ހަގީގަތުގައި އަހަރެމެން އެންމެނަށް ވެސް ރޭގަނޑު ހޭލެވެއެވެ. އުކުޅަކީ އަލުން އެނބުރި ނިދުމަށް ރުޖޫއަވެވޭނީ ކިހިނަކުންތޯއެވެ؟
އިލްމްވެރިން ބުނަނީ މެންދަމުން އަލިވެ 3.00 އާއި 4.00 ދޭތެރޭ ހޭލުވުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށާއި އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ރޭގަނޑު އެތައް ފަހަރަކު ހޭލެވޭ ކަމަށެވެ. އެ ކަން ފާހަގަ ނުކުރެވެނީ، ފިކުރުތަކެއް ކުރަން ނުޖެހޭ ނަމަ، އަލުން ވަގުތުން ނިދޭތީ ކަމަށެވެ.
އެ ގޮތުން، ކޮންމެ ރެއަކު ސްލީޕް ސައިކަލްތަކެއް ނުވަތަ ނިދީގެ ބުރުތަކެއްގައި އަހަރެމެން އެނބުރޭ ކަމަށެވެ.
މިއިން ކޮންމެ ބުރެއް ފެށެނީ ލައިޓް ސްލީޕް ނުވަތަ ތިލަ ނިންޖަކުންނެވެ. ދެން ސްލޯ-ވޭވް މަރުހަލާއަށް ދިއުމުން ޑީޕް ސްލަމްބާ ނުވަތަ ފުން ނިންޖަކަށް ދެއެވެ. އެއާ ވިދިގެން ދަނީ ތަންކޮޅެއް ހަލަބޮލި، ރެޕިޑް އައި މޫވްމަންޓް (އާރް.އީ.އެމް) ނިދީގެ މަރުހަލާއަކަށެވެ. މި ހިސާބަށް ދިއުމުން ހޭލެވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި ދެން އަލުން ނިދެއެވެ.
މިއިން ބުރެއްގެ މުއްދަތަކީ ގާތްގަނޑަކަށް ހަތަރު ގަޑިއިރެވެ. މާނައަކީ ރޭގަނޑު 11 ޖަހާކަންހާއިރު ނިދަން އޮށޯވެއްޖެ ނަމަ ގާތްގަނޑަކަށް މެންދަމުން އަލިވެ 3.00 ޖަހާކަންހާއިރު ހޭލެވޭނެ ކަމަށް އުއްމީދުކުރާށެވެ.
ގިނަ ފަހަރަށް މި ގޮތަށް ނިދި މެދުކެނޑުން މާ ގިނަ އިރަކަށް ދެމިގެން ނުދާނެއެވެ. ނަމަވެސް ނެގަޓިވް ތޯޓް ނުވަތަ ނުބައި ވިސްނުމެއް ސިކުނޑިއަށް ވަދެ އޭގައި ތާށިވެއްޖެ ނަމަ އެ ވިސްނުންތަކުން ނުނިކުމެވި، ނިދި ފިލައި، އަލުން ނުނިދޭނެއެވެ.
މީގެ މާނައަކީ ސްޓްރެސްއަކީ ނިދިން ހޭލައްވާ އަސްލު ސަބަބަކަށް ކޮންމެހެން ވާކަށް ނުޖެހޭ ކަމަށް ވިޔަސް އަހަރެމެންގެ ސިކުނޑިއަށް އުނދަގޫ ކުރާ ކަހަލަ ވިސްނުމެއް އައިސް ފިކުރު ކުރުމުގެ ބޮޅެއްގައި ތާށިވެއްޖެ ނަމަ އެ ހިސާބުން ދެން ނިންޖެއް ނާންނާނެކަމެވެ.
މި ކަންތައް އިތުރަށް ގޯސް ވަނީ ރޭގަނޑުގެ ވަގުތުގައި ވިސްނާ ވިސްނުންތައް އެހާ ހަމަ ނުޖެހޭތީއެވެ. މާކަ ބުއްދިވެރި ހިޔާލުތަކެއް ދަންވަރަކު ނާންނާނެއެވެ. މިހެންވެ މެންދަމުން އަލިވެ 3.00 ޖަހާކަންހާއިރު އަހަރެމެން ކިތައްމެ ކުޑަ މައްސަލައަކާމެދު ވިސްނިޔަސް އެ ކަންތައް އެތައް ގުނަ ބޮޑު މައްސަލައެއް ގޮތަށް ސިކުނޑިއަށް ހީވާނެއެވެ.
ސައިކޮލޮޖީ އާއި ކޮގްނިޓިވް ތެރަޕީގެ ދާއިރާގެ ނަފުސާނީ އިލްމްވެރިއެއް ކަމަށްވާ ގްރެގް މަރީ ބުނަނީ މިހެން ވަނީ ދަންވަރުގެ އެ ވަގުތު އެއްވެސް ކަހަލަ މައްސަލައެއް ހަގީގީ މާނައިގައި ހައްލު ނުކުރެވޭނެކަން އަހަރެމެންނަށް އެނގޭތީ ކަމަށެވެ.
"ދުވާލު ވަރަށް ހަރަކާތްތެރިކަމާއެކު ބައެއް ކަހަލަ މައްސަލަތައް ހައްލުކުރުމުގައި މަސްއޫލުވެވިގެން އުޅެވިދާނެ. ނަމަވެސް ރޭގަނޑު ހަމައެކަނި ކުރެވޭނެހާ ވެސް ކަމަކީ އެ ކަމާ ވިސްނުން. އެހެންވީމާ އަހަރެމެންގެ ސިކުނޑިއަށް ރޭގަނޑު ކުރެވެން އޮންނާނެ ހަމައެކަނި ކަމަކީ ފިކުރު ކުރުން،" އޭނާ ބުންޏެވެ.
ހައްލެއްގެ ގޮތުގައި ގްރެގް އިރުޝާދު ދެނީ މެޑިޓޭޝަންގެ ބާވަތެއް ކަމަށްވާ މައިންޑްފުލްނެސް ޕްރެކްޓިސް ކުރުމެވެ. މި މެޑިޓޭޝަންގައި ހަދާ ގޮތަކީ ނޭވާލުމާއި މީހާގެ ހިއްސުތަކަށް ސިކުނޑި ފޯކަސް ކުރަނީއެވެ. ދެން އިސާހިތަކު ސިކުނޑި ހަމަހިމޭންވެއެވެ. އަދި މިހެންވެ ފިކުރުތަކެއްގެ ދުނިޔެއަށް ވެއްޓުމުން ސަލާމަތްކޮށްދެއެވެ.
"މީގެ އިތުރުން އެހެން ހުރިހާ އުކުޅެއް ވެސް ފޭލިވެއްޖެ ނަމަ ދެން ހަދާނެ ގޮތަކީ ފޮތެއް ކިޔުން. އެއިރުން އެނބުރޭ ވަހުތާނެއްހެން ސިކުނޑި އެކި ދިމަދިމާއަކަށް ނޭނބުރޭނެ،" ގްރެގް ބުންޏެވެ.
