ހުކުރު ދުވަހުގެ އާއިލީ ހަރަކާތްތައް ނިމި، އިރުއޮއްސޭ އަތަށް އެޅިކަން އެނގުނެވެ. އާދައިގެ މަތިން އިހުސާސްވާ އެ ހިތްދަތި އިހުސާސް އުފެދެން ފެށިއެވެ. ދިރިއުޅުމާމެދު ވިސްނަން ފެށިއެވެ. ހާސިލުނުވާ ކަންކަމާމެދު ފިކުރުކުރަން ފެށުނެވެ. "ހާދަ ކަމެއް ފުރިހަމަ ނުވެ އެބައޮތޭ" ސިކުނޑި ބުނެދޭން ފެށިއެވެ. މިއީ ކޮންމެ ހަފުތާއެއް ނިމޭ ދުވަހުގެ އާދައެވެ. ދެން ބާލީހުގައި ބޯއަޅައިގެން ހިތާމަވެރި ލަވަ ޖަހައިގެން ކަރުނަ އޮއްސާ ވަގުތު ޖެހުނީއެވެ.
މިއީ ހަމައެކަނި އަހަރެންގެ ހާލަތެއް ނޫންކަން އެނގެއެވެ. މިއީ އަހަރެންގެ އުމުރުފުރައިގެ ގިނަ މީހުން އުޅޭ ހާލެވެ. އަހަރުމެން އުޅެ ބޮޑުވީ ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ކަންކަން ގިނަ ޒަމާނެއްގައެވެ. ރަނގަޅު ތައުލީމެއް ލިބުން މުހިންމެވެ. ރަނގަޅު އާންމުދަނީއެއް ލިބުން މުހިންމެވެ. ރަނގަޅު މީހަކާ ކައިވެނިކޮށްގެން އުޅުން މުހިންމެވެ. ކިޔެވުމަށް މޮޅު ދަރިންތަކެއް ތިބުން މުހިންމެވެ. އަހަރު ދެކޮޅު ބޭރަށް ދަތުރު ކުރެވުން މުހިންމެވެ.
މިއިން ކަމެއް ފުރިހަމަ ނުވިޔަސް ނާކާމިޔާބީވީއެވެ. އަތާއި އަނގަޔާ ދިމާވެ، ތިމާގެ ޒިންމާތައް އަދާކުރެވި، އަޅުކަމުގައި ހޭދަކުރަން ވަގުތު ލިބުމުން ކަންކަން ފުދުނީ ކަމަށް ގަބޫލުކުރާ މީހުން އެއް ޒަމާނެއްގައި ދިރިއުޅުނު ކަމަށް ވެއެވެ. ނަމަވެސް އަހަރުމެން ބޮޑުވީ އެފަދަ ޒަމާނެއްގައެއް ނޫނެވެ.
މި ހިތާމައިގެ މުގުލުގައި ވަނީ މި ޒަމާނާއެކު މުޖުތަމައުގެ ވިސްނުމަށް އައިސްފައިވާ ބަދަލެވެ. ބުރަ މަސައްކަތުން ފައިސާ ހޯދުމުން ނިމުނީ ކަމުގައި އެއް ޒަމާނެއްގައި ގަބޫލުކުރި ނަމަވެސް، މިހާރު އެ ފައިސާ ހޯދުމަށް އެ މީހާ ކުރަނީ ކޮން ބާވަތެއްގެ މަސައްކަތެއްތޯ ބެލުމަކީ ލާޒިމު ކަމެކެވެ. ސަބަބަކީ މި ޒަމާނަކީ މީހާ އަދާކުރާ ވަޒީފާއިންނާއި މަޤާމުން އެ މީހާގެ ޝަރަފު ކަނޑައެޅޭ ޒަމާން ކަމުގައި ވާތީއެވެ.
މިހާރުވެސް މީހަކާ އަލަށް ދިމާވުމުން ކުރާ ސުވާލަކީ މިއެވެ: "އަދާކުރަނީ ކޮން ވަޒީފާއެއް ހެއްޔެވެ؟" މި ސުވާލަށް އެދެވޭ ޖަވާބެއް ނުދެވިއްޖެނަމަ އެ މީހާގެ ޝައުޤުވެރިކަން ގެއްލޭތަން ވަރަށް އަވަހަށް ފެންނާނެއެވެ. ވަރަށް އަވަހަށް އެހެން މީހަކާ ދިމާވާން ލޯ ހިންގާތަން ފެނިގެންދާނެއެވެ.
މިއީ ކޮންމެހެން ބޮޑާވެ ކިބުރުވެރިވެގެންވާ ކަމެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެން އަހަރުމެންގެ ވަށައިގެންވާ ދުނިޔެއިން އެދެމުން އައީ ލޯތްބަށެވެ. އިޙްތިރާމަށެވެ. މަތީ މަގާމުތަކުގައި މަސައްކަތްކުރާ މީހުންނަށް އިހުތިރާމާއި ގަދަރު ލިބޭތަން ފެންނަންޏާ މުޖުތަމައުގެ ވިސްނުން ބައްޓަންވާނީ ކިހިނެތް ހެއްޔެވެ؟ އަހަރުމެން ބޮޑުވެގެން އައިއިރު ފެންނަނީ މަތީ މަގާމުތަކުގައި އުޅޭ މީހުންނަށް އިހްތިރާމު ލިބޭ ތަނެވެ. މީހަކު ލާފައި ހުންނަ އެއްޗަކުން އެ މީހަކު ދެކެ މީހުން "ލައިކު"ވާ ތަނެވެ. ތެދުވެރިކަމާއެކު އާދައިގެ މަސައްކަތެއް ކުރާ މީހާއަށް ނުލިބޭ ގަދަރު، ޓައިއެއް އަޅައިގެން އޮފީހަކަށް ދާ މީހާއަށް ލިބޭ ތަނެވެ. އެފަދަ މީހަކާއެކު ވަގުތު ހޭދަކުރަން މީހުން ބޭނުންވަނީ އެ މީހާއަށް ދުނިޔެ ބަލައި އަލީގެ ޒައްރެއްގެ މިންވަރު އެ މީހުންނަށްވެސް އެޅޭނެ ކަމުގެ އުންމީދުގައެވެ. ބައެއް ފަހަރު މި މީސްމީހުންގެ މަގާމުގެ ދަޅައިން ކަނުވެ އެމީހުންގެ ފަތިފުށުގައިވާ އުނި ސިފަތަކެއް މީހުންނަކަށް ނުފެނެއެވެ. އެމީހާއަށް ލިބިފައިވާ މަގާމަކާ އެއްވަރަށް އެމީހާއަށް މަސައްކަތް އެނގޭ ހެއްޔެވެ؟ އޭނާ އަކީ ކޮންކަހަލަ އަހުލާގެއްގެ ވެރިޔެއް ހެއްޔެވެ؟ މިއީ މީހުން ނުކުރާ ސުވާލެވެ. މިކަހަލަ ބޮޑެތި މަޤާމުތަކުގައި ތިބޭ މީހުން އެ މަޤާމުތަކުގައި ތިބުމަށް ކުރާ ނޭއްގާނީ އަމަލުތައް ކޮންމެ ދުވަހަކު އަންނަނީ ނޫސްތަކުގައި ޖަހަމުންނެވެ. ނަމަވެސް ހެޔޮތާއެވެ. މުޖުތަމައުގެ މިންގަނޑުން އޭނާއަކީ ކާމިޔާބީ މީހެއްތާއެވެ.
މި ދުނިޔޭގައި އަހަރެންގެ އުމުރުގެ މީހަކަށް ތަހައްމަލުކުރަން ޖެހިފައިވާ ހިތާމަ އެ ހިސާބުން ނިމުނީކީ ނޫނެވެ. އަހަރުމެން ބޮޑުވީ "ކޮންމެ ކަމެއްވެސް ކުރެވޭނެ" މި ޝިއާރުގެ ދަށުންނެވެ. މިއީ ހިތްވަރު ލިބިގަނެ، އެކަމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތްކުރުމަށް ކިޔައި އުޅޭ އެއްޗެކެވެ. އެހެން ކަމުން އަހަރެންގެ ނާކާމިޔާބީގެ ފަހަތުގައިވަނީ މި ޝިއާރުގެ ދަށުން މަސައްކަތް ނުކުރުމެވެ. އެ ނޫން ސަބަބެއް ނެތެވެ.
އެކަމަކު ހަގީގަތަކީ ކޮންމެ މީހަކަށް ކޮންމެ ކަމެއް ކުރެވޭކަށް ނުޖެހެއެވެ. އެކި މީހުންގެ ގައިގައި ލައްވާފައިވަނީ އެކި ހުނަރެވެ. ނަމަވެސް ކޮންމެ މީހަކުވެސް ބަލަނީ މުޖުތަމައުގައި އެންމެ މަގުބޫލު ހުނަރަކީ ކޮބައިތޯއެވެ؟ މިސާލަކަށް މި ފަހަކަށް އައިސް ސޮފްޓްވެއަރ އިންޖިނިޔަރިންގުން ކުރިޔަށް ދިޔުމަށް މީހުންނަށް ބާރުއެޅިއެވެ. ނަމަވެސް ކޮންމެ މީހެއްގެ ކިބައިގައި އެ ރޮނގުން ކުރިއަށް ދިއުމުގެ ގާބިލުކަމެއް ނުހުރެއެވެ. އެކަމުން އޭނާ ކުރިއަށް ދާން މަސައްކަތްކޮށްގެން އެކަމުން ނާކާމިޔާބުވެއްޖެނަމަ އެ މީހާގެ ނަފުސުގެ ކުރިމަތީގައި އަގުވެއްޓެއެވެ. ދުނިޔެއަށް ބޭކާރު މީހެއްގެ ގޮތުގައި ވިސްނެއެވެ. އެ މީހާއަކީ ދުނިޔެ ސިއްސުވާލާވަރުގެ ކުޅަދާނަ އެހެން ހުނަރެއް ލިބިފައިވާ މީހަކަށް ވިޔަސް ހެޔޮތާއެވެ. ސޮފްޓްވެއަރ އިންޖިނިޔަރިންގުން ނާކާމިޔާބު ވީ ނޫންހެއްޔެވެ؟
މި ޝިއާރުގެ ދަށުން ބުރަ މަސައްކަތް ކުރަމުން ދަރިން ހޯދައި ނުބެލޭ ސަބަބެއް އޮވެގެން ނުވާނެއެވެ. ނަމަވެސް މި ދެކަން ހަމަހަމައަށް ނުކުރެވިގެން އުޅެނީ ކިތައް މައިން ހެއްޔެވެ؟ އެމީހުންގެ ވަށައިގެން އުޅޭ މީހުންނަށް އެކަން ވާތަން ފެންނާތީ އެމީހުން ގަބޫލުކުރަނީ އެމީހުންނަށް އެކަން ނުވުމަކީ އެމީހުންގެ ނާގާބިލުކަމުގެ ހެތްކެއް ކަމުގައެވެ. އެހެން ކަމުން އަނެއްކާ ވެސް ބާރުލައިފައި ހުރިހާ ކަމެއް ކުރަން ފޫގަޅަނީއެވެ. މިކަމުގެ ސަބަބުން މީހާގެ ހައްޓަށް ނުކަތައި ސިއްހަތު ހަރާބުވަނީއެވެ. ނަމަވެސް އެމީހުންނަށް ނޭނގޭ ހަގީގަތަކީ ވަށައިގެން އުޅޭ އެންމެން ވެސް އުޅެނީ އެހާލުގައި ކަމެވެ. އެކަމަކު ދުނިޔޭގެ ލަދަށް މިކަމަށް އެއްބަސް ވާން ބޭނުން ނުވަނީއެވެ. މި ޒަމާނުގެ ދިރިއުޅުމުގައި ހުރިހާ ކަމެއް ކުރަން ހަދައިގެން އެއްކަމެއްވެސް ދަނީ ރަނގަޅަށް ނުކުރެވެމުންނެވެ.
އަހަރެން ދަންނަ އެތައް ބައެއްގެ އެންމެ ބޮޑު ބިރަކީ އެމީހާގެ ކިބައިގައި ތައުލީމީ ފެންވަރު ނެތުމުން ކުރިޔަށް އޮތް ތަނުގައި އޭނާއަށް ވަޒީފާ ނުލިބިދާނެތީއެވެ. އެހެންކަމުން އެކި ދިމަދިމާލުން ކޯސްތައް ބަލައިގެން ކޮންމެވެސް އެއްޗެއް ކިޔެވޭތޯ މަސައްކަތް ކުރަނީއެވެ. އޮފީހުގައި އުޅެފައި، ދަރިންގެ ކަންކަން ކޮށްފައި، ގޭތެރޭގެ ކަންތައް ކޮށްފައި އެމީހާއަށް ކިޔަވަން އޮންނާނީ ކޮން ވަގުތެއް ހެއްޔެވެ؟
އޮފީހެއްގައި އުޅޭ ހިއުމަން ރިސޯސް މުވައްޒަފަކާ އިހަކަށްދުވަހު ވާހަކަދެއްކީމެވެ. އޭނާ ބުނިގޮތުގައި އެ އޮފީހުގެ ސްޓޮކް ކީޕަރެއްގެ ވަޒީފާއަކަށް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ނަގާފައިވާ މީހެއް ކުރިމަތިލިއެވެ. މިއީ މިއަދު ރާއްޖޭގެ ހާލަތެވެ. ކިޔަވައިގެން މޮޅު މީހަކަށް ވެގެން ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް ބުނެދިން މީހުން ކޮބައިހެއްޔެވެ؟ ހަގީގަތަކީ ވަޒީފާ ލިބުން ދަތިކަމެވެ. އަހަރެންގެ އެތައް ރަހުމަތްތެރިންނެއް ތަނަކަށް ވަޒީފާއަކަށް ލާފައި އެބަ އަހަރެންނަށް ގުޅައެވެ. އެ ވަޒީފާއަށް ލީތަނުގައި ދަންނަ މީހަކު އުޅޭތޯ ބަލައިދިނުމަށް އެދިއެވެ. ގިނަ ފަހަރަށް ވަޒީފާ ލިބެނީ ކޮންމެވެސް މީހެއްގެ ނުފޫޒު ބޭނުން ކޮށްގެން ކަމަށް ވީމައެވެ. މި ފަދަ ޒަމާނެއްގައި ވަޒީފާގެ ޔަގީންކަން އޮތީ ކާކަށް ހެއްޔެވެ؟
މިއަދު ބާލީހުގައި ބޯއަޅައިގެން އޮވެގެން ކުރަން ސިކުނޑި ގޮވައިލާ ހިތާމައިގެ އަސްލަކީ މިއެވެ. މި ޒަމާނަކީ ދިރިއުޅެން އުނދަގޫ ޒަމާނެކެވެ. އަހަރުމެންނަށް އެނގިފައިވާ ގޮތުން ކާމިޔާބީ ހޯދަން އުޅެގެން ނާކާމިޔާބުވާ ޒަމާނެކެވެ. އަހަރުމެންގެ ނާކާމިޔާބީގައި ސިއްކަ ޖެހެނީ ސޯޝަލް މީޑިއާގައި އަހަރުމެން ފަދަ އެހެން މީހުންގެ ދިރިއުޅުންތައް ބަލައިގެންނެވެ. އެކަމަކު މި ތަންތަނަށް މީހުން ލަނީ އެންމެ ރީތި، ދިރިއުޅުމުގެ ފޮނިކަން ދައްކަން އެންމެ މަގުބޫލުކަން ލިބޭނެ ފޮޓޯކަން އަހަރުމެންނަށް ނޭނގެނީ ހެއްޔެވެ؟ ހުދު އަހަރުމެންވެސް ކަންތައް ކުރަނީ މިހެންނެއް ނޫން ހެއްޔެވެ؟
މި ޒަމާނަކީ އިންސާނުން އިންސާނުންނަށް ސަޖިދަ ޖަހަން ތައްޔާރުވެފައިވާ ޒަމާނެވެ. އަހަރުމެން އަޅުކަމުގައި ޝާމިލުވެގެން އުޅުނަސް އަހަރުމެން ތަވާފުކުރަނީ ދުނިޔެ ދައްކާ ދަޅަތަކުގެ ވަށައިގެންނެވެ. މިކަންކަމުގެ ސަބަބުން ކިތަންމެ ބައިވަރު ތަކެއްޗަކުން އަހަރުމެންގެ ދިރިއުޅުން ފުރައިލިޔަސް އަބަދުވެސް ނަފުސުގެ ހުސްކަން އިހުސާސްވޭވޭ ހުރެއެވެ. އެހެން މީހުންގެ ދިރިއުޅުމާ އަޅައިކިޔެއެވެ. ކުޑަ ވަގުތުކޮޅަކަށްވެސް އަހަރުމެންނަށް ލިބޭ ހަމަޖެހުމެއް ލިބެނީ ދުނިޔޭގެ ގޮވުންތައް ނިއްވައިލާ ހިސާބުންނެވެ. ކަނޑާ ދިމާލަށް ބަލައިލަން އިނދެވޭ ގަޑީގައެވެ. ނޫނީ ގަހެއްގެ ހިޔަލުގައި ނޭވާލާން މަޑުކޮށްލާ ގަޑިއެއްގައެވެ. ސަބަބަކީ އޭރު އެއްޗެއްސާ އަހަރުމެންގެ ކުޅަދާނަކަމާ އަޅައިކިޔާކަށް އަހަރުމެންގެ ސިކުނޑި ތަން ނުދޭތީއެވެ.
އަހަރުމެންނަށް މި ނުކުޅެދުންތެރިކަން އިހުސާސްވާ ސަބަބު ދިރާސާކުރަން ޖެހިއްޖެއެވެ. ކާމިޔާބީއަކީ ކޮބައިކަން އަލުން ވިސްނަން ޖެހިއްޖެއެވެ. ކާމިޔާބީއަކީ ހުރިހާ ކަމެއް ފުރިހަމަވުން ނޫންކަން ހެޔޮ ހިތުން ގަބޫލުކުރަން ޖެހިއްޖެއެވެ. ފަހަރެއްގައި ކާމިޔާބީއަކީ ހިތްހަމަޖެހުމަށްޓަކައި ދޫކޮށްލަން ޖެހޭ ކަންތައް ދޫކޮށްލަން ތައްޔާރުވުން ކަމުގައި ވެދާނެއެވެ. މަތީ ވަޒީފާއާއި މަގާމުގެ ބަދަލުގައި ހިތްހަމަޖެހިލައިގެން ހުކުރު ދުވަހު އާއިލާއާއެކު ފިލްމެއް ބަލައިލަން އިނދެލެވުމަކީ ކާމިޔާބީ ނޫން ހެއްޔެވެ؟ ހުރިހާ ކަމެއް ނުކުރެވުނަސް ކުރާ ކަންކަން ތިމާގެ ގާބިލުކަން ތަންދޭ ވަރަކަށް ކުރެވުމަކީ ކާމިޔާބީއެއް ނޫން ހެއްޔެވެ؟ މިހާރު ކުރިމަތިވާ ހާސްކަން ކުރިމަތިވަނީ މުޖުތަމައު ކާމިޔާބީ ކަނޑައަޅައިފައިވާ ހައްދުގެ ތެރެއަށް ތިމާއަށް ނުފެތެވޭތީއެވެ. އެ ހައްދުގެ ތެރެއަށް ފެތޭ މީހުން ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އަހަރެންގެ ކާމިޔާބީ ކަނޑައަޅާނީ ދުނިޔޭގެ މިންގަނޑަކުން ނޫނެވެ. އެންމެ މަތީ އިލާހު ނިންމަވާފައިވާ މިންގަނޑުންނެވެ. އެކަލާނގެ އެންގެވި ގޮތުގައި ދެމި ހުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކީ ކާމިޔާބީ ކަމުގައި އަހަރެން ނިންމާނަމެވެ. އެހެން ކަމުން މި ހޮނިހިރު ވިލޭރޭ އަހަރެންގެ އަމިއްލަ ނަފުސަށް ހަނދާން ކޮށްދޭނީ މި ދިރިއުޅުމުގައި ލިބިފައިވާ ނިއުމަތްތަކެވެ. ސިއްހަތު، އާއިލާ، އެކުވެރިން، އަދި އަހަރެންގެ ހުނަރުތަކެވެ. އަހަރެން ލެއްވެވި މަތިވެރި ދީނެވެ. މި ހުރިހާ ކަމަކީވެސް ޝުކުރުވެރިވާންޖެހޭ ކަންކަމެވެ. އަހަރެންގެ ދިރިއުޅުމުގެ އަގު ވަޒަންކުރާނީ މާއްދީ ތަކެއްޗަކުން ނޫނެވެ. އަހަރެންގެ ދިރިއުޅުމުގެ އަގު ވަޒަންކުރާނީ މި ދިރިއުޅުމުގެ ފުރިހަމަ ކަމުންނެވެ.
