Support Us

ކުރު ވާހަކަ: ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުރެއެވެ.

ފަތުރުވެރިންގެ ބަޔަކު ކިނބޫ ދަނޑެއްގެ ފެންގަނޑަށް ޒިޔާރަތްކުރިއެވެ. އެ ވަގުތު އެ ކިނބޫ ދަނޑުގެ ވެރިޔާ ހުށަހެޅުމެއް ހުށަހެޅިއެވެ.

"ތިޔަ ބޭކަލުންގެ ތެރެއިން މި ކިނބޫ ފެންގަނޑުގެ ތެރެއަށް ފުންމާލައި، ފަތައިފައި، ފެންގަނޑުގެ އަނެއް ފަރާތަށް ދާ މީހަކަށް އެއް މިލިޔަން ޑޮލަރުގެ އިނާމެއް ދޭނަމެވެ."

ދެން، ފަތުރުވެރިންގެ ޖަމާއަތުގެ މީހުން އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. ނަމަވެސް، އެކެއްގެ މޫނުމަތިން ވެސް ކިނބޫތައް ފެންމަތިވެފައިވާ ކިނބޫ ފެންގަނޑަށް ފުންމާލުމަށް ކެރުމުގެ ކުލައެއް ފާޅުވާ ތަނެއް ނުފެނުނެވެ.

ދެން، އެކަކު އަނެކަކުގެ މޫނަށް ބަލަން ތިއްބައި، ޕަޗަސް ކިޔާލި އަޑު އިވުނެވެ. އެ ދިމާއަށް މީސްތަކުންގެ ނަޒަރު ހުއްޓުނު އިރު، ފެނުނީ މީހަކު ކިނބޫ ފެންގަނޑަށް ފުންމާލައި ފަތަން ފެށި ތަނެވެ.

އެއްކޮޅުން ބާރުބާރަށް އެ މީހާ ފަތަމުން ދިޔައެވެ. އަނެއްކޮޅުން، އެކި ދިމަދިމާއިން، ކިނބޫތައް އޭނާ ފަހަތުން ދެއެވެ. ނަސީބު ދިމާކުރި ގޮތުން، ސަލާމަތުން ފެންގަނޑުގެ އަނެއް ފަރާތަށް ސަލާމަތުން އެމީހާއަށް ދެވުނެވެ.

ދެން، ފަތުރުވެރިންގެ ޖަމާއަތަށް އިނާމު ދިނުން ބޭއްވި ހަފްލާގައި، ކިނބޫ ފެންގަނޑަށް ފުންމާލި ކެރޭ ފަހުލަވާނަށް އެއް މިލިޔަން ޑޮލަރުގެ އިނާމު ހަވާލުކުރަމުން، ކިނބޫ ފެންގަނޑުގެ ވެރިޔާ، އަޅުގަނޑުމެންގެ ބަތަލާ މުޚާތަބުކޮށް ބުންޏެވެ: "އިނބައަކީ ވަރަށް ވެސް ހިއްވަރުގަދަ، ކެރޭ ބޭކަލެކެވެ! މަރުހަބާއެވެ!"

ދެން، ރައްދުގައި އެއް މިލިޔަން ޑޮލަރު ލިބުނު މީހާ ބުންޏެވެ. "އަހަރެން ފުންމައެއްނުލަމެވެ. ކޮންމެވެސް މީހަކު ކިނބޫ ފެންގަނޑަށް އަހަރެން ކޮއްޕާލައި ވައްޓާލީއެވެ!"

އެ ވަގުތު އަޅުގަނޑުމެންގެ ބަތަލުގެ ކައިރީގައި ހުރި އޭނަގެ އަނބިމީހާ ހީނލިއެވެ!

ދެން، މީހަކު ބުނި އަޑު އިވުނެވެ: "ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި، އޭނަ ކޮއްޕާލައި ކުރިއަށް ދިޔުމަށް ބާރުއަޅާނޭ އަންހެނަކު ހުންނާނެއެވެ!"