Support Us

ކުރު ވާހަކަ: ވުލްފުތަކާއި ކުއްތާތައް

އެއް ފަހަރަކު ވުލްފުތައް ކުއްތާތަކާ ދިމާއަށް ބުންޏެވެ:

އަހަރެމެންގެ ދުޝްމިންކަން ކުރިއަށް ގެންދަންވީ ކީއްވެ ހެއްޔެވެ؟ ތިބާމެންނަކީ ގިނަ ގޮތްގޮތުން އަހަރެމެންނާ އެއްގޮތް ބައެއް ނޫން ހެއްޔެވެ؟ ހަމައެކަނި ތަފާތަކީ އަހަރެމެން ދެ ބައި މީހުން ތަމްރީންވެފައި ހުރީ ދެ ގޮތަށް ކަމަށް ވީމާ ނޫން ހެއްޔެވެ؟

އަހަރެމެން ވުލްފުތައް ދިރިއުޅެނީ މިނިވަންކަންމަތީގައެވެ. އެކަމަކު ތިބާމެން ވަނީ އިންސާނުންނަށް އަޅުވެތިވެފައެވެ.

އެ ބައި މީހުން ތިބާމެންނަށް އަނިޔާ ކުރެއެވެ. އަދި ތިބާމެންގެ ކަރުގައި ބަރުވެގެންވާ ބަންދެއް އަޅުވައިފައި އެ ބައިމީހުންގެ ނައަމުސޫފި ބަލަހައްޓަން މަޖުބޫރު ކުރުވައިފައިވެއެވެ. އަދި ނުވިތާކަށް އެ ބައިމީހުން ތިބާމެންނަށް ކަށިތައް ފިޔަވާ އެހެން އެއްޗެއް ކާކަށް ނުދެއެވެ.

އެ ކަމަށް ތިބާމެން ދެން ކެތްކުރާނެ ކަމެއް ނެތެވެ.

އެ ނައަމުސޫފިތައް އަހަރެމެންނާ ހަވާލުކުރާށެވެ. ދެން އެއަށް ފަހު އަހަރެމެން އެންމެން އެކުގައި އެންމެ މުއްސަނދިކަމުގައި ދިރިއުޅެ، އެކުގައި ޖާފަތް ކާނީއެވެ.

ވުލްފުތަކުގެ މި ބަސްތަކަށް ތަބާވާން ކުއްތާތައް އަމިއްލަ ނަފުސަށް ޖާގަ ދިނެވެ. އަދި ވުލްފުތަކާއެކު އެ ވުލްފުތައް ދިރިއުޅޭ ސިއްރު ގެއަށް ދިޔައެވެ.

ނަމަވެސް ވުލްފުތަކުގެ އެ ގޭތެރެއަށް ރަނގަޅަށް ވަދެލެވުނުތަނާހެން، ވުލްފުތައް ކުއްތާތަކަށް އަރައިގަނެ، އެ ކުއްތާތައް ކޮށައި ކުދިކޮށްލިއެވެ.

މި ކުރު ވާހަކައިގެ އިބުރަތްތެރި ފިލާވަޅު:  ގައްދާރު ވާ މީހުންނަށް، އެ މީހުންނަށް ކުށްހީއެއް ގޮތަށް ހީކުރެވޭ "މުއްސަނދި"ވެގެންވާ ނަމަވެސް ވޭނީ ހިތި ނިމުމެއް، އާހިރުގައި ކުރިމަތިވެއެވެ.

ނޯޓް: މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕްގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.