Support Us

ވާހަކަ: ޔުކްތާ – އެޕިސޯޑް 3

ނިކަމެތި ޔުކްތާއަށް ނުތެދުވެވުނު ތާނގައި ފަރާތަކަށް ގުޑާވެސް ނުލެވުނެވެ. އޭނާގެ ހަށިގަނޑުގައި ތަދުނުވާ އެއްވެސް ގުނަވަނެއް ނެތެވެ. ދަށްބަނޑަށާއި ގުނަވަންތަކަށް ހީވަނީ ވަޅިއަކުން ކެފީމާ ވާކަހަލަ ތަދުތަކެއް ވާހެންނެވެ. ކެތްކުރަން ހިތްވަރު ކުރިނަމަވެސް މަޑުމަޑުން ބޮލަށް ގޮތެއްވެ، ލޯމައްޗަށް އަނދިރިވެ ޚަބަރު ހުސްވިއެވެ. އެގޮތުގައި ނިވާނުވާ ހާލުގައި މީހެއްގެ އެހީތެރިކަމަކަށް އިންތިހާއަށް ބޭނުންވެފައި އޮތެވެ. ނަމަވެސް ދަންވަރުގެ ހިމޭންކަމުގައި އޭގެ ދެތިން ގަޑިއިރުފަހުން ޔުކްތާއަށް ލޯހުޅުވާލެވުނެވެ. އިރުކޮޅެއް ކުރިން ހިނގި ނުރައްކާތެރި ހާދިސާގެ ހިތިކަމާއި ވޭން އިހުސާސް ކުރެވެން ފަށައިފިއެވެ. ފަތިސްވުމުގެ ކުރިން މިކަމުން ތާހިރުވެ ސިއްރު ކުރެވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ.  ހިތްވަރު ކޮށްފައި ތެދުވެވޭތޯވެސް ބެލިއެވެ. އަދި ތެދުވެސްވިއެވެ. ނަމަވެސް އެތެރެހަށީގައި ރިހެނީއެވެ. ދެފައި ތުރުތުރުއަޅަނީއެވެ. ދުނިޔެ އެނބުރެނީއެވެ. ކެތް ނުކުރެވޭހާލު އަނެއްކާވެސް ތަރުފާލު މައްޗަށް ވެއްޓުނީއެވެ.

ރޭވާއިރަށް ރަށަށް އަންނަން ނިންމައިގެން މަހަށް ފުރި އުމަރަށް ގެއަށް އާދެވުނީ މެންދަމުން އަލިވެ ތިނެއް ޖެހިފަހުންނެވެ. ނިދުމުގެ ކުރިން ޔުކްތާގެ ޚަބަރެއް ބަލާލުމަށް އެ ކޮޓަރިއަށް ވަން އުމަރު ސިހުނީ ނިވާކަމެއްނެތި، ނިކަމެތިކަމުގެ އިންތިހާއަށް އަނިޔާ ލިބިފައިވާ އޭނާގެ ހުރިހަމައެކަނި ދަރިފުޅު ވެއްޓިފައި ވަނިކޮންނެވެ. އަވަހަށް ތުވާލިން ނިވާކޮށް ޔުކްތާ ނަގައި އެނދުގައި ބާއްވަނިކޮށް ލެއިންކަޅިވެފައިވާ ބެޑުޝީޓުފެނުމުންނާއި ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ލިބިފައިވާ ޖިސްމާނީ ގެއްލުންތަކުން ޔުކްތާއަށް ލިބިފައިވާ ގެއްލުން އޮޅުންފިލާކަށް އޭނާއަކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ނުބައިމީހެއްގެ ނުބައި އަނިޔާއިން އޭނާގެ މައުސޫމު ދަރިފުޅު ހަނާވީކަން ނުހަނު ރަނގަޅަށް ހާމަވެއްޖެއެވެ. ބޮޑު ފިރިހެނެއް ނަމަވެސް އަޑުފަޅައި ރޮއިގެނެވުނީ ނިކަމެތި ދަރިފުޅަށް ކޮށްފައިވާ އަސަރުންނެވެ. ލިބިފައިވާ އަނިޔާއިންނެވެ.

އޭނާ އަވަސް އަވަހަށް ދަރިފުޅު ނިވާކޮށް ނަގާ އެނދަށްލިއެވެ. ހޭ އަރާންދެން ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމާއެކު އެދަރިފުޅު ލޯހުޅުވާލިއެވެ. އޭނާ ހުރިހާ ކަމެއް ހިނގިގޮތް ސާފުކޮށްފިއެވެ. ޔުކްތާއަށް އެންމެ ފުރަތަމަ ކަންތައް ހިނގާދިޔަގޮތެވެ. ރައޫފުގެ ސިއްރު ގޯނާތަކެވެ. ގަސްތުގައި ގައިގައި އަތްލަމުން އުނދަގޫ ކުރި ވާހަކައެވެ. މަންމައަށް އެވާހަކަ ކިޔައިދިންކަމާއި ރައޫފާއި  މަންމަގެ ގުޅުމުގެ ވާހަކައެވެ. އުމަރުގެ ހިތަށާއި ހަށިގަނޑަށް ކުރި އަސަރަކީ މިހާތަނަށް ކޮށްފައިނުވާ ހިތި އަސަރުތަކެކެވެ. އެހިލަ ހަރުކަށިމީހާއަށް ހިތާމައިން އަނގައިންވެސް ނުބުނެވުނެވެ. އަބަދުވެސް ޒުވާބުކުރާ އުމަރު ނަފުރަތާއި ބަދަލުހިފުމުގެ ރޫހުން އަނދަން ފަށައިފިއެވެ.

އިރުއެރުމާއެކު އުމަރު ރައޫފާ ބައްދަލުކުރިއެވެ. ދުވަހަކުވެސް މީހަކާ ދިމާއަށް ހަޅޭއް ނުލަވާވަރަށް ހަޅޭއްލެވިއެވެ. ނަމަވެސް މާތްކަލާނގެ އިންތިހާއަށް ނަހީ ކުރައްވާފައިވާ އަދި ގާނޫނު މަނާކޮށްފައިވާ މިނުބައި ޢަމަލަށް ރައޫފު، ފާޅުގައި އުމަރުގެ ކުރިމަތީގައި އެއްބަސްވަމުން ދިޔައެވެ. އަދި އެކަމާ ފަޚުރުވެރިވުމުގެ ނުބައި ހިނިތުންވުން އޭނާގެ ސިފަ ހުތުރު މޫނުގައިވެއެވެ. ނިކަމެތި އުމަރަށް އެއްވެސް ކަމެއްނުކުރެވޭނެ ކަމަށް ރައޫފު ބުނަމުން ދިޔައެވެ. ދުވަހަކުވެސް އޭނާގެ މައްސަލައެއް މީދޫގެ ކޯޓުގައި ނުބެލޭނެކަމަށް އޭނާގެ ބޮޑާ ބަސްތަކުން އިއްވަމުން ދިޔައެވެ.

އެއީ ތެދެއްކަން މީދޫ އެންމެންވެސް ދަނެއެވެ. ގާޒީ ބޭނުން މީހަކަށް ބޭނުން ގޮތަކަށް ހުކުމް ކުރާކަން އުމަރަށްވެސް އެނގެއެވެ. ގާޒީއަކީ ގާޒީކަމުގައި ފަނަރަ އަހަރުވެފައިވާ އޭގެކުރިން ތިބި ނުހަނު މުއްސަދި މީހުންނަށްވުރެންވެސް މިހާރު މުއްސަނދިވެފައިވާ ގާރޫނެއްފަދަ މީހެކެވެ. ރަށުގެ މުއްސަނދިންނާ ގުޅުން ބޮޑު ފައިސާއަށް ޝަރީއަތްކުރާ އަދުލުން އެއްކިބާވެފައިވާ އަނިޔާވެރިއެކެވެ. ކޯޓަށް މައްސަލަ ލުމަކީ އޭނާގެ ނިކަމެތި ދަރިފުޅާއި އޭނާ ބޭޒާރުކޮށްލާނެ ކަމެއްކަން ރައޫފު އިންޒާރު ދިނެވެ. ވީއިރު މުޅިރަށުގައި ކާޅުގޮވާހެން ރައްޔިތުންގެ މުނިފޫހިފިލުވުމަށް އެވާހަކަ ބޮޑުކޮށްގެން ތުންތުންމަތިން ދައްކައި އިތުރަށް ނިކަމެތިވުން ނޫންކަމެއް ނުވާނެތީ ހަނުހިމޭނުން ހުރުން ނޫންގޮތެއް އޭނާއަކަށްނެތެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ޔުކްތާގެ ބަނޑުބޮޑު ޚަބަރު މުޅިރަށުގައި ވައިރޯޅިއެއްހާ އަވަހަށް ފެތުރިއްޖެއެވެ. ފިނިއަށިތަކުގައެވެ. ގޯޅިގޯޅި ކަންމަތީގައެވެ. ސްކޫލުދޮށަށް ކުދިންބަލާ ގޮސް ތިބޭއިރުއެވެ. އެއްވެސް މީހަކަށް އެއީ ކާކުގެ ދަރިއެއްކަން ހިތަށް އަރުވާލާކަށްވެސް ނޭނގުނެވެ. އެއީ ޔުކްތާއަކީ އަބަދުވެސް ރައްޓެހިން މަދު ފިރިހެން ކުދިންނާ އަމުދުން ގުޅުންކުޑަ ކުއްޖަކަށް ވުމެވެ. ގެއިން ވަރަށް މަދުން ނޫނީ ނުނިކުންނަ ޔުކްތާގެ އެއްވެސް ހަގީގަތެއް އެކަކަށްވެސް ނޭނގެއެވެ. އަވަށްޓެރިންވެސް ހެޔޮއެދިގެން ކަމަށް ހަދާ ޔުކްތާގެ ބަނޑުގައި ވަނީ ކާކުގެ ދަރިއެއްތޯ ބަލަން އުޅެއެވެ. ރަށުގައި ވާހަކައަކީ ވިހާއެއްޗެކެވެ.

"މިއުޅޭ އުމަރުގެ ދަރި…" ފިނިއަށީގައި އިން މީހަކު ބުނެލައިފިއެވެ.

"ތިވާހަކަ މަވެސް އަޑުއަހައިފިން. އެއްވެސް މީހަކަށް އެއީ ކާކުގެ ކަމެއް ނޭނގޭ." އެހެން މީހަކު ބުނެލިއެވެ. ފިނިއަށީގައި އޭރު އިން ރައޫފަށްވެސް  މިވާހަކައިގެ ޚަބަރު ލިބިއްޖެއެވެ.

"ތިވާނީ އުމަރުގެ ނުބައި ކަމަކަށް. އޭނާއަކީ އަބަދުވެސް އެކުއްޖާއަށް ގޯނާ ކުރާމީހެއް." ރައޫފު ދޮގުހެދިއެވެ.

"ކަލެއަށް ޔަގީން ނުވާކަމަކަށް ހީއަކަށް ހަދައިގެން ނުދައްކައްޗޭ." މީހަކު ބުނެލިއެވެ.

"މިއީ ހީއެއްނޫން. ކަލެއަށްވުރެ ބޮޑަށް އެނގޭނީ މަށަކަށްނު. މަނޫނީ މިރަށުގައި އެގެއަށް ވަދެލާ މީހަކު ނުހުންނާނެ. ސީދާ އެމަންޖެ އަމާ މަގާތު އެވާހަކަ ދެއްކީ." ރައޫފު ދޮގަކަށްފަހު ދޮގެއް ހަދަމުން ދިޔައެވެ.

އެއީ އުމަރުގެ ދަރިއެއްކަމުގެ ދޮގުތުހުމަތު ރައޫފު ޔުކްތާގެ ބައްޕަގެ ބޮލުގައި އަޅުވައިފިއެވެ. ނަފީސާ މަރުވީ އެކަމުގެ ހިތާމައިގާކަމާ ނަފީސާ މަރުވުމުން އެދެބަފައިންނަށް އެކަން ކާމިޔާބު ވީކަމަށް ނުހަނު  އޮމާންކޮށް ފޮނިކޮށް ވާހަކަ ހަދާލައިފިއެވެ. މިކަންވީ ނުހަނު ގަބޫލު ކުރެވޭ ކަމަކަށެވެ. އެހެނީ ރައޫފަކީ އެގެއަށް ކޮންމެވެސް ވަރަކަށް ދާމީހެއްކަން  މީހުންނަށް އެނގިފައި އޮތުމެވެ. މިވާހަކަވީ ރަށުގައި ނުހަނު މަޝްހޫރުވި ވާހަކަ އަކަށެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ޔުކްތާ ސްކޫލުން ކަނޑާލުމެވެ. ރަށުގައި އެ ދެބަފައިން އެކަހެރި ކޮށްލުމެވެ. ރަށުގެ މައްސަލަ ބަލަންތިބި ވެރިންނަށް މިއީ ޝައުގުން ފުރިގެންވާ މަޖާ ވާހަކަ އަކަށްވިއެވެ. އެމީހުންނަކީ އެމީހުންގެ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށް ކެއުމާއި އެނޫންވެސް ސަކަރާތްޖެހުމުގެ ބައްދަލުވުންތައް ގިނަބައެކެވެ. މިކަމުގައި ރައޫފަކީ އަރާހުރިމީހެކެވެ. އެހެންކަމުން އެދެބަފައިންގެ މައްސަލަވީ ނިމިފައެވެ. ޔުކްތާ އޭނާގެ ބައްޕަގެ ކުއްޖަކަށް ބަލިވެއިނީއެވެ. މި ބޭއިންސާފު ނިންމުން އެދެބަފައިންނަށް ކެތްކުރަންދަތި އެކަނިވެރިކަމެއް ދިނީއެވެ.

ރާއްޖޭގެ ކުޑަކުދިންނަށް އަޅާލާ ވުޒާރާއެއް ހުރިކަމާ އެތަނުން އުމަރަށް އެހީވާނެކަމީ އުމަރުގެ ހޭލުންތެރިނުވާ ސިކުނޑިއަށް ނުފިލާ އޮތްކަމެކެވެ. އެހެން ގިނަ ދިވެހިން ފަދައިން އެންމެފަހުން ޝުކުރުކޮށްލައިގެން މީ ތިމަންނާއަށް ހުރިގޮތޭ ނިންމާ ޔުކްތާއަށް އެހީވުމުގައި އޭނާ ދެމިހުއްޓެވެ. ނަމަވެސް ކުރިންވެސް ސްޓްރޯކެއް ޖެހިފައިވާ  އުމަރަށް މީހުންގެ މަލާމާތާއި، ދޯނި މީހުން ސިއްރުން އެއްލާ މަލާމާތުގެ ބަސްތަކަށް ކެތްކުރެވުނީ ވަކިވަރަކަށެވެ.

ދެވަނަ ސްޓްރޯކުން އޭނާގެ އެއްފަޅިވާވެ ބަލި ތަންމަތީގައި  އުމުރުގެ ބާކީދުވަސްތައް ހޭދަކުރަން ޖެހިއްޖެއެވެ. ޔުކްތާ ބަނޑުބޮޑުހާލުގައި ބައްޕަ ބަލަމުންދެއެވެ. އެންމެ ތޭރަ އަހަރުގައި ހޮޑުލާ ބަނޑު  ބޮޑުވާން ފެށުމުން  އޭނާ މާ ހާހެއްނުވެއެވެ. އެއީ ކީއްވެގެން ވާކަމެއްކަމާއި ކިހިނެއްވާ ކަމެއްކަމެއް އޭނާއަކަށް މާރަނގަޅަށް އޮޅުން ނުފިލާތީ ކަމަށްވެސް ވެދާނެއެވެ. ފެށުނީއްސުރެވެސް އޭނާއަކީ އެއުމުރުގެ އެހެން ކުދިންނާ ޚިލާފަށް ރަށްޓެހިން މަދު ގޭތެރޭގެ މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރާ މުޖުތަމައުގެ ކަންތަކަށް ހޭލުންތެރިކަން ކުޑަކުއްޖެކެވެ. މަންމަގެ ފަރާތަކުންވެސް އަންހެނުންނާއި އަންހެންކުދިންނަށް ދިމާވާ މައްސަލަތަކެއް މާބޮޑަކަށް އޮޅުން ފިލާފައެއް ނުވެއެވެ. އެފަދަ ވާހަކަތައް ދައްކަން އޭނާ ނުހަނު ލަދުވެސް ގަނޭމެއެވެ.

ޔުކްތާއަށް ރޭގަނޑު ރަގަޅަކަށް ނުނިދެއެވެ. ބިރުވެރި ހުވަފެނެއް ފަދައިން ރައޫފުގެ އަނިޔާވެރިކަން އޭނާއަށް ފެންނަނީއެވެ. ނިދި ޖެހިލާއިރަށް ބިރުވެރި ހުވަފެނެއް އޭނާގެ ނިދި ފޭރިގަނެއެވެ. އެރޭ އުފުލިވަރުގެ ވޭނަކާއި ތަދެއް އޭނާ ދުވަހަކުވެސް އުފުލާފައެއް ނުވެއެވެ. އެއީ ހިތްދަތި ކަމެކެވެ. އަސަރުގަދަ ރިހުމެއްވެސްމެއެވެ. މަޑުމަޑުން ނިދި ޖެހުމުން ދިޔަވަގުތު އޭނާގެ ހަވަނަ ހިއްސު އިހުސާސް ކުރެވުނީ މީހެއްގެ ހިލަމެއް ވާކަމެވެ. އޭނާ ދެލޯ ހުޅުވާލީ ސިއްރުސިއްރުންނެވެ. ދަނޑިވަޅަކަށ ބަލަބަލާއޮތީ ފެންލައިޓުން ރައޫފު ރަނގަޅަށްވަދެ އޭނާއާއި ކައިރި ވަންދެންނެވެ. ނަމަވެސް އޭނާގެ ބިރުވެރިކަން ހުޝިޔާރުވުމަކަށް ފުރުސަތެއް ނުދިނެވެ. ކުއްލިއަކަށް ތެދުވެ ފަހަތަށް ޖެހިލެވިއްޖެއެވެ.  އަދި އެނދުގެ ކޮޅުގައި ބާއްވާފައިއޮތް މުއްގަނޑުގައި ދެފޫޓު ހުންނަވަރުގެ ވަޅިއެއް ނަގައިފިއެވެ.  އެއީ އޭނާގެ މަންމަ ކަށިކެޔޮ ލިޔަން ގެންގުޅޭ ވަޅިއެކެވެ. އެރޭގެ ފަހުން އޭނާ އަބަދުވެސް ނިދަނީ އެވަޅި އެނދުގެ ކޮޅުގައި ބާއްވައިގެންނެވެ.

"ނާންނާތި. ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލިއަސް އަހަރެން ކަލޭ ގައިގާޖަހާނަން." އޭރު ޔުކްތާ  ތުރުތުރު އަޅައެވެ.

"ކޮއްކޯ. ބޭބެ މިއައީ އެއްވެސް ގޯނާއެއް ކުރާކަށް ނޫން. މިބޭސްތައް ކާލާ، އޭރުން ދަރިފުޅު ފައިބައިގެން ހިނގައިދާނެ."  އޭނާ އެބޭސްތައް ދިއްކުރަމުން ކުރިއަށް އާދެއެވެ. ނަމަވެސް ރުޅިއާއި ބިރުގެ ސަބަބުން ޔުކްތާ އަތުގައި އޮތްވަޅި މަޅާލައިފިއެވެ. ހަމއެވަގުތު އޭނާގެ ފަލަމަސްގަނޑުގައި ޖެހި ލޭ އަންނަން ފަށައިފިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ފުރޭތަ އެއްފަދަ އެނުލަފާ މީހާ ދޮރުހުޅުވާ ދުވެފިލައިފިއެވެ.

ޔުކްތާ އޭނާގެ ބައްޕަމަހަށް ދިޔަދޯނީގެ އޮޑިވެރިގެއަށްގޮސް މަސްކައްކާ އެހީވެދީގެން ކާނެއެއްޗިއްސާއި ބޭސް ހޯދައެވެ. މިހެން އުޅޭއިރު މާގިނަ ވާހަކަތަކެއް މީހުންނަކާ ނުދައްކައެވެ. އޭނާގެ މަޑުމައިތިރި މިޒާޖު މިހާރުވަނީ ހަނުހުރުމުގެ މިޒާޖަށް ބަދަލުވެފައެވެ. މީހުން ކުރާ މަލާމާތަށް ރައްދު ދިނުމުގެ ބަދަލުގައި އޭނާ ހިމޭންވެއެވެ. އެކަނިވާ ބައެއްފަހަރު ބާރަށް ރޮއިގަނެއެވެ. އޭނާ ހިތާހިތުން ޝަކުވާކުރެއެވެ. މީހުންގެ މަލާމާތާއި ބައްޕައާއި އަޅުވާކިޔުމާއި މަގުމަތިން ދާއިރު މޮޔަކުޑަކުދިން ލައްވާ ފުރައްސާރަ ކުރަނީ އޭނާގެ ކޮންކުށަކުން ހެއްޔެވެ؟ މިހާބޮޑު އެކަހެރިކަމަކާއި އަޅާލުންކުޑަކަމެއް މިލިބެނީ އޭނަ ކުރި ކޮން ނުބައި އަމަލެއްގެ ސަބަބުން ބާވައެވެ؟

އެހެންނަމަވެސް އޭނާ ހާސްވަނީ ބައްޕަ ބަލިވީމައެވެ. ބައްޕަގެ ކަރުނުން ތެމިފައިވާ ދެލޯ ފެނުމުން އޭނާގެ މެއަށް ބުނަން ނޭނގޭ ކަހަލަ ތަދެއް އިހުސާސްވެއެވެ. ބައްޕަ ނިޔާވެއްޖެނަމަ އޭނާގެ ދިރިއުޅުން ބަދަލު ވެގެންދާނެ މިންވަރު ހިތަށް އަރުވާލިއަސް ހަށިގަނޑު ރޫރޫ އަޅައިގެންދެއެވެ. ކޮންމެ ހާލެއްގައި ވެސް ބައްޕަ ރަނގަޅުކުރަން ޖެހޭނެ ކަމުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އެކަމަކު އެއީ ރަނގަޅު ނުވާނެ ބައްޔެއްކަން އޭނާއަށް ނޭނގި ހަގީގަތެއްނެތް އުއްމީދެއްގައި ދެމިހުންނަނީއެވެ. ބައްޕައަކީ ދެން އެނބުރި އައުމެއްނުވާ ދުނިޔެއަށް އިންތިޒާރު ކުރަމުންދާ މަދު ދުވަސްކޮޅެއްގެ މީހެއްކަން ނޭނގޭ ހާލު އެކުޑަކުޑައަތުން ބައްޕަގެ ލޮލުން ފައިބާ ކަރުނަތައް ފޮހެލަދެއެވެ.

"ބައްޕާ، ދެންދެރަނުވޭ. ވަރަށް އަވަހަށް ރަނގަޅުވެދާނެ." ބައްޕަގެ ބުރަކަށިދަށަށް އަތްލުމަށްފަހު މަޑުމަޑުން ބައްޕަ ހިއްލާލިއެވެ.

"ސައިބޯންހިނގާ." ސަމުސަލުން ކަޅުސައިފޮދެއްނަގާ އުމަރުގެ އަނގަޔަށް ޔުކްތާ އަޅައި ދިނެވެ. އެހެންދުވަސްތަކޭ އެއްފަދައިން ސައިފޮދު އަނގައިގެ އެއްފަރާތުން ބޭރުވެގެން ބާލީހަށާއެކު ފައިބައިގެންދިޔައެވެ. ޔުކްތާގެ ކަރުނަތައް ބޭރުވަނީ އިޚުތިޔާރަކާ ނުލައެވެ. މިކަން އުމަރަށް އެގުމުން ސަލާމަތުން އޮތް އަތުން ޔުކްތާގެ ކަރުނަތައް ފޮހެލަދެއެވެ. އަދި ތުރުތުރު  އަޅާހާލު ސާފުނުވާ ޢިބާރާތަކުން ބައްޕަދެން ގަދަ ނުވާނެކަމަށް ބުނެއެވެ. ޔުކްތާއަށް ހިތްވަރު ދެއެވެ. ކޮންމެވެސް ދުވަހަކުން އިންސާފު ލިބޭނެއޭ ބުނެއެވެ. މިއީ ޔުކްތާއަށް ނުހަނު އަސަރު ކުރުވާ ކަމެކެވެ. އޭނާ އިންސާފެއް ބޭނުމެއް ނޫނެވެ. އޭނާ އިތުބާރުކުރާ އެކަކުވެސް މިދުނިޔޭގައެއް ނުވެއެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ބައްޕަ ރަނގަޅުވުމެވެ. ބައްޕަ ނެތް ދުނިޔެއެއްގައި އޭނާ އެކަނި އުޅޭނީ ކިހިނެއް ހެއްޔެވެ؟

ރަށުގެ ކަރަންޓުގެ މައްސަލާގައި ރައްޔިތުންގެ މެދުގައި ވަނީ ޚިޔާލު ތަފާތު ވެފައެވެ. ބައެއް ސިޔާސީ ޕާޓީތަކުން މިކަމަށް ސަމާލުކަން ދެމުންދެއެވެ. އެގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ވަފުދެއް މީދޫއަށް އަތުވެއްޖެއެވެ. މާލޭގައި އުޅޭ އެޕާޓީގައި ހިމެނޭ ރަށުގެ ހަރުކުލައިގެ މީހުންގެ ތެރޭގައި ހިމެނޭ  އަޒީޒާ ވެސް މިވަފުދުގައި ހިމެނެއެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އޭނާގެ ގޭގައި ހަމަޖެހިލިއެވެ. ހަމައެވަގުތު އޭނާގެ ގާތުގައި ނުހަނު ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާ އޭނާ އިންތިހާއަށް ލޯބިވާ ޔުކްތާގެ ޚިޔާލު އުފެދިއްޖެއެވެ. އަދި ޔުކްތާ ނުފެނުމުން ހައިރާންވެސްވިއެވެ. އެއީ އެހެންޏާ އޭނާ އަންނައިރަށް އެގެއަށް އަންނަ ކުއްޖެކެވެ. ގިނަވަގުތު ގާތުގައި ވަގުތު ހޭދަކުރާ ލޯބި ކުއްޖެކެވެ. ފަހަރުގައި ޔުކްތާއަށް އޭނާ އައިސްގެން އުޅޭޚަބަރު ނޭނގުނީ ކަމަށް ވެދާނެއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ޔުކްތާއާއި ބައްދަލު ކުރުމަށްޓަކައި އެގެއަށް ދިޔައެވެ.

ރޭގަނޑު ނުވައެއް ޖަހާ އެހާކަންހާއިރެވެ. މުޅި ސަރަހައްދަށްވެސް ވަނީ އާދަޔާ ޚިލާފު ފަޅުކަމެއް ވެރިވެފައެވެ. މަޑުމަޑު ހިނގުމެއްގައި އަޒީޒާ ޔުކްތާމެންގެ ގޯތި ތެރެއަށް ވަނެވެ. ދިރުމެއްގެ ހިލަމެއްނުވާ ގޯތިތެރޭގައި ރަސްކަން ކުރަމުންދަނީ ހިމޭންކަމާއި ކަނު އަނދިރިކަމެވެ. އެގެއަށް ނުހަނު ފަރިތަ އަޒީޒާއަށް އިހުސާސް ވަމުން ދިޔައީ ހައިރާން ވާފަދަ ފަޅުކަމެކެވެ. އޭނާގެ ހިތުގައި ބަޔާންކުރަންދަތި ނުތަނަވަސްކަމެއްގެ ވިންދު ޖަހަމުންދެއެވެ. މަޑުމަޑުން ގޭގެ އޮޅި ގިރާކޮށްލިއެވެ. އޭނާއަށް އިވުނީ އަންހެންކުއްޖެއްގެ ހިމޭންކަމުގެ ތެރޭން ފުރޭނިގެން އައި ފުންވޭނެއްގެ ކުކުރުމެކެވެ. އެއަޑުގައި ގަދަރިހުމެއްގެ ވޭން އިންތިހާއަށް ގޮސްފައިވާކަން އޭނާއަށް ފާޅުވިއެވެ. އަޒީޒާއަށް އެއީ ބާ އަޑެއްނޫނެވެ. އެއީ މީގެ ހަތަރު އަހަރު ކުރިންވެސް އޭނާ އަހާފައިވާ ފަރިތަ އަޑެކެވެ. އެއީ ޔުކްތާގެ އަޑުކަން އޭނާއަށް ދެނެގަންނާކަށް ހިނދުކޮޅެއްވެސް ނުނަގައެވެ. ޔުކްތާގެ ހިތްދަތި ކަމާއި ކެކުޅުމުގެ އަޑު ކިތަންމެ ފަހަރަކު އޭނާވަނީ އަހާފައެވެ. ނަމަވެސް މިރޭ އެއަޑުގައި އެހުމަށް ކުޅަދާނަ ނުވާފަދަ ރިހުމެއް އެކުލެވެއެވެ.

އަޒީޒާ މަޑުމަޑުން އެދިމާއަށް ދިޔައެވެ. ކުރިއަށް އެޅިފިޔަވަޅު ހުއްޓި ދެލޯބޮޑުވެ ބާރަށް ހަޅޭއްލަވައި ގަނެވުނީ ޔުކްތާ ފެނުމުންނެވެ. އޭނާއަށް ޔުކްތާގެ ފުށުން ފެނުނީ ދެފައިމައްޗަށް ކޮޅަށް ހުރުމަށް ކުޅަދާނަވެގެން ނުވާ ރިހުމެއްގެ އަސަރާއި ނިކަމެތި ކަމެކެވެ. ތޭރަ އަހަރުގެ ޔުކްތާވަނީ ދުވަސްފުރިފައެވެ. ބަނޑުގައާއި އުނަގަނޑުގައި ރިއްސާތީ ތަރުފާލުމަތީގައި އުޑަފައިން އިށީނދެގެންނެވެ. އޭނާގެ ބަނޑުގައި ބާރަށް އަތްއަޅައިގެން ލިބޭ ވޭނަށް ލުޔެއް ލިބޭތޯ ގުދުވަމުންދެއެވެ. އޭރު އަނެއް އަތުން  އަނގައިގާ އަތް އަޅައިގެން  ރޮމުންދެއެވެ. އޭރު އަނެއް އަތްވަނީ ވަރަށް ބާރަށް އަނގަމަތީ އަޅާފައެވެ. އެއަޑު އޭނާގެ ބައްޕައަށް ނީވޭތޯއެވެ. ތަރުފާލުމަތީގައި ގިނަވެފައިވާ ލޭތަކުންނާއި ޔުކްތާގެ ދެފައި ކައިރިކުރާތަން ފެނުމުން ފޫޅުމާކަމުގެ ތަޖުރިބާހުރި އަޒީޒާއަށް ވަގުތުގެ ނާޒުކުކަން ވިސްނޭކަށް ގިނައިރުތަކެއް ނުނެގިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ވާހަކަ ވަރަށް ރީތި، ވަރަށް އަސަރުގަދަ ހިސާބަކަށް މިއަދުގެ ބައި ނިންމާލާފައި އޮތީ… ޔުކްތާއަށް ދެން ކިހިނެއްބާވާނީ…..

  2. ރައޫފު މީ ހާދަ ނުބައިމީހެކޭދޯ. ހެޔޮނުވާނެދޯ ބައްޕަގެ ބޮލުގައި އެހާ ނުބައި ބަދުނާމެއް އަޅުވަން. ވަރަށް ކިޔާ ހިތްވާ ވާހަކައެއް. ދެނަ އަނެއްބައި ގެނެސްދޭނީ ކޮންދުވަހަކުންބާ؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *