ލިންޑާ ރޮއިލްއަށް އެއާ ކެނެޑާ ފިޔަވާ ވައިގެ މަގުން ދަތުރުކުރާނެ މާ ގިނަ މަގުތަކެއް ނެތެވެ. އެހެންވީމާ ފްލައިޓް މަތީގައި ގެއްލުނު އޭނާގެ ސޫޓު ކޭސްގެ މައްސަލައިގައި ކެނެޑާގެ ގައުމީ އެއާލައިން، އެއާ ކެނެޑާއިން ކަންތައް ކުރި ގޮތުން، މީގެ ތިން މަސް ކުރިން ފެށިގެން އަދިވެސް ހުރީ ހިންދިރުވައިލުން ނޫން ގޮތެއް ނެތިފައެވެ.
އެއާ ކެނެޑާއަކީ އުތުރު އެމެރިކާގެ މި ގައުމުގެ އަދިވެސް ގައުމީ އެއާލައިން ކަމަށް ބެލެވޭ ކެރިއަރެވެ. ކެނެޑާ ސަރުކާރުން 1936 ގައި ޓްރާންސް-ކެނެޑާ އެއާ ލައިންސް (ޓީ.ސީ.އޭ)އިން އުފައްދާ، 1989 ގައި ޕްރައިވެޓައިސް ކުރި ނަމަވެސް، އަދިވެސް އެއާ ކެނެޑާ ބެލެވެނީ އެ ގައުމުގެ ގައުމީ އެއާލައިންގެ ގޮތުގައެވެ.
"އެއާ ކެނެޑާއިން ފުރަތަމައިނުން އަހަރެންނަށް ބަދަލު ދޭން ދެކޮޅު ހެދި. ސަބަބަކީ އޭގެން ގެއްލުނު ތަކެތީގެ މިލްކުވެރިކަން އަހަރެންނަށް ސާބިތު ނުކޮށްދެވުމުން،" ސީ.ބީ.ސީއަށް ލިންޑާ ބުންޏެވެ.
އޭނާގެ ސޫޓު ކޭސް އެއާ ކެނެޑާއިން އަނބުރާ ހޯދައިދިން އިރު އޭނާގެ އެތައް މުދަލެއް އެއަކު ނެތެވެ. އަނެއްކޮޅުން އެހެން މީހެއްގެ އެއްޗެހިތަކެއް އޭގައި އޮތުމުން އެއާލައިންގެ ޒިންމާދާރުކަމާމެދު އޭނާ ސުވާލު އުފެއްދިއެވެ.

"އަހަރެންނަށް އަނބުރާ އަހަރެންގެ ސޫޓު ކޭސް ލިބުނު އިރު އޭގައި ވަޅިއަކާއި ފާހާނާ ކުރަން ބޭނުން ކުރާ ސާމާނު އަޅައިފައިވާ ދެ ދަބަސް އަދި ޓިކެޓް ސްކޭނަރެއް އޮތް. އެއީ އަހަރެންގެ މުދަލެއް ނޫން،" ލިންޑާ ބުންޏެވެ.
އޭނާ ބުނީ އޭނާގެ ސޫޓުކޭސް "ގެއްލުނީ" މި ދިޔަ މާރިޗު މަހު ކެނެޑާގެ އެންމެ ބޮޑު ސިޓީ، ޓޮރޮންޓޯގެ ޓޮރޮންޓޯ ޕިއާސަން އިންޓަނޭޝަނަލް އެއާޕޯޓްގައި "ސްޓޮޕްއޯވާ"އެއްގައި ކަމަށެވެ. މާނައަކީ އެއާޕޯޓުން ބޭރަށް ދިއުމަށް 24 ގަޑިއިރަށްވުރެ އިތުރަށް ވަގުތު ލިބޭ، ވަގުތީ މަންޒިލުގައި މަޑުކޮށްލަން ލިބޭ ދަނޑިވަޅެއްގައެވެ.
ލިންޑާ ބުނީ ސޫޓުކޭސް އެންމެ ފުރަތަމައިނުން އަނބުރާ ލިބުމުން ތަސައްލީއެއް ލިބުނު ކަމަށާއި ނަމަވެސް އިސާހިތަކު އެ ކަން މާޔޫސްވުމަކަށް ބަދަލުވިކަމަށެވެ.
"އެއީ ސިހުން ލިބުނު ކަމެއް. އަހަރެންނަށް ހުރެވުނީ ގަބޫލު ނުކުރެވިފައި،" ލިންޑާ ބުންޏެވެ.

ނިއުފައުންޑްލެންޑްގެ ވަޒަންވެރި ލިންޑާއަށް ބަދަލު ނުދޭން އެއާ ކެނެޑާއިން ނިންމިއެވެ. ނަމަވެސް މި ދިޔަ ބުރާސްފަތި ދުވަހު އެ އެއާލައިނުން ބުނީ ލިންޑާ ހުށަހެޅި މައްސަލަ އަލުން ބެލި ކަމަށެވެ. އަދި އޭނާގެ ކޭސް މުޅިން ހައްލު ކުރުމަށް އޭނާއާ ގުޅާނެ ކަމަށެވެ.
ލިންޑާގެ ސޫޓުކޭހުން ގެއްލުނު ތަކެތީގެ އަގު އެތައް ސަތޭކަ ޑޮލަރަކަށް އަރާ ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ބޫޓާއި ފޮތާއި ބޭހާއި އަދި އަންނައުނު ހިމެނެއެވެ. އޭގެ ބަދަލުގައި ވަނީ ކޮންމެވެސް މީހަކު އެ މީހެއްގެ ތުނބުޅި ބާލާ ސާމާނާއި ނިޔަފަތި ކަނޑާ ދައްޗާއި ކުޑަ ކަތުރަކާއި ފުނަލަކާއި ހަށިގަނޑު ދޮންނަ ތަކެއްޗާއި ދަތް ސާފު ކުރާ ފްލޮސް އަދި ދަތްއުނގުޅާ ބޭސް އެ ސޫޓުކޭހަށް ލައިފައެވެ.
ލިންޑާ އެ ފްލައިޓަށް އެރުވި ކެރީ-އޮން ލަގެޖްގައި ވެސް އޭނާގެ މުދާ ނޫން ސާމާނު އޮތެވެ. އޭގެ ތެރޭގައި ވަޅިއަކާއި 2020 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތާރީހު ޖަހައިފައި އޮތް ފިރިހެނެއްގެ ބޯޑިން ޕާސް އޮތެވެ. މީގެ އިތުރުން، ބޯޑިން ޕާސް ފާސް ކުރަން އެއާޕޯޓުތަކުގައި ބޭނުންކުރާ ވައްތަރުގެ ސްކޭން ކުރާ އާލާތެއް އޮތެވެ.
"އަހަރެންނަށް އިހުސާސް ކުރެވުނީ އަހަރެންގެ ކަރާމާތް ނަގައިލައިފިކަން. ކޮންމެވެސް ބަޔަކު އޭނާ އެ ބޭނުންވާ އެއްޗެއް ހޯދުމަށް އަހަރެންގެ ހުރިހާ ޒާތީ ސާމާނެއް ހާވައިފައިވަނީ،" ލިންޑާ ބުންޏެވެ.
އޭނާ ބުނީ އޭނާއަށް ބޭނުމެއް ނުހިފޭ ފަދަ ސާމާނުތަކެއް އޭނާގެ ލަގެޖުން ފެނުން ވެގެން ދިޔައީ "ވަރަށް ވެސް ގަބޫލު ކުރަން ދަތި ކަމެއް" ކަމަށެވެ.
ލިންޑާ ބުނީ މި ދިޔަ މާރިޗު މަހު ޓޮރޮންޓޯއިން ނިއުފައުންޑްލޭންޑަށް ދިޔަ ފްލައިޓަށް އޭނާ ލި ސޫޓުކެސް ބަލައި ޗެކުކުރުމަށް އެއާ ކެނެޑާގެ މަންދޫބެއް އޭނާގެ ގާތުގައި އެދުނު ކަމަށެވެ. ނަމަވެސް ސެއިންޓް ޖޯންސް ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ޖެއްސި އިރު ދެ ސޫޓުކޭސް ވެސް ވަނީ ގެއްލިފައި ކަމަށެވެ.
އެޕަލް ކުންފުނީގެ ޓްރެކާ ޓެގުން ދެއްކީ އޭނާގެ ބޮޑު ސޫޓުކޭސް އެއިރު ވެސް އޮތީ ޓޮރޮންޓޯގައި ކަމަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ސޫޓުކޭސް އޭނާއާ އަނބުރާ ހަވާލުކުރި ނަމަވެސް ފްލައިޓަށް އެރުވި ލަޖެޖަށް ވީ ގޮތެއް ނޭނގެއެވެ.
ދެން އޭނާއަށް ލިބުނީ، ސެއިންޓް ޖޯންސްގެ ޓޮޕްސެއިލް މަގުގައި ހުންނަ ލޯޓަން ފާމަސީން ކޯލެކެވެ. އެ ތަނުން ގުޅި މީހާ ބުނީ ޕިއާސަން އެއާޕޯޓްގެ ގެއްލޭ ތަކެތި ހޯދާ ބަޔަށް ލިންޑާގެ ސޫޓުކޭސް ހޯދިއްޖެ ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ ބޭސްތައް ވެސް ހިމެނޭ ކަމަށެވެ. އެ ބޭސްތައް ލިންޑާއާ ހަވާލު ކުރުމަށް ފާމަސީއަށް ގެނައި ކަމަށެވެ.
ފްލައިޓަށް އެރުވި ސޫޓުކޭސް އެއާ ކެނެޑާ ލައްވައި ހޯދުމަށް ލިންޑާއަށް ދެން މަގުފަހިވިއެވެ.
ލިންޑާއަށް ޝައްކު ކުރެވެނީ ޓޮރޮންޓޯއިން އެއާ ކެނެޑާގެ މުވައްޒަފަކަށޤ އޭނާގެ އެ ސޫޓުކެސް ރަނގަޅަށް ސްކޭން ނުކުރެވުނީ ކަމަށެވެ. އެއީ އެ ސްޓޮޕްއޯވާގައެވެ. އެހެންކަމުން ސެއިންޓް ޖޯންސަށް ދިޔަ ފްލައިޓަށް އެ ލަގެޖު ނާރުވައެވެ. އަދި އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށަށް ނުގޮސް އެ ލަގެޖް އެތައް ދުވަހެއް ވަންދެން ހުރީއެވެ. ލިންޑާގެ ޒާތީ ސާމާނުތައް ހޭވުމަށް އެއްވެސް މީހަކަށް ފުރުސަތު ލިބުނީ އެހެންވެ ކަމަށް އޭނާ ޝައްކު ކުރެއެވެ.
ގެއްލުނު މުދާތަކުގެ ބަދަލު ހޯދުމަށް އެއާ ކެނެޑާގެ މަންދޫބަކު ލިންޑާ ގާތުގައި ބުންޏެވެ. ނަމަވެސް އޭނާއަށް ބަދަލު ދިނުމަށް އޭގެ ތިން މަސް ފަހުން އެއާލައިނުން ދެކޮޅުހެދިއެވެ.
ސީ.ބީ.އެސްއަށް ފެނިފައިވާ އީމޭލެއްގައި އެއާ ކެނެޑާއިން ލިންޑާ ގާތުގައި ބުނެފައިވަނީ ބެގެޖް ކްލެއިމް މަންދޫބު ޑޭނާ އެސްޓަބާން މި ދިޔަ މަހު ފަހެއްގައި ލިންޑާ ގާތުގައި ބުނެފައިވަނީ ގެއްލުނު ކަމަށް ލިންޑާ ބުނާ ސާމާނުގެ ރަސީދުތަކެއް ނެތް ކަމަށެވެ. އެހެންވެ ގެއްލުނީ ލިންޑާގެ ސާމާނުތަކެއްކަން ކަށަވަރު ނުކުރެވުނު ކަމަށް ލިންޑާ ގާތުގައި ޑޭނާ ބުނި ކަމަށެވެ.
"ތިބާ ބަދަލު ހޯދުމަށް އެދިފައިވާ އެދުމުގައި ޝަރުތުތައް ހަމަ ނުވާ ކަމަށް ވާތީ، ތިބާ ބަދަލު ހޯދުމަށް އެދިފައިވާ އެދުމާ، އިހްތިރާމާއެކު، އަހަރެންނަށް ދެކޮޅު ހަދަން ޖެހެއެވެ،" ލިންޑާއަށް ފޮނުވި އެ އީމާލުގައި ޑޭނާ ލިޔެފައިވެއެވެ.
އިންޝުއަރެންސްގެ ހިދުމަތް ހޯދި ފަރާތަށް މި ކަން ރިޕޯޓް ކުރުމަށް ވެސް ޑޭނާ ލިންޑާއަށް ނަސޭހަތްތެރިވިއެވެ.
"ތިބާއަށް ތަޖުރިބާ ކުރެވުނު އުނދަގުލާމެދު އަހަރެމެން އިހްލާސްތެރިކަމާއެކު ދެރަވަމެވެ. ނަމަވެސް މި ފަދަ ކަންތައްތަކުގައި އެއާ ކެނެޑާގެ ހައިސިއްޔަތު ތިބާއަށް ފަހުމް ވާނެ ކަމަށް އަހަރެމެން ޔަގީން ކުރަމެވެ،" އީމޭލް ނިންމައިލަމުން ޑޭނާ ބުނެފައިވެއެވެ.
ލިންޑާ އެންމެ ފުރަތަމައިނުން ބަދަލު ހޯދުމަށް ހުށަހެޅި ހުށަހެޅުމާމެދު އޭނާއަށް މާޔޫސްކަން ލިބުނުކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ސަބަބަކީ އެތައް އަހަރެއް ކުރިން ގަތް ބޫޓުތަކެއްގެ މިލްކްވެރިކަން ސާބިތު ކުރުމަށް ބޭނުންވާނެ ކަމަށް އޭނާއަށް ދުވަހެއްގައި ވެސް ހީކުރެވިފައި ނެތުމުންނެވެ.
"އަހަރެންގެ ފޮށިތައް އެ މީހުންނަށް އަމާނާތްކުރީ. ނަމަވެސް 2023 އާއި 2024 ގައި އަހަރެން ގަތް ފައިވާންތަކެއްގެ ރަސީދުތައް ނެތުމުން އެ މީހުން (ބުނީ) 'ދަތި' ކަމަށާއި ސަބަބަކީ އެ ތަކެތި އެއީ ތިބާގެ ތަކެތިކަން ތިބާއަށް ސާބިތުކޮށްދެވެން ނެތީމާ،" ލިންޑާ ބުންޏެވެ.
ގެއްލުނު ކްރޮކް ބްރޭންޑްގެ ފިޔާތޮށި ކުލައިގެ ފައިވާން ޖޯޑެއް އެއީ އޭނާއަށް "ޖަޒުބާތީ އަގެއް"ވާ އެއްޗެއް ކަމަށް ލިންޑާ ބުންޏެވެ. އެއީ އޭނާއަށް ބޮޑުދައިތަ ކިޔާ އަންހެންކުއްޖަކު ދިން ހަދިޔާއަކަށް ވާތީއެވެ. އެ ހަދިޔާ ލިބުނީ އޭނާގެ ފަހަރި އުރަމަތީ ކެންސަރަށް ފަރުވާ ލިބިގަންނަމުން އަންނަނިކޮށެވެ.
"އަހަރެންގެ މުދަލުގެ އަގަށް ވާ ފައިސާ އަހަރެން ބޭނުން،" ލިންޑާ ބުންޏެވެ.
ލިންޑާ އަންދާޒާ ކުރާ ގޮތުގައި އޭގެ މާލީ އަގު އުޅޭނީ ގާތްގަނޑަކަށް 950 ޑޮލަރު (14،649ރ.) ވަރުގައެވެ. އޭނާއަށް ލިބުނު ހަމައެކަނި ބަދަލަކީ އެއާ ކެނެޑާއިން އޭނާ ދެން ކުރާ ދަތުރެއްގައި 15 ސެންޓް (2.31ރ.)ގެ ޕްރޮމޯޝަނަލް ކޯޑު ކަނޑައިލުމެކެވެ. އެ ގޮތަށް ހަމަޖެހުނީ ސެއިންޓް ޖޯންސްގައި އޭނާ ހުއްޓައި އެ ތަނަށް އޭނާގެ ދެ ސޫޓުކޭސް ނައުމުން ބެގެޖާ ބެހޭ އެޖެންޓެއްގެ ފަރާތުން ކަމަށް ލިންޑާ ބުންޏެވެ.
ކުރިމަގަށް ބަލާއިރު ލިންޑާ ބުނީ މާކަ ގިނަ އެއާލައިންތަކެއް ނެތުމުން އަނެއްކާވެސް ޖެހޭނީ އެއާ ކެނެޑާގައި ދަތުރުކުރުން ކަމަށެވެ.
ލިންޑާގެ މައްސަލައިގައި ސީ.ބީ.އެސްއިން އެއާ ކެނެޑާގެ ފަރާތުން އިންޓަވިޔުއަކަށް އެދުނެވެ. ނަން ހާމަކޮށްފައި ނުވާ މުވައްޒަފަކު ޖަވާބު ދިނީ އެ އިންޓަވިޔުއާ ގުޅެ އިތުރު ތަފުސީލުތައް ދިނުމަށެވެ.
ސީ.ބީ.އެސްއިން އެ އިންޓަވިޔުއަށް އެދުނުތާ ދެ ދުވަސް ފަހުން އެއާ ކެނެޑާގެ މަންދޫބަކު ލިންޑާއަށް ގުޅައިފައި ބުނީ ލިންޑާގެ މައްސަލަ އިތުރަށް ބަލައިފައިވާ ކަމަށެވެ.
މި ދިޔަ މަހުގެ 31 ގައި އެއާލައިނުން ސީ.ބީ.އެސްއަށް ފޮނުވި ބަޔާނެއްގައި އެއާ ކެނެޑާއިން ބުނީ ކަސްޓަމަރުން ބަދަލު ދޭން ހުށަހަޅަން ޖެހޭނީ 350 ޑޮލަރު (5،397ރ.)އަށްވުރެ މަތިން އަގު އަރާ މުދަލުގެ ރަސީދުތަކާއެކު ކަމަށެވެ.
"މި މައްސަލަ އަހަރެމެންގެ ބެޖެގް ހޯދާ ޓީމުން އަލުން ބަލައިފި. އަދި އެ ޓީމަށް ހޯދުނީ އަނބުރާ ހޯދުމަށް އެދުނު ވަކިވަކި ސާމާނުތަކުގެ އަގު މިއަށްވުރެ ދަށްކަން،" ބަޔާނުގައި ބުނެފައިވެއެވެ.
ތަރުޖަމާނު ދެން ސީ.ބީ.އެސްއަށް އީމޭލުން ބުނީ ލިންޑާގެ މައްސަލަ ސެކިއުރިޓީ ޓީމުން އަލުން ބަލަމުން އަންނަ ކަމަށެވެ.
