Support Us

ވާހަކަ: ކާމިޔާބު

އަހަރެންގެ އެންމެ މަޤްބޫލު ކެފޭގައި އިށީނދެލައިގެން އިނީ ކޮންމެހެން ސައިބޯކަށެއް ނޫނެވެ. އަހަރެންނަށް އެންމެ މީރު ހޮޓްޗޮކްލޭޓް މޭޒުމަތީގަ ހުރިއިރު އަހަރެން ލިޔުނު ފޮތް ކުރިމަތީ ބާއްވާލައިގެން އޭގެއިން ބައެއް މުހިއްމު ނުކުތާތައް ނޯޓް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. އިރުއިރުކޮޅާ ފޯނަށްވެސް ބަލާލެވެއެވެ. މުހިންމު ކޯލުތައް އަންނާނެތީއެވެ. އެތަނުގައި އަހަރެން އިށީނދެލައިގެން އިންއިރު މާހައުލު ކިތަންމެ ހިތްގައިމު ވިޔަސް އަހަރެންނަށް އެއަކުން ކުރާ މާބޮޑު އަސަރެއް ނެތެވެ. އެއަށްވުރެ ބޮޑަށް މުޅިމީހާ ހުރީ ފިނިވެފައެވެ. ދޭތެރެ ދޭތެރެއިން ޖެހެމުންދާ ވައިރޯޅިން މޫނުމައްޗަށް ވެއްޓޭ އިސްތަށިކޮޅުތައްވެސް އިރުއިރުކޮޅާ ރަނގަޅު ކޮށްލެވެއެވެ. މާހައުލު ވަކި ފިނީކީވެސް ނޫނެވެ. މިރޭމީ އަހަރެންގެ ފޮތް ލޯންޗުކުރެވޭ ރެޔެވެ. ހެނދުނު ހެނދުނާ ކެފޭއަށް އައިސް އިނީ، މިރޭ ދައްކާނެ ވާހަކަތައް ކޮންމެވެސް ވަރަކަށް ރާވާލާ ހަދަން ބޭނުންވާތީއެވެ. ފޮތުގަ ހުރި ބައެއް ވާހަކަތައްވެސް ކިޔައިދޭން ބޭނުންވާތީއެވެ. ދައްކަން ބޭނުންވާ ވާހަކަތައް ނޯޓްކުރެވުނީ ދެގަޑިއެއްހާއިރު ފަހުންނެވެ.

އެރޭ ފޮތް ނެރުމުގެ ހަފްލާ ފެށިގެން ކުރިޔަށް ދިޔައިރު ހީކުރި ވަރަށްވުރެ ގިނަމީހުން ތިބީ އައިހެވެ. އެއީ އިތުރަށް ފިނިވާން ދިމާވި ސަބަބެއް ނަމަވެސް ލިބުނު އުފާވެރިކަން އަސްލު ވީ އިތުރެވެ. ފުރަތަމަ ގޮނޑިބަަރީގަ އަހަރެންވެސް އިށީނދެލައިގެން އިންއިރު ދެފަރާތުގަ އާއިލާއާއި ބައެއް ރައްޓެހިންވެސް ތިއްބެވެ. އެކަމަކު އޭގެކުރިން އަހަރެންނާ ޖެހިގެން ދެފަރާތަށް ތިބީ ޝަރަފުވެރި ދެމެހެމާނެކެވެ. އޭގެތެރެއިިން އެކަކު އޭރު ސްޓޭޖްގަ ވާހަކަ ދައްކަނީއެވެ. އިސާހިތަކު ފޮތް ލޯންޗުކުރުމުގެ ހަރަކާތް ފަށަން ތައްޔާރުވުމާއެކު އަހަރެންގެ ނަން ގޮވާލެވުނެވެ.

"އައިޝަތު ނަހުލާ!" އެހިސާބުން އަހަރެން ސްޓޭޖަށް އެރީމެވެ.

ފޮތް ލޯންޗުކޮށް ނިމުމުން ދެން އޮތީ އެފޮތުގެ މުޞައްނިފުގެ ހައިސިއްޔަތުން އެފޮތާ ބެހޭގޮތުން އަހަރެންގެ ދެތިން ބަހެއް ބުނުމެވެ. މައިކް ކައިރިޔަށް ދިޔައިރުވެސް ހުރީ ފިނިވެފައެވެ. މައިކް ކައިރިޔަށް ގޮސް ހުއްޓިހުރެ ހަމަޖެހިލެވޭތޯ ބެލީމެވެ. ވާހަކަ ދައްކަން ހަމަޖެހިފަ އޮތީ ފުރަތަމަ އިނގިރޭސިންނެވެ. ފަހުން ދިވެހި ބަހުންނެވެ. އަހަރެންގެ ވާހަކަ ފެށުމުގެ ކުރިން ފިނިވެފަ ހުރިވާހަކަ ރަކި ހިނިތުންވުމެއްގައި ހުރެ ބުނެލީމެވެ. އެއާއެކު އަހަރެން ތަނުގައި ތިބި މީހުނަށް ނަޒަރު ހިންގާލަމުން ރަނގަޅަށް ބަލާލީމެވެ. ފުންނޭވާއެއް ލުމަށްފަހު ހަމަޖެހިލީމެވެ. އެ ހިސާބުން ވީ ތަފާތު ގޮތެކެވެ. ފިނިވާ ގޮތްވުން އެއްކޮށް ކަހަލަ ގޮތަކަށް ކެނޑުނީއެވެ. ވީގޮތް އަހަރެންނަށް އެނގުނެވެ. އަހަރެންނަށް ފެނުނީ ތައުރީފްގެ ބެލުންތަކެކެވެ. ވަގުތުން އަހަރެންގެ ސިކުނޑި މަސައްކަތް ކުރިއެވެ. ހިތަށް ވިސްނައިދިނެވެ. އަހަރެން މިރޭ މިތަނަށް އައިސް މިހިރީ އަހަރެންގެ އަމިއްލަ ފޮތެއް ނެރެންވެގެނެވެ. ވީއިރު މިރޭ އަހަރެން ދައްކާނެ އެއްވެސް ވާހަކައެއް ބަލައިނުގަންނާނެ އެއްވެސް ސަބަބެއް ނޯންނާނެއެވެ. މިވިސްނުން އައުމާއެކު އެހިސާބުން އަމިއްލަ ނަފްސުގެ އިތުބާރު ބޮޑުވެ މީހާ ހަމައަކަށް އެޅުނީއެވެ. ނޯޓްކޮށްގެން ދިޔަ ލިޔުމެއްވެސް ބަލާކަށް ބޭނުމެއް ނުވިއެވެ.

އަހަރެން ދެއްކީ އެވަގުތު ހިތަށް އަންނަމުން ދިޔަ ވާހަކަތަކެވެ. ކުރެވެމުންދިޔަ އިހްސާސްތަކެވެ. އިނގިރޭސި ބަހުންނެވެ. އެއަށްފަހު އަހަރެން ލިޔުނު ފޮތް ދައްކާލާފަ އެފޮތާ ބެހޭގޮތުން ފާހަގަ ކުރެވޭ ބައެއް ވާހަކަތައް ކިޔައިދޭން ފެށީމެވެ. އަހަރެން އެފޮތަށް ދީފަވާ ނަމަކީ "ސަކްސެސް: އެވެރިތިންގ ޔޫ ނީޑް އިޒް ވިތިން ޔޫ" އެވެ. މާނައަކީ "ކާމިޔާބު: ތިބާ ބޭނުންވާ ހުރިހާކަމެއް ވަނީ ޚުދު ތިބާގެ ކިބައިގައެވެ". އެއީ އަހަރެން އިނގިރޭސި ބަހުން ލިޔުނު ފޮތެކެވެ. އެއީ އެފޮތަކީ ހަމައެކަނި ރާއްޖެއަށް އަމާޒުކޮށް ނެރެވޭ ފޮަތަކަށް ނުވާތީއެވެ. މިރެއަށްފަހު ބޭރު ބައެއް ޤައުމުތަކުގަވެސް އޮފޮތް ގަންނަން ލިބެން ހުންނާނެއެވެ.

އެފޮތަށް އެނަން ދިނީ ކީއްވެކަން ކިޔައިދީނީމެވެ. އަހަރެން ޤަބޫލުކުރާ ގޮތުގަ އަދި ތަޖްރިބާވެސް ކުރެވުނު ގޮތުގަ ކާމިޔާބު ހާސިލްކުރަން ބޭނުންނަމަ ނުވަތަ މަންޒިލާ ހަމައަށް ދާން ބޭނުންނަމަ އެންމެ ފުރަތަމަ ފަށަން ޖެހޭނީ ތިމާމީހާގެ އަމިއްލަ ނަފްސާ ހަމައިންނެވެ. ހީވެސް ނުކުރާ އެތައް ޤާބިލިއްޔަތުގެ ކަމެއް އަމިއްލަ ނަފްސުގެ ކިބައިގަ ވެއެވެ. އަހަރެން ކޮންމެވެސް ވަރަކަށް ކުރުކޮށް ފޮނިކޮށް ޝަރަހަ ކޮށްދެވޭތޯ މަސައްކަތް ކުރީ އެވާހަކަ ކޮޅެވެ.

ދިވެހިބަހުންވެސް ދެތިން އެއްޗެއް ބުނެލަން ހަމަޖެހިފައިވާތީ ދިވެހިބަހުންވެސް ބައެއް ވާހަކަތައް ދެއްކީމެވެ. ނިންމާލަމުން އަހަރެން ބުނީމެވެ. "މީގެ ދެއަހަރެއްހާ ދުވަސް ކުރިން އަޅުގަނޑަކަށް ނޭނގޭ ރަނގަޅަށް އިނގިރޭސިން ވާހަކަ ދައްކާކަށްވެސް. ލިޔާކަށްވެސް. އެކަމަކު ކިޔަން އެނގޭ އޭރުވެސް. މީހުންގެ މަލާމާތާ ފުރައްސާރައާ ވެސް ކުރިމަތިލިން. އެކަމަކު ގަދައަޅައި ކުރި މަސައްކަތުން މިރޭ މިނެރެނީ އަޅުގަނޑުގެ އަމިއްލަ ފޮތެއް. އެވެސް އިނގިރޭސިން. ސޯ.. ސަކްސެސް: އެވެރިތިންގ ޔޫ ނީޑް އިޒް ވިތިން ޔޫ. ކާމިޔާބު: ތިބާ ބޭނުންވާ ހުރިހާކަމެއް ވަނީ ޚުދު ތިބާގެ ކިބައިގަ" އަހަރެންގެ ވާހަކަކޮޅު ނިންމާލާފަ ހިނގައިގަތްއިރު އަތްތިލަބަޑީގެ އަޑުން މުޅި މަހައުލު އިރުކޮޅެއް ވަންދެން ގުގުމާފަ ހުއްޓެވެ.

ވާހަކަކޮޅު ނިންމާލާފަ އިށީންނަން ދިޔައިރު ކުރިމަތީ ތިިބި މީހުންގެ ތެރެއިން ވަރަށް ހިތްކިޔާ ކަހަލަ ގޮތެއްހުރި ބޭރުމީހަކު ކަޅިޖަހާނުލާ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުރިކަން އިހްސާސް ކުރެވުނެވެ. އެކަމަކު އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. އެއަށްވުރެ ބޮޑަށް ލިބެމުންދިޔަ އުފާ ކިތަންމެހާވެސް ބޮޑެވެ.

ފޮތް ލޯންޗުކުރުމުގެ ހަފްލާއަށްފަހު ދެން އޮތީ ކެއުމަކަށް އިންސާފު ކުރުމެވެ. އެކަން އޮތީ ޖެހިގެން ހުރި މާލަމުގައެވެ. އެހެންވެ އެންމެން އަވަސްވެގަތީ އެމާލަމަށް ދިއުމަށެވެ. ޝަރަފްވެރި ދެމެހްމާނާއި އާއިލާއާއި ބައެއް ރައްޓެހިންނާއެކު އޮތް ފޮޓޯޝޫޓަކަށް މަޑުކުރުމަށްފަހު އަހަރެންނަށް ޖެހިގެން ހުރި މާލަމަށް ދެވޭވަރުވީ ތަންކޮޅެއް ފަހުންނެވެ. އެންމެން ކެއުމުގައި މަޝްޢޫލުވެގެން އުޅެމުން ދިޔަވަގުތެކެވެ. އަހަރެންވެސް ބުފޭ އަތުރާފަ ހުރިދިމާގަ ކާއެއްޗެހި ތައްޓަށް އެޅުމުގަ އުޅުނު ވަގުތެކެވެ.

"ހެލޯ!.. ވަރަށް އިންސްޕަޔަރިންގ އިނގޭ ވާހަކަކޮޅު. ހާއްސަކޮށް އެންމެ ފަހުން ބުނެލި ޖުމްލަ" ސިއްސައިގެން ގޮސްފަ ބަލާލިއިރު އެއްކަލަ ބޭރުމީހާ ހިނިއައިސްފަ ކައިރީގަ ހުއްޓެވެ. ހައިރާންވީ ދިވެހިބަހުން ވާހަކަ ދެއްކީމައެވެ.

"ތީ.. ބޭ..ރު.. މީހެއް.. ނޫން.. ދޯ" އަހަރެންނަށް ވިސްނަމުން ބުނާކަހަލަ ގޮތަކަށް ބުނެލެވުނެވެ. ބުނެވުނު ފަހުން އެއީ އަހަރެން ބުނެގެން ނުވާނެ އެއްޗެއްކަން ވިސްނުނެވެ. އަހަރެން ވަގުތުން ރަކިވާގޮތް ވިއެވެ. އެމީހަކު ކައިރިޔަށްވެސް ވަރަށް ހިނިއައެވެ.

"އަޒީމް!މީ ޔަރ.. ދިވެއްސެއް އަންފޯޗުނޭޓްލީ." އަޒީމް އެހެން ބުނުމާއެކު ހީނގަނެވުނީ ދެމީހުނަށްވެސް އެއްފަހަރާއެވެ.

"އުހުނ.. އެހެނެއް ނޫން މިބުނީއެއް. ދިވެއްސަކަށްވުރެ ބޭރު މީހަކާ ވައްތަރީ. އެހެންވެ. އެހެނެއް ނުބުނޭތަ މީހުނެއް" އަހަރެން ތައްޓަށް ކާއެއްޗެހި އަޅަމުން ބުނީމެވެ.

"ބައެއް މީހުން ބުނޭ. އައިޝާ ދިވެއްސަށްވެސް ހާދަ މޮޅޭދޯ.. ޔަރ މީ ހާފް ސްޕެނިޝް." އެހާ އަހަވަހަށް އައިޝާއޭ މުޚާތަބުކޮށް ކައިރި ކޮށްލިގޮތް އަހަރެން ފާހަގަ ކުރީމެވެ. ގިނަ މީހުން ކިޔާނީ ނަހުލާއެވެ. އައިޝާއެއީ ވަރަށް ގާތްމީހުން ކިޔާނަމެވެ.

"ކޮބާ..!! އެހެންވީމައެއްނުނ" އަހަރެން އަވަހަށް ބުނެލީމެވެ.

"ސްޕީޗް ނިންމާލަމުން ބުނީމެއްނުނ.. އަސްލުވެސް އިންގްލިޝް ދަސްކުރީ ވަރަށް ފަހުންތަ؟" އަޒީމްގެ މޫނުމަތިން ހައިރާންކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.

"އާނ.. އެކަމަކު އެއީ ތަންކޮޅެއް ދިގުވާހަކައެއް. ކޮންމެވެސް އެހެން އިރަކުންދޯ!" އަހަރެން އެހެން ބުނީ ގަސްދުގައެވެ. އަޒީމް ދެން ބުނާނެ އެތިވެސް އެނގެއެވެ.

"އޭ! ތީ ވަރަށް އިންސްޕަޔަރިން ވާހަކައެއްނުނ. ކޮންމެހެންވެސް ވާނެ ކިޔައިދޭން. އިފް ޔޫ ޑޯން މައިންޑް.. ނަމްބަރު ދީފާނަންތަ"

"އަމްމްމް…" ވިސްނާކަމަށް ހެދުނީމެވެ. އަހަރެން ބޭނުންވީ ވީހާވެސް ނޫންވާށެވެ.

"ޕްލީޒް" އާޒިމް ލާނެެއް ގޮތަކަށް އާދޭސް ކޮށްލިއެވެ. އަހަރެން ކައިރިޔަށް ހިނިއަންނަ ގޮތްވެސް ވިއެވެ. އަހަރެން ނަންބަރު ދިނީމެވެ.

ޖެހިގެން އައި ދުވަހު އަޒީމް ގުޅިއެވެ. އަޒީމް ދަޢުވަތު ދިނީ ކޮފީއަކަށެވެ. އަހަރެން ފުރަތަމަ ދެކޮޅު ހެދީމެވެ. އަޒީމަކީ ވާހަކަ ދެއްކުންތެރިއެކެވެ. މަޖާ ޝައުޤުކުރުވާ ކަހަލަ ގޮތެއް ހުރެއެވެ. ވާހަކަ ދައްކާއިރު އަޑުގަ އެހުންނަ ހިތްދަމައިގަންނަ ހިތްހެޔޮ ގޮތެވެ. ހީނގަންނަ ގޮތެވެ. ކޮފީއަށް ދާން އެއްބަސް ކުރުވާކަށް އަޒީމަަށް މާގިނައިރެއް ނަގާކަށް ނުޖެހުނެވެ. ދާން ޖެހޭކަމަށް ދެއްކި ހުއްޖަތްތައް ވަރުގަދައީއެވެ. ނޫނީ އަހަރެންވެސް ދާން ބޭނުންވެފަ ހުރިލެއް ބޮޑުކަމުން ދެކޮޅު ނުހެދުނީއެވެ. ފޯންކޯލު ނިމުނީ އެރޭ ކޮފީއަށް ދާން އެއްބަސް ވެގެންނެވެ.

އެރޭ ނުވައެއް ޖެހިއިރު އަހަރެމެން ތިބީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. އެހެންނަމަވެސް އެއީ މާގިނަ ބަޔަކު ގޮސްއުޅޭ ތަނެެއް ނޫނެވެ. ބަންދު ތަނަކަށްވުމާއި އަގުބޮޑުވުން އެއީ ސަބަބަކަށްވެސް ވެދާނެއެވެ. ތަން އިޚްތިޔާރު ކުރީ އަހަރެންނެވެ. ގިނަބަޔަކަށް ފެންނަން ބޭނުން ނުވާތީއެވެ.

"ދެން ކިޔައިދީބަލަ.. ކިހިނެތް އެހާ ބޮޑަށް އިންގްލިޝް ތި ދަސްކުރީ ކުޑަ ދުވަސްކޮޅެެއްތެރޭ؟" އަޒީމް ސުވާލުކުރިއެވެ.

"އިންޓަރވިޔު އެއްތަ؟" މަޖާވެލާފަ އަހަރެން ބުނެލީމެވެ. އަޒީމް ހީނގަތެވެ. "އެހެންކަމަށް ހީކޮށްލާ"

އަހަރެން ކިޔައިދޭން ފެށީމެވެ. "އަސްލު އަހަރެން ކިޔެވީ ރަށު ސްކޫލުން. ބޮޑުބައި ކިޔެވީ ދިވެހި މީޑިއަމަށް. އިނގިރޭސިން ކިޔަވައިދޭން ފެށީ މާފަހުން. އެހެންވެ އެ މާއްދާ ކިޔަވާކަށްވެސް ނުހުރޭ މާބޮޑު ޝައުޤެއްވެސް. ދެން ސްކޫލް ނިންމިފަހުން އޭގެ ތުރާ ޖެހެންފެށީ. ވަޒީފާއެއް ހޯދަން ދިޔަ ދެތަނަކުން އިންޓަރވިއު ކުރީ އިނގިރޭސިން. އެއްތަނަކަށް ގޮސް މިބުނެވުނީ ކުރިމަގެއް ހޯދަންށޭ ބުނަންވެގެން ލައިޓްރޯޑޭ.. އަނެއް ތަނަކަށް ގޮސް ޖޮބް ވެކޭންޓްއޭ ބުނަންވީ ތާކަށް މިބުނީ ޖޮބް އެމްޕްޓީއޭ."

އަހަރެން ހީކުރީ އަޒީމް ވަރަށް ހިނިއަންނާނޭ ކަމަށެވެ. އެކަމަކު ހިނިތުންވެލުން ފިޔަވައި މާބޮޑުކަމެއް ނެތެވެ. އެކަމަކު އަޒީމްއިނީ ވަރަށް ޝައުޤުވެރިކަމާއެކު އަޑުއަހާށެވެ

"މަޖާނޫނީތަ؟ ނޫނީ ފޫހި ވާހަކައަކީތަ؟" އަހަރެންނަކަށް ޔަޤީނެެއް ނޫނެވެ.

"ނޫނޭ… ސްޓްރަގުލް ކޮށްފަ ހުންނަ ކަންކަމަށް ނުވާނެނުނ ހޭކަށް. ވަރަށް އިންޓްރެސްޓިންގއޭ… ދެން ވީގޮތް ކިޔާބަލަ"  އަޒީމް ދިނީ އަހަރެން ހީކުރި ކަހަލަ ޖަވާބެއް ނޫނެވެ. އެކަމަކު އެޖަވާބުއެއީ އަހަރެން އަޒީމާމެދު އިތުރަށް ޝައުޤުވެރި ކުރުވި ޖަވާބެކެވެ.

"ދެން ބައެއް އަންހެން ރައްޓެހިންނާއެކު އުޅޭއިރު އެމީހުންވެސް ވަރަށް ދިމާކުރާނެ އަހަރެންނަށް ބުނެވޭ އެއްޗެހިން. އެއްދުވަހަކު އަހަރެން ވަރަށް ރީތި ފިރިހެން ކުދިންތަކެެއްވެސް ތިއްބާ އަހަރެންގެ ރައްޓެހިންނާއެކު އިނދެފަ އަހަރެންނަށް މިބުނެވުނީ ވާރޭ ވެހުނީމަ މަގުގެ ފެންހެދި ހަޑިވެފަ އޮންނަ ވާހަކަ ބުނަންވެގެން "އާފްޓަރ ރެެއިނިންގ.. ރޯޑް އިޒް ވެރީ އަޕްސެޓް އޭ. އެންމެން ފެށީ ހޭން. ވަރަށް ދިމާވެސް ކުރި. އެދުވަހު ގެޔަށް އައިސްވެސް ވަރަށް ރުއިން. އެދުވަހު އަޒުމް ކަނޑައެޅީ އިނގިރޭސި ދަސްކުރަން.

"ދެން ކިހިނެތްހެދީ؟" އަޒީމް ބޭނުންވަނީ އަހަރެން ދަސްކުރަން ކުރިކަމެެއް އެނގޭށެވެ.

"ދެން ކުރަންފެށި ކަމަކީ އިނގިރޭސި ފިލްމާ ސީރީޒް ސަބްޓައިޓްލްއާ އެއްކޮށް ބަލަންފެށީ. އޭގެ ކުރިން އަސްލު ރަނގަޅަކަށް ނޭނގޭ ކިޔާނުކިޔާވެސް. އެހެން ހަދަންފެށީމަ ކިޔާ އެއްޗެހި ދޭހަވާން ފެށީ. ދެން ސަބްޓައިޓްލް ފައިލް ވަކިން ނަގައިގެން އޭގަ ހުންނަ ޑަޔަލޮގް ދިވެހިބަހަށް އެނގުނު ގޮތަކަށް ތަރުޖަމާކުރަން ފެށީ. އެ އިސްލާހުކުރަން ފޮނުވަނީ ދައްތައަކަށް. އެއީ ލޯޔަަރެއް. ދިވެއްސަށްވެސް އިނގިރޭސިއަށްވެސް ވަރަށް މޮޅުވާނެ. ދައްތަ ފޮނުވާނެ އޭގަ ހުންނަ ކުށްތައް އިސްލާހުކޮށްފަ ދިވެއްސަށް ތަރުޖަމާކޮށްފަ. އަނެއްކާ އަހަރެން ހަދާގޮތަކީ އެ އިނގިރޭސިއަށް ތަރުޖަމާކޮށްފަ އިނގިރޭސި ސަބްޓައިޓްލްގަ ހުރިގޮތާ އެއްގޮތްތޯ ބަލަނީ. ހީވެސް ނުކުރާހާ އަހަވަހަށް ދެބަހަށްވެސް ފަރިތަވާކަމެއް އެއީ. ދެން އިނގިރޭސި ދިވެހި ފޮތްތައްވެސް ގިނައިން ކިޔަން ފެށީ. އެކަނި އިނގިރޭސިން ވާހަކަ ދައްކާފަ ފޯނަށް ރެކޯޑްވެސް ކުރަންފެށީ. އިނގިރޭސިން މަޑުމަޑުން އާޓިކަލް ލިޔަންވެސް ފެށީ.. އެންޑް ރެސްޓް ޔޫ ނޯ." އަހަރެން ހިނިތުން ވެލީމެވެ.

"ވަރަށް ހަމަ އިންސްޕަޔަރިންގ. ހީކުރިވަރަށްވުރެވެސް. މަސައްކަތް ކޮށްފިއްޔާ ވާނެކަން އައިޝާ ތިދައްކަދިނީ" އަޒީމްގެ ކިބައިން ފެންނަން ހުރީ ޝައުޤާއެކު އަހަރެންގެ މަސައްކަތަށް އިހްތިރާމް ކުރުމުގެ ސިފައެވެ. އަހަރެމެންގެ އެކޮފީ ނިންމާލީ އާ ސަފްހާއަކަށް ޖާގަ ދެމުންނެވެ. އާއެކެވެ. އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ނުކުރެވޭނޭ އެއްކަމެއްވެސް ނޯންނާނެއެވެ. އަހަރެމެންގެ އެރޭގެ ކޮފީވެސް ކާމިޔާބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ކޮންތާކުން ނެރޭހާ އައިޑިޔާސްތަކެއް. ބުނާނެ އެއްޗެއްވެސް ނޭނގޭ. ކޮންމެ ޓޮޕިކަކަށް ލިޔުނަސް ކިޔާހިތްވާ ގޮތެއް ހުރޭ. ލޯބީގެ އެންމެ ވާހަކައެއް އަދި ކިޔުނީ. ރޮމޭންޓިކް ސްޓޯރީއެއް ލިޔެލަބަ ޔޫ އެން މީގެ 😖

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *