Support Us

ވާހަކަ: ލޮލީ

މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

އަހަރެންގެ އަމިއްލަ ރިޒޯޓެެއްގެ ކޮފީޝޮޕް ތެރޭަގައި، އެތާނގެ އަރިމަތީ ޖަހާފައި ހުރި ހިތްގައިމު ސޯފާތަކުގެ ތެރެއިން ސޯފާއެއްގައި ލެނގިލައިގެން، އެއްފައި މައްޗަށް އަނެެއްފައި އަރުވައިގެން އަހަރެން އިނީ އަހަރެންނާ އިންޓަރވިއު ކުރުމަށް އައިސް އިން ނޫސްވެރިޔާއަށް އިންޓަރވިޔުއެއް ދިނުމަށެވެ. ދެ ފަރާތުން، ނޫވިލު ކުލައިގެ މޫދާއި އެތަނުގައި ހިނގަމުންދާ ވޯޓަރ ސްޕޯޓްސްގެ އެކި ހަރަކާތްތައް ފެންނައިރު އެއީ އެމަންޒަރު ބަލަން ހުންނަ މީހަކަށް އެތައް ހިތްހަމަޖެހުމެއް ގެނެެސްދޭނޭ މަންޒަރެކެވެ. ހަވީރު އަތަށް އަޅައިފައި އޮތުމުން ޖެހެމުންދާ ހިތްގައިމު ފިނިފިނި ވައިރޯޅިން ރޫހަށް އިތުރު ތާޒާކަމެއް ގެނުވަމުން ދިޔައެވެ.

"ހާދަ ހިތްގައިމު ވިއުއެކޭ!" ނޫސްވެރިޔާ ވަށައިގެން ނަޒަރު ހިންގާލަމުން ބުނެލިއެވެ. އެނޫސްވެރިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ އެންމެހާ އަސަރުތަކެވެ.

"އަދި މަޑުކޮށްލައްވާ.. ބޮޑަށް ހަވީރުއަތަށް އަޅާލީމަ މިދިމާއިން ސަންސެޓް ފެންނައިރު އަދި ވަރަށް ހިތްގައިމުވާނެ." އަހަރެން ކަނާތް ފަރާތަށް އިޝާރާތް ކޮށްލަމުން ބުނެލީމެވެ.

ނޫސްވެރިޔާ އިންޓަރވިޔު ރެކޯޑް ކުރުމަށް ތައްޔާރު ވެލިއެވެ. އެއަށްފަހު ސުވާލު ކުރިއެވެ.

"ތިއީ މިއަދު ރާއްޖޭގެ ސަކްސެސްފުލް ވިޔަފާރިވެރިއެއް. ކިހިނެތްތޯ މި ހިސާބަށް ވަޑައިގެންނެވުނީ… ވިދާޅުވެދެއްވަފާނަންތޯ؟ އެވާހަކަ ވަރަށް ގިނަ ބަޔަކު އެނގެން ބޭނުންވާނެ ކަންނޭނގެ. އަނެއްކާ އެއީ ގިނަ ބަޔަކަށް އިންސްޕިރޭޝަނަކަށްވެސް ވާނެ. ކުރުކޮށް ކިޔައިދީފާނަންތޯ؟"

ނޫސްވެރިޔާ ކުރީ ތަފާތު ސުވާލެކެވެ. މިހިސާބަށް އާދެވުނު ގޮތް އަހަރެން މިހާތަނަށް އެއްވެސް ބަޔަކަށް މާބޮޑަށް ކިޔައިދީފައެއް ނޯންނާނެއެވެ. އަހަރެންނަށްވެސް ވިސްނެނީ ވިޔަފާރީގައި އަހަރެން މިހިސާބަށް އާދެވުނު ގޮތުގެ ދަތުރުނާމާ އެހެން މީހުނަށްވެސް އެނގިފައި އޮތުން ހަމަ އެއީ ރަނގަޅު ގޮތެއް ކަމަށެވެ. އެހެންވެ އަހަރެން ހަމަޖެހިލާފައި ކިޔައިދޭން ފެށީމެވެ.

އަހަރެންނަކީ އުތުރުގައި އޮންނަ އަތޮޅަކަށް ނިސްބަތްވާ މީހެކެވެ. އަހަރެމެންގެ އާއިލާއަކީ ތަނަވަސް ބައެއް ނޫނެވެ. އާއިލާގަ އެންމެ ދޮށްޓަށް ހުރި ފިރިހެން ކުއްޖަކީ އަހަރެންނެވެ. ދައްތަ މާލޭ މީހަކާ އިނދެގެން މާލޭގަ ދިރިއުޅޭތާ ކިތަންމެ ދުވަހެކެވެ. ދައްތަ ރަށުގަ ނެތުމާއި ދެންތިބީ އަހަރެންނަށްވުރެ ހަނގަށް ތިބި ކުދިން ކަމަށްވުމާއެކު އަހަރެންގެ ބޮލުގަވެސް ޒިންމާތަކެއް އެޅިފަ އޮންނަ ކަމުގެ އިހްސާސް އަބަދުވެސް ދިޔައީ ކުރުވަމުންނެވެ. ރަށުގައި އުޅެމުންދިޔައިރު ބަރޯ ހިފައިގެން ގޭގެއަށް ގޮސް ކުނިއުކާލަދެމެވެ. ރުކަށް އަރައި ކުރުނބާ އަޅައިދެމެވެ. އެމީހުން އެމަސައްކަތް ހަވާލު ކުރަނީކީއެއް ނޫނެވެ. އަހަރެން ގިނަފަހަރު އެމަސައްކަތް ހޯދަނީ ގަދަކަމުންނެވެ. ސައިބޯލަން ލާރިކޮޅެއް ބައެއް ފަހަރު ދިއްކޮށްލައެވެ. ގަރުދިޔަ ބޯތައްޓެއްވެސް ދީފާނެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އަހަރެން ދުވެފަ އައިސް ދެނީ ގޭގެ ދެންތިބި ކުދިންނަށެވެ. އަހަރެން ކާނީވެސް ބާކީ އެއްޗެއް ހުރިނަމައެވެ. ގިނަ ފަހަރަށް އަހަރެންގެ ޖަވާބަކަށްވާނީ "ބަނޑުހައެއް ނުވެެއޭ" އެވެ. ހަޤީޤަތުގަވެސް ހަގަށް ތިބި ކުދިން ކާތަން ފެނުނީމަ އަހަރެންގެ ބަނޑުފުރިގެން އަރައެވެ. ހިތްހަމަޖެހެއެވެ.

ދުވަސްކޮޅެއް ފަހުން އިތުރަށް ކިޔެވުމަަށް އަހަރެންނަށް ޖެހުނީ މާލެ އަންނާށެވެ. އޭރު ރަށުގައި އެންމެ މައްޗަށްވެސް ކިޔަވައިދެނީ ގްރޭޑް ހަތަކާ ހަމައަށެވެ. އަހަރެން މާލެއައިސް ހުރީ ދައްތަ ފިރިމީހާގެ ގޭގައެވެ. އަހަރެން ސްކޫލަކަށްވެސް ވެއްދިއެވެ. އެގޮތަށް ކިޔެވުން އެއީ އަހަރެން މާކުރާ ހިތްވާ ކަމަކަށް ނުވިއެވެ. އަހަރެންގެ އަބަދުވެސް އަމާޒެއް އޮވެއެވެ. ދާންވީ މިސްރާބެއް އޮވެއެވެ. އެހިސާބަށް ދާންވީ މަގުކޮށާނެ ގޮތްވެސް ކޮންމެވެސް ވަރަކަށް އިލްހާމްވެފަވާ ކަހަލައެވެ. އާންމުކޮށް މީހުން ވިސްނާ ގޮތާއި އަހަރެން ވިސްނާގޮތް ކިތަންމެ ކަމެއްގައި ކިތަންމެ ގޮތަކުންވެސް ތަފާތެވެ. އެހެންވެ އަހަރެން ބޭނުންވާ ގޮތެއް ގިނަފަހަރަކު މީހުންނާ ހިއްސާކޮށެއް ނޫޅެމެވެ.

" ދެން ކޯއްޗެއް ކިޔަވަން.. ކީއްކުރަން ޖިލްވާޒް ބޭނުންވަނީ؟" ދައްތަ ހިތްހަމަނުޖެހިފަ އަހާލިއެވެ.

"އާ ބަހެއް ދަސްކުރަން ބޭނުމީ. އިޓަލީ ބަސް. އިނގިރޭސި ބަހާ އެއްކޮށް ދަސްކުރާނީ" އަހަރެން ބޭނުންވާ ގޮތް ބުނީމެވެ. މިވާހަކަތައް ދެކެވެމުންދިޔައިރު ތިމާގެ ދައްތައެއް ކަމުގަވާ ހައްވައްތަ ގެޔަށް އައިސް އިނެވެ.

"ކިހިނެތް ޓީޗަރެއް ހޯދާނީވެސް ތި ބޭނުންވާ ކަހަލަ؟ އަގުވެސް ބޮޑުވާނެ. އެއްރުފިޔާއިން ދެރުފީޔާވެސް ހެދިގެންތާ އިތުރު ކަމެއްވެސް ވާނީ" ދައްތަ އަހަރެން ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭންވެސް ބޭނުންވެއެވެ. މައްސަލައަކީ ހާލަތެވެ.

"އެއްރުފިޔާއިން ދެރުފިޔާ ކީއްކުރަން އެއަށްވުރެ ގިނައިންވެސް އަހަރެން ހޯދާނަން އިންޝާﷲ" އަހަރެން ބޭނުންވީ ދައްތައަށް ހިތްވަރުވެސް ދޭށެވެ. އަދި އެގޮތަށް ލާރި ހޯދޭނެ ކިތަންމެ ބުއްދިއެއް އަހަރެންނަށް އާދޭވެސް މެއެވެ.

"ދެން ހޯދަންވީނުނ. ކާކުތަ ހުއްޓުވަނީ!" ދައްތަ ހިތްހަމަ ނުޖެހިފަ ހުރެ އަނެއްކާވެސް ބުނެލިއެވެ. ދައްތަ ހީކުރީ އަހަރެން އަނގަ މަޖަލަކަށް ވާހަކަ ދައްކަނީ ކަމަށެވެ.

"ދައްތާ! ދީ ފެންބާލިދީއަކާ އެއްރުފިޔާއާ" އަހަރެން ބުނެލީމެވެ. ދައްތައަށް އަހަރެން ކުރަން އުޅެނީ ކޮންކަމެއް ކަމެއްވެސް ނޭނގެއެވެ. ހީކުރަނީ އަހަރެން ސަކަރާތް ޖަހަނީ ކަމަށެވެ.

"ބަރާބަރު ދެގަޑިއިރު ދީ" އެހެން ބުނެފަ މެންދުރުގެ އެ ހޫނުގަދަ އަވީގަ އަހަރެން ފެންބާލިދީއާ އެއްރުފިޔާއާ  ހިފައިގެން ނުކުމެގެން ދިޔައީ ފެންބޯނެ ތައްޓެއްވެސް ހިފައިގެނެވެ.

ފިހާރައަކުން އަތުގަ އޮތް އެއްރުފިޔާ ދީފަ ގަތީ ގަނޑުފެނެވެ. އެގަނޑުފެންގަނޑު ހަމަ އެ"ވަގްތުން ވަގްތަށް" ވައްޓާލީ ބާލިދީގެ ތެރެއަށެވެ. ދެން މިސްރާބު ޖެހީ ބައިސްކޯފާ ދިމާއަށެވެ. ޓިކެޓް ގަންނަން އެތާނގައި ދިގު ކިޔޫއެއް ހަދާފަ އޮތެވެ. ކިޔޫގެ އަނެއް ފަރާތުގަ އަހަރެން މަޑުކޮށްގެން ހުރެ ފެންތައްޓެއް ރުފިޔާއަކަށޭ ކިޔާފަ ގޮވަމުން ދިޔައީމެވެ. ބައެެއް މީހުން ރުފިޔާއަކަށް އަގުބޮޑޭވެސް ބުނެލައެވެ. "މިވަގުތުގެ ގޮތުން އެވަރު އަގު ބޮޑެއް ނޫނެއްނުން" ހޭވެސް އަހަރެން ބުނެލަމެވެ. ބަރާބަރު ގަޑިއެއްހާއިރުތެރޭ އަހަރެންނަށް ފަންސާސް ރުފިޔާ ހަމަ ކުރެވުނެވެ. އެލާރި ހިފައިގެން އަހަރެން ގެޔަށް ގޮސް ކަންކުރި ގޮތް ކިޔައިދިން އިރު ދައްތައާއި ހައްވައްތަވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހިސާބުން އަހަރެންގެ ހުނަރުވެރިކަން ހައްވައްތަގެ ލޮލުގަ އަޅައިގަތެވެ. ހައްވައްތަމެންނަކީ ލޮލީ ވިއްކާ ބައެކެވެ. އެކަމުގައި އެހީތެރިވެދިނުމަށް އަހަރެން ގާތު އެދުނެވެ.

ދެން އައީ ލޮލީގެ މޫސުމެކެވެ. ލޮލީ ތައްޔާރު ކުރާނެ ގޮތް ބުނެދިނީވެސް އަހަރެންނެވެ. ލޮލީގަ ދެކުލަ ނުވަތަ ތިންކުލައެއް ބޭނުން ކުރުމަށް ބުނީމެވެ. ރަހަވެސް ތަފާތު ކުރީމެވެ. އެ ލޮލީތައް ވިއްކަން ދަނީވެސް އަހަރެންނެވެ. ލޮލީ ތައްޔާރު ކުރެވިފަ ހުންނަނީ އެސައިޒްގެ ކުޑަ ތައްޓެއްގައެވެ. ގަނެފަ ޖެހޭނީ އެތަށިން ލޮލީ ނައްޓާލާށެވެ. އެލޮލީ ވެގެންދިޔައީ އެވަގުތު މުޅި މާލޭގަވެސް އެންމެ ބޮޑު މަޝްހޫރު ކަމެެއް ހޯދި ލޮލީއަށެވެ. ލިބޭ ހުސްވަގުތުގައި އަހަރެން ދިޔައީ ޓީޗަރެއް، ގެޔަށް ގެނެސްގެން ކިޔަވަމުންނެވެ.

އޭގެ އެތައް ދުވަހެއް ފަހުން އާއިލާއަށް ޚަރަދު ކުރުމަށް، އިތުރަަށް ލާރި ހޯދުމަށް އަހަރެންނަށް ޖެހުނީ ރިޒޯޓަށް ދާށެވެ. ދިޔައީ ރޫމްބޯއީއެއްގެ ވަޒީފާއަށެވެ. އަހަރެންގެ މަސައްކަތް ރނގަޅުކަމުން ލިބޭ ޓިޕްސް ކިތަންމެހާވެސް ރަނގަޅެވެ. އިޓަލީ ފަތުރުވެރިންނާ މުޅިންވެސް އިޓަލީ ބަހުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމެވެ.

އިޓަލީގެ ވިޔަފާރިވެރިއެއް ކަމުގަވާ މަސީމޯއާ ދިމާވި ހިސާބަކީ އަހަރެންގެ ދިރިއުޅުން އާ އުސްމިންތަކަކަށް ގެންދިޔުމަށް މެދުވެރިވި ސަބަބެވެ. މަސީމޯ ބޭނުންވީ ދިވެއްސަކާ ޕާޓްނަރޝިޕް ހަދައިގެން ލޯންޗު ދަތުރުތަކެއް ރާއްޖޭގައި ފެށުމަށެވެ. އެކަމުގައި މަސީމޯއާ ބައިއަތު ހިފީ އަހަރެންނެވެ. ލޯންޗު ގަތީ މަސީމޯއެވެ. ދަތުރުތައް ހޯދާ މުޅި ލޯންޗް އޮޕަރޭޓް ކުރަނީ އަހަރެންނެވެ. ހީވެސް ނުކުރާވަރުގެ ކުރިއެރުން ލިބެމުން ދިޔައެވެ.

އޭގެ ތިން އަހަރެއްހާ ދުވަސް ފަހުން އަހަރެން ތިން ރިޒޯޓެއްގައި ގެސްޓްޝޮޕް ހުޅުވީމެވެ. އެވިޔަފާރީގެ ތެރެއަށް އަހަރެންގެ ހަގަށް ދެންތިބި ފިރިހެން ކުދިންގެ ތެރެއިން، ކިޔެވުން ނިންމަމުން ދިޔަ ފަހަރަކު ކުއްޖަކުވެސް ދިޔައީ ބައިވެރި ކުރުވަމުންނެވެ. ފަހުން ޝޮޕްތައް ހިންގުމުގަ އިސްކޮށް އުޅުނީ ހަގަށް ތިބި މިބުނާ ކުދިންނެވެ.

އޭގެ ފަހުން ތިން މީހަކާ ޕާރޓްނާޝިޕްވެގެން ވިޔަފާރި ކުންފުންޏެއް އުފެއްދީމެވެ. އެވިޔަފާރިވެސް ދެމިއޮތީ ދުވަސްކޮޅެއް ވަންދެނެވެ. ޖެހުނު މައްސަލަތަކުގައި ޖެހުނީ އެކުންފުނި ދޫކޮށްލާށެވެ. އަހަރެންނަށް ލިބުނު ހިއްސާގައި، ނެގި އިތުރު ލޯނަކާއެކު އަހަރެން ގަތީ ބޮޑު ޔޮޓެކެވެ. އަހަރެންނަށް ލޯނު އެހާ ފަސޭހައިން ލިބުމުގައިވެސް ހިނގާދިޔަ ކަމެއް އޮތެވެ.

އޭގެ ކުރިން ވިޔަފާރީގެ ކަމެއްގައި ފަންސާސް ހާހުގެ ލޯނެއް ނެގުމަށް ބޭންކަށް ދިއުމުން، ބޭންކަށް އެރި އޮޅުމެއްގަ އެއްލައްކަ ފަންސާސް ހާސް ރުފިޔާ ދޫކުރިއެވެ. އެއީ ކޮމްޕިއުޓަރައިޒް ޒަމާނެއް ނޫނެވެ. ގިނަ ކަންކަން ކުރެވެނީ އަމިއްލަ އަތުން އާދައިގެ ގޮތަށެވެ. ލިބުނު އަދަދާމެދު ޝައްކުވިޔަސް ފަހުން އެކަން ކަށަަވަަރުވީ ގެޔަށްގޮސް ގުނި ފަހުންނެވެ. ބާކީ އަދަދު އަނެއްދުވަހު ބޭންކަށް ގެނެސްދިނުމުން ބޭންކުގެ މެނޭޖަރު އަހަރެންނާ ބައްދަލު ކުރިއެވެ. އިޚްލާސްތެރިކަމުގެ އަގުވެސް ވަރަށް ބޮޑަށް ވަޒަން ކުރިއެވެ. ލޯނެއް ނެގުމަށް ބޭނުން ވެއްޖެނަމަ ލޯނު ދޫކުރާނެ ކަމުގެ ގެރެންޓީވެސް ދިނެވެ. ޔޮޓް ގަނެވުނީ އޭގެ ފަހުން ބޭންކުން ދޫކުރި ލޯނާއިވެސް އެކުގައެވެ.

ގިނަ ބަޔަކަށް އަހަރެން ބޮޑަށް އެނގެން ފެށި ހިސާބަކީވެސް އެޔެވެ. އޭގެ ދުވަސްކޮޅެއް ފަހުން ކާމިޔާބުވި ބިޑަކުން ކުޑަރަށެއް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ލިބުނެވެ. އެރަށް އެހާ ފަސޭހައިން އަހަރެންނަށް ލިބުނީ އެރަށަކީ ރީތި ބީޗެއްވެސް ނެތް ރަށަކަށްވާތީ ގިނަބަޔަކު އެބިޑަށް ކުރިމަތި ނުލުމެވެ. އަހަރެން ވަރަށް މަސައްކަތް ކޮށްގެން ބީޗެއް އެރަށުގައި ތަރައްޤީ ކުރީމެވެ. ވަރަށް ބޮޑަށް މާކެޓް ކުރީމެވެ. ނަތީޖާއަކީ ފަތުއަޑު ކިޔާފަ އަހަރެންގެ ކާމިޔާބީގެ ދުވެލި އިތުރަށް ހަލުވިވެގެން ދިއުމެވެ. އިތުރު ޔޮޓެއްވެސް ބަނީމެވެ. އެތައް ލޯންޗު ފަހަރެެއް ގަތީމެވެ. އިތުރު ކުންފުނިތައްވެސް އުފެދި ވިޔަފާރީގެ މޫތައް އެކި ދިމަދިމާއަށް ކުރިފަޅައިގެން ގޮސް މޫ ލާ، ހެދިގެން ދިޔައެވެ.

އަހަރެންގެ ވާހަކަ އެހިސާބަށް ކިޔައިދިންއިރު، ނޫސްވެރިޔާ އިނީ ހަމަ ހަޤީގަތުގަވެސް ވަރަށް ޝައުޤުވެރިވެފަކަން އެނގެނީ ހިފަހައްޓައިގެން އިން ކޮފީޖޯޑުގަ ފުރާ ކޮފީ ހުރުމުންނެވެ. ވާހަކައިގަ އިނދެ އަހަރެން ދެވަނަ ކޮފީ ގެނެސްގެން އެވެސް ހުސްވަނީއެވެ.

"ކޮފީ" އަހަރެން ނިތްކުރިން އިޝާރާތް ކޮށްލަމުން ބުނެލީމެވެ.

"ވަރަށް އުފާވެއްޖެ ތިހާ ތަފާތު ވިސްނުމުގެ ބޭފުޅަކާ އިންޓަރވިއު ކޮށްލެވުނީމަ. ތިއީ އަޅުގަނޑަށްވެސް ވަރަށް އިންސްޕަޔަރިންގ ވާހަކައެއް އިނގޭތޯ. ކާމިޔާބަކީ ގަދައަޅައި މަސައްކަތް ކޮށްފިއްޔާ ހާސީލްވާނެ އެއްޗެއް އެެހެންނުންތޯ" އެ ނޫސްވެރިޔާ ކޮފީ ބޮމުން ބުނެލިއެވެ.

"އަސްލު އޭރު ލޮލީ ވިއްކަން ފެށުން އެއީ ވިޔަފާރީގެ އިތުރު އެތައް ޚިޔާލުތަކެއް އައުމަށް ނޫނީ ލިބުމަށް މަގުފަހި ކުރުވި މައިގަނޑު އެއްސަބަބު. ވިޔަފާރީގެ މުޢާމަލާތް ހިނގާގޮތް ވަރަށް ބޮޑަށް ދަސްކޮންދިން ކަމެެއް އެއީ. އެހެންވެ މިއަދުވެސް ހައްވައްތަމެނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން." އަހަރެންގެ ހިތް އަބަދުވެސް ހައްވައްތައަށް ޝުކުރުވެރިވެއެވެ. ހައްވައްތަ އެދުވަހު އަހަރެންގެ އަތަށް ވިއްކުމަށް ދިއްކޮށްލި ލޮލީއަކީ މިއަދު އަހަރެން މިދެކޭ ކާމިޔާބީގެ ފުރަތަމަ ފޮނިރަހަ ލައްވާލަދިން މައިގަނޑު ސަބަބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3512
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ވަރަށް އިންސްޕަޔަރިން ވާހަކައެއް. ދެރަ އެއްވެސް މަސައްކަތެއް ނޯންނާނެކަން މީގެން އެނގިގެންދޭ. ވަގްތުން ވަގްތަށް މިވާހަކަ އެންމެން ކިޔުމަށް ގޮވާލަން. ވާހަކަ ގެންގޮއްސަ އިންގޮތް ވަރަށްވެސް ފުރިހަމަ. ވަރަށް ކިޔާހިތން މިކިޔާލީ.

  2. ކާމިޔާބު ހާސިލްކުރާ މީހުން އެހިސާބަށް އައިސްފަ އެތިބެނީ ލައްކަ ގިނަ ގުރުބާނީތަކާ މަސައްކަތްތަކެއް ކޮށްގެން. މިއަދުގެ ގިނަ ޒުވާނުންނަކީ ކަންނެތް ބައެއް. ބޭނުންވަނީ ޝޯޓްކަޓްސް. ކާމިޔާބު ހާސިލް ކުރަން ބޭނުންނަމަ ފޯކަސްއެއް އޮވެފަ އެޔާ އެއްގޮތަށް ގަދައަޅާ އަމަލުކޮށްފިނަމަ ކާމިޔާބު ލިބޭނެކަން ހާމަކޮށްދޭ ހާދިސާއެއްމީ. ހަމަ ހަގީގަތުގަވެސް ވަރަށް އިންސްޕަޔަރިން. މިކަހަލަ ތަފާތު ވާހަކަތައް ކިޔާހިތްވާ ގޮތަށް ގެނެސްދޭތީ މިނޫހަށާ ލިޔުންތެރިޔާއަށް ޝުކުރާ އައްސަރިބަސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *