Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މަހުޖަނަކު އެންމެ 5،000 ޑޮލަރުގެ ލޯނެއް ނެގި ސަބަބަކީ މިއީ

ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އެމެރިކާގެ އެންމެ ބޮޑު އަދި އެތައް ގޮތަކުން އެންމެ މުހިންމު ސަހަރު ކަމަށްވާ ނިއު ޔޯކް ސިޓީގެ ބޭންކަކަށް އެއް ދުވަހަކު އަންހެނަކު ދިޔައެވެ.

ދޮން އިސްތަށިގަނޑެއްގެ ވެރި ނުވަތަ "ބްލޮންޑް" އަންހެންމީހާގެ ބޭނުމަކަށްވީ ޗުއްޓީ ހޭދަކޮށްލުމަށް ފުރުމުގެ ކުރިން 5،000 ޑޮލަރު (77،100ރ.)ގެ ލޯނެއް ނެގުމެވެ.

އޭނާގެ ކަންތައްތަކާ ހަވާލުވި ބޭންކްގެ މުވައްޒަފު ސުވާލުކުރިއެވެ: "ހަމަ ޔަގީންތާއެވެ. 'ކޮލެޓްރަލް' (ރަހުނެއް)ގެ ގޮތުގައި ތިބާ ބަހައްޓާނީ ކޮން އެއްޗެއް ހެއްޔެވެ؟"

އަންހެންމީހާ ޖަވާބު ދިނެވެ: "އަހަރެންގެ ރޯލްސް-ރޮއިސް މަރުކާގެ ކާރެވެ."

ބުއްދި ގަބޫލު ނުކުރެވިފައި އިން ގޮތަކަށް މުވައްޒަފު އެސްފިޔަޖަހައިލިއެވެ. އަދި ބުންޏެވެ: "ތިބާގެ ރޯލްސް-ރޮއިސް… އެއީ 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ)ގެ އަގު ހުރި ކާރެއް ނޫންތޯއެވެ؟ އެންމެ 5،000 ޑޮލަރުގެ ލޯނަކަށްތޯއެވެ؟ ތިބާ ސީރިއަސްތޯއެވެ؟"

ވަރަށް ޔަގީންކަމާއެކު އަންހެންމީހާ ބޯޖަހައިލިއެވެ. އަދި ކާރުގެ ތަޅުދަނޑި މުވައްޒަފާ ހަވާލުކުރިއެވެ.

ކައުންޓަރު ބިއްދޮށުގައި ތިބި ބޭންކްގެ އެހެން މުވައްޒަފުން ހިނިގަނޑެއް ޖަހައިލިއެވެ. ނަމަވެސް އަންހެން މީހާއާ ބެހޭ ބެކްގްރައުންޑް މައުލޫމާތު ހޯދައިލިއިރު އަންހެންމީހާ އެއްވެސް މަކަރެއް ނުހަދާކަން ކަށަވަރު ކުރެވުނެވެ.

ކާރު އެއީ ހަގީގަތެކެވެ. އަދި އެއީ ހަމަ އޭނާގެ މުދަލެކެވެ. އެހެންކަމުން، ރައްކާތެރި ގޮތަކަށް ހަދައިފައިވާ ބޭންކްގެ ބިންގަރާސް ގަރާޖުގައި، ދެ ހަފުތާ ވަންދެން ބޭންކްގެ މުވައްޒަފުން އެ ކާރު ޕާކްކުރިއެވެ.

ދަތުރު ނިންމައިލުމަށް ފަހު އަންހެންމީހާ އެނބުރި އައިސް ބޭންކަށް 5،000 ޑޮލަރުގެ ލޯނު އަނބުރައި ދެއްކިއެވެ. އެއީ 15.41 ޑޮލަރު (237ރ.)ގެ އިންޓަރެސްޓާއެކުއެވެ.

ބޭންކްގެ މުވައްޒަފަކު، އެހާތަނުން ކެތް ނުކުރެވިގެން، އަންހެންމީހާގެ ގާތުގައި އެއްސެވެ: "މަ ސާހިބާއެވެ. ކަންބަލާހިތްވާތީ އަހަރެންނަށް މައާފުކުރާށެވެ. ނަމަވެސް އަހަރެމެން ތިބާގެ މާލީ ހާލަތު ޗެކު ("ކްރެޑިޓް ޗެކް") ކުރީމެވެ. ތިބާއަކީ ބިލިއަނަޔަރެކެވެ. އެންމެ 5،000 ޑޮލަރުގެ ލޯނެއް ތިބާއަށް ބޭނުންވީ ކީއްވެ ހެއްޔެވެ؟"

އަންހެންމީހާ ހިނިތުންވެލިއެވެ. އަދި ޖަވާބު ދިނެވެ:

"ބުނެބަލާށެވެ. އެންމެ 15.41 ޑޮލަރަށް، ދެ ހަފުތާއަށް، އަހަރެންގެ ރޯލްސް-ރޮއިސް ކާރު ނިއު ޔޯކްގައި ރައްކާތެރިކަމާއެކު ޕާކްކޮށްލެވޭނެ އެހެން ތަނެއް ވޭ ހެއްޔެވެ؟ އަދި އެއީ އަހަރެން އެނބުރި އަންނަ އިރު އެ ތާނގައި އޮންނާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކު ވެސް މެއެވެ."

  • ތަރުޖަމާއެއް