Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 14

"ރާމީން، ހިނގާ ދާން.." ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން އެކޮޓަރީގައި ތިބި ބޭރު ދެ އަންހެން ކުދިން ފެނުމާއި އެކު މާޔާ އަހަން ބޭނުންވި އެއްވެސް އެއްޗެއް ނެތެވެ.

"މާޔާ" މިކިއަލް އޭނާގެ ނަމުން ގޮވައިލީ އަޑުހަރުކޮށެވެ. އޭނާ އައިސްހުރި ރުޅި މާޔާއަށް ފެނެއެވެ. މާޔާގެ މޫނަށް ބަލާލިއިރު މިކިއަލްގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ.

"އިތުރަށް މިކިއަލް ކިޔައިދެން އޮތީ ކޮންއެއްޗެއް؟" އެއަށްވުރެ ބާރަށް މާޔާ އަހާލިއެވެ. މިކިއަލްގެ ތުންފަތް ހަރަކާތްކޮށްލިތަން އޭނާއަށް ފެނުނެވެ. އެކަމަކު ބަހެއް ނުބުނެވި ހިމޭންވިތަން ފެނުނެވެ. ނިތްކުރިއަށް ޖެހިފައިވާ ރޫތައް ފިލައި ދިޔައެވެ. ދޮރުފަތުގައި ބުރަކަށި ޖައްސާލަމުން މިކިއަލް ދެއަތުން އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ. ހަމަ ރަނގަޅަށްވެސް އޭނާ ބަސްހުއްޓިއްޖެއެވެ.

"ޝިޓް" މުށްކަވާފައި ދޮރުފަތުގައި މިކިއަލް ޖެއްސެވެ. އޭނާގެ ކުރިމަތިން ރާމިން އާއި މާޔާ ގޮސް އޮބައިލިތަން ފެނި އެކަހަލަ ހަމަލާ ދޮރުފަތަށް ބޭލުނެވެ.

** **

"އާ ޔޫ އޯކޭ؟" ސައިކަލު ކައިރީ ހުއްޓެމުން ރާމީން އަހައިލިއެވެ. އޭނާއަށް ފުރަގަސްދީގެ ންހުރެ މާޔާ ރޯކަން އެނގޭ ހާލު ރަނގަޅުހެއްޔޭ އަހާލެވުނީ އޭނާގެ ހިތް މާޔާއަށް ހަމްދަރުދީވެފައިވާތީއެވެ. ލޯބީގައި ނާކާމިޔާބުވުމުން އަދި އަމުދުން ކެއްސެއް ލިބުމަށްފަހު ދެރަވާނެވރު ރާމީންއަށް އެނގެއެވެ.

"މަންމަ ވަރަށް މަސައްކަތްކުރި މިކިއަލް އަކީ ކާކުކަން ބުނެދެން. މިހާރު މާ ލަސްވިފަހުން އަހަންނަށް މި އެނގުނީ." މާޔާ އަށް ވާހަކަ ދެއްކުނީ ވަރަށް އުދަނގުލުންނެވެ. އޭނާގެ އަޑު ވަނީ ފިސްވެފައެވެ. ގިސްލެވޭވަރުން އަރުބެދޭހެން ހީވެއެވެ.

"އަދި ލަހެއް ނުވޭ،" ރާމީން އަށް ބުނެވުނެވެ. މިކިއަލް ބޭނުންވި ހުރިހާ ގޮތެއް އަދި ނުވެސް ހެދެއެވެ. މާޔާގެ ނަސީބު ގުޅިފައިވަނީ އޭނާގެ މަންމަގެ ހެޔޮ ދުޢާތަކާއި އެވެ. މިކިއަލްގެ ކެހިވެރި މަޅިން މާޔާ މިންޖުވިކަން ނަޞީބެވެ.

"ނޫން ވަރަށް ލަސްވެއްޖެ، އަހަންނަކަށް ދެން ނުކެރޭނެ މަންމަ އާއި ކުރިމަތިލާކަށް،" މާޔާ ބުނެލިއެވެ. އޭނާއަށް މަންމަގެ ކުރިމައްޗަށް ހުއްޓި މަޢާފަށް އެދޭކަށް ނުކެރޭނެއެވެ. ލައްކަ ދުވަހު އޭނާގެ ސަބަބުން މަންމަގެ ދެލޮލުން ކަރުނަ އޮހޮރުވައިފިއެވެ.

"ރަހިމުގެ ގުޅުމަކީ އަބަދުވެސް ދަމަހައްޓަންޖެހޭ ގުޅުމެއް، އެއީ ވަރަށް ގިނަ ކަންތައްތަކުގެ ހައްލު، މާޔާ މަޢާފަށް އެދުމަކާއި ނުލައި މަންމަ މަޢާފްކުރާނެ، މައިންވަންތަކަމަކީ އެއީ، މާޔާ ވިސްނަންވީ އެންމެ ކަމަކަށް، ދެވަނަ ފަހަރު މިކިއަލް އާއި މާޔާ ގުޅިގެންނުވާނެ،" ނަޞޭހަތުގެ ބަދަލުގައި ރާމީންގެ ރާގު ބަދަލުވީ އިންޒާރަށެވެ. މިކިއަލް އަކީ ކާކުކަން މާޔާއަށް މިފަހަރު ދަސްނުވެއްޖެނަމަ ދެން މާޔާ ވެއްޓޭ އަނދަވަޅުން އޭނާއަށްވެސް ސަލާމަތެއް ނުކުރެވޭނެއެވެ.

** * **

ފިކުރުބޮޑުވެފައި އެރޭގެ ހަތަރުދަމު މާޔާއަށް އޮންނަންޖެހުނެވެ. ދެލޯ މަރާލިއަސް ނިދީގެ އަސަރެއް ނެތެވެ. އެހެން އޮންނަން މާޔާ ބޭނުންވިއެވެ. ބޮލުގެ ރިހުން ލުއިވޭތޯއެވެ. އެކަމަކު ފިކުރުކުރުމުން ސިކުނޑިއަށް އަރާމެއް ނުލިބުނެވެ. އަމިއްލަ މޮޔަކަމާއި ކަންތައް ކުރެވުނުގޮތް ހިތަށް އަރާފައި ދެލޮލުގެ ރިހުންވީ ގަދައެވެ. ލޮލުގެ ދެމިޔައިން ކަރުނަތައް ފައިބަންފެށިއެވެ.

އޭނާގެ ދެފައިގައި މީހަކު އަތްލިހެން ހީވެ މާޔާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ހުޅުވާލެވުނުއިރު އެނދުގެ ފައިލާކޮޅުގައި އޮތް ޔޫނުސް ފެނި ދެފައި ކުރުކޮށްލެވުނެވެ. އެ ހަރަކާތާއި އެކު ޔޫނުސް އިސްއުފުލާލި ވަގުތު ކުރުކޮށްލި ފައިން ޔޫނުސްގެ މޫނުމަތީ ޖަހާލެވުނެވެ. ވީތަދާއި އެކު ޔޫނުސް ފުންމައިގެން އައިސް ޖެހިގަތީ މާޔާގެ ގައިމައްޗަށެވެ.

"މަންމާ" އަޑުގެ ނެތްތަނަށް މާޔާ ގޮވާލިއެވެ. އޭނާއަށް އެހީވާން ހުރި ހަމައެކަނި ފަރާތަކީ އެއީއެވެ. މާޔާގެ އަނގަމަތީ ޔޫނުސްގެ އިނގިލިތައް އަޅާލިއެވެ.

"ޝްޝްޝް. ކަލޭގެ މަންމަ އޮތީ ބޭސްކައިގެން ނިދާފައި،" ޔޫނުސްގެ މޫނުމަތިން ފެނުނު ދަހިވެތިކަމާއި ދެލޮލުން ފެނުނު ހައިހޫނުކަން މާޔާ ބަލިކަށިކޮށްފިއެވެ. މާޔާގެ ޖިސްމުގެ ދަހިވެތިކަމުގައި މި ފިރިހެނާވެސް ކޮންމެ ދަރަޖައަކަށް ވެއްޓިދާނެކަން އެނގުމުން ހިތްބިރުގަތެވެ.

އޭނާގެ މަންމައަކީ އެއްވެސް ބައްޔަކަށް ބޭސްކާ މީހެއް ނޫނެވެ. އެކަމަކު ޔޫނުސްގެ ހީލަތްތެރިކަމުން ނިދާ ބޭހުގެ ދެތިން ގުޅަ ޖޫހާއި އެއްކޮށްފައި ދިންފަހުން ޝަރުމީލާއަށް ނިދިފައިއޮތީ ވަރަށް ގަދައަށެވެ. އަމިއްލަ ހިތްވަރުން ނޫނީ މިރޭ ޔޫނުސްގެ ކިބައިން އޭނާއަށް ސަލާމަތްނުވެވޭނެކަން އެނގުމުން މާޔާ ދެއަތުން ޔޫނުސްގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ނޮޅައިގަތެވެ. ވީތަދާއި އެކު ޔޫނުސް ސަލާމަތްވާން މަސައްކަތްކުރިއެވެ. މާޔާގެ ކިބައިން ސަލާމަތްވުމަށްފަހު ކުރީއެކޭ އެއްފަދައިން މިރޭވެސް މާޔާގެ މޫނުމަތީ ޔޫނުސް ތަޅައިގަތެވެ. އެވަރުން ނުވެގެން ތުވާލިން މާޔާގެ ދެއަތް ބަނދެލިއެވެ. ދެން ޔޫނުސް ހިތްހަމަޖައްސައިލީ ނިކަމެތިވެފައިވާ މާޔާގެ ކިބައިން އޭނާ ބޭނުންވި ކޮންމެ ގޮތަކުންނެވެ.

ޖެހިގެން އައި ދުވަހުގެ އިރުއަރައިފިއެވެ. މާޔާ އޮތީ އެނދުގައި ރޯށެވެ. އޭނާގެ ހަށިގަނޑުގައި ވަރަށް ގަދައަށް ރިހުން ހުއްޓެވެ. އެއް އަނދިރިކަމުން ސަލާމަތްވިތަނާއި މިޖެހުނީ މާ ވަރުގަދަ ކަންތައްތަކަކާއި އެވެ. މަންމައަށް ކިޔައިދެވޭނެ ގޮތަކާއި މެދު މާޔާ ވިސްނަމުން ދިޔައެވެ. ފޯނު ވައިބްރޭޓްވި އަޑަށް މާޔާ ބަލައިލިއެވެ. ސްކްރީނުން ފެންނަން އިން މިކިއަލްގެ ނަން ފެނިފައި އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލެވުނެވެ. ޔޫނުސްގެ ވާހަކަ އެއްވެސް ޖެހިލުމެއްނެތި ބުނަން ކެރޭނީ ހަމައެކަނި މިކިއަލްގެ ގާތުގައެވެ. މާޔާ ހަލޯއޭ ބުނުމާއި އެކު މިކިއަލް ކުރި ސުވާލުން އޭނާގެ ހޭވެރިކަން ފިލައި ދިޔަ ފަދައެވެ.

"ދޮންބައްޕަ ހިތްހަމަޖައްސާ ނިމުނީތަ؟" މިކިއަލްގެ އަޑުގައި ހުރި މަލާމާތުގެ ރާގު މާޔާއަށް ފާހަގަވިއެވެ. މިކިއަލްގެ ނަމުން މާޔާއަށް ގޮވާލެވުނެވެ. ހިތުން ރުހުމުން މާޔާގެ ޖިސްމުގައި މިކިއަލް ފިޔަވައި އިތުރު މީހަކު ބީހުނަ ނުދޭނެކަން މިކިއަލްއަށްވެސް އެނގެންޖެހޭނެއެވެ.

"ތިޔަ ފިލްމު އަހަރެންވެސް ބަލައިފީމޭ." މިކިއަލް ބުނެލިއެވެ. މާޔާއަށް އަހައިލެވުނީ ކޮން ފިލްމެއްތޯއެވެ. މިކިއަލް ދައްކާ ވާހަކަ ސާފުވާނެހެން ދެއްކުމަށެވެ. ހިނިގަނޑެއް ޖަހާލާފައި މިކިއަލް ކިޔައިދިނީ އޭނާ ދިން ކެމެރާގެ ވާހަކައެވެ. އޭގެ މަތިން މާޔާ ވަނީ ހަނދާންނެތިފައެވެ. އަލަމާރިމަތީގައި އިން ކެމެރާއިން ހުރިހާ މަންޒަރެއް މިކިއަލްއަށް ފެންނަމުން ދިޔަ ވާހަކަ ބުނުމުން މާޔާ ހިންދިރުވާލިއެވެ. ދެވަނަ ސިކުންތުގައި މާޔާއަށް ވިސްނުނީ އެއީ ޔޫނުސްގެ ކިބައިން ސަލާމަތްވުމަށް އޭނާއަށް ލިބުނު ވަރުގަދަ ހެއްކެއްގެ ގޮތުގައެވެ.

"އަހަރެން އޭތި ލީކުކޮށްލާނަން، މުޅި މާލެތެރެއަށް، އޭރުން މާޔާގެ މަންމައަށްވެސް ހަޤީޤަތް އޮޅުންފިލާނެ، އިތުރަށް ކިޔައިދޭކަށްވެސް ނުޖެހޭނެ." މިކިއަލް ދައްކަނީ އޭނާއަށް މާ ބީރުވެރި ހުވަފެނެކެވެ. އޭނާއަށް އެހީވުމުގެ ބަދަލުގައި މިކިއަލްވެސް ހުރީ ބަދަލުހިފަން ފައި ވިއްދާލާފައެވެ.

"ބަދަލުގައި މިކިއަލް ބޭނުމީ ކޮންކަމެއް؟" މާޔާ އަހާލިއެވެ.

"ފޮއްޓަށް އެއްޗެހި އަޅައިގެން އާދޭ، މާޔާ ހުންނާނީ އަހަރެން ބުނާ ތަނެއްގައި އަހަރެން ކިޔާ ގޮތަކަށް." މިކިއަލްގެ އަޅަކަށް ވާން ކުރި އަމުރާއި އެކު މާޔާ ދިޔައީ ސިއްސައިގެންނެވެ. އެއީ އޭނާ ދެކެ ލޯބިވާކަމަށް ދައުވާކުރި މިކިއަލް އެއް ނޫނެވެ.

"އެ ވީޑިޔޯއިން މިކިއަލްއަށް ހާސިލްވާނީ ކޮންކަމެއް؟ އެންމެންގެ ލޯބި ލިބޭނީ އަހަންނަށް، އެންމެންނަށްވެސް އެނގޭނެ އޭނަ އަހަރެންގެ އިއްފަތްތެރިކަން ފޭރިގަންނަނީކަން، ބަދަލުގައި މިކިއަލް އަށްވެސް މީހުން އެއްޗެހިކިޔާނެ،" މާޔާ ގޮތްހުސްވެފައިވާކަން އަންގާކަށް ބޭނުމެއް ނޫނެވެ. ކޮންމެ ފިރިހެނަކުވެސް އެމީހުންގެ ބާރުވެރިކަމާއި އަނިޔާވެރިކަމުގެ ޝިކާރައަކަށް ހަދާލެވޭ ވަރަށްވުރެ މާޔާ އަދިނިކަމެއްޗެއް ނުވެއެވެ. މިކިއަލް ވިސްނަން އެންމެ ސިކުންތެއްވެސް ނުނަގައެވެ. މާޔާގެ ހިތްވަރު އޭނާ އެލުވައިލީ އެފަދަ އެހެން އިންޒާރަކުންނެވެ. މިފަހަރު މާޔާ ބަސްހުއްޓުނެވެ.

"ތި ކޮޓަރި ތެރޭގައި މާޔާ އެކަނި ހުންނަ ވަގުތު ކުރާ ކަންތަކާއި އުޅޭގޮތުގެ ވީޑިޔޯވެސް އެބަހުރި، އެ އެއްޗެހި މީހުން ބަލާފައި ނުބުނާނެ މާޔާ އަކީ އެމީހުންގެ ހަމްދަރުދީ ހައްޤުވާވަރުގެ މީހެކޭ.." މާޔާ ބަލައިލީ އަލަމާރިމަތީގައި އިން އޭނާގެ އަތުން ބޭންދި ކެމެރާއަށެވެ. އޭނާ ފެންވަރައިގެން އައިސް ހެދުން ބަދަލުކުރުމުގައި ގިނަ ވަގުތު ހޭދަކުރާއިރު އެ ކެމެރާގަނޑުގެ މަތިން ކުޑަކޮށްވެސް ހަނދުމަ ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާ ހިތްބިރުގަތީ ރޭ ދަންވަންދެން މިކިއަލްގެ ފޯނު ކޯލުގައި އޮވެފައި މިކިއަލްގެ ހިތްހަމަ ޖައްސަން އޭނާ ކޮށްދޭ ކަންތައް ހަނދާންވުމުންނެވެ.

ފިނި ދަލެއް ހިއްލާފައި މާޔާގެ މޫނަށް އަނދިރިވާގޮތްވިއެވެ. އެނދުމަތީ އުންޑުން އޮށޯވިއިރު ލޮލުގެ ހިމަކޮޅުން ކަރުނަ އަންނަން ފަށައިފިއެވެ. މިކިއަލް ބުނި ކޮންމެ ކަމެއް ކުރަން އޭނާ އެއްބަސްވެ ފޯނު ނިންމާލިއިރު އޭނާގެ ސިކުނޑީގައި އިތުރު ކަމަކަށް ވިސްނާނެ ޖާގައެއް ނެތެވެ. ގޮތް ހުސްވެފައި އޭނާއަށް ހުރެވުނީ ކުރިއަށް ނުދެވޭނެ މަގެއްގައެވެ. އަދި ފަހަތަށް އެނބުރި އާދެވޭނެ ތަނެއްގައިވެސް ނޫނެވެ.

ސަލާމަތްވާން ވިއަސް މަންމަގެ ކުރިމައްޗަށް ދާން ނުކެރޭނެވަރުގެ އެތައް ކަމެއް އެބަހުއްޓެވެ. މަންމައަށް އެނގިއްޖެނަމަ އޭނާ މަރާލާނެކަން ޔަޤީނެވެ. ނޫނީ މަންމަ ލަދުން އަމިއްލައަށް މަރުވެދާނެއެވެ.

ނުތަނަވަސްވެ ގެނބި ޣަރަގުވަމުން ދިޔަ ކަނޑުން ސަލާމަތްވާނެ އެއްވެސް ގޮތެއް މާޔާއަކަށް ނުފެނުނެވެ. މިކިއަލް ބުނި ކޮންމެ ގަޑިއެއްގައި ދާނެކަމަށް އޭނާ އެއްބަސްވިއެވެ. އަބުރަށްވުރެ އޭނާއަށް މުހިއްމުވި އެއްވެސް ކަމެއް ނެތެވެ. އަމިއްލަ އަށް ކޮނުނު އަނދަވަޅުގެ ކުރިމަތީ ހުރެވުނުކަން އެނގުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ދެން އޮތީ ފުންމާލުމެވެ. މަރުގެ ތުންފަތްމައްޗަށެވެ.

** **

މާޔާ ލޯހުޅުވައިލީ ޝަރުމީލާ އައިސް ކޮޓަރީގައި ތަޅައިގަތުމުންނެވެ. ނިދިފައި އޮވެފައި ތެދުވެވުނީތީ ދެލޮލުގައި ދުޅަކަން ވަނީ ކުޑަވެފައެވެ. ދޮރު ހުޅުވާލުމުން ޝަރުމީލާ ބުނީ ސައިބޯން އައުމަށެވެ. އެގެއަށް މިހާ ހެނދުނު ޝީތު އައިސް ހުރި ވާހަކަ ބުންޏެވެ. އެމީހުންނާއި އެކު ސައިބޯން ޝީތުގެ ދެމަފިރިން އައިސް ތިބިކަން އެނގުމުން ސައިބޯން ނުދާން ދެއްކޭނެ އެއްވެސް ބަހަނާއެއް މާޔާއަކަށް ނުލިބުނެވެ.

ޝަރުމީލާ އިނީ ހިތްހަމަޖެހިފައެވެ. މިކިއަލްގެ އުޅުން މާޔާގެ ލޮލަށް ދެއްކުމުން ދެން ކުރިއަށް ނުގެންދާނެކަމަށް މާޔާ ރާމީންގެ ގާތުގައި ބުނެފައިވާ ކަމަށް ރާމީން ޝަރުމީލާގެ ގާތުގައި ބުނެފައިވާތީއެވެ. އޭގެފަހުން ރޭގެ ބާކީބައި މާޔާ ހޭދަކުރި ހިތްދަތިގޮތް ޝަރުމީލާގެ ޚިޔާލަކަށްވެސް ނާދެއެވެ. ޔޫނުސް ގެނެސްދިން ޖޫސްތައްޓެއް ބޯލިފަހުން އޭނާއަށް ނިދުނީ މިއިން އެއްވެސް ރެއަކު ނުނިދޭހާ އަރާމުކޮށެވެ.

ޝީތު އާއި މާޒިން ހަފްތާއަކަށް ބެންކޮކަށް ދާ ވާހަކަ ދެކެވުނެވެ. މާޔާވެސް ބޭނުންނަމަ ދެވިދާނެކަމުގައި ޔޫނުސް ބުންޏެވެ. އެވަގުތު ޔޫނުސްގެ ހެޔޮކަމާއި މެދު ޝަރުމީލާ ޝުކުރު އަދާކުރިއެވެ.

"ތިއީ މާޔާގެ އުފަން ބައްޕަވެސް ކޮށްދޭ ކަންތަކެއް ނޫން އިނގޭ." މާޔާގެ ބުރަކަށީގައި ފިރުމައިލަމުން ޝަރުމީލާ ބުނެލިއެވެ. ޔޫނުސްގެ މޫނަށް ބަލާލެވުނުއިރު މާޔާގެ ދެބުމަ ފިއްތާލެވުނެވެ. ހެޔޮކަމަށް ވެގެން އުޅޭ މީހެއްކަން އެނގެނީ އޭނާއަށް އެކަންޏެވެ. ޔޫނުސް އާއި ދިމާލަށް ކިޔާނެ ކިތަންމެ އެއްޗެއް މާޔާގެ ހިތަށް އައެވެ. އެކަމަކު އޭނާއަށް މަޖުބޫރުވީ ދޫ ހިމޭނުން ލައިގެން އިންނާށެވެ. އެ މޭޒުދޮށުގައި އޭނާގެ ކޮޅަށް ހުއްޓޭނެ އެއްވެސް މީހަކު ނެތެވެ.

ޔޫނުސް އާއި މާޔާގެ ބައްޕަ އާއި އަޅާކިޔަން ފެށުމުން އެވާހަކަ މާޔާ ކަނުލާ އަޑު އެއްސެވެ. އޭނާއަށް އެއްވެސް އަޅާލުމެއް ހުރިނަމަ އޭނާ ހާލުބަލަން ބައްޕަ އައީހެވެ. އޭނާ ދެކެ ޒައްރެއްގެ މިންވަރަށް ލޯބި ނުވި ނަމަވެސް ބައްޕަ ހުންނަގޮތް ބަލަން މާޔާ ޝައުޤުވެރިވިއެވެ. އޭނާ ހަނދާންވީ އެއް ދުވަހަކު ރާމީން ބުނި އެއްޗެކެވެ. މިކިއަލް އާއި ޝަރުމީލާ ދެކޮޅުވި ސަބަބަކަށް ރާމީންވެސް ދެއްކީ އޭނާގެ ބައްޕައެވެ. މިކިއަލްގެ ބޮޑުބޭބެއަށް ވާތީއެވެ. މާޔާ ބައްޕަގެ މައުލޫމާތު ހޯދަންވީ ރާމީންގެ ކައިރިންނެވެ.

** **

ރާމީން އޮފީސް ނިންމިގޮތަށް އައިސް ވަނީ މާޔާ ދައުވަތު ދިން ރެސްޓޯރެންޓަށެވެ. އޭނާ އައިސް އިށީނުމުން މާޔާ އަހައިލީ ބައްޕަ އާއި ބެހޭގޮތުން އެނގޭތޯއެވެ. ރާމީން ބޯޖަހާލިއެވެ.

"ބައްދަލުކުރެވިދާނެތަ؟" ރާމީންގެ ޖަވާބަކަށް އެދި މާޔާ އަހައިލިއެވެ. ރާމީންގެ މޫނުމަތިން ފެނުނީ ނަގައިގަންނަން އެހާ ފަސޭހަ ކުލަތަކެއް ނޫނެވެ. ވަކި ޖަވާބެއް ދޭން އުދަނގޫވެގެން ރާމީން ކަންބޮޑުވިތަން ފެނުނެވެ. މަޑުން އިނދެފައި ރާމީން ވެސް ކުރީ ސުވާލެކެވެ.

"ކުއްލިއަކަށް ބައްދަލުކުރަން ބޭނުންވަނީ ކީއްވެ؟" ރާމީން ގެ މޫނަށް ބަލަން އިނދެފައި މާޔާ އިސްޖަހައިލިއެވެ. އޭނާ ބައްޕަގެ ފަރާތުން އެއްވެސް ކަމެއް ބޭނުމެއް ނޫނެވެ. އެނގެން ބޭނުންވަނީ އޭނާ ދެކެ ބައްޕަ ލޯބިނުވާ ސަބެބެވެ.

"އަހަރެން އަހަން ބޭނުން ބައްޕަ ދުވަހަކުވެސް އަހަރެން މަތިން ހަނދާންހުރިތޯ؟" މާޔާގެ އަޑު ބެދޭގޮތްވިއެވެ. އޭނާގެ ހިތަށް އަސަރުކުރީ ބައްޕަ އާއި ބައްދަލުވެއްޖެނަމަ އޭނާ އަހާނެ ސުވާލުތައް ހިތަށް އަރާފައެވެ. އޭނާގެ ހިތުގައި އެތައް އަހަރެއްވަންދެން އުފެދުނު ޝަކުވާތައް އެއްފަހަރާ ބަންޑުންކޮށްލުމަކީ ފަސޭހަކަމެއް ނޫނެވެ. އެ މަންޒަރު ހިތަށް އަރުވާލިއަސް ފަޅައިގެންދާވަރުވެއެވެ.

"މާޔާ މަތިން އޭނަ ހަނދާން ހުންނާނީ އޭނާގެ އަމިއްލަ ނަންވެސް ހަނދާން ހުންނަ ނަމައެއްނު." ރާމީން ބުނި އެއްޗެއް ސާފުނުވެގެން މާޔާ އަށް ޖެހުނީ އިސްއުފުލާލާށެވެ. އޭނާއަށް ސާފުކޮށް އަޑު އިވުނެވެ. އެކަމަކު ހިތަށް ގިނަވި ސުވާލުތަކުގެ ސަބަބުން އަޖައިބުވިއެވެ.

"އޭނަގެ ހުންނަނީ އަލްޒައިމާ ކިޔާ ބައްޔެއް، އޭނައަށް ނޭނގޭނެ ދެފަހަރަކު އެއްވެސް މީހަކު ވަކިކުރާކަށް، އަނެއްކާ މިހާރު ހުރީ އެއްވެސް މީހަކާއި ބައްދަލުކުރެވޭނެ ފަދަ ތަނެއްގައެއްވެސް ނޫން. ގުރައިދޫގައި ހުންނަތާ ހަތް އަހަރުވަނީ." ރާމީން ކިޔައިދޭ ތަފްސީލްތައް އެހުމަށްފަހު މާޔާއަށް ކެތެއް ނުވިއެވެ. ހުއްޓާލާށޭ ބުނެވުނެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
54941
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *