މިއަދާއި ލައިގެން މި މަހު 22 އާއި އަންނަ މަހު ފަހަކީ މި އަހަރުގެ ތެރޭގައި ދުނިޔޭގެ އެނބުރުން ހަލުވިވާނެ ތިން ދުވަހެވެ. ސައިންސްވެރިންނަށް މި ކަން ދެނެގަނެވުނީ ހަމަ ކުއްލިއަކަށެވެ.
މިއަދު ދުނިޔޭގެ އެނބުރުން 1.45 މިލިސިކުންތު ހަލުވިވާނެ ކަމަށްވާއިރު މި މަހު 22 ވަނަ ދުވަހު ދުނިޔޭގެ އެނބުރުން 0.88 މިލިސިކުންތު އަވަސްވާނެއެވެ. އަދި އަންނަ މަހު ފަހެއްގައި 1.51 މިލިސިކުންތު އަވަސްވާނެއެވެ.
މިލިސިކުންތަކީ ކުޑަ މިންވަރެއް ކަމަށް ހީވިއަސް އަހަރެމެން މި ދިރިއުޅޭ ބިން ނުވަތަ ޕްލެނެޓްގެ ނަޒަރުން ބަލާއިރު މިއީ ދުނިޔޭގެ އެނބުރުމަށް ނިސްބަތުން އަންނަ ވަރަށް ވެސް ބޮޑު ހަލުއިކަމެކެވެ.
ދުނިޔޭގެ އެނބުރުން ހަލުވިވުމަށް މެދުވެރިވި ސަބަބަކީ ކޮބާ؟
ސައިންސްވެރިން ގަބޫލުކުރާ ހަތަރު ސަބަބެއްވެއެވެ:
- ދުނިޔޭގެ އެންމެ އެތެރޭގައި އޮންނަ ދަނގަޑުގެ "ކޯ"ގެ ބޭރުން އޮންނަ ބޭރު "ކޯ"އަކީ "މެގްމާ" ނުވަތަ ދިޔާކޮށް ހުންނަ ހިލަ ކަމަށްވެފައި، މި މެގްމާ ހެލިފެލިވެ އުޅޭ ގޮތަށް ބަދަލުއައީއެވެ.
- ފަރުބަދަތަކާއި ދުނިޔޭގެ ބިތްތަކުގައިވާ ގަނޑުފެންތައް ވިރެމުންދާތީ ދުނިޔޭގެ "މާސް" ނުވަތަ ބަރުދަން އެކުލެވޭ ގޮތަށް ބަދަލުއައީއެވެ.
- އެލް ނީނޯ އާއި ލާ ނީނާ ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ނިޒާމުތައް ބައްޓަން ވަމުންދާ ގޮތުގެ ސަބަބުންނެވެ.
- ހަނދު މިސްރާބު ޖަހާ ގޮތުން ދުނިޔޭގެ މެދު ރޮނގު ކަމަށްވާ "އީކުއޭޓާ"އަށް ހަނދުން ފޯރުވާ ދަމާބާރުގެ ބައްޓަން ގެއްލުނީއެވެ.

"ތާރީހީ ގޮތުން ބަލާއިރު ދުނިޔޭގެ އެނބުރުމުގެ ދުވެލި ދިޔައީ މަޑުވަމުން. އެހެންވެ، މި ކަން އަނެއްކޮޅަށް ޖަހައި، ދުނިޔޭގެ އެނބުރުން ކުއްލިއަކަށް ހަލުވިވުމާ ގުޅިގެން އަހަރެމެން ސައިންސްވެރިން މި ތިބީ ހައިރާންވެފައި،" ސައިންސްވެރިޔަކު ބުންޏެވެ.
ސައިންސްވެރިން ބުނީ މި ގޮތަށް ދުނިޔޭގެ އެނބުރުން ހަލުވިވަމުންދާ ނަމަ، 2029 ގައި ހުރިހާ ގަޑިތަކުން އެއް "ލީޕް" ސިކުންތު އުނިކުރަން ޖެހޭނެ ކަމަށެވެ.
"މިއީ ދުނިޔެ އުފެދުނުތާވި ހަތަރު ބިލިއަން އަހަރުގެ ތެރޭގައި މީގެ ކުރިން ދުވަހަކު ވެސް ނުވާ ކަމެއް،" ސައިންސްވެރިޔަކު ބުންޏެވެ.
ސެޓެލައިޓްތަކާއި ޖީ.ޕީ.އެސް (ގްލޯބަލް ޕޮޒިޝަނިން ސިސްޓަމް) އަދި އިންޓެނަޓު ފަދަ ވަސީލަތްތަކަށް ބަރޯސާވެފައިވާ މި ފަދަ ޒަމާނެއްގައި ވަގުތަށް އަންނަ ކުޑަ ތަފާތަކުން ވެސް ބޮޑެތި ނަތީޖާތައް ނުކުންނާނެ ކަމަށް ސައިންސްވެރިން ބުންޏެވެ.
