ސައޫދީ އަރަބިއްޔާއިން ނޫސްވެރިޔާ ތުރުކީ އަލް-ޖާސިރުއަށް ހޮނިހިރު ދުވަހު މަރުގެ ހުކުމް ތަންފީޒުކޮށްފި ކަމަށް ދުނިޔޭގެ މަޝްހޫރު ބައެއް އެޑިޓަރުންނާއި ނޫސްވެރިން ހިންގާ ބައިނަލްއަގުވާމީ، އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައި.ޕީ.އައި)އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން އިއްޔެ ބުނީ ތުރުކީ ހައްޔަރުކުރީ 2018 ގައި "ޓެރަރިޒަމާއި ގައުމަށް ގައްދާރުވުމު"ގެ ދައުވާތަކެއް ކޮށްފައި ކަމަށެވެ.
ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ބުނަނީ މިއީ "ހަދަހަދައިގެން" ކުރި ތުހުމަތުތަކެއް ކަމަށެވެ.
ތުރުކީގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. އަލްޖަޒީރާއިން ބުނީ އޭނާއަށް އަނިޔާ ވެސް ކުރި ކަމަށެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރީ ސައުދީ ޝާހީ އާއިލާއަށް "ފާޑު ކިޔާ" އެކައުންޓެއް ޓްވިޓާގައި ހިންގާ ކަމަށެވެ.
ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ބުނީ ތުރުކީއަށް މަރުގެ ހުކުމް ތަންފީޒު ކުރުމަކީ "ސައުދީ ސަރުކާރާ ދެކޮޅު ހަދާ މީހުންގެ ކަންތައްތައް ހުއްޓުވައިލަން އަޅަމުންދާ ހަރުކަށި ފިވަޔަޅުތައް އިތުރުވަމުންދާ ކަމުގެ ނިޝާނެއް" ކަމަށެވެ.
"ތުރުކީއަށް މަރުގެ ހުކުމް ތަންފީޒު ކުރުމުން ދޭހަވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއަށް ފާޑުކިޔުމަކީ ނުވަތަ އޭނާ ކުރާ ކަންތައްތަކާމެދު ސުވާލު ކުރުމުގެ ހުކުމަކީ މަރުކަން،" ރިޕްރީވްގެ ޖީދު ބަސްޔޫނީ ބުންޏެވެ.

ނޫސްވެރިންގެ "ރެޑް ކްރޮސް" ފަދަ ޖަމާއަތެއް ކަމަށް ގިނަ ބަޔަކު ދެކޭ، ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ، ހިލޭސާބަހަށް މަސައްކަތްކުރާ، އެމެރިކާގައި ގާއިމުކޮށްފައިވާ ޖަމާއަތް، ކޮމިޓީ ޓު ޕްރޮޓެކްޓް ޖޯނަލިސްޓްސް (ސީ.ޕީ.ޖޭ)ގެ ކާރްލޮސް މާރްޓިނެޒް ޑެ ލާ ސެރްނާ ބުނީ ތުރްކިޔެގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްއަށް، ކައިވެންޏަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން 2018 ގެ އޮކްޓޫބަރު ދޭއްގައި ވަނތް ފަހުން ވީނުވީއެއް ނޭނގި ގެއްލުނު އެމެރިކާއަށް އަމިއްލައަށް އަރުވައިލެވިގެން އުޅުނު ސައުދީ ނޫސްވެރިޔާ ޖަމާލު ހާޝުގްޖީގެ މައްސަލައިގައި "ބައިނަލްއަގުވާމީ ދުނިޔެއިން ދެއްކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށާއި މި ކަމުން ނޫސްވެރިކަން ނައްތައިލަން ސައުދީގެ ނުރަސްމީ ވެރިޔާ ސަލްމާން ކުރަމުން އަންނަ މަސައްކަތަށް އޭނާއަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ" ކަމަށެވެ.
ތުރުކީއަށް މަރުގެ ހުކުމް ތަންފީޒުކުރީ ސީދާ ސަލްމާންގެ އެންގުމަކަށް ކަމަށް، ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނީ، އެހެން ބުނާ ސަބަބަކީ ސައުދީގެ އެއްވެސް ކަމެއް ސަލްމާންގެ ހުއްދަ ނެތި ކުރިއަށް ނުގެންދެވޭނެ ގޮތަށް އޭނާ ހަމަޖައްސާފައި އޮންނާތީ ކަމަށެވެ.
ޖަމާލަށް ވީ ގޮތް ތަހުގީގު ކުރި އދ.ގެ ފަރާތްތަކުންނާއި ތުރްކިޔެ އަދި އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނީ "ސަލްމާނަށް ހާއްސަކޮށް ފާޑުކިޔާ ކަމަށް ފާހަގަ ކުރެވިފައިވާ ޖަމާލު ކޮންސިއުލޭޓަށް ވަނތް ވަގުތު ސަލްމާންގެ ހަށިފާރަވެރިން ވެސް އެކުލެވޭ 15 މީހުންގެ ޓީމަކުން ވަނީ ޖަމާލު ނޭވާ ހާސްކޮށްލައި މަރައިލައި، ދުނި ކީހަކުން އޭނާ ބުރިބުރިކޮށްލައި އޭނާގެ ފޮތިފޮތިކޮށްލި ގުނަވަންތައް ނޭނގޭ ތަނަކަށް ގެންގޮސްފައި" ކަމަށެވެ.
ޖަމާލުގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. އަދި ހާދިސާ ހިނގި ފުރަތަމަ ދުވަސްކޮޅު ސައުދީ ސަރުކާރުން ބުނީ "އޭނާ ކޮންސިއުލޭޓުން ސަލާމަތުން ނުކުތް" ކަމަށެވެ. ނަމަވެސް ހަގީގަތް ހާމަކުރަން ޕްރެޝަރު ކުރުމުން ސަލްމާން ބުނީ "ސައުދީ ސަރުކާރަށް ގައްދާރުވި އެޖެންޓުންތަކެއް ސަލްމާންގެ އަގުވައްޓައިލުމަށް ޖަމާލު މަރައިލީ" ކަމަށެވެ.
ނަމަވެސް "ސައުދީގެ ޖާސޫސީ އިދާރާގެ މައްޗަށް ފުރިހަމައަށް ބާރު ހިންގަމުން ދަނީ ސަލްމާން ކަމަށާއި އޭނާއާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސައުދީ ޖާސޫސީ އިދާރާ ބޭނުން ކުރާ ކަމަށާއި ޖަމާލު އަތުލުމަށް ނުވަތަ މަރައިލުމަށް ސަލްމާން ސީދާ އަމުރު ކުރިކަމުގެ ހެކި ލިބިފައިވާ" ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓުގައި ބުނުމުން ސަލްމާން ބުނީ "ޖަމާލުގެ ހާދިސާގެ މައުލޫމާތެއް އޭނާގެ ނެތް ކަމަށާއި ނަމަވެސް ޖަމާލުގެ މަރުގެ ޒިންމާ ނަގާ" ކަމަށެވެ.



advertisment