Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: ތުރުކީ- އިޒުރޭލަށް އޮތް ބޮޑު ބިރަކަށް

ތުރުކީގެ "ކާން" ފައިޓަރ ޖެޓްތަކުގެ ސަބަބުން އުރުދުޣާން، އިޒުރޭލު ނުރައްކަލަށް ހުށަހަޅާފައިވާ ކަމަށް އިޒުރޭލުގެ "މާރިވް" ކިޔާ ނޫހަކުން ރިޕޯޓްކޮށްފައިވެއެވެ. އެކަމަކު، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިރޯޝިމާއާއި ނާގަސާކީއަށް އެޅިބޮންތަކަށް ވުރެ ގިނައިން އިޒުރާއީލުން، ވަނީ މި ފާއިތުވި ދޮޅުއަހަރު ދުވަހުގެ ތެރޭގައި ޣައްޒާއަށް ބޮން އަޅާފައެވެ. މިހާތަނަށް ގާތްގަނޑަކަށް 100،000 ޓަނުގެ ބޮން އިޒުރޭލުން ވަނީ ގާޒާއަށް އަޅާ ގާޒާ ސަހަރާއަކަށް ބަދަލުކޮށްލާފައެވެ. 1945 ވަނަ އަހަރު، އެމެރިކާގެ ގުޅިފައިވާ އިއްތިހާދުން ހިރޯޝިމާ އާއި ނާގަސާކީއަށް އަޅާފައިވަނީ 15،000 ޓަނުގެ ބޮމެވެ. އެކަމަކު އަދިވެސް ދުނިޔެއަށް އޮތް ބިރަކީ، އިސްލާމީ ގައުމުތަކެވެ.

މެދުއިރުމަތީގައި ހަމަނުޖެހުންތައް ބޮޑުވަމުންދާއިރު، ތުރުކީ ދަނީ ކެރިގެން، ވަރުގަދަ ސަރަހައްދީ ބާރެއްގެ ގޮތުގައި އުފެދި، ތުރުކީގެ އަސްކަރީ ފަލްސަފާ އަލުން ބައްޓަން ކުރަމުންނެވެ. މިއީ، އެ ސަރަހައްދުގައި އިޒުރޭލާއި ހުޅަނގުގެ ނުފޫޒު ކުޑަވެގެންދާނެ ކަމެއް ކަމަށްވެސް އެ ނޫހުން އިޝާރާތް ކޮށްފައިވެއެވެ.

އިޒުރޭލުގެ މާރިވް ނޫހުން ޝާއިއުކުރި ތަފުޞީލީ ތަޙުޤީޤީ ރިޕޯޓެއްގައިވާ ގޮތުން ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވަނީ ތުރުކީގެ މިސައިލް ޕްރޮގްރާމާއި ދިފާއީ ގާބިލްކަން ވަރަށް ބޮޑަށް ފުޅާކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

މާރިވްގެ ނޫސްވެރިޔާ މާޔާ ކޯހެން ވަނީ އުރުދުޣާން ދާދިފަހުން ދެއްކެވި ވާހަކަފުޅަކީ "ހަރުކަށި އަދި އިސްތިރާޖީ" ވާހަކަފުޅެއް ކަމަށް ބުނެފައެވެ. ތުރުކީގެ ލީޑަރުގެ ވާހަކަފުޅަކީ ހަމައެކަނި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދައްކަވާފައިވާ ވާހަކަފުޅެއް ނޫނެވެ. އުރުދުޣާން ބޭނުންފުޅުވަނީ ތުރުކީއަކީ އަސްކަރީ ޤާބިލުކަން ލިބިފައިވާ އަދި އަސްކަރީ ހަމަލާއެއް ކުރިމަތިވެއްޖެނަމަ އެކަން ހުއްޓުވުމުގެ އެކަށޭނެކަން ލިބިފައިވާ ކުޅަދާނަ މިނިވަން ސަރަހައްދީ ބާރެއްގެ ގޮތުގައި ދެމިއޮތުމަށެވެ. އެހެންކަމުން، އުރުދުޣާންގެ މި ނުރައްކާތެރި އެޖެންޑާއަކީ ގުޅުންހުރި ދިގު މުއްދަތުގެ އިސްތިރާޖީއެއްގެ ބައެކެވެ.

ތުރުކީގެ އިސްތިރާޖީ މިނިވަންކަން، އުރުދުޣާން ގެންދަވަނީ މިހާރު ހުޅަނގާ ދުރަށް ގެންދަވަމުންނެވެ. ތެލް އަވީވް ޔުނިވާރސިޓީގެ ދަޔާން ސެންޓަރުގެ އިސް ދިރާސާވެރިއެއް ކަމަށްވާ ޑރ. ހޭ އީތަން ކޯހެން ޔަނަރޮޗަކުއާ ހަވާލާދީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މިހާރު މި އަންނަ ސަރަޙައްދީ ބަދަލުތަކަކީ ތުރުކީގެ ޤައުމީ ސަލާމަތަށް ސީދާ ނުރައްކާ ވެދާނެ ކަމެއް ކަމަށް އުރުދުޣާން މާނަ ކުރައްވައެވެ. އުރުދުޣާން ވަނީ ތަކުރާރުކޮށް އިޒުރޭލަކީ ތުރުކީއަށް އޮތް އިސްތިރާޖީ ނުރައްކަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި މިހާރު، މެދުފަންތީގެ މިސައިލް ނިޒާމުތައް ތަރައްގީކުރުމަށް އުރުދުޣާން ގެންދަވަނީ ރަސްމީކޮށް މަސައްކަތް ކުރައްވަމުންނެވެ.

"މިއީ ހަމައެކަނި "ސިޔާސީ ތިއޭޓަރެއް ނޫންކަމަށް" ޔަނަރޮޗަކް ބުނެފައިވެއެވެ. "ތުރުކީގެ ޓެކްނޮލޮޖީގެ ހުނަރުވެރިކަމުން، ވަކިން ޚާއްސަކޮށް ޑްރޯން ޓެކްނޮލޮޖީގެ ހަނގުރާމައިގައި، މިހާރުވެސް ތުރުކީ ވަނީ ހަގީގީ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. އަދި ތުރުކީގެ ޓީއެފް-ކާން ފައިޓަރ ޖެޓް ތަރައްޤީ ކުރުމަށް ފޯކަސް ކުރުމަކީ ތުރުކީގެ ދިފާއީ ނިޒާމު ބައްޓަން ކުރުމުގައި މިހާރު ހުޅަނގަށް ބަރޯސާ ނުވާ ކަމުގެ އަލިގަދަ ނިޝާނެކެވެ."

ޓީއެފް-ކާން ފައިޓަރ ޖެޓު ތަރައްޤީކޮށް އުފެއްދުމަކީ ތުރުކީއިން ފުުރިހަމަ އަސްކަރީ މިނިވަން ބާރެއްގެ ގޮތުގައި ހަމަ އިސްކޮޅަށް ތެދުވަން އުޅޭ ކަމުގެ ސާފު މެސެޖެކެވެ.

ތުރުކީގެ ޓީއެފް-ކާން ފައިޓަރ ޖެޓަކީ، ނުވަތަ އަންނަން އޮތް ޖީލުގެ ސްޓެލްތު ފައިޓަރ ޖެޓަކީ އަންކާރާގެ އަސްކަރީ މިނިވަންކަމުގެ ބިންގަލެވެ. އެ ޤައުމުގެ ތަރައްޤީއަކީ ނޭޓޯ އާއި ހުޅަނގުގެ ޑިފެންސް ސަޕްލައި ކުރާ ކުންފުނިތަކާ ދުރަށް ތުރުކީ ޖެހި، ތުރުކީގެ ފުޅާ ޖިއޮޕޮލިޓިކަލް ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލައަށް އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ އިސްތިރާޖީ ރޭވުމެކެވެ.

މި ފިޔަވަޅަކީ ޚާއްސަކޮށް ތުރުކީއާއި އިޒުރޭލާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާތީ ތުުރުކީއިން އަޅާ މުހިންމު ފިޔަވަޅެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި މެދުވެރިއެއްގެ ގޮތުގައި ތާރީޚީ ގޮތުން އަންކާރާ ޕޮޒިޝަންކޮށްފައިވާއިރު، ތެލް އަވީވާއި މިހާރު ގުޅުން ގޯސްވަމުންދާތީ މިހާރު އެގައުމުގެ ޑިޕްލޮމެޓިކް ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ހަނިވެފައިވާ ކަމަށް ޔަނަރޮޗަކް ފާހަގަކޮށްފައި ވެއެވެ.

އިޒުރޭލުގެ ސަލާމަތީ ހުރިހާ މުއައްސަސާއެއް އޮތީ ވަރަށް މަތީ އެލާރޓުގައެވެ. އަދި ތުރުކީ މިނިވަން އަސްކަރީ ބާރެއްގެ ގޮތުގައި އުފެދުމާއި ގުޅިގެން އިޒުރޭލުގެ ސަލާމަތީ މުއައްސަސާތަކުގެ ތެރޭގައި ބޮޑުވަމުން އަންނަ ކަންބޮޑުވުންތަކަށް ވެސް މާރިވްގެ ލިޔުމުގައި އަލި އަޅުވާލާފައިވެއެވެ. މި ބިރުވެރިކަން އޮތް މިންވަރު ޖެނުއަރީ މަހު ޝާޢިއުކުރި އިޒުރޭލުގެ "ނެގޭލް އިސްތިރާޖީ ރިޕޯޓުގައި" ވެސް ފާހަގަކޮށްފައި ވެއެވެ.

ޔަނަރޮޗަކް ފާހަގަކުރި ގޮތުގައި 7 އޮކްޓޯބަރު 2023 އަށް ފަހު ހިނގާފައިވާ ކަންތައްތަކުގެ ސަބަބުން އިޒުރޭލަށް މި ސަރަހައްދުގައި ތުރުކީން ޢަމަލުކުރާ ގޮތް އަލުން ވިސްނަން މަޖުބޫރުވެފައިވާ ކަމަށާއި ޚާއްސަކޮށް އިސްލާމްއާބާދާއެކު އަންކާރާގެ އިއްތިހާދު ވަރުގަދަ ވަމުންދާތީ އެކަމާއި މެދު އިޒުރޭލުން ކަންބޮޑުވެއެވެ. އޭނާ ސިފަކޮށްފައިވާ ގޮތުގައި ޕާކް-އަންކާރާ އިއްތިހާދަކީ މުސްލިމު ދުނިޔޭގައި ބާރުތައް އަލުން ފުޅާ ދާއިރާއެއްގައި އަލުން އިޢާދަ ކުރުމުގެ ބައެކެވެ.

ހަތިޔާރު އުފެއްދުމަށް ތުރުކީން ކުރާ އެތެރޭގެ އިންވެސްޓްމަންޓުތަކުގެ ސަބަބުން އެތެރެއާއި ބޭރުން- ދެ މެސެޖެއް ލިބޭ ކަމަށް ޔަނަރޮޗަކް ބުނެފައިވެއެވެ. އެއީ، ނޭޓޯ ނުވަތަ ހުޅަނގުގެ ޓެކްނޮލޮޖީއާ ނުލައި ތުރުކީއަށް މިހާރު ދިފާއުވުމުގެ ގާބިލްކަން" ލިބިފައިވާ ކަމެވެ.

މިކަންތައްތައް މިހެން ހުރުމާއެކު ޖިއޮޕޮލިޓިކަލް ގޮތުން ނުކުންނާނެ ނަތީޖާއަކީ، ބާރުގެ ތިލަފަތުގެ ތަވާޒުން، އެމެރިކާއާއި ހުޅަނގަށް ބަރުވެފައި އޮތް އޮތުން ބަދަލުވެގެން ދިއުމެވެ. އެއީ އިޒުރޭލާއި، އެމެރިކާއާއި އަދި ހުޅަނގަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މާރިވް އިން ރިޕޯޓް ނިންމާލީ އިންޒާރަކާ އެކުގައެވެ. ތުރުކީގެ ޚާރިޖީ އަދި ދިފާޢީ ސިޔާސަތުގެ މި އިސްތިރާޖީ ބަދަލާއެކު، އިޒުރޭލާއި އެމެރިކާއަށް ވެސް އަންކާރާއާ އެކު އޮތް ގުޅުން، އަލުން ވަޒަން ކުރަން މަޖުބޫރުވެދާނެއެވެ.

އުރުދުޣާންގެ ޖެހިލުން ކުޑަ ހިތްވަރުގަދަ ވާހަކަފުޅުތަކާއި، ތަރައްޤީވަމުން އަންނަ ދާޚިލީ ދިފާއީ ސިނާއަތާއި، މުސްލިމު ދުނިޔޭގައި ތުރުކީގެ ނުފޫޒު ފުޅާވަމުންދާއިރު، މި ސަރަހައްދުގެ ބާރުގެ ތަވާޒުން އާ އިސްތިރާޖީ އަމާޒަކަށް ވާސިލުވެދާނެއެވެ.