ކުރީގެ ގައުމީ ކޯޗު އަލީ ސުޒެއިން، ރެކޯޑު މުސާރައަކަށް ނިއު ރޭޑިއަންޓުގެ ކޯޗުކަމާ ހަވާލުވާން މިއަދު ނިންމައިފިއެވެ.
ކުރިން ވިކްޓަރީ، މާޒިޔާ، ތިނަދޫ އަދި ގްރީން ސްޓީޓަށްވެސް ކާމިޔާބުތައް ހޯދައިދިން ކޯޗު، ދެވަނަ ޑިވިޝަންގެ ނިއުއާ ހަވާލުވުމުގެ މަޝްވަރާތައް ނިމި، އެއްބަސްވުމުގައި ސޮއިކުރުން މިރޭ އޮންނާނެ ކަމަށް އިތުބާރު ހުރި ނިއުގެ އިސް އޮފިޝަލަކު މިއަދު "އަދިވެސް" އަށް ބުންޏެވެ.
"ސުޒެއިނާއެކު ވާހަކަ ދައްކާތާ ދުވަސްކޮޅެއްވެއްޖެ. މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައި،" ނޫހުގައި ނަން ނުޖަހާން ޝަރުތުކޮށް އޭނާ ބުންޏެވެ.
ސުޒެއިންގެ ސައިނިން ފީގެ ގޮތުގައި ވެސް ނިއު އިން ވަނީ ބޮޑު އަދަދެއް ހުށަހަޅައިފައެވެ. އަދި މުސާރައިގެ އިތުރުން، ހޯދާ ކޮންމެ ތައްޓަކަށް ވެސް ބޮޑު އަދަދުތަކުން ބޯނަސް ފައިސާ ވަނީ ހުށަހަޅައިފައެވެ. އޭގެ ތަފްސީލު މީޑިއާއަށް ހާމަކުރާކަށް އޮފިޝަލް ބޭނުމެއް ނުވެއެވެ.
"ސުޒެއިނަށް ނިއު އިން މި ހުށަހަޅަނީ ރާއްޖޭގައި އެއްވެސް ކޯޗަކަށް މިހާތަނަށް ހުށަނާޅާހާ ބޮޑު މުސާރައަކާއި ބޯނަސްތަކެއް،" އޮފިޝަލް ބުންޏެވެ.
އޭނާ ްަދި ބުނިގޮތިގައި ސުޒެއިން ސޮއިކުރުމުން، ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންވެސް ނިއުއާ ގުޅޭނެއެވެ.
ދެވަނަ ޑިވިޝަންގައި މިވަގުތު އޮތް ނަމަވެސް، ދެވަނަ ޑިވިޝަންގެ ތިން ވަނަ ޓީމުގެ ހައިސިއްޔަތުން, ޒަމާންތަކަކަށްފަހު, އަލުން ފުރަތަމަ ޑިވިޝަނުން ނިއުއަށް ޖާގައެއް ލިބުމުގެ ފުރުސަތު އޮތީ ބޮޑުވެފައެވެ. އެއީ 10 ޓީމުގެ ފުރަތަމަ ޑިވިޝަންގެ އެންމެ ފުލުގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މުބާރާތުން ވަކިވުމުންނެވެ.
ދެވަނަ ޑިވިޝަންގެ ޗެމްޕިއަން އޮޑި އާއި ދެވަނަ ޓީމު ވިކްޓަރީ އަށް މިހާރު ވަނީ ފުރަތަމަ ޑިވިޝަން ކަށަވަރުވެފައެވެ.
މުބާރާތުގެ ގަވައިދު ބުނާ ގޮތުން ފުރަތަމަ ޑިވިޝަންގެ 10 ވަނަ ޖާގަ ދެން ލިބޭނީ ނިއު އަށެވެ. ނަމަވެސް އެކަން އަދި އެފް.އޭ.އެމްގެ އެކްސްކޯއަކުން ނުނިންމައެވެ.



advertisment