Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަނުހުރުމަކީ އެންމެ ވަރުގަދަ "ބަދަލުހިފުން" ކަމަށްވާ ސަބަބަކީ މިއީ!

ހަމަހިމޭންކަމަކީ އެންމެ ރަނގަޅު "ބަދަލުހިފުން"ކަމަށް ވަނީ ކީއްވެ ހެއްޔެވެ؟

އާނއެކެވެ! ތިބާ މަޑުން ހުރުމަކީ ތިބާއަށް ލިބިފައިވާ އެންމެ ވަރުގަދަ "ހަތިޔާރެ"ވެ. ނުވަތަ މުއާމަލާތް ކުރުމުގައި ތިބާއަށް ލިބިފައިވާ އެންމެ ވަރުގަދަ އާލާތެވެ. ސަބަބަކީ އަނގައިން ނުވަތަ އެހެން ވެސް ގޮތަކުން ތިބާގެ ފަރާތުން ބޭރުވާ ބަހެއް ނުވަތަ ބަސްތަކަށްވުރެ ވެސް ތިބާގެ ހަނުހުރުން މާ ބާރުގަދަވާނެތީއެވެ.

ތިބާ މޮޅިވެފައި، ނުވަތަ ސްޓްރެސްވެފައި، ނުވަތަ ހިތްހަލާކުވެފައި ހުންނަ ވަގުތެއްގައި، ތިބާގެ ޖަޒުބާތުތައް ކޮންޓްރޯލްކޮށް، އެ ހާދިސާއާ ގުޅުން ކަނޑައިލައި، އެ މާހައުލަކުން ނިކުމެގެން ދުރަށް ދިއުން އެއީ ތިބާއަށް ލިބޭ ހަގީގީ ބާރެވެ.

ތިބާގެ ފަރާތުން ފެނިދާނެ ޖަޒުބާތީ ކޮންމެ އަސަރަކަށްވުރެ، ތިބާގެ ހަމަހިމޭންކަން ވެގެންދާނީ، އެހެން ހުރިހާ ކަމަކަށްވުރެ، ތިބާއަށް ދެރަ ދިން މީހާ އެންމެ ބިރުގަންނަ ކަންތައް ކަމަށްވާނެކަމީ ކިތައްމެ ފަހަރަކު ވެސް ދެއްކިދާނެ ވާހަކައެކެވެ.

ތިބާގެ ހިތް ހަމަނުޖެހިދާނެ ފަދަ ކަމަކަށް ތިބާ ވައްޓައިލައި، ތިބާ އެ ކަމުން ރެކިގަނެ، ތިބާގެ ހަކަތަ އެ ހާދިސާއަށް ބޭކާރު ނުކޮށްލުމުން އެ ދައްކުވައިދެވެނީ، ތިބާއަށް ބުނެވެން ހުރި ހުރިހާ ވާހަކައެއް ތިބާ ނުބުނެ ހަމަ ހުރެވިދާނެކަމެވެ. އަދި މިހެންވެ، ތިބާއަށް ޖަޒުބާތީ އަސަރެއް ކުރުވި އެ މީހާގެ ހިތުގައި ސުވާލު އުފެދޭނީ އެއީ ކީއްވެގެން ކަމެވެ. އަދި ތިބާގެ ހަމަހިމޭންކަމުގެ ފަހަތުގައިވާ ސިއްރު ނޭނގުމުން، ތިބާގެ ނަފުސަށްކުރި އަސަރަށްވުރެ، އެ މީހާގެ ސިކުނޑިއަށް ލިބޭ ހައިރާންކަމުން އެ މީހާއަށް ކުރާ ނަފުސާނީ އަސަރު ހަގީގަތުގައި މާ ބޮޑުވާނެއެވެ!

އެ މީހާގެ ހިތަށް އަރައިނެއެވެ: "ތިބާ އެ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟ އަހަރެންނަށް ހެދުނީ ކޮން ގޯހެއް ބާވައެވެ؟"

އެހާ ތަނުން އެ މީހާގެ ސިކުނޑީގައި، މާޒީގައި ބަލައިފައިވާ ފިލްމްތަކެއްގެ މަންޒަރުތައް ފަދައިން، އެ މީހާ ތިބާއާ ކޮށްފައިވާ މުއާމަލާތްތައް އެ މީހާގެ ސިކުނޑީގައި ކުޅެން ފަށައިނެއެވެ. އަދި މި "މަންޒަރުތައް" އެ މީހާގެ ސިކުނޑީގައި ކުޅުން ހުއްޓުމަކަށް ނާންނާނެއެވެ! ހަނުހުރުމަކީ އެންމެ ބުއްދިވެރި، މޮޅު، ބާރުގަދަ އަދި އެންމެ އެކަށީގެންވާ ބަދަލުހިފުމަކަށް ވަނީ މިހެންވެއެވެ!

މިއާ ހިލާފަށް، ވިސްނުމަކައި ނުލައި ތިބާގެ ޖަޒުބާތުތައް ހާމަކުރާ ނަމަ، މިސާލަކަށް، ތިބާ ދައްކާ ވާހަކަ އާއި ތިބާގެ އަމަލުތަކާއި ތިބާ އުޅޭ ގޮތް ކިޔައިދީ، ދޭހަކޮށްދީ، އެހެން މީހުންނަށް އެ ކަން ފަހުމްކޮށްދީ އަދި އެ މީހުންގެ ރުހުން ހޯދުމަށާއި އެ މީހުންގެ ސަމާލުކަން ހޯދަން އާދޭސްކުރާ ނަމަ، ތިބާއަށް ތިބާގެ ބާރު ގެއްލުނީއެވެ.

އެހެންކަމުން، ތިބާގެ ސިކުނޑީގެ ހަމަޖެހުން ހޯދަން ބޭނުން ނަމަ، ތިބާގެ ސިކުނޑިއަށް އުނދަގޫކުރާ ކަހަލަ މާހައުލުތަކާއި ހާދިސާތަކުން ފެއަށް ޖެހިލައިށެވެ. އަދި ތިބާގެ އަމިއްލަ ޒާތާއި ނަފުސުގެ ކިބައިން ހިތްވަރު ހޯދައި، ބާރުވެރިކަން ލިބިގަންނާށެވެ.

އެއީ ތިބާއަށް ލިބޭނެ ވަރަށް ވަރުގަދަ ބާރެކެވެ. ހަގީގަތުގައި ވެސްމެއެވެ.