ދަތްޕިލައިން މި ފަހަރު ދެ މަނަވަރު އެއްފަހަރާ ދަމައިގެން މިސްރުގެ ރެސްލްކުރާ މީހެއް ކަމަށްވާ އުމުރުން 44 އަޝްރަފު މަހްރޫސް އަނެއްކާ ވެސް ދުނިޔޭގެ ރެކޯޑު ފޮތުން އިތުރު ޖާގައެއް ހޯދަން ހުށަހަޅައިފިއެވެ.
ރަތް ކަނޑުގެ ރިސޯޓެއްގައި އަޝްރަފު ފުރަތަމަ ދެމީ 700 ޓަނުގެ މަނަވަރެކެވެ. ދެން އިތުރު މަނަވަރެއްގައި ވެސް ވާ ޖަހައިގެން އޭނާ ވަނީ މުޅިއެކު 1،150 ޓަނު ހަމަވާ ވަރަށް ދެ މަނަވަރު އެއްކޮށް ދަމައިފައެވެ.
ދުނިޔޭގައި މުގުރައި ރެކޯޑުތައް ބަލަހައްޓާ ގިނެސްގެ ފޮތުގައި އެންމެ ބަރު މަނަވަރެއް ދެމިކަމުގެ ރެކޯޑު އަދި އޮތީ 614 ޓަނުގެ ރެކޯޑެކެވެ. އަޝްރަފު ދެ މަނަވަރު އެއްފަހަރާ ދެމިކަމުގެ ރެކޯޑު ގިނެސްގެ ފޮތަކަށް އަދި ރަސްމީ ގޮތުން ނާރުވައެވެ.
އަޝްރަފަށް ރަސްމީ ގޮތުން މިހާރު ރެކޯޑު ގާއިމު ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި 279 ޓަނުގެ ރޭލެއް 10 މީޓަރަށް ނުވަތަ 32 ފޫޓަށް އޭނާގެ ދަތްޕިލައިން ދަމައިލިކަން އެބައޮތެވެ.

މީގެ އިތުރުން 15،730 ކިލޯ ނުވަތަ 15 ޓަނުގެ ލޮރީއެއް ވެސް އޭނާގެ ދަތްޕިލައިގައި ވާ ޖަހައިގެން ދެމިކަމުގެ ރެކޯޑު އޭނާ ވަނީ ގާއިމުކޮށްފައެވެ.
"މިއަދު އަހަރެން މި ތަނަށް މި އައީ ދުނިޔޭގެ ރެކޯޑު މުގުރައިލަން. އަހަރެންގެ ރަހްމަތްތެރިންނަށާއި އަދި މުޅި ދުނިޔެއަށް ވެސް، މުޅި ދުނިޔޭގެ ވެސް އެންމެ ބާރުގަދަ މީހާއަކީ އަހަރެން ކަމަށް މާތްކަލާނގެ ރަހްމަތުން ލެއްވިކަން ސާބިތުކޮށްދޭން،" އާދަޔާހިލާފު ހިތްވަރެއް އޭނާއަށް ލިބިފައިވަނީ ކީއްވެކަން ކިޔައިދިނުމުގެ ގޮތުން އަޝްރަފު ބުންޏެވެ.



advertisment