Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ނުކަތާ ވަރަށް އާބާދީ އިތުރުވީމާ ވާނެގޮތް

އަހަރެމެންގެ ހިތްތައް ފުރޭ ވަރަށް ކާނާ ލިބި، ރައްކާތެރިކަން ލިބި، ދިރިއުޅުމުގެ އެންމެހައި ކަންކަން ހަމަޖެހިއްޖެނަމަ، އޭގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި، ސައިންޓިސްޓު ޖޯން ކަލްހައުން 1960ގެ އަހަރުތަކުގައި މީދާ ބޭނުންކޮށްގެން ތަޙުލީލުތަކެއް ކުރިއެވެ. "މައުސް ޔޫޓޯޕިއާ"ގެ ނަމުން މަޝްހޫރުވެފައިވާ މި ތަޙުލީލުން ދުނިޔެއަށް ލިބިގެން ދިޔައީ އިބުރަތްތެރި ފިލާވަޅެކެވެ.

މި ތަޙުލީލު ކުރުމަށް މީދަލުގެ އެންމެހައި ބޭނުންތައް ފުރިހަމައަށް ފުއްދައިދޭ ގޮތަށް ހަމަޖެއްސިއެވެ. ކަލްހައުން ހަމައެކަނި ކޮންޓްރޯލު ކުރީ ޖާގައެވެ. މި ތަހުލީލަށްޓަކައި 1968 ވަނަ އަހަރު "ޔުނިވަރސް 25″ ނަމަކަށް ކިޔައި ކޮށްޓެއް އުފެއްދިއެވެ.

"ޔުނިވަރސް 25″ އަކީ 70 އަކަފޫޓުގެ ބިއްލޫރިން ހަދައިފައިވާ ކޮށްޓެކެވެ. އޭގެ ވަށައިގެންވާ ފާރުތައް ބައްޓަންކުރެވިފައިވަނީ މީދާތަކަށް އެތަނުން ނުނިކުމެވޭ ގޮތަށެވެ. މީދާތަކަށް މައްޗަށާއި ތިރިއަށް ދަތުރުކުރެވޭ ގޮތަށް ހޮޅިތައް ޖަހައި، އެ ހޮޅިތަކުން ނުކުމެވޭ ކޮރިޑޯތަކެއް ހަދައި، އެ ކޮރިޑޯތަކުން ވަދެވޭ 256 އަރާމުފޮށި މީދާތަކަށް އުޅެވޭގޮތަށް ތައްޔާރުކޮށްފައި ހުއްޓެވެ. ކޮންމެ ފޮށްޓެއްގައި 15 މީދަލަށް ތިބެވޭނޭ ޖާގަ އޮތެވެ. މި ތަން ކޮންމެ މަހަކު އެއްފަހަރު ސާފުކުރެއެވެ. މީދާތަކަށް ބޭނުންވާ މިންވަރަށް ކާނާއާއި ބޯފެން ލިބޭގޮތަށް ހަމަޖައްސައިފައިވެއެވެ. އެތަނުގައި އަހުލުވެރިވެގެން އުޅުމަށް ހޮވައިލެވުނު ހަތަރު ޖޯޑު މީދަލަކީ އެ ޤައުމުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގައި ގެންގުޅޭ މީދާ އާބާދީގެ ތެރެއިން ހޮވި އެންމެ ސިއްހަތު ރަނގަޅު މީދާތަކެވެ.

މި ޔުނިވަރސް ފެށުނުތާ 315 ވަނަ ދުވަހު އާބާދީ އިތުރުވުން މަޑުޖެހެން ފެށިއެވެ. އޭރު ޔުނިވަރސްގައި 600 އަށް ވުރެ ގިނަ މީދާ ތިއްބެވެ. ކުރީގައި ހަމަޖެހިގެން އުޅުނު މީދާތަކުގެ އުޅުން ބަދަލުވާން ފެށިއެވެ. ކެއިްނބުއިމަށާއި ނިދުމަށް ތިރިން މައްޗަށް، މަތިން، ތިރިއަށް ދާއިރު އަބަދުވެސް އެކަތި އަނެކައްޗާ ޖެހެން ފެށިއެވެ. އުފަންވާ މީދާތައް އުފަންވަނީ ތޮއްޖެހިފައިވާ ދުނިޔެއަކަށެވެ. މީދާތަކުގެ ވަށައިގެންވާ މުޖުތަމަޢުގައި އެތަކެތި އަދާކުރަން ޖެހޭ އިޖްތިމާއީ ދައުރަކީ ކޮބައިކަން އޭއްޗެއްސަށް އޮޅެން ފެށިއެވެ. މާނަފުން ދައުރެއް އަދާކުރާ ވަރަށްވުރެ މީދާތައް ގިނަވިޔެވެ. މީދާތަކުގެ މެދުގައި ހަމަނުޖެހުންތައް އުފެދެން ފެށިއެވެ.

ފިރިހެން މީދާތަކަށް އެތަކެތި ގުދުރަތީގޮތުން ބޭނުންވާ "އެ ތަކެތީގެ" ސަރަހައްދު ދިފާއުކުރުމަށް ހުރަސްތައް ކުރިމަތިވުމުން، ނުތަނަވަސްކަން އިތުރުވާން ފެށިއެވެ. މީގެ ސަބަބުން، މީދާތައް އަދާކުރަމުން ދިޔަ އިޖުތިމާއީ ދައުރުތައް ދޫކޮށްލައި މަންޒަރު ފެންނަން ފެށިއެވެ. އެކަތި އަނެކައްޗާ ދެމެދު ވާ އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ ގާބިލުކަން ގެއްލެން ފެށިއެވެ. މި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭ މީދާތައް ކޮށީގެ މެދަށް ބޮޑެތި ގުރޫޕުތަކުގައި އެއްވެ ތިބެން ފެށިއެވެ. އަދި އެކަތި އަނެކައްޗާ މަރަށް ތަޅާފޮޅަން ފެށިއެވެ. ކުއްލިކުއްލިއަށް ތަޅައިގަތުމާއި އަނިޔާވެރިވުމުގެ މަންޒަރުތައް އާންމުވެގެން ދިޔައެވެ.

އަންހެން މީދާތައްވެސް އޭއްޗެހީގެ ފިތުރަތާ ނުވައްތަރު އާދަޔާ ހިލާފު ގޮތްގޮތަށް ޢަމަލުކުރަން ފެށިއެވެ. މީދާތައް ވިހައިގެން ތިބޭ ކޮށިތަކަށް އެހެން މީދާތައް ވަންނާތީ، އަމިއްލަ ދަރިންނަށް ހަމަލަދީ މަރައިލާ މަންޒަރު ފެންނަން ފެށިއެވެ. ބައެއް މައިން ވިހާ މީދާތަކުގެ ތެރެއިން އެއްބައި ދޫކޮށްލައި، އަނެއްބަޔަށް ރައްކައުތެރިކަން ފޯރުކޮށްދޭތަން ފެނުނެވެ. ބައެއް މީދާތައް ދަރިން ތުނބުލައިގެން ގޮސްގޮސް ހުރެފައި ދޫކޮށްލާތަން ފެނުނެވެ. ދަރިން ނެތް އަންހެން މީދާތައް ކޮށީގެ މަތީގައި ޖަހައިފައިވާ ފޮށިތަކަށް ވަދެ ފިލައިގެން އުޅެން ފެށިއެވެ.

އެތާނގައި އުޅުނު "ބިއުޓިފުލް ވަންސް" ކިޔާ ފިރިހެން މީދާތަކުގެ ފަރާތުން ވަރަށް އަޖައިބުކުރުވަނިވި އުޅުމެއް ފެނުނެވެ. އެތަކެތި ތިބެނީ ތަންކޮޅެއް ދުރުގައި، އެތާނގައި އެހެން މީދާތައް އުޅޭގޮތް ބަލާށެވެ. އެމީހުން ވެރިވެގަނެގެން ތިބެނީ އެ ކޮށީގެ އެންމެ އަރާމު ހިސާބުގައެވެ. އެހެން މީދަލަކަށް އެތަނަށް ނާދެވޭ ގޮތަށް އެތަކެތީގެ ތެރެއިން އެކަކު އެތަން ބަލަހައްޓައެވެ. "ބިއުޓިފުލް ވަންސް" ދަރިން ހޯދުމުގެ ކަންކަމުގައި ބައިވެރިއެއް ނުވެއެވެ. އެތަކެތި ގިނަ ވަގުތު ހޭދަކުރަނީ އަމިއްލައަށް ރީތިވުމާއި ނިދުމުގައެވެ. އެހެން މީދާތަކެކޭ އެއްގޮތަށް ކާއެއްޗެހި ހޯދުމަށް އަވަސްއަރުވައިލައިގެނެއް ނޫޅެއެވެ. އޭއްޗެއްސަކީ އެ މުޖުތަމައުގައި އެއްވެސް މާނަފުން ދައުރެއް އަދާކުރާ ބަޔެއް ނޫނެވެ.

ތަޙުލީލުގެ 600 ވަނަ ދުވަހާ ހަމައަށް ދިޔައިރު، ދިރިހުރި އެންމެ ކުޑަ މީދަލެއް ވެސް ނެތެވެ. އާބާދީ އިތުރުވުން އެއްކޮށް ހުއްޓި، މީދާތަކުގެ މުޖުތަމައު އެކީ އެކައްޗަކަށް ފަނާވުމާ ދިމާލަށް ދަތުރު ކުރަން ފެށިއެވެ. ދިރިތިބި މީދާތައް "ބިއުޓިފުލް ވަންސް" ފަދައިން އަމިއްލަ ނަފުސު ހިމާޔަތްކުރުމުގައި ވަގުތު ހޭދަކުރަން ފެށިއެވެ. ދަރިން ހޯދައި މުޖުތަމައު އާރާސްތުކުރުމުގެ ބަދަލުގައި އަމިއްލަ އަމިއްލައަށެވެ. ދިރިތިބި އެއްވެސް މީދަލެއްގެ ކިބައިގައި މުޖުތަމަޢު އާރާސްތުކުރުމުގެ ޤާބިލުކަމެއް ނެތެވެ. އެ މުޖުތަމަޢު އޭގެ ޒާތުގައި ހަލާކުވެގެން ދިޔައީއެވެ.

ކަލްހައުން މި ތަޙުލީލުކުރީ މީދާތަކެއް ބޭނުންކޮށްގެންނެވެ. މިފަދަ ކަންކަން އިންސާނުންގެ ތެރޭގައިވެސް ހިނގައިދާނެބާއެވެ؟ ކަލްހައުންގެ ނަޒަރުގައި މިކަމާމެދު ޝައްކެއް ނެތެވެ. މުޖުތަމައުއެއް ކިތަންމެ ތަހުޒީބީ ގޮތުން ތަރައްގީވެގެން ދިޔަޔަސް، އެ މުޖުތަމަޢުގެ އަފްރާދުންނަށް އެމީހުން އަދާކުރަންޖެހޭ ދައުރު އަދާކުރާނެ މާ ގިނަ ބަޔަކު ތިބެއްޖެނަމަ، އެކަކަށްވެސް އެ ދައުރު އަދާކުރަން ނޭނގޭ ހިސާބަށް ދާނެއެވެ. މިކަން އެންމެންނަށް އޮޅޭ ހިސާބުން އެ މުޖުތަމައު ހަލާކުވެގެން ދާން ފަށާނެއެވެ.

އެ ހިސާބުން އަނިޔާވެރިކަން އިތުރުވެ، އިޖުތިމާޢީ އޮނިގަނޑު ރޫޅޭނެއެވެ. މި ހާލަތުގައި މުޖުތަމައު އޮއްވާ އުފަންވާ މީހުންނަށް އެ މުޖުތަމައުގެ ކަންކަމާ ނަފްސާނީގޮތުން ދުރަށް ޖެހޭނެއެވެ. އެމީހުންނަކަށް އެމީހުންގެ ސަޤާފަތުގައި ކަންކަން އޮންނަގޮތެއް ނޭނގޭނެއެވެ. އެމީހުން ވާނީ އަމިއްލަ އެދުމައިގެން ޝާމިލުވެގެން އުޅޭ މީހުންނަށެވެ.

މި ހޯދުންތަކުން އެނގުނު ގޮތުގައި، އާބާދީ އިތުރުވެ ތޮއްޖެހުން އިތުރުވުމުން، އެކަކު އަނެކަކާ ދެމެދެ ހިތުގައި އުފެދޭ ކުލުނު ގެއްލި، އަމިއްލަ އެދުން އިސްކުރުމަށް މަގުފަހިވާނެ ކަމަށް މީހުން ދެކެއެވެ. ފަރުދުންގެ ދެމެދުގައި އުފެދޭ ކުލުނާއި ހަމްދަރުދީ ބިނާވެގެންވަނީ އެ މުޖުތަމައެއްގެ އާރާސްތުކުރުމުގައި އެމީހަކު އަދާކުރަންޖެހޭ ދައުރުގެ މައްޗަށެވެ. ހުރިހާ ކަމެއް ފުރިހަމަވެފައި ހުއްޓަސް، މީހުންގެ ހިތުގައި އެކަކު އަނެކަކާ ދޭތެރޭ އޮންނަންޖެހޭ ވަރަށް ކުލުނާއި ހަމްދަރުދީ ނެތެނީ، ޤުދުރަތީ ގޮތުން އާބާދީ ކޮންޓްރޯލުވާންވެގެން ކަމަށް ވިސްނުނެވެ. މައިން ދަރިންނަށް އަޅައިނުލައި ދަރިން ދޫކޮށްލާ ހިސާބަށް ދާނީ، ގުދުރަތީ ނިޒާމުގެ މިންގަނޑުތައް ހައްދުފަހަނައަޅައިފިނަމަކަން ޔަގީނެވެ.

އެފަދަ މާހައުލުތަކަށް އުފަންވާ ކުދިންގެ ހިތުގައި މުޖުތަމައު އާރާސްތުކުރުމަށް ނުކުޅެދުންތެރިކަން އުފެދެއެވެ. އެކަކު އަނެކަކާ ލާމެހިގެން އުޅުމުގެ ބަދަލުގައި ފެންނާނީ މީހުންނާ ދުރުހެލިވެ، އަމިއްލަ ނަފުސަށް އަހަންމިއްޔަތުކަން ދީގެން އުޅޭ މަންޒަރެވެ. މިފަދަ މުޖުތަމަޢުތައް މިހާރު ދުނިޔޭގައި ވަރަށް ގިނަވެއްޖެއެވެ.

މި ތަހުލީލުން އަޅުގަނޑުމެންނަށް ލިބޭ އިބުރަތަކީ، އިންސާނީ މުޖުތަމަޢުތަކުގައިވެސް މާއްދީ ފުދުންތެރިކަމާއެކު، އިޖުތިމާޢީ ގުޅުންތަކާއި މާނަވީ ދިރިއުޅުމެއް ބޭނުންވާކަމެވެ. އެފަދަ ގުޅުންތައް އުފެދޭނީ އެ ގުޅުންތައް އުފެދޭނޭ ޖާގަ ލިބިގެންނެވެ. ކުރީގެ ދިވެހި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެކަކު އަނެކަކު ނުދަންނަ މީހެއް ނޫޅެއެވެ. ނަމަވެސް މިއަދު ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ހުރިހާ އެންމެ ތޮއްޖެހިފައިވަނީ މާއްދީ ބޭނުންތައް ފުރިހަމަކުރުމަށެވެ. ނަމަވެސް ހަމައެކަނި މާއްދީ ކަންކަން ފުރިހަމަވުމަކުން އިންސާނުންގެ ފުރިހަމަ އުފާވެރިކަމާއި ހަމަޖެހުން ނުލިބޭނެކަން މިއަދު އެބަ ހާމަވެއެވެ. މާލޭގެ މި ތޮއްޖެހިފައިވާ މާހައުލުގައި އުޅޭ ފަރުދުންނަށް މި މުޖުތަމައުގައި އެމީހުންގެ ރޯލަކީ ކޮބައިކަމެއް ނޭގެއެވެ. މުޖުތަމައެއްގެ ކޮންމެ މެންބަރަކަށްވެސް މުހިންމު ދައުރެއް އަދާކުރެވޭކަން ކަށަވަރުކުރުމަކީ، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.