އެއީ މީގެ ނުވަ އަހަރު ކުރިއެވެ. ވަރަށް ޒަމާންތަކަކަށް ފަހު އަޅުގަނޑު އުޅުނީ އަލުން ކިޔަވަން ފަށައިގަނެގެންނެވެ. އަޅުގަނޑު ކިޔަވަމުން ގެންދިޔައީ ނަފުސާނީ އިލުމެވެ. ނަފުސާނީ އިލުމު ކިޔެވުމުގެ ތެރެއިން އަޅުގަނޑަށް އެންމެ ކަމުގޮސް އެންމެ ބޮޑަށް ޝައުގުވެރިކަން ދެވުނު އެއް މާއްދާ އަކީ "މެމޮރީސް" ނުވަތަ "ހަނދާން" ކިޔާ މާއްދާއެކެވެ. އަޅުގަނޑަކީ ކުޑަ އިރުއްސުރެން ފެށިގެންވެސް މާޒީވެ ދިޔަތަނުގެ ހަނދާނުގެ ބޮޑުމީހެކެވެ. އަޅުގަނޑުގެ ކްރިއޭޓިވް ހުރިހާ ކަމެއްގައިވެސް އެންމެ އިސް ރޯލެއް ކުޅެނީ އަޅުގަނޑުގެ ހަޔާތުގައި ހިނގައިފައިވާ ހަނދާންތަކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އިނގިރޭސިން ބުނާނަމަ އަޅުގަނޑަކީ ވަރަށް "ނޮސްޓަލްޖިކް" މީހެކެވެ.
އެ ސެމެސްޓަރ ނިންމާލުމަށް ފަހު އަޅުގަނޑަށް ކުޑަ ދުވަސްކޮޅެއް ހުސްކޮށް ހުރެލަން ލިބުނެވެ. އެ ދުވަސްކޮޅު އަޅުގަނޑު ބޭނުންވީ އުނގެނިފައިވާ އެއްޗަކާ ގުޅުވައިގެން ކޮންމެ ވެސް ކްރިއޭޓިވް ކަމެއް ކުރާށެވެ. މިއީ އަޅުގަނޑަށް ދަސްވެފައިވާ ކަމެއް އުމުރަށް ހަނދާނުގައި ބެހެއްޓުމަށް އަޅުގަނޑު ބޭނުންކޮށް އުޅޭ އުކުޅެކެވެ.
އެއް ދުވަހަކު ކޮންޕިޔުޓަރު ކައިރީގައި އިންދާ ކުއްލިއަކަށް ހިޔާލެއް އަތުވެއްޖެއެވެ. އަޅުގަނޑުގެ އަމިއްލަ ޕްރޮޖެކްޓެއްގެ ގޮތުގައި އެހެން މީހުންގެ ކުޑައިރުގެ ހަނދާންތައް އެއްކޮށް ރައްކާކުރަން ފެށިއްޔާ ވާނީ ކިހިނެތްބާއެވެ؟ މި ހިޔާލު ހިތަށް އައުމާ އެކު ވަގުތުން އެ މަސައްކަތް ފައްޓައިފީމެވެ. ފޭސްބުކްގެ މެސެންޖަރ މެދުވެރިކޮށް، އަޅުގަނޑު ދަންނަ މީހުންގެ ކައިރީގައި އެ މީހުންގެ ހަޔާތުގެ ހަ އަހަރާއި 12 އަހަރާ ދެމެދުގެ ވެފައިވާ ކަމެއްގެ ހަނދާނެއް ހިއްސާކޮށްލުމަށް އަޅުގަނޑު އެދުނީމެވެ. އެއީ އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ކުރުމަށް ކަމަށާއި ހިއްސާކުރާއިރުގައި އެކަން ވިސްނައިގެން ހަނދާންތައް ހިއްސާކުރުމަށް ވެސް ދެންނެވީމެވެ.
ވަރަށް ގިނަ ބަޔެއްގެ ފަރާތުން މިކަމަށް ތާއީދު ލިބުނެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑު އާންމު ގޮތެއްގައި ކުރާ ކަންތައް އެނގޭ މީހުން ވީމާ ވެސް ކަންނޭނގެއެވެ. ގިނަ މީހުން ވިސްނީ އަޅުގަނޑު މިއުޅެނީ އެމީހުންގެ ހަނދާންތަކުގެ މައްޗަށް ކުރެހުން ތަކެއް ހަދަންވެގެން ކަމަށެވެ.
މި ހަނދާންތައް އެއްކުރަމުން ދިޔައިރުގައި، ކޮންމެ ހަނދާނަކާ އެކު އެ ހަނދާނުގެ ވެރިފަރާތުގެ ޖިންސާއި ވިހޭ ތާރީހު އަދި އެ މީހެއްގެ ނަމުގެ ފެށޭ އަކުރުތައް ނޯޓުކުރީމެވެ. ސަބަބަކީ އެ ހަނދާންތައް ފަހުން އަޅުގަނޑު ބޭނުން ކުރާއިރުގައި ކެޓެގަރައިސް ކުރެވޭނޭ ގޮތަށް ހެދުމަށެވެ.
އެކި މީހުން އަޅުގަނޑާ ހިއްސާކުރީ އެކި ހަނދާންތަކެވެ. ނަމަވެސް މީގައި އަޅުގަނޑަށް ފާހަގަވި އެންމެ ބޮޑުކަމަކީ ކުޑައިރުގެ ހަނދާނެއް ހިއްސާކުރުމަށް އެދުމުން އެ ދޭ ހަނދާންތަކުގެ ރަހަތައް ހުންނަނީ ޅަފުރައިގެ މައުސޫމުކަމުން ފުރިގެންވާ ކުލަކުލައިގައި ކަމެވެ. ހުވަފެނީ ސިފައެއް އެ ހަނދާންތަކުގައި ވާކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ވަކި އުމުރަކުން މިކަމުގައި ފަރަގެއް އަންނަ ކަމަކަށް ނުފެނުނެވެ.
ގާތްގަނޑަކަށް 50 މީހުންގެ އަތުން ހަނދާން އެއްކުރި އިރު އަޅުގަނޑަށް މި ކުރެވޭ ކަންތަކުގެ ބޮޑުމިން ވިސްނެން ފެށިއެވެ. އަޅުގަނޑަށް މި ހަނދާންތަކުގެ އަލީގައި ފެންނަމުން ދިޔައީ މި މުޖުތަމައުގައި ޅަފުރާގައި ކުދިންނަށް ދިމާވެފައިވާ ކަންތައްތަކެވެ. މީގެން ބައެއް ކަންތަކީ ވަރަށް ދުރުތާ ހަނދާންތަކެވެ. ޖީލުޖީލަށް ބަހާލުމުން މުޖުތަމައުއަށް އަންނަމުން ދިޔަ ބަދަލު، އަދި ބަދަލުނުވެ ހުރި ކަންކަމުގެ މަންޒަރު ވެސް ވަރަށް ރީއްޗަށް ސިފަވެގެން ދެއެވެ.
ތާރީހުގެ ތެރޭގައި ނޯޓުކުރެވިގެން ގިނަފަހަރު އަންނަނީ އެ ނޯޓުކުރާ ފަރާތްތަކަށް މުހިންމު ކަންކަމުގެ ގޮތުގައި ނިންމިފައިވާ ކަންކަމެވެ. މިހާރު ސޯޝަލް މީޑިއާ އާއި އެހެންނިހެން ޕާސަނަލް ރިކޯޑިން ހެދޭ ޕްލެޓްފޯމުތަކުގައި މީހުންނަށް އެމީހުންގެ ހަނދާންތައް އެއްކޮށް އުޅެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ވަސީލަތްތައް އާންމުނުވާ އިރު ހިނގާފައިވާ ކަންކަން ދެނެގަނެ މުޖުތަމައުއެއްގެ ވައްޓަފާޅި ދެނެގަތުމަކީ މުހިންމުކަމެއް ގޮތުގައި އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ. އެއީ އެނގިގެން ނަމަވެސް ނޭނގި ނަމަވެސް ދުނިޔެ ކިތަންމެ ތަހުޒީބުވަމުން ދިޔަޔަސް، އަޅުގަނޑުމެންގެ ނަފުސުގެ އުސޫލްތައް ބައްޓަންވެފައި ވަނީ އަޅުގަނޑުމެންގެ ތެރޭގައި ކަންތައް ވަމުން އައި ގޮތްތަކުގެ މައްޗަށް ކަމުންނެވެ. އަދި ހާއްސަކޮށް މިފަދަ ހަނދާންތަކެއްގެ އަލީގައި ޖަމާއަތުގެ ވިސްނުން ހުންނާނޭ ގޮތާއި، އެންމެން ބައެއް ހާލަތްތަކުގައި ކަން ކުރާނޭހެން ހީވާ ގޮތްތަށް ދެނެގަންނަން ފަސޭހަވެއެވެ.
މި 50 ހަނދާނަށް ފަހުގައި އަޅުގަނޑު މިކަން ތަންކޮޅެއް ފުޅާ ދާއިރާއެއްގައި ވަގުތު ހުސްކޮށްގެން ކުރަން ބޭނުންވިއެވެ. އޭރު ކޮންމެވެސް ސަބަބުތަކަކާ ހެދިގެން އަޅުގަނޑު ކިޔަވަމުން ދިޔަ ކޯސްމަތިން އަޅުގަނޑު ފޫހިވެއްޖެއެވެ. ނަމަވެސް ހަނދާންތައް އެއްކުރަމުން ދާން ބޭނުންވިއެވެ.
އެކި ކަންކަން މެދުވެރިވެގެން މި ޕްރޮޖެކްޓަށް އަޅުގަނޑު ދެމުން އައި އަހައްމިއްޔަތަށް އަހަރުތަކެއް ވަންދެން ހީނަރުކަމެއް އައެވެ. ދާދި ފަހުން އަނެއްކާ ދިރިއުޅުމުގެ ކަންކަން ހަމައަކަށް އެޅެން ފެށުމުން މި ޕްރޮޖެކްޓު އަލުން ފެށުމުގެ ވިސްނުން ގެންގުޅެން ފެށީމެވެ.
މިކަހަލަ ކަންކަމަށް ޝައުގުވެރިވާ އެކި ފަރާތްތަކާ އަޅުގަނޑު ވާހަކަ ދެއްކީމެވެ. އަޅުގަނޑު ކޮށްފައިވާ މަސައްކަތް ކިޔައިދޭ ކޮންމެ މީހެއް ވެސް މިކަމާ މެދު އަޖާއިބުވެ، މިކަން ކުރިޔަށް ގެންދަން ތަރުހީބު ދެއެވެ. އެކި މީހުން މި ހަނދާންތައް ބޭނުން ކޮށްގެން އަޅުގަނޑަށް ކުރެވިދާނޭ ކަންކަން ކިޔައިދެއެވެ. ނަމަވެސް މިކަމަށް އަޅުގަނޑު ހުސްވެގެން ހުރެގެން އިތުރަށް އެހެން މީހުންގެ އަތުން ހަނދާން އެއްކުރުމަށްޓަކައި ބޭނުންވާ ކަންކަން ހަމަޖެހޭނޭ ގޮތެއް ނުވިއެވެ. މިއަދު އަޅުގަނޑު ގަބޫލުކުރަނީ އެއީ މިކަމުގައި އަޅުގަނޑު ކުރިޔަށް ދާން އޮތް މަގު ނޫން ކަމަށެވެ.
މިއަދު އަޅުގަނޑުގެ އަދަބީ މަސައްކަތްތެރިކަން ދައްކުވައިދެވޭނޭ ޕްލެޓްފޯމެއް ލިބިއްޖެއެވެ. އެހެންކަމުން އަޅުގަނޑު ގަސްތުކުރަނީ މި ޕްލެޓްފޯމުގައި އަޅުގަނޑު އެއްކުރާ ހަނދާންތަކު މައްޗަށް ލިޔެ، އަޅުގަނޑަށް މި ހަނދާންތަކުގެ ސަބަބުން ސިފަވާ ކަންތައްތަކާއި ވިސްނޭ އެއްޗެހި ގެނެސްދިނުމަށެވެ. މިކަމުގައި މާތް ﷲ އަޅުގަނޑަށް ވާގި ދެއްވާފާނދޭވެއެވެ.
