ. އެއީ އައްޑިހައިގެ އަހަރުތަކުގެ ކުރީކޮޅެވެ. އަހަރެންގެ ދައްތަ މާލޭގައި މެދުފަންތީގެ އާއިލާއެއްގެ މީހަކާ އިނދެގެން އެ އާއިލާގެ މީހުންނާ އެކުގައި ދިރިއުޅުމެއް ފަށްޓައިގެން އުޅޭތާ އޭރު އެތައް އަހަރެއް ވެއްޖެއެވެ.

މި ސަބަބާ ހެދި ދައްތަގެ ބަސްމޮށުމާއި ވައްޓަފާޅިވެސް ހުރީ މާލެ މީހުންގެ ގޮތަށް ބަދަލުވެފައެވެ. އަހަރެންނަށް އެމީހުން ދައްކާ ވާހަކަ ނަގައިގަންނަން ދުވަސް ނެގިއެވެ. އަދި މާލެ ބަހުން ވާހަކަ ދައްކަންވެސް ދުވަސް ނެގިއެވެ. އެތަކެއް އަހަރެއް ހޭދަވި އިރުގައިވެސް އަހަރެން ވާހަކަ ދައްކާ "ރާގުގަނޑު" އެހެން މީހުންނާ ވަރަށް ތަފާތެވެ.

އެ ގޭގައި އަހަރެން ފިޔަވައި އަހަރެންނާ ގާތްގަނޑަކަށް އެއްފުރައިގެ ދެތިން އަންހެން ކުދިން އުޅެއެވެ. ނަމަވެސް އަހަރެން އެންމެ ގާތީ އަހަރެންގެ ޅިޔަނުގެ އެންމެ ހަގު ކޮއްކޮ މުބީނާއާ އެވެ. އެ ގެއަށް ދިޔަ ދުވަހުން ފެށިގެން އަހަރުމެން ދެމީހުން އުޅެނީ އަބަދުވެސް އެކުގައެވެ. އަހަރުމެން ދެމީހުންގެ ރޫފައާއި ހަށިގަނޑުގެ ބައްޓަން އެއްގޮތަކަށް ހުންނާތީ އޭނާގެ ހެދުންތައް އަހަރެންނަށް ލާން ލިބެއެވެ. އެކަމަކު އެކަން ދުވަސްކޮޅަކުން އަހަރެންގެ ދައްތަ އަހަރެންނަށް މަނާކުރިއެވެ. އެއީ ކީއްވެގެން ކަމެއް ނޭނގެއެވެ.

އަހަރެން މާލެ ބަދަލުވިއިރު ފުރާވަރަށް އަޅަން ވަނީ ގާތްވެފައެވެ. އެ އުމުރަކީ ކޮންމެ މީހެއްވެސް އެމީހެއްގެ ސޫރައާ މެދުގައި ވިސްނޭ އުމުރެވެ. މުބީނާއާ ބަލައިފައި އަހަރެންގެ ސޫރަ އަހަރެންނަކަށް ރީއްޗެއް ނޫނެވެ. އޭނާގެ ފަން އިސްތަށިގަނޑާއި އަހަރެންގެ ބުޅި، އަބަދު ކިސުޅިވާ އިސްތަށިގަނޑާ ވަރަށް އަޅާކިޔެއެވެ. އޭނާގެ މޫނުގެ ކުލައާ އެއްވަރަށް އަހަރެންގެ މޫނުގެ ކުލަ އަލިކުރަން ފެންވަރަން ވަދެ ކޮންމެ ދުވަހަކު ހެނދުނު ނުވަ ފަހަރަށް މޫނުގައި ސައިބޯނި ލަމެވެ. އަދި އެ ޒަމާނުގައި ގެންގުޅޭ ފިޔާތޮށި ފުށްދަޅުން ފަރުވާތެރިކަމާއެކު މޫނުގައި ފުށްޖަހަމެވެ. ނަމަވެސް އެ އެއްޗެހިންވެސް މީހާގެ އަސްލު ސޫރަ ބަދަލުކުރެވޭނީ ވަކި ވަރަކަށްކަން އެނގެއެވެ.

ނަމަވެސް މިއަދު އަހަރެންގެ ސޫރަ އެހެން މީހުންނަށް ކަމުދިޔަކަން ސާބިތުވެއެވެ. އަހަރެން ކިބައިން ލޯތްބަށް އެދި ފިރިހެން ކުއްޖެއްގެ ސިޓީއެއް ނުލިބޭ ހަފުތާއެއް ނުދާނެއެވެ. ބައެއް ސިޓީއާ އެކުގައި ރީތި ފިނިފެންމާވެސް ލިބެއެވެ. އެގޮތަށް ލިބޭ މާތަކުގެ ފިޔަތައް އަހަރެންނާއި މުބީނާ ހަކުރާ ޖަހައިގެން ކާލަނީއެވެ.

އެގޮތަށް ލޯބީގެ ގޮތުން ގުޅެން މީހުން ފޮނުވާ ސިޓީތަކަށް މާބޮޑު އަޅައިލުމެއް ނުދެވެއެވެ. ސަބަބަކީ އަހަރެންނަށް ކަމުދާ ކުދިންނަށް ނުވާތީއެވެ. އަހަރެންނަށް ކަމުދާ ކުއްޖާ ރައްޓެހިވެގެން އުޅެނީ މުބީނާއާއެވެ. ނަމަވެސް އެ ދެމީހުން ގުޅިގެން އުޅެނީ ސިއްރުންނެވެ.

އަހަރެންނަކީ މުބީނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުން އެ ދެ މީހުންގެ ލޯބީގެ ގުޅުން ދަމަހައްޓަން މަގުފަހިކޮށްދޭން ޖެހެނީ އަހަރެންނަށެވެ. ރޭގަނޑު ދަންވަރު މީހުން ނިދީމާ އެ ފިރިހެން ކުއްޖާ ގޭގެ ފާރުމަތިން ފުންމާލައިގެން ގެއަށް ވަދެ ގޭގެ ގިފިލިތެރޭގައި މުބީނާއާ ބައްދަލުވާނެއެވެ. އަހަރެން ހުންނަން ޖެހެނީ ގިފިލި ކައިރީގައި އެހެން މީހަކު އާދޭތޯ ފާރަވެރިވެގެންނެވެ. އެގޮތަށް ހުންނަން ވަރަށް ބިރުގަނެއެވެ. މީހަކަށް އެނގިގެން ކުށްވެރިވެދާނެތީއެއް ނޫނެވެ. ނަމަވެސް ހަންޑިއެއް އަތުވެދާނެތީއެވެ.

މާލޭގެ ދިރިއުޅުން އަހަރެން އުޅެފައި އައި ރަށުގެ ދިރިއުޅުމާ ވަރަށް ތަފާތެވެ. ނަމަވެސް އޭރު މާލެ އޮންނަ ގޮތާއި މިހާރު މާލެ އޮންނަ ގޮތާ ވަރަށް ތަފާތެވެ. މާލޭގެ މަގުތައް އޭރު އޮންނަނީ ނުހަދައެވެ. ގޭގޭގައި އިންދާފައިވާ ބޮޑެތި ގަސްތަކުގެ ސަބަބުން މަގުތަކަށް އަބަދުވެސް އޮންނަނީ ހިޔާ އެޅިފައެވެ. ގޭގޭގެ ފާރުތަކުގައި ހުންނަނީ ސިމެންތި ނުޖަހައެވެ. އެ މަގުތަކުގައި ހުންނަ ގެތަކުގެ މީހުން ހަފުތާ ބަންދު ދުވަސްތަކުގައި މަގުތަކަށް ނުކުމެ ފައިގަތަޅާ ނޫނީ އަތްލާ ކުޅެ އުޅުމަކީ އާދައެކެވެ. މަގުގެ އެއްކޮޅުން އަނެއްކޮޅަށް ރޭސްޖެހުމަކީވެސް ވަރަށް ފޯރީގައި ކޮށް އުޅުނު ކަމެކެވެ.

މި މަގުތައް ރީއްޗަށް ބޭއްވުމަކީ ހިސާބުގަނޑުނޑު އެންމެންގެ ޒިންމާއެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު މަގުމައްޗަށް ނުކުމެ ކުނިކެހުމަކީ ކޮށް އުޅުނު ކަމެކެވެ. ހޫނު މޫސުމުގައި މަގުތައް ހިރަފުސްވާތީ އަހަރެން އުޅުނު ގެއިން ބޮޑު ހޮޅިއެއް ނެރެގެން މަގުތަކަށް ފެންޖެހުމަކީ އަހަރުމެން ކޮށް އުޅުނު ކަމެކެވެ. މިކަހަލަ ދުވަސްދުވަހު ހަވީރު ފިންޏަށް ރީތިވެލައިގެން ނުކުމެ ތިބޭ ކުދިންނާ ދިމާލަށް ހޮޅި އަމާޒުކޮށް ފެންޖަހާ އެކުދިން ތެންމާލުމަކީވެސް ކޮށް އުޅުނު ކަމެކެވެ.

ހަވީރު ފިންޏަށް ހިނގާލަން ނުކުތުމަކީ އާދަވެގެން ކޮށް އުޅުނު ކަމެކެވެ. އަހަރެންނާއި މުބީނާއާއި އަހަރުމެންނަށް ބޮޑުދައިތަ ކިޔާ ކުދިންގެ އަތުގައި ހިފައިގެން ނުކުމެ މަގުގެ ކަންމަތީގައި މަޑުކޮށްލައިގެން ތިބެމެވެ. އެހެން ގޭގެއިންވެސް ކުޑަކުދިން ގޮވައިގެން އެ ގަޑީގައި ނުކުންނާނެއެވެ. ހަވީރު އިރުއޮއްސުމުގެ ކުރިން ގެއަށް ވަންނަން ޖެހޭނެއެވެ. އެއީ މަޖުބޫރު ކަމެކެވެ.

މާލެ އައުމުން ރަށާ އެންމެ ބޮޑު ތަފާތު ކަމަކަށް ފާހަގަކުރެވުނީ ޓެކްނޮލޮޖީއެވެ. މުޅި ދުވަސް އެއްކޮށް ކަނޑައިގެން ނުގޮސް ގޭގައި ކަރަންޓު ހުރެއެވެ. ޓީވީ ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ފެނެއެވެ. އާއިލާ އެންމެން އެއްވެގެން ކޮންމެ ރެއަކު ޓީވީން އަންނަ ޕްރޮގްރާމުތައް ބަލަން ތިބެމެވެ. އެންމެ ފޯރީގައި އެއްވާނީ ހުކުރު ވިލޭރޭ ޓީވީއެމްއިން ދައްކާ ހިންދީ ފިލްމު ބަލާށެވެ. އެ ގަޑީގައި ހިސާބުގަނޑު އެހެން ގޭގޭގެ މީހުންވެސް އަހަރުމެންގެ ގޯތިތެރޭގައި ގޮނޑިޖަހައިގެން ޓީވީ ބަލަން ތިބޭނެއެވެ.

އެ ދުވަސްވަރަކީ މުނިފޫހިފިލުވުމަށް މަޖާ ކަންތައް ކޮށްލައި އުޅުނު ޒަމާނެކެވެ. ބައެއް ފަހަރު އަހަރެން އުޅުނު ގޭގައި ހުންނަ ސްޕީކަރުތައް ބޭރަށް ނެރެ ރެގޭ ލަވަޖަހައިގެން މުޅި ހިސާބުގަނޑު އެންމެން ނެށުމުގައި އުޅެފާނެއެވެ. މިކަހަލަ ދުވަސްތަކުގައި ހިސާބުގަނޑު އެންމެން އަތުން ޗަންދާ ނަގައިގެން ބޮޑެތި ނޫޑުލްސްގަނޑު ކައްކައިލުމަކީ އާދައެކެވެ.

އަހަރެންގެ ހަޔާތުގައި އެންމެ އުފާވި ނަމަވެސް ބައެއް ގޮތްގޮތުން އެންމެ ހިތްދަތިކަން ލިބުނީވެސް އެ ދުވަސްތަކުގައެވެ. އަހަރެންނާއި މުބީނާއާ ދެމީހުން އެއް އުމުރެއް ނަމަވެސް އެ ގޭ މީހުން އަހަރުމެންނާ ދޭތެރޭ ގެންގުޅޭ އުސޫލުތައް ތަފާތެވެ. އަހަރެންނަށް ގޭގައި މަސައްކަތްކުރުން މަޖުބޫރެވެ. މުބީނާއާއި އޭނާގެ ދައްތަމެންނަށް އެ ކަންތައް ކުރާކަށް ނުޖެހެއެވެ. ކޮންމެ އީދަކަށް، ބަންދަކަށް އެމީހުންނަށް އާ ހެދުން ލިބޭނެއެވެ. ނަމަވެސް އަހަރެންނަށް ލިބޭނީ އަހަރަކު ދެ ހެދުމެވެ. މުބީނާގެ އަތުގައި އޭނާ ބޭނުންވާ ކުދި ކާނާ ގަންނަން އަބަދުވެސް ލާރި ހުންނާނެއެވެ. ނަމަވެސް އަހަރެންގެ ހުރިހާ ކަމެއް ކުރުމަށް ލިބޭނީ މަހަކަށް 10 ރުފިޔާއެވެ. ޝުކުރުވެރިކަމަކީ އޮންނަ ކަމެއް ކަމުގައި ވިޔަސް އެ އުމުރުގައި އެފަދަ ކަންކަން ދިމާވުމުން ހިތްދަތިވިއެވެ.

އެންމެ ދެރަވި އެއް ދުވަހަކީ މުބީނާއަށް 15 އަހަރުވެގެން ގޭގައި ޕާޓީ ބޭއްވި ދުވަހެވެ. އެ ޕާޓީގެ ތައްޔާރީތައް އެތައް މަހެއް ކުރިން ފެށުނެވެ. ގޭގެ އަންހެންވެރިން ހެދުން ފެހުމުގައި ދެމަސްކުރިން އުޅެން ފެށިއެވެ. ބޮޑުކެއުން ހަދަން ކުރިޔާލާ ރަށަކުން ދެ ބަކަރި ގެނައެވެ. މުޅޯށިތަކުގައި ކުކުޅުތައްވެސް ގެނައެވެ. ދައުވަތު ކާޑުތައް ހަދައި ސިޓީއުރަތަކަށް ލައި އެ ސިޓީއުރަތަކުގެ ބޭރުގައި ރީތި ލިޔުމުން ދައުވަތު ލިބޭ މީހުންގެ ނަން ޖެހުމުގައި އަންހެންވެރިން ޝާމިލުވެ އުޅުނެވެ.

ޕާޓީ އޮތް ދުވަހުގެ ކުރީ ދުވަހު ގޭގެ ފާރުތައް ވަށައިގެން ރުކުފަން ޖަހައި، އެ ފަންތަކުގައި ކުދި ބޮކި ހަރުކުރުމުގައި އެންމެން އުޅުނެވެ. ހުނި ގޭނުމާއި ފިޔާކޮށުން ފަތިސް ނަމާދުން ފައިބައިގެން ފެށިއެވެ. ބޮޑު ކެއްކުމުގެ ވަހުން މުޅި ހިސާބުގަނޑާއި ޖައްވު ފުރައިލިއެވެ. އަހަރެން އުޅުނީ މުޅި ދުވަސް ކެއްކުމުގައި ޝާމިލުވެގެންނެވެ. ހަވީރު ވީއިރު މުޅި ގޭގެ ވަށައިގެން ގޮނޑިތައް އަތުރައި މޭޒުތަކަށް ކާތަކެތި އަރުވައި ބަރާކޮށްލައިފިއެވެ. މެހެމާނުން އަސުރުގެ ފަހުން އަންނަން ފެށިއެވެ. އިރުއޮއްސެންދެން ހާއްސަވެފައި އޮތީ ކުޑަކުދިންނަށެވެ. އިޝާގެ ފަހުން ބޮޑެތި މީހުން އަންނަން ފެށިއެވެ. އަހަރެންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އައިސިން ޖަހައިފައިވާ ދެބުރި ކޭކެއް ފެނުނީ އެ ދުވަހުއެވެ.

އެ ދުވަހުގެ ފޯރީގައި އަހަރެންނަށް ބައިވެރިވާން ފުރުސަތު ލިބުނީ ރޭގަނޑު ނުވައެއް ޖެހިފަހުންނެވެ. ހަފުލާގެ ތެރެއަށް ރީތިވެލައިގެން ނުކުތްއިރު މުބީނާ މީހުންނާ ސަލާންކުރަން ދޮރުމަތީގައި ހުއްޓެވެ. އޭނާ ހީވަނީ ޝާހުޒާދާއެއް ހެންނެވެ. ދިގު ފަން އިސްތަށިގަނޑު ޒަމާނީ ގޮތަކަށް މަތިން ފަށައިގެން ގަތައިލައިފައި އަރިމައްޗަކަށް ވައްޓައިލައިފައެވެ. ލައިގެން ހުރީ ކަކުލާ ހަމައަށް އަރާ ސެޓިން ފޮތިން ފަހައިފައިވާ ހުދުކުލައިގެ ފުއްޕިއަތެއް ލައިފައިވާ ހެދުމެކެވެ. އެ ހެދުމުގެ މޭމަތީގައި ބޮޑު ރަތް މަލެއް ހުއްޓެވެ. އޭނާގެ މޫނުގައި ހުރީ ހެޔޮވަރު ވަރަކަށް ފުށް ޖަހައިލައިފައެވެ. ތުންފަތުގައި ހުރި ފިޔާތޮށި ކުލައިން އޭނާ ގްލޭޒް ޕޭޕަރު ބޭނުންކޮށްފައި ހުރިކަން އެނގެއެވެ.

އަހަރެން މުބީނާ ކައިރިއަށް ހުއްޓި މުބީނާގެ އަތަށް އަހަރެންގެ ހަދިޔާ ދިނީމެވެ. އެ ޕާރުސަލު ތެރޭގައި އޮތީ އަހަރެންގެ އަތުން އަމުނައިގެން ހަދައިފައިވާ މިނާ ހާރެކެވެ. އޭނާއަށް ލިބިފައިވާ އެހެން ހަދިޔާތަކާ ބަލައިފައި އަހަރެން ދިން ހަދިޔާ ވަރަށް ކުޑައެވެ. އަހަރެން އެދުވަހު އެންމެ ދެރަވީ އެ ހަފުލާއަށް ލާން އާ ހެދުމެއް ނުލިބުނީމައެވެ. އެ ދުވަހާ ޖެހެންދެން ވެސް އަހަރެން ހުރީ އަހަރެން ލާނޭ ހެދުމެއް ލިބޭނޭ ކަމުގެ އުންމީދުގައެވެ. ނަމަވެސް ކަން ވެގެން ދިޔައީ އެގޮތަކަށް ނޫނެވެ. އަހަރެން އެ ހަފުލާއަށް ދިޔައީ އަހަރެން މާލެ އައިތަނާ އީދަށް ލިބުނު ހެދުމެއް ލައިގެންނެވެ. އެ ހެދުން އެ ޒަމާނީ މިންގަނޑަކާ ނުފެތޭކަން އަހަރެންނަށް އެނގި ޕާޓީގައި ގިނަ ވަގުތު ހޭދަކުރަން ލަދުގަތެވެ.

މިގޮތަށް ކަންކަން ހުއްޓަސް އަހަރެން މާލޭގައި އުޅުނީ ހިތްހަމަޖެހިގެންނެވެ. ކިޔަވާދޭ އެއްޗެހިން ދުނިޔެއަށް ލޯހުޅުވި އުނގެނުމަށް ޝައުޤުވެރިވިއެވެ. ނަމަވެސް 15 އަހަރު ވުމުން ޖެހުނީ ކިޔެވުން ހުއްޓައިލައިފައި އެނބުރި ރަށަށް ބަދަލުވާށެވެ. ރަށުގައި އިން އަހަރެންގެ މަންމަ ބަލިވީމައި ބަލަހައްޓަންވެގެންނެވެ. އޭރު އަދި ރަނގަޅަށް ފޯނުގެ ޚިދުމަތް އޮތީ ރާއްޖެތެރޭގައި ނުފެށިއެވެ. އެހެންވެ ރަށަށް ދިޔުމާއެކު މާލޭގައި އުޅުނު އެންމެންނާ ގުޅުން ކެނޑުނެވެ.

މީގެ ދެ އަހަރު ކުރިން އަހަރެންގެ ބޮޑު އަންހެން ދަރީގެ އެހީގައި ފޭސްބުކް އެކައުންޓެއް ހުޅުވީމެވެ. އޭގެ ހަފުތާއެއް ފަހުން މުބީނާ ފޭސްބުކް މެސެންޖަރުން އަހަރެންނަށް މެސެޖުކުރިއެވެ. އެތަކެއް ޒަމާނަކަށް ފަހު އޭނާއާ އެގޮތަށްވެސް ދިމާވުމުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.

މުބީނާ ބުނީ އަހަރެން ދިޔަތާ މާ ގިނަދުވަހެއް ނުވެ އޭނާ ސްކޫލުން ކެނޑިގެން މީހަކާ އިން ކަމަށެވެ. އެއީ އޭނާ ވަގަށް ރައްޓެހިވެގެން އުޅުނު ކުއްޖާ ނޫން ކަމަށެވެ. އެ ކުއްޖާ މުބީނާއާ ދިމާވާން އުނދަގޫ ކަމުން އެހެން މީހަކާ އިނީ ކަމަށް ވެއެވެ. އެ ފިރިހެން ކުއްޖާ އިން އަންހެން ކުއްޖާ އެހާ ރީއްޗެއް ނޫނޭ މުބީނާ ބުންޏެވެ. އޭނާ އެހެން ބުނުމުން އަހަރެންނަށް ވަރަށް ހެވުނެވެ. މީހުންގެ ސޫރައިގެ ރީތި ހުތުރު ކިޔުމަކީ ކުޑައިރުން ފެށިގެންވެސް އޭނާގެ އާދައެކެވެ. އޭނާ ބަދަލެއް ނުވެއެވެ. ހަމަ ކުރީގެ ސަކަރާތު ގޮތްގަނޑެވެ. މުބީނާ ދެމީހުންނާ އިނދެ ވަނީ ވަރިވެފައެވެ. މިއަދު އޭނާގެ ތިން ކުދިންވެސް ބޮޑެތިވެގެން މީހުންނާ އިނދެ ދަރިން ލިބިއްޖެއެވެ.

މެސެންޖަރުން އޭނާ އަހަރެންނާއި އޭނާއާ ދެމީހުން އޭނާގެ އުފަންދުވަހު ނަގައިފައިވާ ފޮޓޯ ފޮނުވިއެވެ. އޭގައި އަހަރެން ހުރީ ފާޑަކަށް ލޯކުޑަވެފައެވެ. އެކަމާ ދެމީހުން ވަރަށް ހުނުނީމެވެ. ނަމަވެސް އެ ފޮޓޯ ފެނުމުން ވަރަށް އުފާވިއެވެ. އެންމެ އުފާވީ މުބީނާ އޭނާގެ އަންހެން ދަރިފުޅު ކުޑައިރުގެ ފޮޓޯއެއް ފޮނުވިއިރު އެ ކުއްޖާގެ ކަރުގައި އަހަރެން މުބީނާއަށް ހަދިޔާކުރި ހާރު އޮތްތަން ފެނުނީމައެވެ. ބައެއް ގުޅުންތަކަކީ ނުފެނި ވާހަކަ ނުދައްކާ އުޅެން ޖެހުނަސް ދެމިގެންދާނެ ގުޅުންތައްކަން އަހަރެންނަށް އެދުވަހު ވިސްނުނެވެ.

އަހަރެން މިހާރު އިންތިޒާރުކުރާ ދުވަހަކީ މުބީނާ މި ރަށަށް އަންނާނެ ދުވަހަށެވެ. އޭނާ ބުނީ މިއަހަރު ބޮޑު ޗުއްޓީގައި އަހަރެންނަށް ޒިޔާރަތްކޮށްލަން އަންނާނެ ކަމަށެވެ. އަހަރުމެން ނިންމައިގެން މިއުޅެނީ އޭނާއަށް މިރަށުން ރަނގަޅު ފިރިއެއް ހޯދައިދޭށެވެ. ފަހަރެއްގައި އަހަރުމެންގެ އުމުރުގެ ފަހުބައި ހޭދަވާން އޮތީ އެކުގައިކަން ނޭނގެތާ ދޯއެވެ؟