Support Us

ކޮލަމް މީތިނުކިޔާތި: ފަގީރުންގެ މުއްސަނދި ދިރިއުޅުން

އެއް ދުވަހަކު، މުއްސަނދި ބައްޕައަކު ނިންމީ، ފައިސާއާ ނުލައި ދިރިއުޅެން އޭނާގެ ފިރިހެން ދަރިފުޅަށް ދަސްކޮށްދޭށެވެ.

މިހެންވެ، ރަށްފުށުގައި ދިރިއުޅޭ، ދަނޑުވެރި އާއިލާއެއްގެ ގާތުގައި ކުޑަ ދުވަސްކޮޅެއް ހޭދަކޮށްލުމަށް ދަރިފުޅު އެ މީހުންގެ ގާތަށް ފޮނުވިއެވެ.

އެ ދަނޑުގައި އެ ކުއްޖާ ތިން ރޭ ތިން ދުވާ ހޭދަކުރިއެވެ.

އަނބުރާ ގެއަށް ދިޔަ މަގުމަތީގައި، ކާރު ތެރޭގައި އިނދެފައި، ދަރިފުޅު ކުރެން ބައްޕަ އެހިއެވެ:

"އެ ދަނޑުވެރިކަމުގައި ތިބާ ހޭދަކުރި ދުވަސްތަކުގައި ދަސްވީ ކޮން ކަމެއް ހެއްޔެވެ؟"

"އެ ކަން ރަނގަޅެވެ،" ދަރިފުޅު ސާދާ ޖަވާބެއް ދިނެވެ.

އެކަމަކު ބައްޕަ ބޭނުންވީ އިތުރު މައުލޫމާތު ދެނެގަންނާށެވެ. އެހެންކަމުން އެއްސެވެ:

"ސީދާ ފާހަގަ ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ތިބާއަށް ދަސްވީ ކޮން ކަމެއް ހެއްޔެވެ؟"

ހިނދުކޮޅަކު ވިސްނައިލަން އިނދެފައި ދަރިފުޅު ޖަވާބު ދޭން ފެށިއެވެ. މިއީ އޭނާގެ ތަޖުރިބާ ތަރުތީބުން ކިޔައިދިން ގޮތެވެ:

  1. އަހަރެމެންގެ އޮތީ އެއް ކުއްތާއެވެ؛ އެ މީހުންގެ ހަތަރެކެވެ.
  2. އަހަރެމެންގެ އޮތީ، ފިލްޓަރުކުރި، ސާފު ފެން ލިބޭ، އަހަރެމެންގެ ބަގީޗާގެ މަންޒަރު ވެސް ފެންމަތީގައި ހިޔަނި އެޅިފައި ފެންނަ ފަތާފެންގަނޑެކެވެ. އެ މީހުންގެ އޮތީ، މަސްމަހާމެހިން ފުރިފައިވާ އަދި ދިގު ވިނަތައް ހެދިފައިވާ، ބިއްލޫރިހާ ސާފު ފެނުގެ ކޯރެކެވެ.
  3. އަހަރެމެންގެ ގޭގެ ފުރަގަހުގައި ވަނީ ދިއްލޭ ބޮކިތަކެވެ. އެކަމަކު އެ މީހުންނަށް ވަނީ ތަރިތަކާއި ހަނދެވެ.
  4. އަހަރެމެންގެ ބަގީޗާގެ އިމަކީ ފުޅައްޕެކެވެ. އެކަމަކު އެ މީހުންގެ ބަގީޗާ ވަނީ އުދަރެހާ ހިސާބަށް ފެތުރިފައެވެ.
  5. އަހަރެމެން ކާބޯތަކެތި ގަންނަނީއެވެ. އެ މީހުން އެ ތަކެތި އިންދައި، ހައްދައި، ކޮށައި، ބިނދެ އަދި ކައްކައެވެ.
  6. އަހަރެމެން ރާގު އަޑުއަހަނީ ފޯންތަކާއި ސްޕީކަރުތަކުންނެވެ. އެކަމަކު އެ މީހުން އަޑުއަހަނީ މަސްކާށިތަކާއި ދޫނިސޫފާސުއިތްޕާއި ވައިގެ ލަވަތަކެވެ. އަދި ބައެއް ފަހަރު އަވަށްޓެރިޔާ ދަނޑުވެރިކަން ކުރާއިރު އޭނާގެ ލަވަކިޔުމެވެ.
  7. އަހަރެމެން ކައްކަނީ މައިކްރޮވޭވް އަވަންގައެވެ. އެކަމަކު އެ މީހުންގެ ކާބޯތަކެތި ތައްޔާރު ކުރަނީ ހާމަ ތަންތާނގައި އަލިފާނުންނެވެ. އަދި އެ ތަކެތީގެ ރަހަ އަހަރެމެން ގަންނަ ކާބޯތަކެއްޗާ ކައިރި ވެސް ނުކުރެއެވެ. މާމީރެވެ.
  8. ނުދަންނަ މީހުން ދެކެ ބިރުގަންނާތީ އަހަރެމެން ތިބެނީ ފުޅައްޕާއި ދޮރުތަކުގެ ފަހަތުގައި ތަޅުލެވިގެންނެވެ. ނަމަވެސް އެ މީހުންގެ ދޮރުތައް ހުންނަނީ އަބަދުވެސް ހުޅުވައިލައިފައެވެ. އެ މީހުންނަށް ރައްކާތެރިކަން ލިބެނީ ރަހްމަތްތެރިކަމާއި މުޖުތަމައުންނެވެ.
  9. އަހަރެމެންގެ ދިރިއުޅުން އެނބުރެނީ ފޯނާއި ކޮމްޕިއުޓަރާއި އަދި ޓީވީ ސްކްރީންތައް ވަށައިގެންނެވެ. އެ މީހުންގެ ދިރިއުޅުން އެނބުރެނީ އާއިލާ، އުޑު، އިރުގެ އަލި، ފެން އަދި ބިމުގެ ވަށައިގެންނެވެ.

ދަރިފުޅުގެ ވާހަކަ އަޑުއަހަން ބައްޕަ މަޑުމަޑުން އިނެވެ. އަޑުއިވުނު ވާހަކަތަކުން ފުން އަސަރެއްކޮށްފައެވެ.

ދެން ދަރިފުޅު އޭނާގެ ބައްޕައާ ދިމާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ބުންޏެވެ:

"ބައްޕާއެވެ. ޝުކުރިއްޔާއެވެ. ތިބާ އަހަރެންނަށް ދައްކުވައިދިނީ ހަމައެކަނި ފަގީރުވުމުގެ މާނައެއް ނޫނެވެ. ނަމަވެސް ހަގީގަތުގައި އަހަރެމެންގެ ފަގީރުކަމެވެ. ސަބަބަކީ މާއްދިއްޔަތުގެ ފަހަތުން އަހަރެމެން ދުވާ ވަރަކަށް، ހަގީގަތުގައި މާނަވީ ކަންތައްތަކާ އަހަރެމެންނަށް ދުރަށް ދެވެނީއެވެ."

  • ތަރުޖަމާއެއް